ރިޕޯޓް

ދިގު ކިއުއިން މި ސާފުވީ ކޮން މަންޒަރެއް؟

މިފަހުން އިމިގްރޭޝަންގެ ވަޒީފާއަށް ހުޅުވާލުމުން ގިނަ ބަޔަކު ކިއުގައި..-- ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ދާދި ފަހުން އިއުލާން ކުރުމާ އެކު، ވޯކް-އިން އިންޓަވިއު އަށް ގަލޮޅު ސްކޫލް ކައިރީގައި ދަމާލި ދިގު ކިއުއާ އެކު މުޅި ގައުމަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އިމިގްރޭޝަންގެ 50 ފުރުސަތަށް އެދި ހާހެއްހާ މީހުން ސީވީ އާއި ސެޓްފިކެޓުތައް ހިފައިގެން ގޮސް ގަަދަ އަވީގައި އެތައް އިރެއް ވަންދެން ތިއްބެވެ. އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތާއި ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުންނާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ވެސް ފުންކޮށް ވިސްނަން މަޖުބޫރު ކުރުވި ކަމެކެވެ.

އިމިގްރޭޝަންގެ މަދު ވަޒީފާއަކަށް ހާހެއްހާ މީހުންގެ ދިގު ސަފެއް ދަމާލުން އެކަންޏެއް ވެސް ނޫނެވެ. މި ސަރުކާރުން އަލަށް ފެށި ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ވެސް 600 އަށް ގިނަ މީހުން ޝައުގުވެރިވެއްޖެ އެވެ. މި މަންޒަރުތަކުން އެއްބަޔަކަށް ފެނުނީ ކޮންމެ އަހަރަކު އެތައް ހާސް ދަރިވަރުންނެއް ސްކޫލް ނިންމާއިރު ވަޒީފާ ނުލިބި މަގުމަތިވެ، ދާނެ މިސްރާބެއް ނެތިފައި އޮތް ގައުމެކެވެ. އަނެއް ބަޔަކު ދެއްކީ ނުފޫޒާއި ބާރުގެ ތެރެއިން ވަކި ބަޔަކަށް މަގާމުތައް ހޯދައި ދިނުމުގެ ނުބައި އާދަ އަށަގަނެފައިވާ ވަރެވެ. ވަޒީފާ ބޭނުންވާ ހަގީގީ ޒުވާނުން ތިބީ މަގުމަތީގަ އެވެ.

މިއީ ބަހުސްކޮށް، ވަޒީފާގެ ބާޒާރަށް ދިމާވެގެން އުޅޭ މައްސަލަތަކާ މެދު ފުންކޮށް ވިސްނަންޖެހޭ ކޮންމެވެސް ނަތީޖާއެއް ނެރެން ޖެހޭ ކަމެކެވެ. ދިވެހިންނަށް ވަޒީފާ ނުލިބި ގޮތް ހުސްވެގެން އުޅޭއިރު ފެންނަނީ ބިދޭސީންނަށް މަގާމުތައް އޮހެމުންދާ ތަނެވެ. އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން ގޮސް އެންމެ ޕްރޮފެޝަނަލް ވަޒީފާތަކުން ވެސް ޖާގަ ލިބެނީ އެއްކަލަ ބިދޭސީ މީހާ އެވެ.

އެހެންވެ، އެއް ބަޔަކު ބުނާ ގޮތުން ނަމަ އެއިން ދައްކަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި "ނުކިއްސަރު" ކަންތައްތަކެއް ހިނގާ ކަމެވެ.

އާބާދީގެ ކޮންމެ ތިން މީހަކުން އެއް ޒުވާނެއްގެ ވަޒީފާ ނެތް

ރާއްޖޭގައި އެންމެ ފަހުން 2022 ވަނަ އަހަރުގައި ނެގި ބޯހިމެނުމުގެ ތަފާސްހިސާބުތަަކަށް ޖެހިލަމާ ހިނގާށެވެ. ޒުވާނުން ވަޒީފާ އަށް ބޭނުންވެފައި ތިބި ވަރު އެ ހިސާބުތަކުން ވަރަށް ރަނގަޅަށް ސާފުކޮށްދެ އެވެ. ވަޒީފާ އަދާނުކުރާ ކޮންމެ ތިން މީހަކުން އެކަކީ ޒުވާނެކެވެ. އެއީ އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިންނެވެ.

އެ ހިސާބުތަކުގައިވާ ގޮތުން އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 12 ޕަސެންޓަކީ ވަޒީފާ ނެތް ޒުވާނުންނެވެ. މިއީ އުމުރުން 25 އަހަރުން މަތީގައި ވަޒީފާ ނެތް މީހުންގެ ހިސާބުތަކާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އިން ނެރެފައިވާ އެ ހިސާބުތަކުގައިވާ ގޮތުން ނަމަ އުމުރުން 18 އަހަރާއި 35 އަހަަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާ ނެތީ 6.1 ޕަސެންޓް މީހުންގެ އެވެ.

ބޯހިމެނުމުގައި ނަގާފައިވާ ތަފާސްހިސާބު.

ބޯހިމެނުމަށް ބަލާއިރު ރާއްޖޭގައި ވަޒީފާ ނެތް އަންހެނުންނަށް ވުރެ ފިރިހެނުންގެ އަދަދު އިތުރެވެ. އަންހެނުންގެ ތެރެއިން 11.9 ޕަސެންޓު އަދި ފިރިހެނުންގެ ތެރެއިން ވަޒީފާ ނެތީ 12.1 ޕަސެންޓު މީހުންގެ އެވެ. އެ އަދަދުތަކުގެ ދެބައި ކުޅަ އެއްބަޔަކީ 15-24 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ވަަޒީފާ ނެތީތަ ނޫނީ ކަމުދާ ވަޒީފާ ނުލިބެނީތަ؟

މިއީ ދިރާސާއަކުން ނޫނީ ރަނގަޅު ޖަވާބެއް ލިބޭނެ ސުވާލެއް ނޫނެވެ. ލިބެން އޮތީ އެކިއެކި ބަހުސްތަކުގެ ތެރެއިން ލިބޭ ޖަވާބުތަކެވެ. މިހާރު އުފެދިފައިވާ ބަހުސްގެ ތެރެއިން އެކި ބޭފުޅުންގެ ހިޔާލު ހުރީ އެކި ގޮތަށެވެ.

ތައުލީމީ ހިދުމަތުގައި މި ވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެބަހުއްޓެވެ. މައްސަލައަކަށް ދިމާވެގެން އުޅެނީ އަންވަރު ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ އެ މީހަކު ބޭނުންވާ ދާއިރާއަކުން ނުވަތަ ކުރަން ބޭނުންވާ ސީދާ ވަކި ކަމެއް ހޯދަން އުނދަގޫވުމެވެ.

ވަޒީފާ އެބަހުރި ރާއްޖޭގައި. ވަޒީފާ ވަރަށް ބައިވަރު އެބަހުރި،"--- އަފީފު

އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ވިލާ ކޮލެޖުން މި ފަހުން އިދާރީ މަގާމުތަކަށް ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލީ 4-5 މީހުން ކަމެވެ. އެހާ ބޮޑަށް ވަޒީފާ އަށް ބޭނުންވެފައިވާ ޒުވާނުން ތިބި ނަމަ އެފަދަ މަގާމުތަކަށް ކުރިމަތިނުލާންވީ ސަބަބެއް ވެސް ނެތެވެ.

"އެހެންވީމަ އެ އަންނަނީ ކޮން ކަމެއްހޭ ކުދިން ކުރާ ހިތްވަނީ،" އަންވަރު ސުވާލު އުފެއްދެވި އެވެ.

އިމިގްރޭޝަން ވަޒީފާއަށް އެދި މީހުން ކިއުގައި.

އެކަން ދެން ގުޅެނީ ވަޒީފާ އަށް އެދޭ ފަރާތުން ވަކި ކަމެއް ކުރަން ބޭނުންވުމާއި ނުވުމާ އެވެ. ސީދާ ވަކި ދާއިރާއަކުން ނުވަތަ ވަކި ކަހަލަ ވަޒީފާއެއް ބޭނުންވާތީ ވެސް މީހުން ވަޒީފާ އަށް ނުގޮސް ތިބެ އެވެ. މިސާލަކަށް މަސައްކަތް ކުރަންޖެހޭ ގަޑިތަކާ މެދު ހިތްހަމަނުޖެހުމާއި މުސާރައިގެ ތަފާތުތަކާ ހުރެ ނޫނީ ސީދާ ކިޔެވި ދާއިރާއިން ވަޒީފާ ނުލިބޭތީ ވެސް ވަޒީފާއަށް ނުގޮސް ތިބޭ މީހުން މަދެއް ނޫނެވެ.

"އެ މީހުން ބޭނުންވާ ވަޒީފާ. ވަރަށް ޕަޓިކިއުލާއޭ ކުދިން. އެ މީހުން ބޭނުންވަނީ އެ މީހުން ބޭނުންވާ ކަހަލަ ވަޒީފާއެކޭ. އެއީތާ މި އެނގުނު އެއްޗަކީ،" އިމިގްރޭޝަންގެ ވޯކް-އިންޓަވިއު އަށް އިޝާރާތް ކުރައްވަމުން އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމިގްރޭޝަން ކަހަލަ ތަނަކަށް ގިނަ ބަޔަކު ވަޒީފާ އަށް ކުރިމަތިލީ މުސާރައިގެ އިތުރުން އިނާޔަތްތަކަށް ބަލާފައި ކަމަށް ވެދާނެ އެވެ. އެކަމަކު، ހަމައެކަނި ގޮނޑީގައި އިށީނދެ ތިބެގެން އަދާކުރެވޭ ފަދަ ވަޒީފާތަކަށް މީހުންގެ ޝައުގުވެރިކަން މާބޮޑަށް ނޯންނަ ކަމަށް އަންވަރު ވިދާޅުވި އެވެ.

"މިއިން އެގޭ އެއްޗަކީ ވަކި ކަހަލަ ވަޒީފާތަކެއްކަން މީހުން ބޭނުންވަނީ. ވަކި ކަހަލަ ކަންތައްތަކެއްކަން މީހުން ކުރަން ބޭނުންވަނީ. މިހެން ތިބެލައިގެން އެހެން ކުރާ ކަންކަން މަދުކަން އިނގެނީ،" ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ބޮޑީ ޑެސްކު ޖޮބުތަކަށް ކަމަށް ބާރު ލިބޭ ގޮތަށް އަންވަރު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް މިހާ ބޮޑަށް އިތުރުވުމުގެ ކުރިން ރާއްޖޭގެ ހާލަތު އޮތް ގޮތް ކިޔައިދެއްވަމުން އަންވަރު ވިދާޅުވީ "ޕޭ ސްކޭލް" އެ ދުވަސްވަރު އޮންނަ ގޮތުން މީހުން ޕްރައިވެޓް ސެކްޓާއާ ގުޅޭ ކަމަށާއި ޖޮބް ސެކިއުރިޓީ އަށް މީހުން ދަނީ ސަރުކާރުގެ އެކި އިދާރާތަކަށް ކަމަށެވެ. އެކަމަކު، ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމުގެ "ޓްރެންޑް" އާ އެކު ސިޔާސީ މަގާމުތައް އެތައް ގުނަކައަށް އިތުރުވެ، ވަޒީފާގެ ޔަގީންކަން ސަރުކާރުން ގެއްލިފައި ވުމަކީ ބައެެއް މީހުން ސަރުކާރުގެ މަގާމުތަކަށް ދާން މިހާރު ފަސްޖެހޭ ކަމެއް ކަމަށް އަންވަރު ދެކެވަޑައިގަންނަވަ އެވެ.

ޑރ. އަންވަރު، މީގެ ކުރިން "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- މިހާރު ފައިލް ފޮޓޯ

އެއީ ފަސް އަހަރުގެ ދައުރު ހަމަވުމުން، އަނެއްކާ ވެސް ވަޒީފާ ގެއްލުމުގެ ޓްރެންޑެއް އަތުވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އަންނާނެ އެ ޓްރެންޑް، ފަސް އަހަރު ވެގެން ދޫކޮށްލީމާ ދެން ކީއްހޭ އެ މީހުން ކުރާނީ. ދެން ވަކި ކުރާނެ ކަމެއް ނެތި އުޅެން ޖެހުމަކީ ވެސް އިޖުތިމާއީ މައްސަލައަކަށް ވާނީ."

އަންވަރު އެ ވިދާޅުވާ މައްސަލަ އަދި "ޓްރެންޑް" އަކަށް ނުވި ނަމަވެސް ކޮންމެ ވެރިކަމެއް ނިމޭ ތަނުން ވަޒީފާ ގެއްލި ޒުވާނުން މަގުމަތިވާން ފަށާފައިވާތާ ވެސް ކިތަންމެ ދުވަހެކެވެ. އެއީ ވެސް ދާއިމީ ވަޒީފާ ނުލިބި، ޒުވާނުން ސްޓޭބަލް ވުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ވަޒީފާ ހޯދަން މިހާ އުނދަގޫ ގައުމެއްގައި ސިޔާސީ ވަޒީފާތަކަށް ދެނީ މާ ބޮޑު އިސްކަމެކެވެ. އާދައިގެ ވަޒީފާތަކާއި ޕްރޮފެޝަނަލް ގިންތިތަކުގެ ވަޒީފާތައް ހޯދުން ހުރަހަކަށް ވުމުން ދެން އޮތް މަގަކީ އެ ޗޮއިސް ކަަމަށް ވުމަކީ ސިޔާސީ މަގާމުތައް އިތުރުވާ މައިގަނޑު ސަބަބު ކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކެ އއެވެ.

ޑިގްރީ އަށް ކިޔަވައިގެން ހުރި އަދި މިހާރު ވަޒީފާއެއް ހޯދަމުން އަންނަ ޒުވާނަކު ބުނިގޮތުގައި، މި ފަހުން ވެސް އޭނާ ވަޒީފާއަކަށް ކުރިމަތިލި އެވެ. އެކަމަކު އެއީ މާކުރިން "އެހެން މީހަކަށް ދީފައި" އޮތް ވަޒީފާއެއްކަން އެނގި ހުރެ ވެސް އެ މަގާމަށް ކުރިމަތިލީ ވަޒީފާއެއް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

އޭނާގެ ކަންބޮޑުވުމަކީ މަގާމަށް ޝަރުތު ހަމަވާއިރު ވެސް "ނުކިޔަވައި" ހުރި މީހަކަށް ބޮޑު މުސާރައެއް ލިބޭ އެ މަގާމު ލިބުމެވެ. އެހެންވެ، ވަޒީފާގެ މާހައުލަށް އޮތް ޝައުގުވެރިކަން ގެއްލިފައިވާ ކަމަށް ބުންޏެވެ.

އެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް އޮވެ އެވެ. މާމައްޗަށް ކިޔަވައިގެން ތިއްބަސް އެ މީހުންނަށް ފުރުސަތު ނުލިބި "އިހަށް ދުވަހު ސިޔާސީ ދާއިރާއަށް ފުންމާލާ" މީހާ އަށް ބޮޑެތި މަގާމުތައް ލިބުމަކީ މުޖުތަމައުގައި އޮތް ނުތަނަވަސް ކަމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިގްރީ އާއި އެ އަށް ވުރެ މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މީހުންގެ ހަތް ޕަސެންޓް އަދި މަތީ ސާނަވީ ފެންވަރުގެ ފަސް ޕަސެންޓަކީ ވަޒީފާ ނެތް މީހުންނެވެ.

ސިވިލް ސާވިސް ކޮންފަރެންސްގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކެރިއާ ގައިޑެންސް ވެސް ދެއްވާ ހުސައިން އަފީފުގެ ވެސް ވިދާޅުވަނީ ރާއްޖޭގައި ވަޒީފާ މަދެއް ނޫން ކަމަށެވެ.

އަފީފު ވިދާޅުވާ ގޮތުން ނަމަ އޭނާ މަސައްކަތް ކުރައްވާ ޓޫރިޒަމް ދާއިރާގައި ވަޒީފާ އެބަހުއްޓެވެ. ވަޒީފާ ނުލިބިގެން ކަމަށް ބުނެ އާމްދަނީ ހޯދަން ކަމެއް ނުކޮށް ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާ އެބަހުރި ރާއްޖޭގައި. ވަޒީފާ ވަރަށް ބައިވަރު އެބަހުރި،" ވަރަށް ޔަގީންކަމާ އެކު އަފީފު ވިދާޅުވި އެވެ.

ރާއްޖޭގެ ވަޒީފާ ޕޯޓަލް، "ޖޮބް މޯލްޑިވްސް" އަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި އެ ޕޯޓަލް އަށް ބަލާ ނަމަ މިވަގުތު ވެސް ސަތޭކައެއްހާ ވަޒީފާ އެބައޮތެވެ.

އަފީފު ވިދާޅުވީ އެހާ ވަރަށް ވަޒީފާ ހުއްޓަސް "ދިވެހިން ބޭނުންވާ ކަހަލަ ވަޒީފާ" ނެތީ ކަމަށެވެ. އޭނާ ވެސް އިޝާރާތް ކުރެއްވީ މާބޮޑަށް ލުއި ވަޒީފާތަކަށް ހޯދުމަށް ދިވެހިންގެ ހުރި ފޯރި އެވެ.

"ދިވެހިން ބޭނުން މި ވަނީ ކުޑަ ވަގުތުކޮޅަކު މަސައްކަތް ކޮށްލައިގެން، ނޫނީ އެހާ ޓަފް ގޮތަކަށް ނޫނީ އެހާ ކޮމްޕްލިކޭޓެޑް ވަޒީފާއެއް ބޭނުމެއް ނުވޭ. ދެން ފަސޭހަ ގޮތަކަށް ޑިއުޓީއަށް ގޮސްލާފައި އާދެވޭ ކަހަލަ ވަޒީފާއެއް މި ބޭނުންވަނީ،" ޒުވާނުން ވަޒީފާ އަށް ޝައުގުވެރިވާނެ ގިނަ ލެކްޗާތަކެއް ނަންގަވައި ދެއްވާފައިވާ އަފީފު ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި ވެސް ވަޒީފާ އެބަހުރި. ރާއްޖޭގެ އެހެން ތަންތަނުގައި ވެސް ވަޒީފާ އެބަހުރި."

ވަޒީފާ ހޯދަމުގެ ޝައުގުވެރިކަމެއް ނެތް

ތަޖުރިބާގެ އަލީގައި އަދި މުޖުތަމައުގެ އެކި ގިންތިތަކުގެ މީހުންނާ ކުރާ މުއާމަލާތްތަކަށް އިޝާރާތް ކުރައްވަމުން އަފީފު ވިދާޅުވީ، މައިގަނޑު އެއް މައްސަލައަކީ ވަޒީފާ ހޯދުމުގެ ޝައުގުވެރިކަން ވެސް ނެތީ ކަމަށެވެ. ވަކި ކަމެއް ވަކި ގޮތަކަށް ހިނގައިދާނެތީ ވަޒީފާއެއް ހޯދަން ބައެއް ޒުވާނުން ފަސް ވެސް ޖެހެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އިހަށް ދުވަހު ވެސް އެމްއެންޔޫ ކެރިއާ ކެއާގައި ހުއްޓާ ދިމާވި ކުއްޖެއް. އެ ކުއްޖާ އަޅުގަނޑު ކައިރި ބުނި ތިމަންނަ މިހާރު ކިޔަވައިގެން އައިސް ހުންނަތާ ވެއްޖެޔޭ ހަ މަސް. އޭނާ ބުނީ ވަޒީފާއަކަށް އެޕްލައި ނުކުރަމޭ. ކީއްވެހޭ އެހީމާ ބުނީ ވަޒީފާއަކަށް އެޕްލައި ކުރިޔަސް ލިބޭނެހެން ހީނުވާތީއޭ،" އެ ޒުވާނާގެ ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އަފީފު ވިދާޅުވި އެވެ.

އެއީ ވަޒީފާއެއް ނުލިބިގެން އަތްއުރާލައިގެން ހުރުން އެއީ ހަމަ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަވަމުން އަފީފު ހިއްސާކުރެއްވި ވާހަކަ އެވެ. ކިޔަވައި ނިންމައިގެން އައިސް ހަ މަސް ދުވަސްވެގެންދާއިރު ވަޒީފާއެއް ލިބޭތޯ ވެސް މަސައްކަތް ނުކުރުމަކީ އެކަމަށް ޝައުގުވެރިކަން އެއްވެސް ވަރަކަށް ނެތުން ކަމަށް ބެލެވޭނެ އެވެ.

އެކަމަކު އެ މުއްދަތުގައި އެއްވެސް ފައިސާއެއް ނުހޯދައި ހުރުމުގެ ބަދަލުގައި ކޮންމެވެސް ކުޑަ މަގާމެއް ލިބުނަސް އޭގެ ބޭނުން ހިފުމަކީ ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އަފީފު ދެކެވަޑައިގަންނަވަ އެވެ.

އެއް ފަހަރުން ވަޒީފާއަކަަށް ކުރިމަތިލައިގެން ކާމިޔާބު ނުވުމުން ދެވަނަ ފަހަރަށް ވެސް އެހެން ތަނަކަށް މަސައްކަތް ކުރަންވީ އެވެ. އެ ނޫން ގޮތަކަށް ވަޒީފާ ހޯދުމަކީ ރާއްޖޭގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުގައި ވެސް އޮތް ދައްޗެއް ކަމަށް އަފީފު ވިދާޅުވި އެވެ.

އަފީފްގެ ސެޝަނެއްގައި މައުލޫމާތު ދެއްވަނީ.

އަފީފް ވިދާޅުވި ގޮތުގައި މީގެ 15 އަހަރު ކުރިން އޭނާ އަށް ފުރަތަމަ ވަޒީފާ ލިބުނީ 57 ފަހަރު އެޕްލައި ކޮށްގެންނެވެ. އެކަމަކު އެ މުއްދަތުގައި ވެސް ވަޒީފާއެއް ނެތް ކަމަށް ވިދާޅުވެ، އަތްއުރާލައިގެން ހުންނެވުމުގެ ބަދަލުގައި އެކި ތަންތަނުގައި ކުދި ކުދި މަސައްކަތްތައް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ މިހާރުގެ ޒުވާނުންނަށް ބަލާއިރު އެއް ފަހަރު ވަޒީފާ އަށް އެދި ހުށަހަޅާފައި އެ ތަނަކުން ޚަބަރެއް ނުވުމުން ދެން އެކަމާ މާވަރަކުން ނޫޅޭ ކަމަށެވެ.

"މިސާލަކަށް އެއް ދުވަހު ވަޒީފާ އަށް އެޕްލައި ކުރީމަ ޖަވާބު ނުދީގެން މި ގިވްއަޕް ކުރަނީ. ރާއްޖޭގެ މާހައުލު ވަރަށް ތަފާތު. ހަގީގަތުގައި އެއް ވަޒީފާ ނުލިބުނަސް ދެވަަނަ ތަނަށް އެޕްލައި ކުރަން ޖެހޭނެ،" އަފީފު ވިދާޅުވި އެވެ.

"ވަޒީފާއަކީ ހޯދަން އުޅުނީމާ ލިބޭ އެއްޗެއް. އަދި ހަމަ އެއްފަހަރު އެޕްލައި ކުރިޔަސް ނުލިބިދާނެ. އަޅުގަނޑަކީ ވެސް 57 ފަހަރު އެޕްލައި ކޮށްގެން ފުރަތަމަ ވަޒީފާ ލިބުނު މީހެއް. އެއީ ބެޗްލާސް ޑިގްރީ ހަދައިގެން އައިސް. އެކަމަކު ކަމެއް ނުކޮށް ނުހުންނަން. ކުދިކުދި އެކި ކަންކަން ކުރިން."

ހައުސިން މިނިސްޓްރީ ކައިރިން މުވައްޒަފަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަފީފުގެ އަނެއް ކަންބޮޑުވުމަކީ ވަޒީފާ ހޯދާނެ ގޮތްތައް ޒުވާނުންނަށް އެނގިފައި ނެތުމެވެ. އޭގެ ސަބަބުން ވެސް އިތުރަށް ކުރިއަށް ދާނެ ގޮތް ނޭނގި ގޮތް ހުސްވެ އެވެ.

ސަރުކާރުގެ ސްކޫލުތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ކެރިއާ ގައިޑެންސެއް ނުދެވެ އެވެ. އެހެންވެ، ސްކޫލު ނިމޭއިރު ވެސް ކުދިން ތިބެނީ އޮޅުންބޮޅުމެއްގެ ތެރޭގަ އެވެ. ކިޔަވައިގެން ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ވަޒީފާ ނުލިބިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތަކާ ގުޅޭ ގޮތުން ކުދިން ހޭލުންތެރިކުރަން މަސައްކަތް ނުކުރެވުމަކީ ވަކި މަސައްކަތެއް ނޫނީ ނުކުރަން ތިބޭ ސަބަބަށް ވެދާނެ އެވެ.

"އަޅުގަނޑު ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް ވަޒީފާ ގެއްލުނީމާ ތިމާ ބޭނުންވާ ވަޒީފާ ނޫން ވީމާ ވަޒީފާއެއް ހޯދައިގެން، އެ ވަޒީފާއަކީ ބޭނުންވާ ކަހަލަ ވަޒީފާއަކަށް އަމިއްލަ އަށް ހަދަންޖެހޭނީ. އެއީ މި ޒަމާނުގައި ކަންކަން އޮންނަ ތަރުތީބަކީ،" އަފީފު ވިދާޅުވި އެވެ.

އަނެއް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރާއްޖޭގައި އެ ވަގުތެއްގައި ހުރި ވަޒީފާތައް އެއް ޕޯޓަލަކުން ފެންނާނެ ގޮތެއް ނެތުމެވެ. ޕްރައިވެޓް ސެކްޓާގެ ވަޒީފާތައް ހިމެނޭ "ޖޮބް މޯލްޑިވްސް" އާއި ސަރުކާރުގެ ޖޮބް ޕޯޓަލުގެ އިތުރުން ގެޒެޓުގައި ވެސް ދޭތެރެއަކުން ވަޒީފާގެ ފުރުސަތުތައް އިއުލާނު ކުރިޔަސް މި ހުރިހާ ވަޒީފާތަކެއް އެއްތަނަކުން ފެންނަން ހުންނަ ނަމަ ވަޒީފާ ހޯދާ މީހުންނަށް ވެސް ކުރިއަށް ދާންވީ މަގު ސާފުވާނެ އެވެ.

އިތުރަށް ގެނެވޭނީ ކޮން ހައްލެއް؟

ކޮންމެ އަހަރަކު ވެސް އެތައް ހާސް ދަރިވަރުންނެއް ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ގްރެޖުއޭޓް ވަމުން އަންނައިރު ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުކޮށްދޭން ޖެހެ އެވެ. މިކަމަށް ގެނެވޭނެ އެންމެ ބޮޑު ހައްލަކީ ރާއްޖޭގައި އެކި ދާއިރާތަކުން ހުނަރު ހުރި ފަރާތްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުން ކަމަށް ވިލާ ކޮލެޖުގެ ރެކްޓަރު އަންވަރު ވިދާޅުވި އެވެ.

މިސާލަކަށް މެޑިކަލް ދާއިރާއަކުން ކިޔަވައިގެން ހުރި މީހަކަށް ކްލިނިކް އެޅުމަށް ކުރާ އިންވެސްޓްމަންޓުގެ ސަބަބުން އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އެވެ. ނުވަތަ ހޮސްޕިޓަލިޓީ ދާއިރާއިން ކުރިއަށްދާ ބައެއް ނަމަ އެ މީހުންނަށް އެ ދާއިރާއިން ކުރެވޭނެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ ވަޒީފާގެ އިތުރު ފުރުސަތުތަކެއް އިތުރު ކޮށްދެވުން ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ އޮފީސްތައް ހުންނަ، ވެލާނާގެއަށް ބަޔަކު ވަންނަނީ.-- މިހާރު ފައިލް ފޮޓޯ

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވެސް ދިވެހިންގެ ތެރޭގައި ތިބި ހުނަރުވެރި މަސައްކަތްތެރިން ފެނުނު ކަމަށާއި އެ އިން ކޮންމެވެސް ބަޔަކަށް ކުރާ އިންވެސްޓްމަންޓަކީ ވެސް ރާއްޖޭގައި ވަޒީފާގެ ފުރުސަތަށް ހުޅުވޭނެ ދޮރުތަކެއްގެ ގޮތުގައި އަންވަރު ސިފަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންވެސްޓް ކުރާނެ ގޮތެއް ނެތިގެން މަސައްކަތް ނުފެށިފައި މީހުން ތިބޭ މަންޒަރު ފެނިވަޑައިގަންނަވަ އެވެ.

އަފީފް ދެއްވި ނަސޭހަތަކީ ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމެވެ. އެއީ ކިތަންމެ ދަށް މަގާމެއް ކަމުގައި ވިޔަސް ނުވަތަ ތިމާ އެންމެ ހިތް ނޭދޭ ދާއިރާ ކަމުގައި ވިޔަސް ވަޒީފާއެއް ނުލިބި ހުރުމުގެ ބަދަލުގައި އެ ވަޒީފާތަކާ އެކު ކުރިއަށް ދާ ނަމަ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދުތައް ދަށް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންވަރާއި އަފީފުގެ ވާހަކަތަކަށް ބަލާއިރު ވެސް ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެބަހުއްޓެވެ. މައްސަލައަކީ ވަކި ކަހަލަ ވަޒީފާތަކެއް ބޭނުންވުމާއި ވަޒީފާ ހޯދުމުގެ ކަންކަމަށް ހޭލުންތެރި ނުވުމާއި ރާއްޖޭގައި ކަންކަން ހިނގާ މަގަށް ބަލާއިރު ޝައުގުވެރިކަން ގެއްލޭ ގޮތަށް ކަންކަން ތަޖުރިބާ ކުރަން ޖެހިފައި ވުމެވެ. ފަސޭހަ ވަޒީފާތައް އިހުތިޔާރު ކުރުމެވެ.

39 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

04 June 2025

ތިއިން އެގުނު އެއްޗަކީ ދިވެހިންގެ ބޮޑު ބަޔަކީ ކޮންމެ ގޮތެއްވިޔަސް ފައިސާ ހޯދޭނެ ގޮތެއްއޮތްތޯ ބެލުމުގައިކަމަށް.

The name is already taken The name is available. Register?

އަޖުދަތު

04 June 2025

ހަދުމަފުޅު ބަހައްޓަވާ ވަޒީފާ އަދާކުރާ ގިނަ އިންސައްތައަކީ ކުރާހިއްވާ ވަޒީފާއެއްގައި އުޅޭ ބައެއް ނޫނުް. ކޮންމެވެސް ގޮތަކަށސް މަޖުބޫރުވެގެން ވަޒީފާގައި އުޅެނީ - ތައުލީމީ ބޮޑު އާބާދީ އެއް އެކުލެވޭ އިގްތިޞާދެއްގައި މިބައި ދާނީ ކުޑަވުމުން. މިއާރޓިކަލްގެ ބުނެފައިވާ ކަންކަމަކީ ރާއްޖޭގައި ކަންކަން ނިންމަން އިސްފަޑީގައި ތިބި ބޭފުޅުން ވިސްނާލަން ރަގަޅު ކަންކަން .ފުޅާދާއިރާއެއްގައި ވިސްނާން ވެއްޖެ ކަންކަން.

The name is already taken The name is available. Register?

އަޖުދަތު

04 June 2025

ވަރަށް ފުރިހަމަ އާރޓިކަލް އެއް - އަޅުގަޑަށް ހީވޭ މި 'ރިޕޯރޓް' ދިގުވުމުން ބައެއް ބޭފުޅުންނަށް ކިޔަން އުނދަގޫވެދާނެހެއް. ލޯންގް ފޯރމް ނުވަތ އޮޕީނިޔަން އާރޓިކަލް ގޮތުގައި މިފަދަ ރިޕޯރޓް ތަށް ޖެހުމުން ކިހާމީހުން ގިނަވުމަކީ އެކަށީގެންވެދާނެކަމެއް. އަންވަރު އަދި އަފީފުގެ ވިސްނުން ރަނގަޅު. އަޅުގަނޑަށް ހީވަނީ ރާއްޖޭގައިވެސް ދަރިން 'ކޮޑްލް' ކުުރުމު ސަގާފަތެއްގައި ބޮޑުކުރުމުން ކުދިންނަށް ހީވަނީ އަބަދުވެސް މައިން ބައިފައިން އެކުދިންނަށް އެހީވާނެކަމަށް ..

The name is already taken The name is available. Register?

މަހުޖަނުލް މަޖްލިސް

04 June 2025

ތިމަންޒަރުން ސާފުކޮށްދެނީ މިޤައުމުގެ ކިޔަވައިގެން ތިބި ޒުވާނުންގެ ބޭނުމެއްނެތްކަން. ފަސްޓް މޯލްޑިވިއަންސް ކިޔާފަ ބިދޭސީންނަށް ހުރިހާ ވަޒީފާތަކެއް. އެހެޔޮ ރިސޯޓްގެ ރަގަޅު ވަޒީފާއެއްވިޔަސް، ބޭރުމީހުނަށް އިސްކަންދެނީ މިޤައުމުގަ...މިޤައުމުގެ ވިޔަފާރިވެރިން މިތަން ހަލާކުކޮށްފި، ދިވެހިން ބާކީވެއްޖެ

The name is already taken The name is available. Register?

ކޯޓާ

04 June 2025

ބިދޭސީން ކޯޓާ އިން އެތައްބައިވަރު ލާރި ބޭބެއަށް ލިބެނީ. ދިވެހިން ވަޒީފާއަށް ވައްދަން ބޭބެ ބޭނުންނުވަނީ. ކޯޓާ ލާރި ބޭބެ އަށް ނުލިބެނީ. ސަކަރާތް.

The name is already taken The name is available. Register?

ހާސަރު

04 June 2025

ކިޔަވާ ނިމިގެން ވަޒީފާއެއް ލިބެނީ މާލޭ ސަރަހައްދުން އެހެންވީމަ ވާގޮތް މިއީ.

The name is already taken The name is available. Register?

ލޯމާފާން

04 June 2025

ބައިވަރު ސަބަބުތައް. ކޮލެޖް ޔުނިވަރސިޓީ ތަކުން ކިޔަވައި ދިނުމުގެ ނިޒާމު. ކުދިންގެ އެއްވެސް ސްކިލް އެއް ތަރައްގީ އެއް ނުވޭ. ވަޒީފާގެ ބާޒާރު، ޕްރައިވެޓް ސެކްޓަރ ބޭރުމީހުންނަށް އިސްކަން ދިނުން. މުސާރައިގެ އިޝޫޒް. އާންމު ދިރިއުޅުން، ވަޒީފާއަށް ސޮއި ކޮއްފަ ދަރިން ސްކޫލަށް ޓިއުޝަނަށް ގެންދަން ކުރާ ދަތުރުތައް. އޮފީސްގަ މުވައްޒަފަކު މަސައްކަތުގަ ހޭދަ ކުރަނީ ކިތައް ގަޑި އިރު؟ ކުންފުނިތަކުން ވަޒީފާ ބެހުން، މުވައްޒަފުން ބޭނުން ނުވިޔަސް. މިހަހަލަ ކިތައްމެ..

The name is already taken The name is available. Register?

އެނގޭނޭނގޭ

04 June 2025

ބައެއް މީހުން ބުނާގޮތުން ވަޒީފާ އޮންނަނީ މާކުރިން ހަމަޖެހިފައެވެ. ބައެއް ފަހަރަށް ތެދެކެވެ. ނަމަވެސް ބައެއް ފަހަރަށް ތެދެއް ނޫނެވެ. ވަޒީފާގެ އިންޓަރވިއު ކުރާ މީހެއްގެ ހައިސިއްޔަތުން ބުނާ ނަމަ ބުނެވޭނީ އޮއްޓަރެއް ހުރި މީހަކާ ދިމާވަނީ މަދު ފަހަރަކުއެވެ. ކިޔެވި އެއްޗެއް ފަހުމުވެފައި އެނގެނީވެސް ސަތޭއަކުން މީހަކަށެވެ. އެހެންވީމާ ސެޓްފިކެޓް އޮތަސް ވަޒީފާއަށް ނުހޮވެނީއެވެ. މިހާރު އޯވަ ކޮލިފައިޑްއޭ ސިވިލްސަރވިސްގައި ކިޔާ ކިޔުންވެސް ހުއްޓާލަން ޖެހެއެވެ.

The name is already taken The name is available. Register?

އަފުން

04 June 2025

ދިގު ކިޔުއިން ސާފުވި ހަގީގަތަކީ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ވަޒީފާ މިހާރުގެ ޒުވާނުން ބޭނުން ނުވާކަން. ބައެއް ތަންތަނުން ތަކުރާރުކޮށް ވަޒީފާއަށް އިއުލާނުކުރާއިރުވެސް ވަޒީފާއަށް ކުރިމަތިލާނެ ބަޔަކު ނުވޭ.

The name is already taken The name is available. Register?

ސާފުވެއްޖެ

04 June 2025

ސާފުވީ އެންމެ ކަމެކެވެ. ފަރުވާކުޑަކޮށް ކަންނެތްކަމާއެކު އުޅެވޭނޭ ވަޒީފާއަކަށް ދާން ތައްޔާރަށް ތިބި ކަމެވެ. ރިޝްވަތުގެ އަވާގައިޖެހި ފަސޭހައިން ފައިސާ ހޯދޭނޭ ތަންތަނަށް އޮތް ޝައުގުވެރިކަމުގެ ބޮޑުކަމެވެ.

The name is already taken The name is available. Register?

‫ބަލަ

04 June 2025

‫ޒުވާނުން ވަޒީފާ އަށް ނުދަނީ ވަޒީފާ ނުލިބޭތީއެއްނޫން. ހަކުރު ބުއިމާ މަޖާ ކުރުމުގަ އުޚެންވެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454