ޕީޕީއެމާއި ސަރުކާރުން މެންބަރުން "ހައިޖެކް" ކުރީތަ؟

މައިގަނޑު ތިން ކަމެއް ހަނދާނަށް ގެންނަވާށެވެ! ފުރަތަމަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ލިޔުމުގައި ސޮއިކުރެއްވި، ޕީޕީއެމްގެ މެމްބަރުން، އެ ޕާޓީން ވަކިވާން އެދިފައި ވަނިކޮށް، ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ މާއްދާތަކެއް މާނަ ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވުމެވެ.


ދެ ވަނަ ކަމަކީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ އަދި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އެތައް މަހެއް ކުރިން، ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރި ކަމަށް އަންގާފައިވާ ފަސް މެންބަރަކަށް، އެ ޕާޓީން އަދި ވަކިނުވާ ކަމަށް ބުނެ ޕާޓީގެ ފަރާތުން ސިޓީ ފޮނުވުމެވެ.

ތިން ވަނަ ކަމަކީ، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ 11 މެންބަރުންގެ ތެރެއިން 10 މެމްބަރަކު ޕާޓީން ވަކިވުމަށް ހުށަހެޅުމުން، އެ މެމްބަރުން ވެސް ޕާޓީން މި ވަގުތު ވަކިނުވާ ކަމަށް ބުނެ ޖަވާބު ދިނުމެވެ.

ވަކި ކުރިޔަސް އަދި ވަކިނުވެޔޯ!

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލައި އޭނާގެ މައްޗަށް ހަތް ކަމެއް ސާބިތުވެ ޕާޓީން ވަކިކުރަން ނިންމީ، މާޗް 25، 2017ގަ އެވެ. ސުލޫކީ ކޮމިޓީގެ އެ ނިންމުމަށް ބިނާކޮށް ވަހީދު، ޕީޕީއެމުން ވަކިކޮށް އޭނާ އަށް އެ ކަން ލިޔުމުން އެންގީ މާޗް 28، 2017ގަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވާ ގޮތުގައި ޕާޓީގެ މެމްބަރަކު ގަސްދުގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެ އެކަމުގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުމެއް ލިބިފައިވާ ނަމަ، މެމްބަރަކު ޕާޓީން ވަކި ކުރެވިދާނެ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ (3) ގައި ވެސް ބުނެފައިވަނީ މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅައި ވަކިކުރެވިދާނެ ކަމަށެވެ.

ސުލޫކީ ފިޔަވަޅެއް އަޅައިގެން ވަކިކުރާ މެމްބަރުންނަށް އަސާސީ ގަވާއިދުގައި މުއްދަތެއް ދީފައިވެ އެވެ؛ އެއީ މާލޭގައި އުޅޭ މީހެއް ނަމަ 15 ދުވަސް އަދި އެހެން ރަށެއްގައި އުޅޭ މީހެއް ނަމަ 30 ދުވަހުގެ ތެރޭގައި ސުލޫކީ ކޮމިޓީގެ ނިންމުން އިސްތިއުނާފް ކުރުމެވެ. ނަމަވެސް އެ މުއްދަތުގައި އެ މެންބަރަކު އެ މައްސަލައެއް އިސްތިއުނާފް ނުކޮށްފި ނަމަ، އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ.

ވައްޑެ ޕާޓީން ވަކިކޮށްފައިވަނީ، މާޗް 28، 2017ގައި ކަމަށްވެފައި އޭނާ އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާތީ، އެ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވާ ދުވަހުން ފެށިގެން އޭނާއަކީ އެ ޕާޓީގެ މެމްބަރެއް ނޫނެވެ.

ނަމަވެސް ވައްޑެ ޕާޓީން ވަކިކޮށް އޭނާ އަށް ލިޔުމުން އެކަން އެންގިތާ، ތިން މަހާއި 14 ދުވަސް ފަހުން ޖުލައި 12، 2017 ގައި ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއިކުރައްވައި ފޮނުއްވި ސީޓީގައިވާ ގޮތުން ވައްޑެ އަދި ޕާޓީން ވަތްކެއް ނުވެ އެވެ. އެ ސިޓީގައި ބުނެފައިވަނީ، ވައްޑެ ޕީޕީއެމުން ވަކިކުރުމަށް "ސުލޫކީ ކޮމިޓީން އަޅާފައިވާ ފިޔަވަޅު އިތުރަށް ދިރާސާކޮށް އިންސާފު ކަށަވަރު ކުރުމަށްޓަކައި މި ޕާޓީގެ އިސްތިއުނާފް ކޮމިޓީ އަށް އަލުން އެ މައްސަލަ ހުށަހެޅިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ."

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ، ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރަން ނިންމި މެމްބަރުންގެ ތެރެއިން މިހާތަނަށް ވަކިވެފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ކަމަށެވެ. އެއީ އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވުމުން، ޕާޓީގެ ގުނަވަންތަކުން އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނެތީމަ އެވެ. ނަމަވެސް ދެން ތިއްބެވި މެމްބަރުން ސުލޫކީ ކޮމިޓީގެ ނިންމުން އިސްތިއުނާފް ނުކުރުމުން، ޕާޓީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ އެ މެމްބަރުން އަދި ޕާޓީން ވަކިނުވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

ވައްޑެއާ އެއްފަދައިން ސުލޫކީ ފިޔަވަޅު އަޅައި ޕީޕީއެމުން ވަކިކޮށްފައިވާ އެހެން ބައެއް މެންބަރުންނަށް ވެސް ވަނީ އެގޮތަށް އަންގައިފަ އެވެ. ޕީޕީއެމުން ކުރަން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

ޕާޓީން އަމިއްލަ އަށް ވަތްކެއް ނުވެވޭތަ؟

ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމާއި ވަކިވުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމަކާއި ހައްގެއްމެ އެވެ. އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެމީހެއްގެ އަމިއްލަ ރުހުމުގައި ކުރަން އޮންނަ ކަމެކެވެ. ސިޔާސީ ޕާޓީތަކުގައި މީހުން ގަދަކަމުން ގެންގުޅުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ ކަމެއް ނޫނެވެ.

ދެން އޮތީ ސިޔާސީ ޕާޓީގެ ގާނޫނެވެ. އެ ގާނޫނުގައި ވެސް، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ވަކިވުމަކީ، އެ މީހެއްގެ އަމިއްލަ މިނިވަންކަމެކެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެމްބަރުކަމުން ވަކިވެވިދާނެ ކަމަށެވެ.

މިހާރު މައްސަލަ ޖެހިގެން އުޅޭ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް އޮތީ ހަމަ މިފަދަ މިނިވަންކަމެކެވެ. އެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބުނަނީ، ޕާޓީގެ މެމްބަރަކު ވަކިވާން އެދިއްޖެ ނަމަ އެމީހަކު ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

އެހެންކަމުން، ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބެލުމުން އެނގެނީ، މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވާން އެދި ހުށަހެޅުމުން އެމީހަކު އެ ޕާޓީއަކުން ވަކިވީ ކަމެވެ. ޕާޓީން ވަކިވާން ހުށަހެޅުމުން، އެމީހަކު ޕާޓީން ވަކިވާނީ، ވަކިކޮށްފި ކަމަށް ޕާޓީން ނިންމުމުން ކަމަށް ނުވަތަ ވަކިކޮށްފި ކަމަށް އެމީހަކަށް އެންގީމާ ކަމަކަށް ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ނުބުނެ އެވެ. އެއަށް ވުރެ އެކަމުގައި ދީފައިވާ މިނިވަންކަން ބޮޑެވެ.

މެންބަރުންގެ ނާޖާއިޒު ފައިދާ ނަގަނީތަ؟

ވައްޑެ އާއި އެ ނޫން ބައެއް މެމްބަރުން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމުން މިހާތަނަށް ވެސް ގެންދެވީ އެ މެމްބަރުންގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް އެ މެންބަރުން ތުހުމަތު ކުރައްވަ އެވެ. މަޖިލީހުގައި އަދިވެސް އެ މެމްބަރުން ގުނަނީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގަ އެވެ. ބޭނުމަކީ ކޮބައި ހެއްޔެވެ؟

"ހަމަ ނާޖާއިޒު ފައިދާ ނަގަން ވެގެން، ވައްޑެމެންނަށް ލިބޭ ވަގުތުގެ ހައްގުގެ މައްޗަށް އަރައިގަނެގެން އަނިޔާވެރި ވުމަށްޓަކައި ކުރާ ކަމެއް އެއީ. ވަގުތުތައް ދުއްވައިލުން ދެ ވަނަ އިތުރު އެއްވެސް ކަމެއް ނެތް. ހަމަ ގަސްދުގައި ވައްޑެމެންގެ މައްޗަށް އަނިޔާވެރިވުމަށްޓަކައި ކުރާ ކަންތައްތަކެއް. ޕީޕީއެމުން ކަނޑާލާފައި އޮތް ކަން އެބަ އެނގޭތާ ވަރަށް ރީއްޗަށް،" ވައްޑެ ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަން ލިބޭ ވަގުތާއި، ކޮމިޓީތަކުގައި ޕާޓީތަކުގެ މެމްބަރުން ހިމެނޭ އަދަދު ބިނާވެފައި ވަނީ، މަޖިލީހުގައި އެ ޕާޓީއެއްގެ މެމްބަރުން ތިބި އަދަދެއްގެ މައްޗަށެވެ. ގިނަ މެމްބަރުން ތިބި ނަމަ މަޖިލީހުގެ ބަހުސް ކުރަން އެ ޕާޓީއަކަށް ލިބޭ ވަގުތު ގިނަވާނެ އެވެ. އަދި ކޮމިޓީތަކުން އެ ޕާޓީއަކަށް ލިބޭ ޖާގަ ވެސް އިތުރުވާނެ އެވެ.

ވަކިކޮށްފައި ތިއްބަސް މަޖިލީހުގެ ރިއާސަތުން އެ މެމްބަރުން ބަލަނީ ޕާޓީގެ މެމްބަރުންގެ ގޮތުގަ އެވެ. އެހެންކަމުން ޕީޖީ ލީޑަރު ފުރުސަތެއް ދެއްވިއްޔާ ނޫނީ ގިނަ ފަހަރަށް އެ މެންބަރުންނަށް ބަހުސް ކުރާނެ ފުރުސަތެއް ނުލިބެ އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކު އެ ޕާޓީއަކުން ވަކިވި ކަމަށް ވާނީ، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އެ މެމްބަރެއްގެ ނަން އުނިކޮށް ރައްޔިތުންގެ މަޖިލީހަށް އެންގުމުންނެވެ.

ވައްޑެ ވިދާޅުވީ އޭނާ ޕާޓީން ވަކިވިކަން ރަސްމީކޮށް އޭނާ އަށާއި އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ލިޔުމުން އަންގާފައިވާ އިރު ވެސް، ޕާޓީން ވަކިނުވާ ކަމަށް ބުނެ މިހާރު ކުރަން އުޅެނީ ކޮން ކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ވައްޑެ ވިދާޅުވެފައިވަނީ އޭނާ ޕާޓީން ވަކިކުރި ކަމަށް އަންގައި 28 މާޗްގައި އޭނާ އަށް ފޮނުވި ސިޓީގެ ކޮޕީއެއް، ޕީޕީއެމުން އީމެއިލްގެ ޒަރީއާ އިން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަން އެ ކޮމިޝަނުން ވަނީ އޭނާ އަށް ޔަގީންކޮށްދީފަ އެވެ. އެހެންކަމުން އޭނާ ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

މެންބަރުން ތަޅު އަޅުވާފައި!

ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއި، ސުލޫކީ ފިޔަވަޅު އަޅައި ޕީޕީއެމުން ވަކިކުރި މެމްބަރުންނާއި އަމިއްލަ އަށް ވަކިވި މެމްބަރުން، ވަކިނުވާ ކަމަށް ބުނެ ހިފެހެއްޓުމުގައި ވަރަށް ބޮޑެތި ގުޅުންތަކެއް އެބަހުއްޓެވެ.

މި ދެންނެވި ދެ ގޮތަށް ޕާޓީން ވަކިވެފައިވާ މެމްބަރުން ވެސް ޕާޓީން ވަކިވީ، ސުޕްރީމް ކޯޓުން ހުކުމް އިއްވުމުގެ ކުރިންނެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި އެ ހުކުމްގައިވާ ކަންތައް ހިނގާނީ، އެ ހުކުމް އިއްވާ ދުވަހުން ފެށިގެން ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ މެމްބަރުންގެ މައްޗަށެވެ. އެއީ ޕާޓީން ވަކިވެފައިވާ ކަމަށް އެ ކޮމިޝަނުން އެންގުމާ އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވެސް އެ މެމްބަރަކު ވަކިވުމެވެ.

އޭގެ ނަތީޖާއަކަށް ވާނީ، ސުޕްރީމް ކޯޓުގެ ހުކުމްގައި އެ ހުރިހާ މެމްބަރުން ތާށިވުމެވެ. އެކަން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ދެއްކެވި ވާހަކަ އިން ދޭހަވެ އެވެ. ޓީވީއެމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕާޓީން ވަކިވި މެމްބަރުން ވެސް އަލުން ޕާޓީ އަށް ވަޑައިގަންނަވަން ގޮވައިލައްވާ ކަމަށާއި އެހެން ނޫން ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލިދާނެ ކަމަށެވެ.

އޭނާގެ ވާހަކައިން އެނގެނީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕާޓީން ވަކިވި މެމްބަރުން ޕާޓީއާ އަލުން ގުޅި މަސީހާ އެއްކޮޅަށް ވޯޓު ދެއްވައިފި ނަމަ، އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާނެ ކަމެވެ. އަދި މަސީހާ ދެކޮޅަށް ވޯޓު ދެއްވައިފި ނަމަ، އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ މެމްބަރުން މަޖިލީހުގެ މެންބަރުކަމުން ވެސް ވަކިކުރާނެ ކަމެވެ.

ނަމަވެސް ސުވާލަކީ، ޕާޓީން ވަކިކުރުމަކީ ނުވަތަ ޕާޓީން ވަކިވުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލު ވުމަކީ ރާއްޖޭގެ ޕާޓީ ނިޒާމު ދަންނަ މަފްހޫމެއް ހެއްޔެވެ؟ އެ މީހަކު މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވުމާ މެދު ގާނޫނުތައް ބުނަނީ ކީކޭ ހެއްޔެވެ؟

ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ.

މި ގާނޫނަށް އަމަލުކުރާހާ ހިނދަކު، އަދި އެ ގާނޫނުގެ އެ މާއްދާގެ ގާނޫނީ ހައިސިއްޔަތު ނުގެއްލޭހާ ހިނދަކު، ޕީޕީއެމުން ސުލޫކީ ފިޔަވަޅު އަޅައި ވަކިކޮށްފައިވާ މެމްބަރުން، އެ ޕާޓީން ވަކިވި ކަމުގައި ވިޔަސް އޭނާ މަޖިލީހުގެ މެމްބަރުކަމުގައި ދެމިހުންނާނެ ކަން ވަރަށް ސާފެވެ.

އޭގެ އިތުރުން ވެސް ސިޔާސީ ޕާޓީގައި ކަނޑައަޅާފައިވާ މަފްހޫމަކީ، ގާނޫނުއަސާސީގައި ބަޔާންކުރާ އިންތިޚާބީ މަގާމަކަށް އިންތިޚާބުވެފައިވާ މީހަކު، އޭނާ އިންތިހާބުވި ޕާޓީން ވަކިވިޔަސް، އޭނާ އިންތިހާބުވި މަގާމުން ވަކި ނުވުމެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއް އުވުމުން ނުވަތަ އުވައިލުމުން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާނެ އެވެ. އެއާ ވިދިގެން ދެން ބުނެފައި އޮތީ، ޕާޓީ އުވިދިޔަ ކަމުގައި ވިޔަސް، ގާނޫނުއަސާސީގެ ދަށުން ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ގޮނޑިއެއް ކާމިޔާބު ކޮށްފައިވާ ނަމަ، އޭނާ އެ އިންތިޚާބުވި މަގާމުގެ މުއްދަތަށް އޭނާ އެ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

މި މާއްދާގެ ގާނޫނީ ބޭނުމަކަށް ވަނީ، ޕާޓީއެއްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނުވަތަ ނައިބު ރައީސްގެ މަގާމަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކައުންސިލަކަށް އިންތިޚާބުވެފައިވާ ނަމަ، އޭނާ އަށް ޓިކެޓް ދިން ޕާޓީ ގާނޫނީ ގޮތުން އުވިދިޔަ ކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުން ވަކި ނުކޮށް އެ މަގާމުގައި ދެމެހެއްޓުމެވެ.

ގާނޫނުގައިވާ ގޮތުން، ސުލޫކީ ފިޔަވަޅު އަޅައި ޕާޓީން ވަކިކުރާ މެންބަރުން ވެސް އެ މީހަކު އިންތިހާބުވި މަގާމުގައި ދެމިހުންނާނެ އެވެ. ވީއިރު، ސުލޫކީ މައްސަލައެއް ނެތި، އަމިއްލަ އަށް އެ ޕާޓީއެއް ދޫކޮށްލުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން، އެއީ ކުށެއް ކަމަށް ބަލައި، މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ޕާޓީން ވަކިކުރުމުންނާއި ޕާޓީ އުވިދިޔުމުން ވެސް، އިންތިހާބުވި މަގާމުން ވަކިނުވާނެ ކަމަށް ގާނޫނުގައި މިހާ ސާފުކޮށް ބުނެފައިވާ އިރު، ފްލޯ ކޮރިސިންއަކީ ރާއްޖޭގެ ސިޔާސީ ގާނޫނީ ނިޒާމުގައި އެއްގޮތަކަށް ވެސް ނެތް މަފްހޫމެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ، ޕާޓީން ވަކިކުރުމުން އޭނާ މަޖިލީހުގެ މެމްބަރުކަމުގައި ދެމިހުރުމަށް ގާނޫނުން ފުރުސަތު ދީފައި އޮތުމަކީ، ފްލޯ ކްރޮސިން އަށް (ކޮޅު ބަދަލު ކުރުމަށް) ޖާގަ ދީފައިވާ ކަމުގެ ހެއްކެކެވެ. އަދި އޭނާ އިންތިހާބުވި ޕާޓީގެ ފިކުރު ނޫން އެހެން ފިކުރެއްގެ ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރުމަށް ދީފައި އޮތް ގާނޫނީ ހައްލެކެވެ.