ރައުދު: ޔުމްނުގެ މައްސަލާގައި ރައުދުގެ މައްޗަށް ކުރި ދައުވާއަށް އޭނާ ވަނީ އެއްބަސްވެފައި --- ފޮޓޯ/ޕޮލިސް
20 ނޮވެމްބަރ 2025 - 20:53
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ގ. އެރިއަދޫ، ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ އެ ދައުވާއަށް އެއްބަސްވެފަ އެވެ. އެހެންވެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ރައުދު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީ އޮފީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ދައުލަތުން ވަނީ އޭނާއާ އެކު އެފަދަ އެއްބަސްވުމަކަށް ނުދާން ނިންމައިފަ އެވެ.
އެ ދައުވާއަށް ރައުދު އެއްބަސްވިއިރު، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި ކުށަށް އިއުތިރާފްވުމުން އެއަށް ވުރެ ވެސް އަދަބު ލުއިވާނެ އެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ ރައުދަށް އެ ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުުމުގެ ތުހުމަތުގަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި، މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލި އެވެ.
ރިޔާސީ ކޮމިޝަނުން ނިންމީ ބަޔަކު ގަސްދުގައި ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ނަމަވެސް ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
21 November 2025
މިގައުމުގަ މިއޮންނަނީ ކޮަންކަހަލަ ގާނޫނެއް! މީހަކު ވަޅިހިފައިގެން ހަމަލާ ދިނުމަށް އައިސްފިނަމަ އޭނާގެ ދިފާޢުގަ އޭނާ އަށް ހަމަލާއެއްވެސް ނުދެވޭ! ދީފިނަމަ އެވީ މާރާމާރީއަށް އަދި ހަމަލާ ދިނުމުގެ ސަބަބުން އެ ހަމަދާ ދޭން އައިމީހާއަށް ގެއްލުމެއް ލިބިއްޖެނަމަ އޭގެ ޒިންމާ ވެސް ނަގަންހެގޭނީ! ދިފާއުވާން އުޅޭމީހާ! ވަޅި ހަރާލަންދެން މޭދައްކައިގެން ހުންނަންޖެހޭނީ! އޭގެފަހުން ދާންޖެހޭނީ އިންސާފު ހޯދަން!
889544
21 November 2025
ކީކުރަން ކުރާ ހުކުމެއް. ވަގުތު ބޭކާރުނުކޮށް ރައްޔިތުން ގުބޯ ނުހައްދާ ރީތިކޮށް ބުނެބަލަ އެއީ ޝަރީއަތް ކުރަން ޖެހޭވަރު ކަމެއް ނޫނޭ. ޑީލް ނިމުނީ. އެކަމަކު މަގުމަތީ ހުންނަ ގަހަކުން ކުންނާރެއް އަނބެއް ޖަނބުރޯލެއް ބިނދެފިއްޔާ ކުށުގެ ނުބައިކަން އިންތިހާއަށް ބޮޑުވާނެ. އަންނަ ޙުކުމްވެސް ބޮޑުވާނެ
ފަތީލާ
21 November 2025
ޒިނޭ އާ ފާހިޝް އަމަލު ތަކަކީ ރާއްޖޭގައި މިހާރު އާދައިގެ ކަންކަން. އެހެންވީމަ ދޭނެ އަދަބެއް. ރައްޓެހިވެގެން އުޅޭ ދެމީހުންވެސް އާއިލާ މީހުން އެކީ ކައިބޮއި ނިދާ ހަދާ.
ފަރަންޖީ
21 November 2025
މިސޮރު މިމައްސަލާގައި ގަމުހިންގައި ހަންދަމާލައިފި! މުޅިއުމުރަށް ލައްގަނޑެއްޖެހި އޭގެން ސަލާމަތްނުވެވޭވަރުވެފަ އެހެރީ! އެކަމަކު ޔުމްނު ވެއްޓުމުގައި މީނަގެދައުރެއް ނުފެނުނު! ޖިންސީއެދުން ހޯދީ ޔުމްނުތޯ މީނަތޯ ނޭނގުނު! އެނގުނީ ވެއްޓުނީމަ މަސްތުގަހުރިމީހަކު ދައުލަތުގެ އެހީއަށް ނޭދުނުކަން! ޔުމްނު ވައްޓާލީކަމަށް ދޭހަވާގޮތައް އޭނަގެދައްތަ އިންޓަވިއުދީ މުޒާހިރާކޮށް ރައްޔިތުންގެ އެހީހޯދައި މެލޭޝިއާއަށް ގެންގޮސް އޭނާވަނީ ހުދުފޮތިކޮޅަކަށް ހަދައިފަ. އިންސާފު؟
ޕައުޕާ
21 November 2025
ޖެންޒީންކޮޅު ވައިވީތަ؟ މިރޭ ނުކުންނަންޖެހޭންނު.
ބަބޫ
21 November 2025
އޭ މަބުނީ ޔުމްނު ތަހުގީގަކަށް އަދިވެސް ބަޔާނެއް ނުދެޔޯ. ފިލައިގެންނޯ އުޅެނީ. ދައުލަތުން ކުރި ހަރަދާ އެހެން މީހުން ކުރި ހަރަދު އެއީ ފޫނެއް ފަޔަކަށް ފެންފުރުމަށް މިވީ.
1828
21 November 2025
ތިޔައީ ސަރުކާރުން ހެދި ޑީލްއަކާ ވަރަށް ވައްތަރު. ތިޔައީ އެއްބަސްވާން ޖެހޭވަރުގެ ކަމެއްނޫން. ސަރުކާރަށް ޕްރެޝަރކުޑަކުރަން ކުރިކަމަކާ ބޮޑަށް ވައްތަރީ. އޭރުން ސަރުކާރަށް ބުނެވެން އޮންނާނެތާ ކޯޓުން ކުރި ހުކުމަކީ 1 މަހާ 6 ދުވަހޭ. އެންޑް އޮފް ސްޓޯރީ.
،، ދިވެހިންގެ ރާއްޖެ
21 November 2025
ކޮންމެވެސް ހުކުމެއް ކުރަންޖެހޭތީ ކުރާ ހުކުމެއް ތަ؟ އެހާދިސާ ހިނގި ގޮތާއި ބެހޭ އެއްވެސް މުއުތަބަރު ގޮތެއް ނުހޯދުނު. ފުރާޅެއްގެ މައްޗަށް ވެއްޓި އެހީއަށް ބޭނުންވެފައިވާ މީހަކު އޮތްކަން އެގޭ. އެހީތެރި ނުވާކަން އެނގޭ. އ ވެއްޓުނު މީހާ ވެއްޓމުގެ މިނެޓް ކޮޅެއް ކުރިން އެމީހާގެ ފަރާތުން ޖިންސީ އުފާ ހާސިލު ކުރި ކަން ވެސް އެގޭ. މަސްތުވެގެން ހުރިކަން އެގޭ. ސަދޫމްގައި ކުރި ޝަރީއަތް ހަމަ ރަނގަޅު؟
1828
21 November 2025
ޝަރިއަތްކުރާނީ ތަހުޤީޤުގެ މައްޗަށް ބިނާކޮށް. އަދި އުފުއްލާ ދަޢުވާއެއްގެ މައްޗަށް ފައިސަލާކޮށް ހުކުމްކުރާނީ.
ސޯބު
21 November 2025
ވެއްޓުމުގެ ކުރިއަށް އެ ކުރި ކަންތައްތައް މައްސަލައަކަށް ނުވަނީބާ.
1828
21 November 2025
ނުވިތާ. މައްސަލައިގެ މުހިންމު ބައިތައް ދޫކޮށްލާފައި ފުންނާލުމަށްފަހު ނުވަތަ ވައްޓާލުމަށްފަހު އެހީތެރިކަން ފޯރުކޮށް ނުދީގެންނާއި އަންގަން ޖެހޭ ފަރާތްތަކަށް ނާންގައިގެން މި ދަޢުވާކޮށް ހުކުމްކުރީ. މިހެން ކަންކަން ކުރުމުން މަސްތުވުން އަދި ކައިވެނިން ބޭރުން ޖިންސީ އުފާ ހާސިލުކުން އޯކޭއޭ ބުނާކަހަލަ މުޅި މައްސަލައަށް ބަލީމައި.
އިހްސާސް
21 November 2025
ތިޔަ ނިމުނީ.. ކޮބާ މަސްތުވާތަކެތީގެ ދައުވާ؟ ކޮބާ ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ދައުވާ؟ މިއީ ރޭވިގެން ނިންމާލާކަމެއް.
1828
21 November 2025
އެކަންކަން ނޯމަލައިޒްވީމައި ތޯޗެއް އެކަންކަން ނުބަލަނީ.