ރިޕޯޓް / ބޯހިޔާވަހިކަން

ބަންޑާރަ ގޯތި ހިލޭ ދިނުން ހުއްޓާލަންވީ!

ހުޅުމާލޭން ދޫކުރި ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓްރީ: ބަންޑާރަ ގޯތި ހިލޭ ދިނުމުގެ އުސޫލު އުވާލަންވީ ކަމަށް ގިނަ ބަޔަކު އެއްބަސްވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

އިހުގައި ދިވެހިން އެ މީހަކަށް ކަމުދާ ތަނެއްގައި ގެ އަޅައިގެން އުޅެނީ އެވެ. ބަންޑާރަ ގޯތީގެ ފެށުމަކީ އެ ދުވަސްވަރު ދައުލަތުން އުޖޫރަދޭ ދައުލަތުގެ ހާދިމުން ދިރިއުޅޭނެ ގެ އަޅަން އެ މީހުންނަށް ބިން ދޭން ފެށުމެވެ. "ބަންޑާރައިންގެ ބަންޑާރަ ގޯތި" ގެ އުސޫލާ މެދު މިހާރު ހިޔާލު ތަފާތުވުން ބޮޑުވެ. ބަންޑާރަ ގޯއްޗާ އެކު އުފެދިފައިވާ ބޭއިންސާފުގެ ވާހަކަތަކާ އެކު އެ އުވާލަންވީ ކަމުގެ ވާހަކަ އެބަ ދެކެވެ އެވެ.

ދައުލަތުން އެއްވެސް އަގަކާ ނުލައި ތާއަބަދަށް މިލްކުކޮށްދޭ ބަންޑާރަ ގޯއްޗާ މެދު ވިސްނަން ޖެހިފައިވާ ސަބަބުތައް ވަރަށް ގިނަ އެވެ. ބިން ނެތް ރަށްތަކުން ވަކި ބަޔަކަށް ބަންޑާރަ ގޯތި ލިބި، އެއިން ފައިދާ ހޯދަމުންދާއިރު، އަނެއް ބަޔަކަށް އެ ފުރުސަތެއް ނުލިބެ އެވެ. ބިން ފުރި ގޯއްޗެއްގެ ހައްގުން ގިނަ ބަޔަކު މަހުރޫމް ވެސް ވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭގައި ވެސް އޮތީ އެ ހާލަތެވެ. ބަންޑާރަ ގޯއްޗެއް ލިބެން ނެތުމުން ފްލެޓްތަކަށް ކުރިމަތިލައިގެން ފްލެޓް ހޯދައިގެން ތިބި ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ނިސްބަތުން ކުދިކުދި ފްލެޓްތަކަށް ކުލި ދައްކަމުން އެ މީހުންދާއިރު، އޭގެ ފަހުން ބިމުގެ އަގު އެހާ ބޮޑު ހުޅުމާލޭން އަނެއް ބަޔަކަށް ވަނީ ހިލޭ ގޯތި ލިބިފަ އެވެ. ގޯތި ބޭނުން ނަމަ، އެ މީހުންނަށް ޖެހުނީ ފައިސާ ދައްކަމުންދިޔަ ފްލެޓް ދޫކޮށްލާށެވެ.

ބިމުގެ އަގު ބޮޑު ބައެއް ރަށްރަށުން ވެސް އެ ރަށްރަށުގައި ރަށްވެހިވެފައިވާ މީހުންނަށް އެކަނި ގޯތި ދޫކުރަމުންދާއިރު، އެ ފުރުސަތު ނެތް ރަށްރަށުގެ އެތައް ބަޔަކު އެބަތިއްބެވެ. ރަށްވެހިކަމަށް ބަލައި ގޯތި ދިނުމުގެ ޝަރުތުތައް ހަރުކަށިކޮށް ގެންގުޅޭއިރު، އޭގެ ސަބަބުން ބޭއިންސާފުން ގިނަ ކަންކަން ކުރިމަތިވެ އެވެ. ހިލޭ ބަންޑާރަ ގޯތި ދިނުމުގައި ހަމަހަމަކަމެއް ނޫނީ އިންސާފެއް ނެތް ކަމުގެ ވާހަކަ ގިނަވަނީ މިފަދަ އެތައް ކަމެއް އޭގެ ފަހަތުގައި އޮތީމަ އެވެ.

ބަންޑާރަ ގޯތި: ރާއްޖެއަށް ހާއްސަ އުސޫލެއް!

ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ވެސް ހާއްސަ ސަމާލުކަމެއް ދީފައި އޮތް ބަންޑާރަ ގޯއްޗަކީ ރާއްޖެއަށް ހާއްސަ އެއްޗެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ގޮތުގައި ބަންޑާރަ ގޯއްޗަކީ އެ ގޯތި ލިބޭ މީހާ އާއި އޭނާގެ އާއިލާ ދިރިއުޅުމަށް ސަރުކާރުން އެއްވެސް އަގެއް ނުވަތަ ފީއެއް ނުނަގާ ދާއިމަށް ސަރުކާރުން ހަވާލުކޮށްފައި އޮންނަ ގޯއްޗެކެވެ.

ދުނިޔޭގެ އެހެން ގައުމެއްގައި މި އުސޫލުން ގޯތި ދުލެއް ނުކުރެ އެވެ. އިނގިރޭސިވިލާތަށް ބަލާއިރު އެ ގައުމުގެ ރަސްގެފާނުގެ މިލްކުގެ ދަށުގައިވާ ބިމުން ދޫކުރާ ގޯއްޗަށް ދައުލަތަށް ޓެކްސް ދައްކަން ޖެހެ އެވެ. ގިނަ ގައުމުތަކުން އަމަލުކުރާ ގޮތަކީ ބިން ވަކި މުއްދަތަކަށް ކުއްޔަށް ދޫކުރުމެވެ. ރާއްޖޭގައި ރިސޯޓްތައް ކުއްޔަށް ދޭ އުސޫލުން 99 އަހަރަށް ބިން ގޯތީގެ ގޮތުގައި ކުއްޔަށްދެ އެވެ. މިފަދަ ގޯއްޗަށް ފައިސާ ދެއްކުމަށް އެކި އުސޫލު އެކި ގައުމުން ގެންގުޅެ އެވެ. ގިނަ ފަހަރަށް 99 އަހަރުވުމުން އިތުރަށް އެ މުއްދަތު ދަންމައިލަ އެވެ.

ހުޅުމާލޭގައި ބަންޑާރަ ގޯއްޗެއްގެ އިން ވަކިކުރުމަށް މުޑި ޖަހަނީ. - ފޮޓޯ: ނިޝާން އަލީ / މިހާރު

އެހެން ގައުމުތަކުން ގޯތި ދޭން ގެންގުޅޭ އެ އުސޫލު ރާއްޖޭގައި ވެސް އެބަ އޮތެވެ. އެއަށް ގާނޫނުން ދީފައި އޮތް ނަމަކީ އަމިއްލަ ގޯއްޗެވެ. އަމިއްލަ ގޯއްޗަކީ މީސްމީހުން ސަރުކާރަށް އަގު ދީފައި ގަންނަ ގޯއްޗެވެ. ހުޅުމާލޭ އެކި ސަރަހައްދުތަކުން އެ ވިއްކަނީ މި ބާވަތުގެ ގޯއްޗެވެ. ރާއްޖޭގައި ތަފާތީ އަމިއްލަ ގޯތި ވެސް ދާއިމަށް ވާރުތަވެގެންދާ ދިޔުމެވެ.

ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން ދައުލަތަށް އަގު ދީފައި ބަންޑާރަ ގޯއްޗެއް ވެސް އަމިއްލަ ގޯއްޗަކަށް ބަދަލު ކުރެވިދާނެ އެވެ. ނަމަވެސް، މި ދެ ބާވަތުގެ ގޯއްޗާ ގުޅިފައިވާ ހައްގުތަކަށް ބަލާއިރު، ފަރަގު އުޅެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ވެސް ކުއްޔަށްދީ ހިބަ ކުރެވެ އެވެ. މޯގޭޖްކުރުމާއި ވަސިއްޔަތް ކުރުމާއި ތަރިކަ އިން ވާރުތަވުމަކީ ވެސް މި ދެ ބާވަތުގެ ގޯއްޗާ އެކު ވެސް ހިމެނޭ ހައްގުތަކެވެ. ހަމައެކަނި ތަފާތަކީ، ބަންޑާރަ ގޯއްޗެއް ވިއްކޭ އުސޫލެވެ. ބަންޑާރަ ގޯއްޗެއް ވިއްކާ ނަމަ، އެންމެ ފުރަތަމަ ދައުލަތަށް ފައިސާ ދައްކައިގެން އެ ގޯއްޗެއް އަމިއްލަ ކުރަން ޖެހެ އެވެ.

ބަންޑާރަ ގޯއްޗެކޭ ކިޔަސް، އެ ގޯއްޗެއް ދޫކުރާ ހިސާބުން އެއީ އެ މީހެއްގެ ދަރިފަސްކޮޅަށް ވާރުތަވާ، ދައުލަތުގެ މާބޮޑު ބާރެއް ނުހިނގާ އޮންނަ ބިމެކެވެ. އަމިއްލަ ބިމަށް ވެސް އޮތީ ހަމަ އެ އުސޫލެވެ.

ބަންޑާރަ ގޯތި އަބަދަކު ހިލޭ ނުދެވޭނެ!

އިހުގައި ނަމަ، ކޮންމެ ކައިވެންޏަކާ އެކު ބަންޑާރަ ގޯއްޗެއް ދޫކުރެވެން ރަށްރަށުގައި އޮތެވެ. އެކަމަކު، މިހާރު އާބާދީއާ އެކު ރަށްތައް ފުރިއްޖެ އެވެ. ބިން ހިއްކައިގެން ވެސް އާބާދީގެ އެންމެން ބޭނުންވާ މިންވަރަށް ގޯތި ދެވޭނެ ޖާގައެއް ނެތެވެ. ތިބީ ބަންޑާރަ ގޯތި ލިބޭ މީހުންނާއި އެ ފުރުސަތު ނެތް މީހުންނެވެ.

އެހެންވެ، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރި ދުވަހެއްގައި ވިދާޅުވި ގޮތުގައި އުނދަގޫ ވާހަކައެއް ނަމަވެސް، ބަންޑާރަ ގޯތި ދިނުމުގެ އުސޫލު އުވާލުމުގެ ވާހަކަ ދައްކަން ޖެހެ އެވެ. ދިރިއުޅުމަށް ގޯތި ދިނުމުގެ ކަންކަން "ސަސްޓެއިން" ކުރެވޭނީ އޭރަށް ކަމަށް އަސްލަމް 2022 ވަނަ އަހަރު ވިދާޅުވެފައިވެ އެވެ.

"...ރަށްރަށް ފުރިގެން އަބަދު ހިއްކަމުން ގޮސް ހިއްކާނެ ޖާގަ ހުސްވާ ހިސާބު ވެސް އަންނަނީއޭ އިނގޭތޯ. އަބަދަކު ނުވެސް ހިއްކޭނެ. އާބާދީ އިތުރުވަމުންދާނެ. ވިޔަފާރި ވެސް ބޮޑުވަމުންދާނެ. އެ ހުރިހާ ކަމަކާ ގުޅުވާފައި އަޅުގަނޑުމެން އެބަ ޖެހޭ އިހު ޒަމާނުގައި ކަންކަން ކުރި ގޮތްގޮތާ ދޭތެރޭގައި ވިސްނަން. އެކަން ގޯހީކީ ނޫން. އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު. މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ؟،" އަސްލަމް އެ ދުވަހު ސުވާލު އުފެއްދެވި އެވެ.

ކުރީގެ މިނިސްޓަރު އަސްލަމް: ބަންޑާރަ ގޯތި ދިނުން އުވާލަންވީ ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވާ ގޮތުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އެއްކޮށް ހުއްޓާލަން ވެއްޖެ އެވެ. އެއީ އެއް ހަމަޔަކުން އެއް އުސޫލަކުން ބަންޑާރަ ގޯތި ދެވޭނެ ގޮތެއް ރާއްޖޭގެ ރަށްތަކުގައި މިހާރު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ހިލޭ ބަންޑާރަ ގޯތި ދިނުމުގެ ބަދަލުގައި ބިން ވިއްކަން ފަށަންވީ އެވެ. ބިން ނުގަނެވޭވަރުގެ މީހުންނަށް ސޯޝަލް ހައުސިން އަޅައި އެމީހުންނަށް އެފޯޑުކުރެވޭ އަގެއްފައި އެ ތަންތަން ލިބޭނެ ގޮތް ހެދުމަކީ އެންމެ ރަނގަޅު އުސޫލު ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރަށްވެހިކަމަށް ބަލައިގެން ބަންޑާރަ ގޯތި ދިނުން އަދި މާގޯސް!

ބަންޑާރަ ގޯތި ދިނުމުގެ އުސޫލާ މެދު ގިނަ ބަޔަކު ވާހަކަ ދައްކަން ފެށީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގިނަ ބިންތަކަކުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތިދިނުމާ ގުޅިގެންނެވެ. އާންމުކޮށް ރަށުރަށުގައި ގޯތި ދޭ ޝަރުތުތަކަށްވުރެ ވެސް ލުއި ޝަރުތުތަކަކާ އެކު ދޫކުރި ގޯތިތަ،އް ކައިވެނި ނުކުރާ މީހުންނާއި ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނަށް ވެސް އިސްތިސްނާއެއް ނެތް ގޮތުގައި ބަންޑާރަ ގޯތި ލިބުމަކީ މި މައުޟޫ މިހާ ބޮޑަށް ހުޅުވުނު ސަބަބެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގެ އަގު ބޮޑު ބިމުން ހިލޭ ގޯތި ދިނުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފައްދާއިރު، މާފުށި ފަދަ ބިމުގެ އަގު ބޮޑު، އަދި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ހިއްކާފައިވާ ބިންތައް ހަމައެކަނި އެ ރަށެއްގެ ރަށްވެހިންނަށް ލިބޭ ގޮތަށް އޮތް އޮތުމަކީ ވެސް ބޭއިންސާފެއް ގޮތުގައި ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ. މީގެ އަސްލަކީ ރަށްވެހިކަމަށް ބަލައިގެން ނޫނީ ދާއިމީ އެޑްރެހަށް ގޯތި ދޫކުރުމުގެ އުސޫލު އޮތުމެވެ.

"މިއީ އެއް ގައުމަކަށް ވެސް އެބަ ވާންޖެހޭ. މުޅި ގައުމާ ދޭތެރޭގައި އެއް ހަމަޔަކުން ވިސްނައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ތާކުން ވެސް ލިބެންވާނެ ހިލޭ ދޭ ކަމަށް ވަންޏާ،" ވަކި ރަށަކުން އެހެން ރަށެއްގެ ރައްޔިތުންނަށް ގޯތި ދިނުން ގާނޫނުން މަނާ ނުކުރާކަން ފާހަގަކުރައްވަމުން ކުރީގެ މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް، ރަށްރަށުން ގޯތި ދޫކުރާއިރު، އެންމެ ފުރަތަމަ ޝަރުތެއްގެ ގޮތުގައި އެ ރަށެއްގެ ރަށްވެއްސަކަށްވުން ނުވަތަ ގޯތި ލިބިއްޖެ ނަމަ، ރަށްވެހިކަން ބަދަލުކުރުން ހިމަނާފައި އޮވެ އެވެ. ރާއްޖޭގައި ކޮންމެ ތަނަކުން ވެސް ބިންކޮޅަކަށް އެދުމުގެ ހައްގު ގާނޫނުތަކުން ކޮންމެ މީހަކަށް ވެސް އޮވެ އެވެ. ގޯއްޗަށް ހުޅުވާ އުސޫލުން އެ މަގު ހަނިކުރަނީ އެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި ވެސް އޮންނަނީ ދިވެހި ރައްޔިތަކަށް ވެއްޖެ ނަމަ، ބަންޑާރަ ގޯއްޗަށް އެދެވިދާނެ ކަމަށެވެ.

ގުޅިފަޅުން ލިބުނު ބަންޑާރަ ގޯއްޗެއްގައި ބަޔަކު ރުކެއް އިންދަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މިއީ ފަހު ފަހަރު ކަމަށް ހަދަންވީ!

އެހެން ރަށްރަށުގައި ބަންޑާރަ ގޯތި ދޫކުރަމުންދިޔަ ނަމަވެސް، މާލޭގައި އެކަން ނުކޮށް އެތައް އަހަރެއް އޮވެފައި މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ގޯތިތަކެއް ދިނުމަކީ އޭގެ އުސޫލެއްގެ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ބިމާ ބެހޭ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލޭން މިފަހުން ގޯތިތަކެއް ދޭން ޖެހުނީ އެ ގޮތަށް ގޯތީ ނުދީ އެތައް އަހަރެއްވަންދެން އޮވެ، އެ ބޭއިންސާފު ފިލުވުމުގެ މަގުސަދުގަ އެވެ. ނަމަވެސް، އެ ގޯތިތައް ދޫކުރުން އެއީ ބޭއިންސާފެއް ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވެނީ މާލޭގެ ބިމުގެ އަގު މިހާރު މާމަތިވެފައިވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"...އެހެންވީމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ މިއީ ފަހު ފަހަރު ކަމަށް ހަދާފައި ބަންޑާރަ ގޯތި ދިނުން ހުއްޓާލުން. އެއްވެސް ތާކުން އެއްވެސް ގޮތަކަށް ނުދިނުން. މިހާރު ހުރި އެއްޗެއް ހުރީ، ދެން އިތުރަށް ބަންޑާރައެއް ނުދޭނަމޭ ކިޔާ މި އުސޫލު ނިންމާލުން އެންމެ ރަނގަޅު ވާނީ،" ވަކީލް ވިދާޅުވި އެވެ.

ބަންޑާރަ ގޯތި ދިނުމުގެ އުސޫލު އުވާލާ ނަމަ، ދެން އަމަލު ކުރެވޭނެ ގޮތްތަކެއް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު "މިހާރު" އާ ވާހަކަ ދައްކަވަމުން ހިއްސާކުރެއްވި އެވެ.

ބަންޑާރަ ގޯތި ދިނުން އުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރައްވާ ސަމީރު ވިދާޅުވީ ރާއްޖޭގައި ގެންގުޅެންވީ އަމިއްލަ ގޯތީގެ އުސޫލު އެކަނި ކަމަށެވެ. އޭރަށް އެ ގޯތިތައް ދޫކޮށްގެން ދައުލަތަށް ވެސް އާމްދަނީއެއް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހިލޭ ގޯތި ދިނުމުގެ އުސޫލު ދޫކޮށްލައި، އަގެއް ނަގާފައި ގޯތި ދޫކުރާ ގޮތް ހަދަންވީ. ދޫކުރާ ކޮންމެ ގޯއްޗަކަށް އަމިއްލަކޮށްގެން ނޫނިއްޔާ ރަޖިސްޓްރީ ނުހެއްދޭ ގޮތަށް. އޭގެ މާނައަކީ އޭނާ ފަސް އަހަރު ތެރޭ 20،000ރ. ނޫނީ 25،000ރ. ދެއްކީމަ އެ އަމިއްލަކޮށްދޭ ގޮތަށް. އޭގެ ފަހުން އެ ކުއްޔަށް ދެވޭނީ އެހެން ކަމެއް ކުރެވޭނީ،" ބިމުގެ ގިނަ މައްސަލަތަކެއްގައި ވަކާލާތުކުރާ އަމިއްލަ ލޯފާމެއް ހިންގަވާ ސަމީރު ވިދާޅުވި އެވެ.

"ފްލެޓްތަކަށް ވެސް މި ފައިސާ ދައްކާ ގޮތަށް ދޫކުރާ ގޯތިތަކަށް ވެސް ސަރުކާރަށް އެއްޗެއް ދައްކަން ޖެހޭ ގޮތް ހަދަންވީ."

ސަމީރު ވިދާޅުވި ގޮތުގައި ގޯތި ހިލޭ ލިބޭތީ ބައެއް ރަށްރަށުން ގޯތި ނަގައި އެތަން ފަޅަށް ބާއްވާފައި އޮންނަ މައްސަލަ ވެސް، ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލައި، އަމިއްލަ ގޯތި ދިނުމުގެ އުސޫލަށް އަމަލު ކުރުމުން ހުއްޓޭނެ އެވެ. އޭރަށް ގޯތި ހޯދަން ހުށަހަޅާނީ، އޭގެ އަގު ދެއްކޭނެ، އެކަމަށް އެންމެ ބޭނުންވާ މީހުން ކަން ސަމީރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ރަށްތަކުގެ ބިން ފުރި، ބިމުގެ އަގު އުފުލި، އާބާދީ އިތުރުވަމުންދާއިރު މިހާރު މި އޮންނަ އުސޫލުން ބަންޑާރަ ގޯތި ކަނޑާ ދިނުމަކީ ހަމަހަމަ އުސޫލަކުން އިންސާފުން ކުރެވޭނެ ކަމެއް ނޫން ކަން ވަރަށް ސާފެވެ. އެހެންވެ، ބަންޑާރަ ގޯތީގެ ވާހަކަ ތާރީހުގެ ތެރެއަށް ދުއްވާލަން ސީރިއަސްކޮށް މިވަނީ ވިސްނަންޖެހިފަ އެވެ.

142 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނޑުހަސަނު

11 January 2025

ބަންޑާރަ ގޯތި ދިނުން ހުއްޓާލަން ފެށުމުގެ ގޮތުން ގެންނަންޖެހޭ ފުރަތަމަ ބަދަލަކީ، ބަންޑާރަ ގޯތިދެވޭނީ ގުދުރަތީ ބިންތަކުން އެކަނި ކަމުގައި ކަނޑައެޅުން. ހިއްކާ ބިމުން ދިރިއުޅުމަށް ގޯތި ދެވޭނީ ބިން ހިއްކަން ޚަރަދުވި ފައިސާ ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަނބުރާ ދައްކާގޮތަށް ކަމުގައި ހެދުން. އެހެން ފަރާތަތްކަށް މާކެޓް ރޭޓުގައި ބިންވިއްކުން. ދިރިއުޅުމަށް ދޭ ބިމެއްގައި ވިޔަފާރިކުރާނަމަ އެވިޔަފާރިން ބޮޑު ޓެކްސެއް ނެގޭގޮތަށް ހަދަނ1ވާނެ.

The name is already taken The name is available. Register?

ދޮން އިބްްރާ

11 January 2025

މާލޭ ރައްޔިތުންނާ ޖެހުނީމަ، ގޯތިދެވޭ އުސޫލްވެސް ބަދަުވީ، ބޭރުގެ ގައުމުތަކުން އެކަން ކުރާގޮތްވެސް ބަލަންވީ، އެވަރިހަމަ ރާއްޖެޔާ ހުރިހާގޮތަކުން ތަފާތު ގައުމަތަކަށްވިޔަސް. ޒަމާނުއްސުރެ ކާބަފައިން ކަންކަން ކުރަމުން އައިގޮތް ބަދަލު ކުރަންވެއްޖެނަމަ، ދެން ނިކުންނާނީ ވަރަށް ނުބައި ނަތީޖާއެއް.

The name is already taken The name is available. Register?

ޣހބބވ

10 January 2025

މާލެ ރައްޔިތުން އެކަންޏެއް ނޫން، އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާނެ ބިން ނެތި، ހިއްކާނެ ފަޅެއް ނެތި ގޯތި ދޫކުރާނެ ގޮތެއް ނެތް ރަށް ރަށް އެބަހުރި އެތައް އަހަރެއް ވެފަ.

The name is already taken The name is available. Register?

އެންދެރި ކުރި

09 January 2025

އާސަންދައާއި ފޮތްލިސްޓާއި ހިލޭދީފައި އަދި ކާޑަށް އެންމެނަށް ސަބްސިޑީ ދީފައި، ގޯތި ހިލޭ ނުދެވޭންވީ ސަބަބެއް ނުވިސްނޭ. ރަނގަޅު ހަރުދަނާ އުސޫލެއް ކަނޑައަޅަންވީ. އެހެންނޫނީ، އެންމެނަށް އާންމުވެގެންދާހެން ދައުލަތުން އެއްވެސް އެއްޗެއް ހިލޭ ނުދޭންވީ. ސަބްސިޑީވެސް ނުދޭންވީ. ފޮތް ލިސްޓަށް ވުރެ މާ އަސާސީ އެއްޗެއް ބޯހިޔާވައްސެއް ހަދާލާނެ ބިންކޮޅަކީ.

The name is already taken The name is available. Register?

ދިވެހި ރާއްޖެ

09 January 2025

އާ ކެޕިޓަލް ސިޓިޔެއް ހަދަން ޖޭހޭ!!!

The name is already taken The name is available. Register?

ސަޅިއޭ

09 January 2025

ހިލޭ ގޯތި އޯކޭ އެންނޫން. އެކަމަކު ހިލޭ އޭ ނުބުނެ 99 އަހަރަށްދޭ ރަންބިސް އަޅާ ރިސޯޓުތައް އޯކޭ. މުނިމުނި އަށް ވާރުތަވާ ތަރިކަ މުދާ އޯކޭ. ދުނިޔެމަތީގައި މަހުޖަނުންގެ ބާރު ދެކިބަލަ. މަހުޖަނުން ރައްޔިތުންގެ މަޖިލީހުގައި ތިބެނީ އެމީހުންގެ ވާރުތަ މުދާ ހިމާޔަތްކުރަންކަމެއް ނޭގޭ ވޯޓުދޭ މީހުނަކަށް

The name is already taken The name is available. Register?

مريم

09 January 2025

ރައްޔަތުންބޭނުމީބަންޑާރަބިންއެމީހަކުބޭނުން ވާގޮތަކަށް ގެއެޅޭނީ ބިންދޫކޮށްގެން

The name is already taken The name is available. Register?

ހަމަހާމަ

09 January 2025

ކަންގޯހެއްނޫނެެވެ. އެކަމަކު ހަމަހަމަކަން ގެއްލޭނެކަމަކަށް ވާނެކަމާއިމެދު ޝައްކެއްނުފެދެއެވެ. އެއްބަޔަކަށް މިނެއްނެތި ހިލޭދީފައި އަނެއްބަޔަކަށް މިންކަނޑައެޅި އަގެއްނަގާނަމަ، ހަމަހަމައެއް ނުވެވޭނެއެވެ. ޤާނޫނު ބަދަލުކުރިނަމަވެސް އެކަމަކަށް ބަދަލެއް ނުއަންނާނެއެވެ. ވާނެގޮތެއް ވާންވީ.

The name is already taken The name is available. Register?

އިންސާފު ގާއިމުކޮށްދީ

09 January 2025

ސޯލިހު ވެރިކަމަށް ބޫތު ކާފަ ހުރިވަރުން ހުރިހާ ދިވެހި ރައްޔިތުންގެ ޓެސް ފާސާއިން ހިއްކާފަވާ ބިންތައް ވަކި ބަޔަކަށް ބަހާލީ ފަޓާސް ބަރިއެއްހެން ދެވަ ދައުރެއް ހޯދަން 4000 ފުލެޓުވެސް ދިނީ އޭނަ ވެރިކަމަށް ގެންނަން ފޫގަލާގެން އުލުނު މީހުންނަށް މީ ތޯތޯ ވާހަކައެއްނޫން އެންގިގެން މިބުނީ މިކޮމެންޓު މިހާރުން ޖަހާލަދޭތި

The name is already taken The name is available. Register?

އަކަސަކަ

09 January 2025

ކުރިން ދީފަ އިމާރާތް ކޮއްފަ ހުރި ތަން ތަނާ ފަހުން ދީފަ ހުރިތަނެއް ވިއަސް ވެސް އަތުލެވޭނެ ގޮތެއް އެބަ ޖެހޭ ހޯދަން.މާލޭ މީހުން އުޅެނީ ހާދަ އަރާމެއް ގައޭ އެތަން ތަނުން ލިބޭ ކުލީގަ.ދަންނަވަންތޯ ރާއްޖެ މިއޮތީ މިހާރު މާލެ ބަލި ޖެހިފަ ދިވެހީންގެ ޑީއެންއޭ ތެރެ އައް މިކަން މިގޮތައް ވަދެ ނިމިފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454