ރިލްވާން ގެއްލުވައިލި މައްސަލައިގެ އެންމެ މުހިންމު ހެއްކަކީ އިސްތައްޓެއް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. އޭނާ އަށް ވީގޮތެއް ހޯދަން އެކި ގޮތްގޮތުން ވެސް ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ. ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު އަލިމަގެއް ފެންނަ ވަރުގެ މައުލޫމާތެއް ތަހުގީގަށް މިހާތަނަށް ހޯދުނު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މިހާތަނަށް ހާމަކޮށްފައިވާ ހެކިތަކަށް ބަލާއިރު އެންމެ މުހިންމު އަދި އެންމެ ގިނަ ކަންކަމާ ގުޅެނީ މައްސަލާގައި ހިމެނޭ ކާރުން ފެނުނު އިސްތައްޓަކުން ލިބުނު ޑީއެންއޭ އެވެ.


އޮގަސްޓް، 2014 ގައި ހުޅުމާލޭގައި ރިލްވާން ގެއްލުނު މައްސަލާގައި، އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. އޭގެ ތެރެއިން އެކަކު ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން އަނބުރާ ފޮނުވާލިޔަސް، ދެން ތިބި ދެ މީހުންގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ. މިހާރު ކުރިއަށް ދަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ ޝަރީއަތެވެ.

ގިނަ މީހުންނަށް ފާހަގަ ނުވެ އޮތްކަމުގައި ވިޔަސް، މިއީ ވަރަށް ތަފާތު މައްސަލަ އެކެވެ. އެ މައްސަލަ ޚާއްސަ ވަނީ އެއީ ރިލްވާނާ ގުޅޭ މައްސަލަ އަކަށް ވާތީ އެކަންޏެއް ނޫނެވެ. އެންމެ ޚާއްސަވާ ކަމަކީ އެ މައްސަލާގައި އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުން ކުރަނީ އިސްތަށްޓަކުން ލިބުނު ޑީއެންއޭ ކަމަށް ވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި މުޅި އެ މައްސަލަ ބިނާކޮށްފައި އޮތީ ވެސް މި ބުނާ ޑީއެންއޭ އަށެވެ. އެއީ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަކަން ސާބިތުކޮށްދޭން މުހިންމު ހެއްކެކެވެ.

ރިލްވާންގެ އެކުވެރިޔާ ޔާމީން މަރާލުމުން، އޭނާގެ ހަނދާނުގައި ބޭއްވި އެއްވުމެއްގައި ރިލްވާންގެ މަންމަ ބައިވެރިވަނީ. -- ފޮޓޯ/ ޝާރި

އެ އަށް ވުރެ ބޮޑަށް މި މައްސަލަ ފާހަގަ ކޮށްލެވެނީ، މުޅި އެ މައްސަލަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި އޮތީ ކާރަކުން ފެނުނު އިސްތަށްޓަކުން ލިބުނު ޑީއެންއޭއެއްގެ މައްޗަށް ކަމަށް ވާތީ އެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި މި ކާރަކީ ދައުވާ ލިބޭ އާލިފް ރައޫފް ގެންގުޅުނު ރަތް ކުލައިގެ ކާރެކެވެ. އެ ކާރުގެ ކާޕެޓް މަތިން ފެނުނު އިސްތަށިން ލިބުނު ޑީއެންއޭ ދިމާވީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ އެވެ.

އެކަމަށް އިތުރަށް ބާރު ދިނުމުގެ ގޮތުން އިތުރު ޑީއެންއޭ އެއް ވެސް ދައުލަތުން އެ މައްސަލާގައި ބޭނުން ކުރެ އެވެ. އެއީ ރިލްވާން ދިރިއުޅުނު ފްލެޓުގައި އޮތް ބުރުހަކުން ފެނުނު އިސްތަށްޓަކުން ލިބުނު ޑީއެންއޭ އެވެ. އެ އިސްތަށިން ލިބުނު ޑީއެންއޭ ވެސް ދިމާވަނީ ރިލްވާންގެ މަންމައާ އެވެ. އެކަމަކު އޭނާގެ މަންމަ ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި އާލިފްގެ ކާރަށް ދުވަހަކު ވެސް އަރާފައެއް ނުވާނެ އެވެ. އަދި ރިލްވާން ދިރިއުޅުނު ފްލެޓަށް ވެސް ގޮސްފައެއް ނުވާނެ އެވެ.

ރިލްވާންގެ މަންމަ އެ ކާރަށް ނާރާ ނަމަ އަދި ރިލްވާން ދިރިއުޅުނު ފްލެޓަށް ނުދާ ނަމަ، އިސްތަށިން ލިބުނު ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވަނީ ކިިހިނެއްތޯ މިއީ އުފެދިދާނެ ސުވާލެކެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ޑީއެންއޭ ސީދާ ރިލްވާނާ ދިމާވާ ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވެން އޮންނާނީ ރިލްވާން ހަށިގަނޑުން ސާމްޕަލް ނަގައިގެންނެވެ. އެކަމަކު އޭނާ އަށް ވީ ގޮތެއް އަދިވެސް ހޯދިފައި ނެތުމުން، އެއީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫނެވެ. ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ދައުލަތުން ބުނަނީ އެ ސަބަބާ ހެދި އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ދައުލަތުން ބޭނުން ވަނީ އެ ކާރުން އަދި ފްލެޓުން ފެނުނީ ވެސް ރިލްވާންގެ ޑީއެންއޭކަން ސާބިތުކޮށް ދިނުމެވެ.

މި ބުނާ ދެ ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށްޓަކައި، ރިލްވާންގެ މަންމަ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުގެ އިތުރުން އޭނާގެ އާއިލާގެ އިތުރު އަށް މެމްބަރަކު ވެސް ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައި، ހެކިބަސް ނަގައިފަ އެވެ. އެ އެންމެން ވެސް ބުނެފައި ވަނީ ދައުވާގައި ބުނާ ކާރަށް އެ މީހުން ދުވަހަކު ވެސް އަރާފައި ނުވާނެ ކަމަށާއި ރިލްވާން ދިރިއުޅުނު ފްލެޓަށް ވެސް އެ މީހުން ނުދާ ކަމަށެވެ. އެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބެލެވެނީ ކާރުން އަދި ފްލެޓުން ފެނުނު އިސްތަށީގެ ޑީއެންއޭ ރިލްވާން ފިޔަވައި، އެ އާއިލާގެ އިތުރު މީހަކާ ދިމާވުމުގެ ފުރުސަތެއް ނެތްކަން ސާބިތުކޮށް ދިނުމެވެ؛ ކާރަށް އެރުވީ ރިލްވާން ކަން ސާބިތުކޮށްދިނުމެވެ.

ރިލްވާން

ޑީއެންއޭ އާއި އެ އަށް ބާރު ދޭ ހެކިންގެ ގޮތުގައި ރިލްވާންގެ އާއިލާގެ މެމްބަރުން ހުށަހެޅުމުގެ އިތުރުން، އިތުރު ގިނަ އަދަދެއްގެ މީހުން ވެސް ހެކިންގެ ގޮތުގައި އޮތީ ހުށަހަޅައިފަ އެވެ. އެގޮތުން ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި ކަމާއި އެ ހާދިސާގެ ކުރިން އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަމާއި އަދި އެ ހާދިސާގެ ފަހުން އާލިފްގެ ކާރު މާލެ ގެނައިކަން ސާބިތުކުރަން ހުށަހެޅި މީހުން ހިމެނެ އެވެ.

ޑީއެންއޭގެ އިތުރުން ރިލްވާންގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް، ހުށަހަޅާފައިވާ ހެކިންގެ ލިސްޓު 29 އަށް އަރަ އެވެ. އެކަމަކު ދައުވާ ލިބޭ އާލިފްގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ނުވަތަ އެކަން އެނގޭ މީހަކު އޭގެ ތެރޭގައެއް ނެތެވެ. އެހެންވެ، އާލިފާއި ނޫރައްދީންގެ ވަކީލް ވެސް ޝަރީއަތުގައި އެކަމާ މެދު ސުވާލު އުފެއްދި އެވެ. އެކަމަށް ދައުލަތުން ދޭ ޖަވާބަކީ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމޭއިރު، ދައުލަތުން ސާބިތު ކޮށްދޭން ބޭނުންވާ ކަންކަން ސާބިތު ކުރެވޭނެ ކަމަށެވެ. ހުރިހާ ހެކިންގެ ހެކިބަސް ނަގަން ދައުލަތުން އެދުމުން އެ ގޮތަށް ކޯޓުން ވެސް އޮތީ ނިންމައިފަ އެވެ.

ދައުލަތުން ހެކިން ހުށަހެޅި ސަބަބުތަކަށް ބަލާއިރު، ދައުލަތުން މަސައްކަތް ކުރަނީ ޑީއެންއޭގެ އިތުރުން އެކި މީހުންގެ ހެކިބަހުން ތަފާތު އެކިއެކި ކަންކަން ސާބިތު ކޮށްދީގެން އެ މައްސަލަ ކާމިޔާބު ކުރުމަށް ކަން އެނގެ އެވެ. މިސާލަކަށް، ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނުނު މީހުން ދައުލަތުން ހުށަހެޅި އެންމެ ބޮޑު އެއް ބޭނުމަކީ ގަދަކަމުން މީހަކު އެރުވީ ރަތް ކުލައިގެ ކާރަކަށް ކަން ސާބިތު ކޮށްދިނުމަށެވެ. މިގޮތަށް އެކި މީހުންގެ ބަހުން އެކި ކަންކަން ސާބިތު ކުރަމުން ގޮސް، ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމޭއިރު، ދައުވާ ސާބިތު ކޮށްދެވޭނެ ކަމަށް ދައުލަތުން ދެކެ އެވެ.

ކުރިން ވެސް ފާހަގަކުރިހެން، އެންމެ މުހިންމު ހެއްކަކީ ޑީއެންއޭ އެވެ. މައްސަލައިގެ ހުރިހާ ހެއްކެއް ގޮސް ގުޅެނީ ކާރުން ފެނުނު އިސްތައްޓާ އެވެ.