ރިޕޯޓް

ގޯލްޑަން އަވާ ގެއްލި، ތަހުގީގުގައި ފުލުހުންގެ ފެއިލިއާތައް!

ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓް: ތަހުގީގުގައި ފުލުހުން ގިނަ އިހުމާލުތަކެއް ވަނީ ފެންމަތިވެފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ގޯލްޑަން އަވާ" އަކީ ކުށެއް ހިނގުމަށް ފަހު އެންމެ އަގުހުރި އަދި ފަސޭހައިން ހެކި ލިބެން ހުންނަ ޖިނާއީ ތަހުގީގެއްގެ އެންމެ މުހިންމު ވަގުތެވެ. މި ވަގުތުގެ ތެރޭގައި އަވަސް ފިޔަވަޅު އެޅުމާއި ޝަރީއަތަށް ބަލައިގަނެވޭ ހެކި ހޯދުމުގެ ފުރުސަތު އިތުރު ވެ އެވެ. ހެކި ގެއްލުމާއި ނައްތާލުން ކުޑަކުރެވެ އެވެ. މިއީ ތަހުގީގެއް ކާމިޔާބު ކުރުމަށް އެންމެ ބޭނުންތެރި ވަގުތެވެ.

އެކަމަކު، މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ފަސްފަހަތާއި އެހާ ހިސާބަށް އެކަން ދިޔުން ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނަށް ވަނީ މި ގޯލްޑަން އަވާ ގެއްލިފަ އެވެ.

"ފުލުހުންނަށް އަބަދުވެސް ކިޔައިދޭ އެންމެ އަސާސީ ތަހުގީގީ ފިލާވަޅަކީ ގޯލްޑަން އަވާގެ ތެރޭގައި ވީހާ ވެސް ގިނަ މައުލޫމާތެއް އެއްކުރުން. ހާދިސާ ފެނުނު މީހުން ހޯދައި، ސީސީޓީވީ ފުޓޭޖު އަދި ހާދިސާ ހިނގި ތަނުން ލިބެން ހުރި މާއްދީ ހެކިތައް ހޯދަން ދުއްވައިގަތުން،" ފުލުހުންގެ ގިނަ ތަހުގީގުތަކެއް ބައިވެރިވެފައިވާ އޮފިސަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގެއްގެ ކުރިމަގު ބިނާވަނީ ގޯލްޑަން އަވާގެ ތެރޭގައި އަމަލު ކުރާ ގޮތެއްގެ މައްޗަށެވެ. ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރުމަށާއި ހާދިސާ ހިނގައިދިޔަ ގޮތް އަލުން އެކުލަވާލުމަށާއި ދައުވާ އުފުލުމަށް ވަރުގަދަ މައްސަލައެއް ތައްޔާރު ކުރަން މަގުފަހިވަނީ ގޯލްޑަން އަވާގައި އަމަލުކުރާ ގޮތުގެ މައްޗަށެވެ.

"ޒަރޫރަތެއް ނެތް"؛ ފުލުހުން ނުކޮށް ދޫކޮށްލީ!

ޔުމްނު ވެއްޓިފައި އޮއްވާ ފެނުމާ އެކު ފުލުހުން ފެށި ތަހުގީގަށް އޭނާ ވެއްޓުނު ގޭގެ ހަތްވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯގައި ހުރި ކެމެރާއަށް އަރާފައިވާ މަންޒަރުތައް އެ ގޭގެ މީހުން ފުލުހުންނާ ހިއްސާކުރި އެވެ. އެ ގޭގެ ބޭރުގައި އެ ދެ މީހުން އުޅޭ މަންޒަރު ފެންނަ ފުޓޭޖްތައް ވެސް ފުލުހުންނަށް ލިބުނެވެ.

އޭނާއާ އެކު ހ. ހ. ފެންޓެނޯއީގެ އަށް ވަން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ދެނެގަނެ، އޭނާއާ ފުލުހުން ސުވާލު ކުރަން ފެށި އެވެ. އެ ރޭ އެމީހުން ދެން އުޅުނު ތަންތަނާއި އެމީހުންނާ އެކު އުޅުނު މީހުންގެ މައުލޫމާތު ރައުދުގެ ފަރާތުން ފުލުހުން އެއްކުރި އެވެ. އެކަމަކު، ރައުދު ހައްޔަރު ކުރުމުގެ ބޭނުމެއް އޭރު ފުލުހުންނަކަށް ނެތެވެ.

ޔުމްނު އިމާރާތުން ވެއްޓޭ ހާލަތަށް ދިޔަ ސަބަބު ދެނަގަތުމަށް އެކަށީގެންވާ ގިނަ މައުލޫމާތު ފުލުހުންގެ އަތަށް އެރި ނަމަވެސް އެ މައުލޫމާތުތަކާ އެއް މިންވަރަށް ފުލުހުން އެޅި ފިޔަވަޅުތައް ފެންނާކަށް ނެތެވެ.

ވީޑިއޯތަކުން ޔުމްނު އާއި ރައުދު ތިބީ މަސްތުގެ ހާލަތުގައި ކަން ވަރަށް ސާފުކޮށް އެނގޭއިރު، ރައުދުގެ ސާމްޕަލް ނަގާފައިވަނީ ހާދިސާ ހިނގި ދުވަސް ނޫން އޭގެ އަނެއް ދުވަހު އެވެ. ސާމްޕަލް ދިނުމަށް ރައުދު އިންކާރެއް ނުކުރެ އެވެ. އެހެންވެ، އޭނާގެ ސާމްޕަލް ފުލުހުން ނެގީ އެވެ. ނަމަވެސް، ޔުމްނުއާ އެކު އެ ރޭ އުޅުނު އެހެން މީހުންގެ ސާމްޕަލެއް ފުލުހުން ނުނަގަ އެވެ. ސަބަބެއް ކަމަށް ފުލުހުން ބުނީ ސާމްޕަލް ދިނުމަށް އެ މީހުން އިންކާރު ކުރުމެވެ.

ޔުމްނުއާ އެކު، އެ ރޭ އުޅުނު ޒުވާނުންގެ ތެރޭގައި ރައީސް އޮފީހުގެ ސިޔާސީ މަގާމުގައި ހުރި މީހަކާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލާގެ ބަޔަކާއި އެހެން ވެސް އިސް ބޭފުޅުންގެ އާއިލީ ޒުވާނުން ހިމެނެ އެވެ. ފުލުހުންގެ ތަހުގީގުގެ ދުވެލި މަޑުޖެހުނީ އެހާ ހިސާބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. "އިއްޒަތްތެރި ބައެއް ބޭފުޅުން" ގެ ސާމްޕަލް ދިނުމަށް އިންކާރު ކުރުމުން "ދެން ކުރާނެ ކަމެއް ނެތް" ކަމަށް ބަލައިގެން އަތް އުރާލައިގެން ފުލުހުން ތިބި ކަމަށް ވަށައިގެން ހިނގައި ދިޔަ ބައެއް ކަންތައްތަކުން އާންމުންނަށް ވެސް އެނގޭ ވަރުވި އެވެ. ފުލުހުންގެ ވެރިންގެ ވާހަކަތަކުން ވެސް ދޭހަވީ އެ ކަމެވެ.

ނަމަވެސް، ސާމްޕަލް ދިނުމަށް އިންކާރު ކުރުމަކީ ގާނޫނީ ކުށެކެވެ. ދައުވާކޮށް ޖަލު ހުކުމެއް އަންނަ ފަދަ ކުށެކެވެ. އެ ކުށަށް ފުލުހުންގެ ކުރިމަތީ އަރައިގަތްއިރު އެކަމަށް ވެސް ފުލުހުން ފިޔަވަޅެއް ނޭޅި އެވެ. ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށް ސާމްޕަލް ނެގުމަށް ވެސް އެއްވެސް މަސައްކަތެއް ފުލުހުން ނުކުރި އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔުމްނު އާއި ރައުދު އެ ރޭ ދެން ވަތް ދެ ގެއަށް ވެސް ފުލުހުންނަށް ވަންނާކަށް ވެސް ނުކުރުނެވެ. އޭގެ ތެރެއިން އެއް ގެއަކީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގެ އެވެ. ކެމެރާ އާއި ފޯނު ނުވެއްދޭ ގޮތަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގުގައި އިސްކޮށް ހުންނެވި އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި އެ ދެ ގެ ފާސްކުރުމުގެ ޒަރޫރަތެއް ނެތެވެ.

އާންމުން ދުލެއް ނުދިން، ތަހުގީގު އެނބުރިއްޖެ!

ފުލުހުންނަށް ޒަރޫރަތެއް ނޫން ކަމަށް ގަބޫލު ކުރެވުނަސް، އާންމުން އެކަމުގައި ދުލެއް ނުދިނެވެ. "ބޮޑުންގެ ދަރިންނަށް" ވާތީ އެމީހުންނާ ދިމާއަށް ތަހުގީގު ނުގެންދަނީ ކަމަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާ އެކު މަގުމައްޗަށް ޒުވާނުން ނުކުތެވެ. މިފަހުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ އެކު ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނަ އެވެ. ގޯލްޑަން އަވާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މަޖުބޫރު ކުރުވީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އާންމުން މިކަމުގައި ދުލެއް ނުދޭނެ ކަން ޔަގީންވުމުންނެވެ.

އެގޮތުން، މިނިސްޓަރުގެ ގެ ހިމެނޭ ހެން ޔުމްނު އާއި ރައުދު އެ ރޭ ދިޔަ ދެ ގެ ވެސް ބަލައިފާސްކުރަން އަމުރު ނެރުނެވެ. މިނިސްޓަރުގެ ގޭގައި "ޕާޓީ" ކުރަން ދިޔަ ނުވަ ޒުވާނުންގެ ފޯނު ހިފަހައްޓަން އަދި އެމީހުން ބަލައިފާސްކުރަން ވެސް ކޯޓުން އަމުރު ހޯދި އެވެ. އެކަމަކު، ތަހުގީގުގެ އެންމެ މުހިންމު ވަގުތު ނުކޮށް ދޫކޮށްލުމުގެ ސަބަބުން، ހަ ދުވަސް ފަހުން މި ކަންކަން ކޮށްގެން ފުލުހުންނަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.

ޔުމްނު ވެއްޓުމާ ހަމައަށް މެދުވެރި ގޮތާ ގުޅޭ އެއްވެސް އެއްޗެއް ނޫނީ އެ ރޭ ފޯރީގައި ބޭއްވި ޕާޓީއާ ގުޅޭ އެއްވެސް އެއްޗެއް އެ ގެއަކުން ނުފުނެވެ. މުޅި ގައުމު ގުޑުވާލި މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އެ ތަން ބަލައިފާސްކުރާއިރު އެ ނޫން ނަތީޖާއެއް ނޯންނާނެ ކަން ވެސް އެއީ މާ ސާފު ކަމެކެވެ. ނަމެއްގައި، ކަން ދައްކާލުމަށް ކުރި ކަމެއްގެ ގޮތުގައި ނޫން ގޮތަކަށް އެކަން ސިފަ ނުކުރެވެނީ އެހެންވެ އެވެ.

"ޕާޓީ" ކުރި ކަމުގެ ތުހުމަތުވާ ޒުވާނުންގެ ސާމްޕަލް ނެގުމުގެ މާބޮޑު ބޭނުމެއް ދެން ނެތެވެ. އެކަމަކު، ޕްރޮސިކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ވަނީ ސާމްޕަލް ނެގުމަށް އިންކާރުކުރި މީހުންގެ މައްސަލަ އެ އޮފީހަށް ފޮނުވުމަށް އަމުރު ކުރައްވައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ވެގެންދިޔައިރު ފުލުހުން ޔަގީންކޮށްގެން ތިބީ ހ. ފެންޓެނޯއީގޭގެ ފެންލައިޓަކުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށެވެ. އޭނާ ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުން ނެތް ކަމަށް ތަހުގީގަށް އޮތީ ގަބޫލުކުރެވިފަ އެވެ. އޭގެ ހެއްކެއްގެ ގޮތުގައި ފުލުހުން ދެއްކީ ޔުމްނު ވެއްޓޭ އަޑު ކަމަށް ބެލެވޭ އަޑެއް ކެމެރާއަށް އަރާފައިހުރީ ރައުދު ސިޑިން މައްޗަށް އަރަނިކޮށް ކަމަށްވާތީ އެވެ.

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިމެނޭ މީހުން.--

އެކަމަކު، ރައުދު ދައްކާ ވާހަކަތަކުގައި ފުށުއެރުންތައް ފާހަގަވާކަމަށް ބުނެ އޭނާ ހައްޔަރުކުރި އެވެ. އެއަށް ފަހު ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮވެދާނެ ކަމަށެވެ. ޔުމްނު ވެއްޓޭ ކަމަށް ބެލެވޭ އަޑާއި ޔުމްނު ވެއްޓުނު ގޮތް އަދިވެސް ތަހުގީގަށް އޮތީ ޔަގީން ނުވެ އެވެ.

އިހުމާލު! އިތުބާރު ވަނީ ގެއްލިފައި!

ފުލުހުންގެ ތަހުގީގު މިހާ ހިސާބުގައި އޮތްއިރު، ފުލުހުން ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމުގައި ވެސް ޔުމްނު ވެއްޓުނު ފްލޯ އާއި ކެމެރާތައް ހަރުކޮށްފައިހުރި ފްލޯތައް ކިޔައިދީފައިވަނީ ގޯސްކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުނީ އަށްވަނަ ފްލޯ އިން ނުވަތަ ފްލޯއަށް އަރަން ހުންނަ ސިޑިއާ ދިމާގައި ހުރި ފެންލައިޓުންނެވެ. އަދި، ކެމެރާއިން ފެންނަނީ ހަތްވަނަ ފްލޯ އާއި އަށްވަނަ ފްލޯގައި އެ ދެ މީހުން އުޅޭ ތަން ކަމަށެވެ.

އެކަމަކު، ނޫސްވެރިން ގޮސް އެ ގެއަށް ވަނުމުން ފާހަގަވީ އެއީ ތެދެއް ނޫން ކަމެވެ. އެ އިމާރާތުގައި ކެމެރާ ހަރުކޮށްފައިހުރީ ހަތްވަނަ އަދި ނުވަ ވަނަ ފްލޯގަ އެވެ. އަށްވަނަ ފްލޯގައި ކެމެރާއެއް ނެތެވެ. ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓް ހުރީ ނުވަ ވަނަ ފްލޯ އާއި ދިހަ ވަނަ ފްލޯއާ ދެމެދު އެވެ. މިހާތަނަށް ވެސް ފުލުހުންނަށް މިކަން ސާފެއްނުކޮށްދެ އެވެ. އެއީ ފުލުހުންނަށް އެރި އޮޅުމެއް ކަމެއް ނޫނީ އިހުމާލެއް ކަމެއް ބުނެ ނުދެ އެވެ.

މީގެއިތުރުން ހާދިސާގެ ތަހުގީގުގެ ވަރަށް ކުރީކޮޅު ސީން ވަނީ ރޫޅާލައިފަ އެވެ. ޔުމްނު ވެއްޓި ޖެހިފައި އޮތް ފުރާޅުގެ ޓިނު ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، އާންމުންގެ ނުރުހުންތަކާ އެކު ސީން އަލުން ރީކްރިއޭޓް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، މިހާތަނަށް އެކަން ކުރި ކަމެއް އެނގޭކަށް ނެތެވެ.

މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެންމެ ފުރަތަަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަނިޔާ ލިބުނު ޔުމްނުގެ ވަނަވަރު ފުލުހުން ހާމަކުރި އެވެ. އޭނާގެ އިތުރުން އެހެން އެއްވެސް މީހެއްގެ ނަން ވެސް ފުލުހުން ނުބުނާއިރު ތުހުމަތުވާ ރައުދުގެ މޫނު ވެސް ވީޑިއޯގައި ދެއްކީ ފުސްކޮށްގެންނެވެ. އޭގެ ފަހުން ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ ގިނަ ވީޑިއޯތަކެއް ދައްކާފައިވާއިރު، އޭގައި އޭނާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވީޑިއޯ ވެސް ހިމެނެ އެވެ.

މި ކަހަލަ އެތައް ކަމަކާ ހުރެ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް ހުރި ކަމަށް ވަރަށް ބޮޑަށް ބުރަވެ އެވެ. އެކަމާ ގުޅޭ ރިވިއުއެއް ފުލުހުންގެ އެތެރޭގައި ފަށާފައިވާއިރު، ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖްރައާތަކާ ހިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިހުމާލެއް ފާހަގަވެއްޖެ ނަމަ އެކަމަށް ފިޔަވަޅު އަޅަން ޕީޖީ ވެސް ވަނީ އަންގައިފަ އެވެ.

އަދި، ޔުމްނުގެ ކަރާމާތަށް ގެއްލުން ވެދާނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށާއި ތަހުގީގުގެ މައުލޫމާތު އާންމު ކުރުމުގައި ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު އާންމުކުރަން ވެސް ފުލުހުންނަށް ޕީޖީ އަންގައިފައިވެ އެވެ.

ފުލުހުންގެ ތަހުގީގާ މެދު އިތުބާރު ގެއްލިފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ. މިފަދަ ކޮމިޝަންތައް އުފެއްދުމަށް ތާއިދު ނުކުރައްވާ ކަން ކުރިން ހާމަކުރައްވާފައިވީ ނަމަވެސް ރައީސް ހާއްސަ ކޮމިޝަނެއް އުފެއްދެވީ ތަހުގީގީ ބޮޑެތި ބާރުތަކެއް އެ ކޮމިޝަނަށް ދީގެންނެވެ.

ދެން އޮތް ސުވާލަކީ، އިތުބާރު ގެއްލިފައިވާ އޮތް ފުލުހުންގެ ތަހުގީގުގައި ނުހޯދައި ދޫކޮށްލި ހެކިތައް ކޮމިޝަނުން ވަކި ހޯދާނެ ގޮތަކާ މެދު އެވެ. ކޮމިޝަނުން ޒިންމާ ނެގިއިރު، މައްސަލައިގެ "ގޯލްޑަން އަވާ" ވަނީ ގެއްލިފަ އެވެ. ފުލުހުން ވަނީ މި މައްސަލައިގައި ފެއިލްވެފަ އެވެ.

64 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

29 April 2025

ތަހުގީގު ކުރުމުގެ ތެރޭގައި އެކި ކަންކަން ކޮއްގެނާއި ނުކޮއް ތަހުގީގު ނިކަމެތި ކޮއްލުމަކީ ފުލުހުން ބޭނުންކުރާ އެއް އުކުޅު. ދެން ޝަރީއަތައް ދާއިރު ގާޒީ އަށް އޮންނާނީ ކާފީ ހެކި ނުފެނިފައި. ދެން އޮންނަ އަނެއް ލޭޔަރ އަކީ ކޯޓުތައް ތެރެއިން ކުޅޭ ކުޅުން. ދިވެހި ގާޒީންނަކީ ހަމަ ގައިމުވެސް އަލިފުންނެއް ނޫން ކަން އެންމެން ދަނޭ. ވެން ދަ ޑަސްޓް ސެޓްލްސް އެވްރީވަން ވިލް ވޯލކް ފްރީ. ދަ އޮންލީ ކަލްޕްރިޓް ވިލް ބީ ދަ ވިކްޓިމް.

The name is already taken The name is available. Register?

‫ނާޑުވާ

28 April 2025

މައުލޫމާތުން ފުރިގެންވާ ވަރަށް ތަފްސީލީ އާރޓިކަލްއެއް. ރަނގަޅު ގޯލްޑަން އަވަރ ގެއްލިއްޖެ އެކަމަކު މި ތަޙުޤީގަށް ހުރަސްއެޅި ފަރާތްތަކާ ތަހުޤީޤް ކުރުމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާކަށް ލަހެއްނުވޭ.

The name is already taken The name is available. Register?

މައާރިފު11

28 April 2025

ޕީޖީއަކަށްވެސް ނުކެރެޔޭ ފުލުހުންގެ މައްޗަށް މީހަކު ނުފޫޒުފޯރުވާ ތަހުގީގަށް ހުރަސް އަޅަން މަސައްކަތްކުރިތޯ ބަލަން އަމުރު ނެރޭކަށް. ހައްތާވެސް ފުލުހުންގެ ގޯސް ހެދި މީހަކު ހޯދަން. ގޯސްހަދަން އަންގާ ނުފޫޒު ފޯރުމި މީހަކު ހުރިތޯ ބަލަން އަމުރުކުރަންވީނު. މާ ގަޓުވެގެން އާދައިގެ ފުލުހުންނާ ދިމާކޮށްލއިގެން އުޅެނީ މާ އަމްރު މަޢުރޫފު ވެގެން. ބަލަ މިނިސްޓަރަކު ނުވަތަ އެއްވެސް މީހަކު ނާޒާއިޒުނުފޫޒެއް ފޯރުވަން އުޅުނުތޯ ބަލަން އަމުރު ނެރެބަލަ. އަމުރުވެރިޔާ.

The name is already taken The name is available. Register?

އަޒްރާ

28 April 2025

ކޮބާބާ ޔުމްނުގެ ބެލެނިވެރިންގެ ޒިންމާ އަކީ ކީއްކުރަންބާ ދަންވަރުގަޑީގަ އަންހެންކުދިން ބޭރުގަ އުޅެނީ

The name is already taken The name is available. Register?

އިސްމާލި

29 April 2025

އަޒްރާ ވެސް ބެލެނިވެރިންނަށް ފިލައިގެން ގޮސް އުޅެނިކޮއް ލިބޭ ގެއްލުމަކަށް އިންސާފު ލިބެންޖެހޭ ކަމަށް ގަބޫލެއް ނުކުރަން ދޯ؟ އެންމެނަށް އެއް ހަމައަކުން މިން ކުރާތި އިނގޭ.

The name is already taken The name is available. Register?

އަދިވެސްް

28 April 2025

ޔުމްނު ވެއްޓުމާ ސީދާ ގޮތުން އެންމެ ގުޅޭ އެ ގޭގެ 7، 8، 9 ވަނަ ފްލޯރގަ ދިރިއުޅޭ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ނޫހަކުން ކަވަރު ކުރާ ތަނެއް ނުފެނޭ. ޔުމްނު އެގެއަށް ވަތް ސަބަބާ ޔުމްނު ވެއްޓުމާ އެންމެ ބޮޑަށް ގުޅުން އޮތީ. އެ ގޭގެ އެއްވެސް މީހަކާ އެއްވެސް ވަރަކަށް ޔުމްނުއާ ގުޅުން ނެތްކަން އިހަށް ސާބިތުކުރުމުން ދެން ރައުދުގެ ބައި އަންނަންވީ. ރައުދު ފައިވާން ބާލައިގެން އުޅުނީ އެތަނުން އެޕާޓްމަންޓަކަށް ވަންނަންތޯ އެއީ އުފެދޭ ސުވާލެއް

The name is already taken The name is available. Register?

މޫސާ ކަލީމް

28 April 2025

ފުލުސް މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލުވާލައިފި

The name is already taken The name is available. Register?

ހަގީގަތްމިއީ؛

28 April 2025

ތީ ތިޔަ ފުލުހުންގެ ފެންވަރު.. މިހާރު ތިޔަތަނަށް ވަންނަނީ މުޅި އައުލާދަށް ހިލޭ ބޭސްފަރުވާ އާއި އެތައް ފަސޭހައެއްވާތީ އާއި މުސާރަކިޅު މަސް ނިމޭއއިރު ނިމޭތީ.. އުރަތްޕެއްހުރި ، ޕްރުފެޝަނަލް މީހުން ލައްކަ މަދު އަދި އެހާ ކަންފަސޭހަ ، އިރެއްގައި ތިޔަ ތަނުގައި ގާބިލު ބޭފުޅުން އުޅުނަކަސް މިހާރު ރައްޔިތުން އިތުބާރުކުރާ ބައެއްނޫންތިޔައީކީ.. ފޭލިޔާސް.

The name is already taken The name is available. Register?

ޜައީޗް

28 April 2025

ގޯލްޑެން އަވާކަމަން ބުނެ ކުރަން ތިބުނާކަމަކީ އެއްވެސްގޮތަކުން ޔުމްނު ވެއްޓުމާ ގުޅުވާ އެއްވެސް ކަމެޢް މިރާއްޖޭގެ ގާނޫނު ތަކުން ސާބިތުވާނެ ކަމެޢްނޫން. ގާނޫނީ ހަމަތަކުން ބަލާނަމަ ތިޔަ ޕާޓީކުރި ކުދިންގެ ޔޫރިން ނަގަން ރިކުއެސްޓް ކުރެވޭނެ ހަމައެއް ނޯންނާނެ. ކުށެއްގެ ތުހުމަތުކުރެވޭނެ ހަމައެއްނެތް. ތިގޮތައް ތުހުމަތު ކުރަންޏާ އެދުވަހު ހެނދުނު އެކީ ސައި ބުއި ކުދިންނަށްވެސް ކުރެވޭނެ،

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 April 2025

މަޤާމާއި ޙަވާލުވެވަޑައި ގަތުމަށްފަހު ޔުމްނުގެ މައްސަލަ ތަޙްޤީގު ކުރުމުގައި "ފުލުހުން ގޯސް ހަދާފައިވާތީ، އިސްތިޢުފާ ދެއްވުމާއި ހަމައަށް" ޕޮލިސް ކޮމިޝަނަރ ޝުޖާ މީޑިއާ އަށް ދެއްވާފައިވާ އިންޓަވިއުތައް ބަލާ އިލްމީ ނަޒަރަކުން ދިރާސާ ކޮށްފި ނަމަ ފުލުހުންގެ ތެރޭގައި ހީވެސް ނުކުރާފަދަ ވިޔާނުދާ އާދަތަކަކާއި ސަޤާފަތް ތަކެއް އަށަގަނެ ފުލުހުންނަށް އެމީހުންގެ ޒިންމާ އޮޅިވަޑައިގެންފައިވާކަން ވަރަށް ރަނގަޅަށް އިގޭނެ. ތިތަން ރަނގަޅުވާނީ މިކަން އިސްލާޙް ކޮށްގެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 April 2025

މުއައްސަސާގެ ތެރޭގައިއޮތް "ގަދީމީފިކުރާއި އުސޫލުބަދަލުކޮށް ފުލުހުންވެސް ލާމަރުކަޒު ކުރުމަށް" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމަށް ކަޑައަޅާ ކޮންމެރީޖަނެއްގައި ކޮމިޝަނަރެއް ބަހައްޓާ 3 ރީޖަންގެ ކޮމިޝަނަރ ރިޕޯޓް ކުރައްވާންޖެހޭ ފަރާތަކީ Director General of Police އަށް ކަމުގައިކަޑައަޅާ އިދާރީ އޮނިގަޑަށް ބަދަލުގެންނަން ފުލުހުންގެ ބޯޑަށާއި މަޖިލީހަށް ހުށަހަޅުއްވާ.

The name is already taken The name is available. Register?

22222

28 April 2025

މައްސަލައަކީ އޮނިގަޑެއް ނޫން އަދި ޤާނޫނާއި ޤަވާއިދެއްވެސް ނޫން. މައްސަލައަކީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނެ ބަޔަކު ނެތުން، ކުރާ އިޚްލާސްތެރި މަސައްކަތައް ބަލާފައި މަޤާމުގެ ކުރިއެރުން ދޭނަމަ މަސައްކަތައް ކަމޭހިތާ މީހުން ގިނަވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454