ރިޕޯޓް / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން އެކަންޏެއް ނޫން، ކޮންމެ ރައްޔިތަކީ ވެސް ކުށްވެރިއެއް

ޝަރީއަތަށް ކޯޓަށް ހާޒިރު ކުރުމަށް މައުމޫން މާލެ އަށް ގެންނަނީ: ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުއްދަ ދީފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އެބޭފުޅުން ހާޒިރުކުރުމުން އެތައް ބަޔަކު އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފްގެ އަރިހުގައި އާދޭސް ކުރައްވައި މައުމޫން ދެންނެވި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

އެއީ، 80 އަހަރުން މަތިވެ މުސްކުޅިފުޅު އުމުރުގައި، ކުށަކާ ނުލައި ގިނިކަންޏާ ޖަލުގައި ހުންނަވަން ޖެހުމުން، ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ކުރެއްވި އާދޭހެކެވެ.

މައުމޫންގެ އެ ވާހަކަފުޅުން އެއް ބައެއްގެ ލޮލުން ކަރުނަ ފާއްދައިލި އެވެ. އަނެއް ބަޔަކު އެ ވާހަކަފުޅަށް ޖަދަލު ކުރަން ފެށީ ގާނޫނީ އަދި ޝަރުއީ އެއްވެސް ހުއްޖަތެއް ނެތި އެވެ. އަނެއް ބަޔަކަށް ގަބޫލުކުރެވިގެން އުޅެނީ، މައުމޫނަކީ ކުށް ސާބިތުވެގެން ޖަލަށް ލާފައި ހުރި ގައިދީއެއް ކަމަށެވެ.

މިހާތަނަށް ގާނޫނީ ގޮތުންނާއި ޝަރުއީ ހަމަތަކުގެ މަތިން ސާބިތުވެ ދެމިއޮތް ހަގީގަތަކީ، މައުމޫނަކީ ކުށްވެރިއެއް ނޫން ކަމެވެ. އެއީ ޝަރުއީ ކޯޓަކުން މައުމޫންގެ މައްޗަށް ކުށެއް ސާބިތުވެފައި ނެތަތީ އެވެ.

އިސްލާމީ ފިގުހީ ގާއިދާއެއްގައި ބުނެފައި އޮންނަނީ "އަސްލަކީ ޒިންމާ އިން ބަރީއަވެގެން ވުން" ކަމަށެވެ. މާނައަކީ އެ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ސާބިތު ނުވާހާ ހިނދަކު އެ ކުށެއްގެ ޒިންމާ އިން އޭނާ ބަރީއަވެގެންވުމެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ)، ކުރީގެ ރައީސް މައުމޫން (މ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.-- މިހާރު ފޮޓޯ

މައުމޫން ނޫނަސް، ކޮންމެ މީހަކު ވިޔަސް، އެމީހަކާ ދޭތެރޭގައި ޔަގީން ކުރަންޖެހޭނެ ހަގީގަތަކީ އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދަކު އެމީހަކީ ކުށެއް ނުކުރާ މީހެއް ކަމެވެ. ޝަރުއީ ހަމަތަކުގެ މަތިން، މި ޔަގީންކަން ނަފީ ކުރެވޭނީ އެފަދަ އެހެން ޔަގީންކަމެއް ސާބިތުވެގެންނެވެ. ކުރެވޭ ހީއަކަށް ނުވަތަ ކުރެވޭ ޝައްކަކަށް ބިނާކޮށް، އެ ޔަގީންކަން ނަފީއެއް ނުކުރެވޭނެ އެވެ. އެއީ އިސްލާމީ ފިގްހުގައި "ޝައްކަކުން ޔަގީންކަމެއް ނުފިލުވޭނެ" ކަމަށް އޮންނަ ގާއިދާގެ ދަށުންނެވެ.

ނަމަވެސް، މައުމޫންގެ އެ އާދޭސްތަކަށް ރައްދުދީ ބައެއް މީހުން ބުނަނީ ކުށްވެރިވުމުން، ކުރީގެ ރައީސެއް ކަމަކު ހުންނަން ޖެހޭނީ ޖަލުގައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އިންސާނިއްޔަތުކަމަށްޓަކައި ވިޔަސް ޖަލުން މިނިވަން ވާން ބޭނުން ނަމަ، ކުށެއް ނުކުރައްވާ ކަން ސާބިތު ކޮށްދިނުމަކީ މައުމޫންގެ ޒިންމާއެއް ކަމަށެވެ.

ޖިނާއީ ދައުވާތަކުގެ ތެރެއިން، ރައީސް މައުމޫންގެ މައްޗަށް މިހާތަނަށް ކޮށްފައިވަނީ، މުޠުލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ ބާވަތުގެ ކުށެއްގެ ދައުވާއެއް ނޫނެވެ. އެހެންކަމުން ގާނޫނީ ހަމަތަކުގެ މަތިން އެފަދަ ތުހުމަތެއް ކުރެވިފައިވާ މީހަކު އެ ތުހުމަތުން ބަރީއަވުމަށްޓަކައި ކުރަންޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.

ތުހުމަތުކުރެވޭ މީހާ ކުރަން ޖެހޭނެހާ ވެސް ކަމަކީ އެ މީހެއްގެ މައްޗަށް އުފުލިފައިވާ ދައުވާ އަށް އިންކާރު ކުރުމެވެ. އެހާ ހިސާބުން، ޝަރުއީ އަދި ގާނޫނީ މަފްހޫމުގައި އެ އުފެދުނީ ކުރެވުނު ތުހުމަތުގެ ސައްހަކަމާ މެދު ޝައްކެކެވެ.

ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދޫނިދޫއިން ގެނައުމުން މާލެއަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނެފައިވެ އެވެ؛ އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތުގައި ސާބިތު ނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވެ އެވެ.

އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމަކީ ކޮބައިކަން މާނަކޮށްދެމުން، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 86 ވަނަ މާއްދާގައި ބުނެފައިވަނީ؛ "ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތު ކުރުމަށް ބޭނުންވާ ކަމުގެ ތެދުކަމާ މެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ޝައްކެއް އުފެދޭނެ ފުރުސަތު ނުދިނުމަށެވެ."

ހަމަގައިމު ވެސް މިހާތަނަށް މައުމޫންގެ އަސްލިއްޔަތު (ކުށުން ބަރީއަވެގެންވުން) ނަފީކުރެވޭ ފަދަ ހެއްކެއް ޝަރުއީ ހަމަތަކުން ސާބިތުވެފައެއް ނެތެވެ. "ކިތާބީ ހެކި" ހުރި ކަމަށް ބުނެ ހައްޔަރު ކުރި މީހާގެ މައްޗަށް، ހެކި ނައްތައިލުމުގެ ދައުވާ ކުރަނީ ވެސް އެހެންވެތާ އެވެ.

ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވެނީ ދެ މިންގަނޑަކުންނެވެ. އެއީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމާއި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމެވެ. މީގެ ތެރެއިން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރަންޖެހެނީ ހައްދުތަކާއި ގިސާސްތަކުގަ އެވެ. އެ ނޫން ޖިނާއީ ކޮންމެ ކުށެއް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ނޫނީ ތުހުމަތުކުރެވޭ މީހާ ކުށްވެރިއެއް ނުވާނެ އެވެ.

އެހެންކަމުން ދެން އޮތީ އެ ޝައްކު ފިލުވާލައި އެމީހާގެ މައްޗަށް އެ ކުށް ސާބިތު ކުރުމުގެ މަސްއޫލިއްޔަތެވެ. އެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާކު ހެއްޔެވެ؟

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ހާޒިރު ކުރުމަށް ޕޮލިސް ލޯންޗުގައި މާލެ ގެންނައިރު، އަތްޕުޅުން ސަލާމް ކުރައްވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާގެ (ށ)ގެ (2) ގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ. ރާއްޖޭގައި ޖިނާއީ ދައުވާތައް ކުރަނީ ދައުލަތުގެ ފަރާތުން ކަމަށްވާ އިރު، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާ އުފުލާ ފަރާތުގެ ހައިސިއްޔަތުން އެ ޒިންމާ އުފުލަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ފަދަ ބޭފުޅުންނަށް ކުރާ ތުހުމަތުތަކަށް އެބޭފުޅުން ވަނީ އިންކާރު ކުރައްވައިފަ އެވެ. އެހެންކަމުން އެ ތުހުމަތުތަކުގެ ސައްހަކަމާ މެދު މިހާރު އެ އޮތީ ޝައްކު އުފެދިފަ އެވެ. ދެން ހެއްކާއި ހެކިތަކަށް ބާރު ލިބިދޭ ގަރީނާތައް ހުށަހަޅައިގެން ޝަރުއީ މިންގަނޑުން އެ ތުހުމަތުތައް ސާބިތު ކުރުމަކީ، ދައުލަތުގެ ޒިންމާއެކެވެ.

"ޖިނާއީ އިޖުރާއާތުގެ އެންމެ އަސާސީ އުސޫލަކީ އެއީ، އެ މީހަކީ ކުށްވެރިއެއް ކަން ސާބިތުނުވާހާ ހިނދަކު ކުށެއް ނެތް މީހެއް ކަމުގައި ގަބޫލުކުރުން. އެ މީހަކީ ކުށުން ބަރީއަވެގެންވާ، މީހެއް ކަމަށް ގަބޫލު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް. އަދި އެއީ ހަނި ނުކުރެވޭނެ ހައްގުގެ ތެރޭގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގެއް،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ވިޔަސް ވެސް، އެ މީހެއްގެ މައްޗަށް އެ ކުށެއް ސާބިތު ނުވާހާ ހިނދަކު އެ މީހަކަށް އަދަބެއް ދިނުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.

"ކުށެއް ސާބިތު ވިޔަސް، ގާނޫނުގައި އެ ކުށަކަށް ދޭން އޮންނަ އަދަބު ފިޔަވައި އެހެން އަދަބެއް، އަނިޔާއެއް ނުދެވޭނެ. ޖަލަށް ލާން އޮންނަންޏާ އެމީހަކު ޖަލަށް ލައިގެން އެމީހެއްގެ އާންމު މިނިވަންކަން ހިފެހެއްޓޭނީ. އޭގެ މާނައަކީ، ކިތަންމެ ބޮޑު ކުށެއް ސާބިތުވެފައި ހުއްޓަސް، ސާފު ބޯފެން ނުދީ، ވައި ދައުރުނުވާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުން، ނިދިޔަ ނުދީ ޖެއްސުން ކުރުން، (ގާނޫނުގައި އޮންނަ އުސޫލާ އެއް ގޮތަށް) އާއިލާއާ ބައްދަލުވިޔަ ނުދީ، އެކަންކަމެއް ނުކުރެވޭނެ. މަރަން ހުކުމް ކޮށްފައި ހުންނަ މީހަކަށް ވިޔަސް، މަރައިލުން ފިޔަވައި އޭނާ އަށް އެހެން އަދަބެއް ނުދެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

އެތައް ތުހުމަތެއްގައި ހައްޔަރު ކޮށްފައި ހުރި، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން.

ކުށްވެރިންނާ މެދު އަމަލު ކުރަންޖެހެނީ ވެސް އެ އުސޫލުން ކަމަށްވާ އިރު، ކުށެއް ސާބިތު ނުވެ، ހަމައެކަނި ތުހުމަތެއްގައި ހުންނަ މީހަކަށް އަދި އަމުދުން އެއްވެސް އަދަބެއް ނުދެވޭނެ އެވެ. ދޭ ނަމަ، ކޮންމެ މީހަކު ކުރިޔަސް އެއީ ގާނޫނާ ޚިލާފު ކަމެކެވެ.

އެއީ ހަމައެކަނި ރައީސް މައުމޫން ނުވަތަ އުއްތަމަ ފަނޑިޔާރުވެގެން އެކަން އޮންނަ ގޮތެއް ނޫނެވެ. ކިތަންމެ އާދައިގެ މީހަކަށް ވިޔަސް، އެ އުސޫލު ހިނގަންވާނެ އެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މެދު ކިތަންމެ ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވުނަސް، އެ ބޭފުޅުން މަގާމުން ވަކިވާ ތަނުން ހިފައި ހައްޔަރުކޮށް ޖަލަކަށް ނުލެވޭނެ އެވެ. އެއިން ބޭފުޅަކަށް ވިޔަސް އަދަބެއް ދެވޭނީ، އެ ބޭފުޅެއްގެ މައްޗަށް ގާނޫނީ އަދި ޝަރުއީ މިންގަނޑުން ކުށް ސާބިތުވެގެންނެވެ.

ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެ އެވެ؛ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރެވިގެންވާ ކަމަކަށް ނުބެލެވޭނެ އެވެ. އެ މިންވަރަށް ހެކި ލިބެން ނެތް ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާ އަކީ ކުށެއް ނުކުރާ މީހެއް ކަމުގައި ބެލެވޭނެ އެވެ.

އިސްލާމީ ޝަރުއީ ހަމަތަކުން އަދި ގާނޫނީ މަފްހޫމުގައި، ކުށްވެރިންނަށް އަދަބު ދިނުމުގެ ފަލްސަފާއަކީ، އެމީހާގެ އިންސާނީ ކަރާމާތް ނަގާލައި އޭނާ ދަށު ދަރަޖައަކަށް ވައްޓައިލުމެއް ނޫނެވެ. އަދަބު ދިނުމުގައި ފަލްސަފާގައި އޮންނަނީ މައިގަނޑު ތިން މަގްސަދެއް ހާސިލު ކުރުމެވެ. ފުރަތަމަ ކަމަކީ އެ ކުށް ކުރެވުނު މީހާގެ މިނިވަންކަން ވަކިވަރަކަށް ހިފަހައްޓައިގެން، އިސްލާހު ކުރުވުމާއި އެކަމަށް ފުރުސަތު ދިނުމެވެ. ދެ ވަނަ ކަމަކީ އެފަދަ ކުށްތައް ތަކުރާރު ވިޔަ ނުދިނުމެވެ. ތިން ވަނަ ކަމަކީ، އެހެން މީހުން ކުށަށް އަރައިގަތުމުން ދުރުކުރުމަށްޓަކައި އެހެން މީހުންނަށް އިބްރަތެއް ދިނުމެވެ.

"އެހެންވީމާ މީހުން ނުހައްގުން ހައްޔަރުކޮށް އަނިޔާ ދިނުމަކީ އަދަބު ދިނުމުގެ މަސްލަހަތާއި ފަލްސަފާއާ ވެސް ފުށުއަރާ ކަމެއް. މިސާލަކަށް، މީހަކު ޖަލަށް ލުމަށް ހުކުމް ކުރުމުން، އޭނާ ޖަލުގެ އަނދިރި ތަނެއްގައި ބަހައްޓައިގެން ލޮލުގެ ފެނުން ދުއްވައިލުމަކީ ދެވޭ އަނިޔާއެއް. ހެލިފެލިވެ ހަރަކާތްކޮށް ނޫޅެވޭ ގޮތަށް ކުޑަ ގޮޅިއަކަށް ލާފައި ބެއިންދުމަކީ ވެސް ދެވޭ އަނިޔާ. އެއީ އަދަބު ދެނީކީ ނޫން. އަދި އަމުދުން އަދަބެއް ނުވެސް ދެވޭނެ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރެވޭހާ ހިނދަކު،" ޝަމީމް ވިދާޅުވި އެވެ.

ސުވާލަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ނުވަތަ ޖަލަށް ލާފައި ބެހެއްޓުމަކީ އެ މީހަކަށް ދެވޭ އަދަބެއް ހެއްޔެވެ؟

ޝަރުއީ ހަމަތަކުންނާއި ގާނޫނީ ހަމަތަކުން ބަލާއިރު، އެއީ އަދަބެކެވެ. ނަމަވެސް، އެ އަދަބު ދިނީ ކުށެއް ސާބިތުވެގެން ކަމަށް ނުވާތީ އެއީ، ގާނޫނާ ޚިލާފަށް ދެވޭ އަދަބެކެވެ. ރާއްޖޭގައި އަމަލުކުރަމުން އަންނަ ޝަރުއީ ހަމަތަކުން ބަލާއިރު ވެސް، ކުށެއްގެ ތުހުމަތުގައި ވިޔަސް، އަދި ތަހުގީގުގެ ބޭނުމަށްޓަކައި ވިޔަސް، ބަންދުކޮށްފައި ހުންނަ ހުރުމަކީ ދެވޭ އަދަބެކެވެ.

އެކަން ޔަގީންވަނީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކުން އަމަލު ކޮށްފައި ހުރި ގޮތުންނެވެ. ތަހުގީގުގެ ބޭނުމަށްޓަކައި ހައްޔަރުކޮށްފައި ހުރި މުއްދަތު، އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުގެ މުއްދަތަށް ވުރެ ދިގު ކަމުގައިވާ ނަމަ، ކޯޓުން ބަލަނީ އޭނާ އެ ހުރީ ހުކުމް ތަންފީޒު ކުރެވިފައި ކަމަށެވެ. އެހެންކަމުން ކޯޓުތަކުން ނިންމާފައި ހުރީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ މިނިވަންވީ ކަމަށެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު ރައީސް މައުމޫން ހައްޔަރު ކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ދައުލަތަށް ހުއްދަ ދިނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ މައިގަނޑު ދެ ކަމަކަށް ބިނާކޮށެވެ. އެއީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރެއިން، (1) ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބަލައި އަދި (2) ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިފަ އެވެ.

މީގެ ތެރެއިން ފުރަތަމަ ކަންތަކަށް ބަލާއިރު، މައުމޫން ހައްޔަރު ކުރީ ކިތާބީ ހެއްކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ދެ ވަނަ ކަންތަކަށް ބަލާއިރު، މައުމޫނަކީ ސިފައިންގެ ފުރިހަމަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުންނަވާ ބޭފުޅެކެވެ. ތަނަކަށް ވަޑައިގަތަސް ސިފައިންގެ ހިމާޔަތުގަ އެވެ. އަނެއްކާ ހައްޔަރު ކުރުމުގެ އެތައް ދުވަހެއް ކުރިން ފެށިގެން ސަލާމަތީ ބާރުތަކުން ދިޔައީ މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ކައިރީގައި 24 ގަޑިއިރު ފޯރި މަރަމުންނެވެ.

ކުށެއްގެ ތުހުމަތުގައި މައުމޫން ހައްޔަރު ކޮށްފައި ހުރުމަކީ، އެމަނިކުފާނަށް ހައްގު އަދަބެއް ކަމަށްވާ ނަމަ، އަދި ކުށެއް ނުކުރާ ކަމަށް ކޯޓުގައި ސާބިތުކޮށްދިނުމަކީ މައުމޫންގެ ޒިންމާއެއް ކަމުގައިވާ ނަމަ، ކުށްވެރިއަކީ މައުމޫން އެކަންޏެއް ނޫނެވެ. ނުވަތަ ޖަލުގައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖަލުގައި ތިބި މަޖިލީހުގެ މެމްބަރުން އެކަންޏެއް ނޫނެވެ.

ނުހައްގުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާއެއް ފުލުހުން ރޫޅާލަނީ.

އެ ހަމައިން ބަލާ ނަމަ، ދިވެހި ކޮންމެ ރައްޔިތަކީ ކުށްވެރިއެކެވެ. އެއީ ކުށެއް ނުކުރާ ކަން އެއިން އެއްވެސް މީހަކަށް ސާބިތުކޮށް ނުދެވޭތީ އެވެ.

އެހެންވީމާ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި އެތައް މަހެއް ވަންދެން ބެހެއްޓުމަށް ފަހު ކުށް ސާބިތު ނުވެގެން މިނިވަންވާ މީހާ އަށް އެ ދެވުނީ ނުހައްގު އަދަބެކެވެ. ނަމަވެސް މި ރާއްޖޭގައި ދެރަ ކަމަކީ އެފަދަ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ދައުވާ ކޮށްގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ފަސޭހަ ނުވުމެވެ.

އެ މީހަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރާފައި ހުރި މީހަކަށް ވިޔަސް، ދަމާކަނޑާ މީހަކަށް ވިޔަސް، ގާނޫނުގެ ކުރިމަތީގައި ވާނީ ހަމަހަމަ އެވެ. މީޑިއާގެ ފަލަ ސުރުޚީން ޖާގަ ލިބެނީ، ކުރީގެ ރައީސުންނާއި ވަޒީރުންނާއި ސިޔާސީ މަގާމުތައް ފުރާ މީހުންނަށް ނުހައްގު އަދަބެއް ލިބޭ ހިނދު ކަމަށް ވިޔަސް، އެއަށް ވުރެ މާ ހާލުގައި ޖަލުގައި ގެންގުޅޭ މީހުން އެބަ ތިއްބެވެ. އެމީހުންގެ ސިޔާސީ ބުރަދަނެއް ނުވަތަ މަގާމުގެ ނުފޫޒެއް ނެތުމުން މީޑިއާގެ ސަމާލުކަން ނުލިބެނީ އެވެ.

52 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 21%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެށި

13 April 2018

ކުއްވެރި ވެގެން ނަގާ އުފުރަނީ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާ ޕޮލިސް ކޮމިޝަނަރުންނާ ސިޔާސީ ވާދަވެރިން އެކަންޏެއްނޫން. އެމީހުންނެކޭ އެއްފަދައިން މާލެއާއި ރާއްޖޭގެ ރީތި ހުރިހާ ރައްރަށެއްގައި ހުރި ބޮޑަތި ރުއްގަސްވެސް ކުއްވެރިން ފަދައިން އެއްވެސް ސަބަބެއް ނެތި އަނިޔާވެރި ކަމާއެކު ނަގާ އުފުރާ ކަނޑާ ކުދިކޮށް އަނިޔާވެރި ކަމާ އެކުގައި ނައްތާލަމުން އެދަނީ. މިކަމާ އިދިކޮޅަށް ހިތްވަރާ އެކު ނިކުތުން މާ ލަސް ވެއްޖެ. ގަސްތަކާ ދިމާކޮށްނުލާ ހުރި ރަށްތަކުގެ މީހުން ސަމާލުވެ މި ކަންކަމަށް ނޫނެކޭ ބުނަން ތައްޔާރުވޭ. މާލޭގައި މިހާރު ވަގުު ފާއިތުވެއްޖެ

The name is already taken The name is available. Register?

ހާސަރު

12 April 2018

ކިތަންމެ މޮޅުކޮށް ހަގީގަތް ބުނެދިނަސް އަދުލް އިންސާފުގެ ކަންފުޅެއްވެސް ނެތީމަ ދެން ކުރެވޭނީކީއް!؟ އަނގައިގަދޫ އޮތީމަ ރައީސް އާއި ސަރުކާރަށް ތާއިދުކުރާ މީހުންނަށް ވާހަކަދެއްކިދާނެ އެކަމަކު ގާނޫނީ އެއްވެސް ހަމައެއް މިހާރުނެތް. ކެރެންޏާ އޯޕަން ބަހުސަކަށް ސަރުކާރު ފަޅީގަތިބި ހުރިހާ ގާނޫނީ ހުރިހާނެރެފަ ހަމައެކަނި މައުމޫން ހަމީދާ ބަހުސް ކޮށްލަބަލަ. ބޮޑުތަނުން ބަލިވާނެ.

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

12 April 2018

ޝުކުރިއްޔާ، ވަރަށް ޝައުޤުވެރި، މަޢުލޫމާތުން ފުރިފައިވާ ލިޔުމެއް. މިފަދަ ޢިލްމީ އަދި އެކަށީގެންވާ ދިރާސާކުރުންހުރި ލިޔުން އިތުރުކުރުން ވަރަށް މުހިއްމު. ނޫހުގެ މުއްސަނދިކަން އިތުރުވާނެ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

12 April 2018

ބައެއް މީހުންގެ ޖާހިލު ކަމުން ކަމެއް ނޭނގެ ނޫނީ ލިޔުން ކިޔައި ނުލަނީ ކަމެއް ނޭނގެ ސާފު ދިވެހި ބަހުން ލިޔެފައި އޮތް އިރު ލިޔެފައި އޮތް އެއްޗެއް ދޭހަ ނުވާ ބަޔަކު ކޮމެންޓު ކުރޭ އެބަ.

The name is already taken The name is available. Register?

ނަން ނުކިޔާ

12 April 2018

ހަމަ ކޮންމެ ލިއުމަކުން ވެސް ކިޔާމީހާ ބޭނުންވާ މާނައެއް ނެގިދާނެތޯ؟ ހަމައެހާ ސާފުކޮށް ލިޔެފަ ވާ އިރުވެސް ކޮމެންޓް ކުރާ މިހުން އެބަބުނޭ މީ ލޯބީގެެ ވާހަކަ އެކޭ!!!?

The name is already taken The name is available. Register?

ރާބޮކި

12 April 2018

އުމުރެއްނޫން މުހިންމީ. ބަންދުގައި ބަހައްޓައިގެން ކުރަންޖެހޭ ކަންތައްކުރާނީ ބަންދުގައި ބަހައްޓައިގެން. މައުމޫނަކަސް، ގާސިމަކަށް ނަޝީދަކަސް. ޔާމީނަކަސް

The name is already taken The name is available. Register?

ސާބަހޭ

12 April 2018

ކޮންމެ ރައްޔިތަކީ ކުށްވެރޔަކަށްވީ ކީއްވެތޯ؟

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

12 April 2018

ކޮއްކޯ އާޓިކަލް ތަންކޮޅެއްދިގުވީމާ ކިޔާނުލެވުނުދޯ؟

The name is already taken The name is available. Register?

ނަން ނުކިޔާ

12 April 2018

އެ ހަމައިން ބަލާ ނަމަ، ދިވެހި ކޮންމެ ރައްޔިތަކީ ކުށްވެރިއެކެވެ. އެއީ ކުށެއް ނުކުރާ ކަން އެއިން އެއްވެސް މީހަކަށް ސާބިތުކޮށް ނުދެވޭތީ އެވެ.

The name is already taken The name is available. Register?

އޭނަ

12 April 2018

"އެ މީހަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރާފައި ހުރި މީހަކަށް ވިޔަސް، ދަމާކަނޑާ މީހަކަށް ވިޔަސް، ގާނޫނުގެ ކުރިމަތީގައި ވާނީ ހަމަހަމަ އެވެ. މީޑިއާގެ ފަލަ ސުރުޚީން ޖާގަ ލިބެނީ، ކުރީގެ ރައީސުންނާއި ވަޒީރުންނާއި ސިޔާސީ މަގާމުތައް ފުރާ މީހުންނަށް ނުހައްގު އަދަބެއް ލިބޭ ހިނދު ކަމަށް ވިޔަސް، އެއަށް ވުރެ މާ ހާލުގައި ޖަލުގައި ގެންގުޅޭ މީހުން އެބަ ތިއްބެވެ. އެމީހުންގެ ސިޔާސީ ބުރަދަނެއް ނުވަތަ މަގާމުގެ ނުފޫޒެއް ނެތުމުން މީޑިއާގެ ސަމާލުކަން ނުލިބެނީ އެވެ." އެއްބަސް!

The name is already taken The name is available. Register?

ސަލީމް

12 April 2018

"80 އަހަރުން މަތިވެ މުސްކުޅިފުޅު އުމުރުގައި، ކުށަކާ ނުލައި ގިނިކަންޏާ ޖަލުގައި ހުންނަވަން ޖެހުމުން،" މިލިޔުންތެރިޔާ މައުމޫން ކުށެއް ނުކުރަވައްވާކަމަށް ގަބޫލުކުރާކަން ދޭހަވޭ.. މީ ބަލައިގަނެވޭނެކަމެއްނޫން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހުންނާއިރު ލިޔާއިރު މިކަމަށް ސަމާލުވުމަށް ދަންނަވަން

The name is already taken The name is available. Register?

އުނބުށެން

12 April 2018

ތުހުމަތެއް ކުރެވުނަސް ކުށްވެރިޔެއްކަމަށް ނުބެލޭނެ ވާހަކައޭ މިލިޔުމުގައިއޮތީވެސް. އަދި އެއްފަހަރު ރަނގަޅަށް ލިޔުން ކިޔާލުން ރަނގަޅުވާނެ.

The name is already taken The name is available. Register?

ވަކީމް

12 April 2018

ކުށުގެ ތުހުމަތުގައި ބަންދުކުރެވެނީ ކިހިނެއް. ރާއްޖޭގައި މިހާރު ހުރި ގާނޫނުތަކުން ބަންދުކުރެވެނީ އަދަބު ތަންފީޒުކުރުމަށް ނުވަތަ އެމީހަކު ދޫކޮށްފައި މިނިވަންކޮށް ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމުގެ ސާފުހެކިހުރި މީހުން. މީހަކު ގާނޫނީ ކުށެއް ކުރި ކަމަށް ތުހުމަތުކޮށް ބަންދު ނުކުރެވޭނެ. ހެއްކާއި ގަރީނާ ހުރިނަމަ ޖެހޭނީ ޝަރިއަތްކުރަން. ދެން ހުކުމަކުން ބަންދުގެ އަދަބުދޭން.

The name is already taken The name is available. Register?

ބަޓް

12 April 2018

ރައީސް ޔާމީންގެ މައްޗަށް މުޅި ގައުމުގައި އެކި މީހުންގެ ދުލުން ކުރާ ތުހުމަތުތައް އަދި އެއަށްވުރެ ގިނަ. އެކަމާ ހެދި އެމަނިކުފާނަކީ "ކުށްވެރިއެއް" ކަމަށް "ނިންމައިގެން" އެ ކަހަލަ މީހަކު "ހުއްޓުވަން" ކޮންމެހެންވެސް ޖެހޭ ކަމަށް އަމިއްލައަށް ގަބޫލުކުރެވިގެން އުޅޭ އުޅުމަށް ކިޔާނީ ކީކޭބާ؟

The name is already taken The name is available. Register?

އެއްމެން

13 April 2018

އުމުރުން ދުވަސްވުމަކީ ބޭނުންހާކަމެއް ކުރަން ލިބޭ ލަިސެންސެއް ނޫން. މައުމޫނަކަސް ކުށެއް ކޮށްފިއްޔާ އަދަބު ލިެބެން ޖެހޭނެ. ޔާމީނުވެސް ދަންނާންވާނެ، އޭނަވެސް ކުށެއް ކޮށްފިއްޔާ އަދަބުދޭނެ ކަން. މިހާރު ޔާމީނަށް ރައީސްގެ ޚާއްސަ އިނާޔަތްތައް ހުންނާނެ. އެކަމަކު ފަހުން އާދައިގެ ކުރީގެ ރައީސަކަށް ބަދަލުވާނެކަން.

The name is already taken The name is available. Register?

އުނބުށެން

12 April 2018

ކާނަލް ނާޒިމްގެ މައްޗަށް ކުށް ސާބިތުވީ އޭނާއަށް ފިސްތޯލައަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ނުދެވިގެންކަމަށް ވަންޏާ މިރާއްޖޭގައި ކަންއޮތީކީ ތިޔަ ބުނެދިންގޮތަށް ހެނެއް ހިޔެއްނުވޭ. އެހެންކަމުން މިފަހަރުވެސް އެންމެގާތް ގޮތަކީ އެއީހެން ހީވަނީ.

The name is already taken The name is available. Register?

ފ

12 April 2018

ރަނގަޅު ވާހަކައެއް. މިއަދު އެބޭފުޅުންނާ ބޭއިންސާފު ބައްދަލު ކޮށްފި. ހޭލާ..

The name is already taken The name is available. Register?

ކަޅުމަރިޔަނބު

12 April 2018

އެބޭފުޅުންގެ ބާރާއި އާރު އޮތްއިރު އެހެން މީހުންނާމެދު ބޭއިންސާފުން ކަންކަން ކުރިފަދައިން......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454