ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދިނުުގެ ބަހުސް

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަންދޫބުން ކަމަށް ވާތީ، ރައްޔިތުން މަޖިލިހުގެ މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަން ނުވަތަ ޚާއްސަ އިމްތިޔާޒްތަކެއް އޮވެ އެވެ. މެމްބަރަކު މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން ދައުވާއެއް ނުކުރެވޭނެ އެވެ. ކުށެއް ކުރަނިކޮށް ފެންނަ ހާލަތުގައި ނޫނީ މެމްބަރަކު ހައްޔަރު ކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކޯޓު އަމުރެއް ހޯދަން ޖެހެ އެވެ.


އެކަހަލަ އިމްތިޔާޒްތަކުގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުގައި ހުންނަ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމުގެ ފުރުސަތު އޮވެ އެވެ. މި އިމްތިޔާޒް ބަޔާން ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގަ އެވެ. ކުށުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި ބައެއް މެމްބަރުން، އެ އިމްތިޔާޒުގެ ދަށުން، މަޖިލީހަށް ހާޒިރުކުރި އެވެ. އެކަމަކު މި ސަރުކާރުގައި އެކަން އޮތީ އެހެންނެއް ނޫނެވެ.

މިހާރު އެކަން ވެސް ވެފައި ވަނީ ގާނޫނީ ބަހުސަކަށެވެ. މި ބަހުސް މިފަހަރު އައީ ދާދި ފަހުން މަޖިލީހުން ފާސްކުރި ބޮޑު ދެ ބިލަކާ ގުޅިގެން އިދިކޮޅު ތިން މެމްބަރެއްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރޭގަ އެވެ. އެ ދެ ބިލް ފާސްކުރީ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި އިދިކޮޅު ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ނުދީ ކަމަށް ވާތީ އެ ދެ ބިލް ބާތިލްކުރަން އެ ތިން ބޭފުޅުންގެ ފަރާތުން ހުށަހެޅުއްވީ އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ ކުށުގެ ތުހުމަތުގައި ތިބި މެމްބަރުން މަޖިލީހަށް މިހާރު ހާޒިރު ކޮށްދޭން ނުޖެހޭ ކަމަށެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބާރު މިހާރު ވަނީ ކެނޑިފަ އެވެ. ސަބަބަކީ ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށް އޮތް މާއްދާ ހަދަން ބާރު ލިބުނު ގާނޫނުގެ 16 ވަނަ މާއްދާ ސުޕްރީމް ކޯޓުން 2013 ގައި ބާތިލްކުރުމެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒް ގާނޫނުގެ 16 މާއްދާ ސުޕްރީމް ކޯޓުން ބާތިލްކުރުމުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ވެސް ބާތިލްވެފައިވާ ކަމަށް ދައުލަތުން ގަބޫލުކުރެ އެވެ. ދައުލަތުން އެ ހަވާލާދޭ ސުޕްރީމް ކޯޓުގެ ހުކުމް އައީ އިމްތިޔާޒް ގާނޫނުގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ ފަރާތުން 2013 ގައި ހުށަހެޅި މައްސަލައެއްގަ އެވެ.

އިމްތިޔާޒް ގާނޫނުގެ 16 މާއްދާގައި އޭރު އޮތީ "މަދަނީ ނުވަތަ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރުމުގެ މަރުހަލާގައި މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ނަމަ، ހައްޔަރު ކޮށްފައިވާ ފަރާތަކުން އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރު ކޮށްދޭން ވާނެ އެވެ،" މިހެންނެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމުގައި އިމްތިޔާޒް ގާނޫނުގެ އެ މާއްދާ ބާތިލް ކުރިޔަސް، މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ދިނުމާ ގުޅޭ ގޮތުން އޮންނަ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ބާތިލް ކަމަށް ކޯޓަކުން މިހާތަނަށް ކަނޑައަޅާފައެއް ނެތެވެ. އެހެންވީއިރު، މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ ދަށުން މެމްބަރުން ހާޒިރު ކޮށްދޭން ނުޖެހޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބެނީ ދޮގު ތުހުމަތުތަކެއްގެ ސަބަބުން ވާޖިބަށް ހުރަަސް އެޅިޔަ ނުދޭން -- ފޮޓޯ/މަޖިލިސް

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބަލާއިރު، އެ ގާނޫނުގެ 16 ވަނަ މާއްދާއާ ގުޅޭ ގޮތުން މައިގަނޑު ގޮތެއްގައި ދެ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެއް ކަމަކީ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުން ދާ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު މެމްބަރުންނަށް ދިނުމަކީ މެމްބަރުންނަށް އޮންނަ އިމްތިޔާޒްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމެވެ. ދެވަނަ ކަމަކީ ކުށުގެ ވެށިން މެމްބަރަކު ހައްޔަރު ކުރެވޭ ހާލަތަކީ ވެސް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ދެވޭނެ ހާލަތެއް ނޫން ކަމެވެ.

އެކަމަކު އިމްތިޔާޒް ގާނޫނުގެ އެ މާއްދާ އޭރު ގާނޫނުގައި ލިޔެފައި އޮތީ އެއްވެސް އިސްތިސްނާއެއް ނެތް ގޮތަށް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ހުރިހާ މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށެވެ. މާނައަކީ މެމްބަރަކު ހައްޔަރުކުރީ ކުށުގެ ވެށިން ނުވަތަ ރެޑް ހޭންޑްކޮށް ކަމަށް ވިޔަސް މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހުމެވެ. އެހެންވެ، އެ މާއްދާ ބާތިލް ކުރުމުގައި ސުޕްރީމް ކޯޓުން އޭރު ފާހަގަކުރި އެއް ކަމަކީ ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުން ވެސް ހިމެނޭ ގޮތަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު އެ މާއްދާގައި ދީފައި އޮތުމެވެ.

"ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވިފައިވަނީ ޖަރީމާގެ ވެށިން ކުށް ކުރަނިކޮށް ކަމުގައިވާ ނަމަ، އެއީ އެ މެމްބަރަކަށް ޕާލިމެންޓްރީ އިމިއުނިޓީއެއް ނުވަތަ އިމްތިޔާޒެއް ހައްގުވާ ހާލަތެއް ނޫންކަން އެނގެން އޮންނައިރު، އެފަދަ ހާލަތްތައް ވެސް ޝާމިލްވާ ގޮތަށް މުތުލަގު ގޮތަކަށް، ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި ހައްޔަރުކުރެވޭ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ވާނެ ކަމަށް އޮންނަ އޮތުމުގެ ދުސްތޫރީ އަސާސެއް ނެތް" ކަމަށް އެ ހުކުމުގައިވެ އެވެ.

ދެން އޮތީ މަޖިލީހުގެ ގަވާއިދެވެ. ގަވާއިދުގެ 205 ވަނަ މާއްދާ އޮންނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައިވާ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމުގެ ހައްގު އެ މެމްބަރަށް ލިބިގެންވާ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނާއި އެ ނޫން ގޮތަށް ހައްޔަރުކުރެވޭ މެމްބަރުން އެ ގަވާއިދުގައި ތަފާތު ކޮށްފައެއް ނެތެވެ. އަދި އެ ހުކުމަށް ފަހު ވެސް މަޖިލީހުން އެ ގަވާއިދު އިސްލާހު ކޮށްފައެއް ނުވެ އެވެ. މި ބަހުސް މިހާރު އަނެއްކާވެސް އައިސްގެން އުޅެނީ އެ ސަބަބާ ހެދި އެވެ.

ގާނޫނީ ބޭފުޅުންގެ ނަޒަރުގައި އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާ ބާތިލް ކުރިޔަސް މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ ދަށުން މެމްބަރުން ހާޒިރުކޮށް ދޭން ޖެހޭނެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރައްވަނީ އިމްތިޔާޒް ގާނޫނު އައުމުގެ ކުރިން ވެސް ގަވާއިދުގެ އެ މާއްދާ އޮތުމާއި އަދިވެސް އެ މާއްދާ ބާތިލް ކޮށްފައި ނެތުމެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގެ އެ މާއްދާއަށް މިހާރު އަމަލުކުރަންވާނީ ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފް ނުވާނެ ގޮތަކަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފު ނުވުމަކީ ކުށުގެ ވެށިން ހައްޔަރުކުރާ މެމްބަރުންނަށް އެ އިމްތިޔާޒު ނުލިބުމެވެ. އެ ނޫން ގޮތަކަށް ހައްޔަރުކުރާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

މެމްބަރުންނަށް އިމްތިޔާޒް ލިބިދިނުމުގެ މަގްސަދަކީ ދޮގު ތުހުމަތުތަކުގެ ސަބަބުން ޒިންމާ އަދާކުރަން ހުރަސް އެޅުމުގެ ފުރުސަތު ނުދިނުމެވެ. އެކަމަކު ކުށުގެ ވެށިން މެމްބަރަކު ހައްޔަރުކޮށްފި ނަމަ އެއީ ދޮގު ތުހުމަތެއް ކަމަށް ބެލުމުގެ ފުރުސަތު ކުޑަވެ އެވެ.

މެމްބަރުންގެ އިމްތިޔާޒާ ގުޅިގެން އުފެދިފައިވާ މި މައްސަލައަށް ގާނޫނީ ގޮޮތުން ހައްލެއް އެބަ އަންނަން ޖެހެ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ހިނގާ މައްސަލަ ނިމިގެންދާއިރު މި ބަހުސަށް ގާނޫނީ ގޮތުން ގޮތްތަކެއް ފެނުމުގެ ފުރުސަތު އެބަ އޮތެވެ.