ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުން: ކޮންމެހެން ގެންނަން ޖެހޭ ބޮޑު ބަދަލު

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިތާ 10 އަހަރު ވާން ގާތްވެފައިވާއިރު މިހާތަނަށް ވެސް އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވި އެއް ދާއިރާއަކީ ޝަރުއީ ނިޒާމެވެ. މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ނިޒާމް ހަމަޖެހިގެން ދިޔަޔަސް، އެ ނިޒާމަށް އެކި ގޮތްގޮތުން އަންނަ އެކި ފަރާތްތަކުގެ ފާޑުކިޔުން މަދުވި ކަމަށް ބުނެވޭކަށް ނެތެވެ. ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކަށް ޔަގީނުން ވެސް ވާނީ ޝަރުއީ ދާއިރާއާ ގުޅުން ހުރި އެންމެ މުހިންމު ޒިންމާ ހަވާލުވެފައި އޮތް މުއައްސަސާ އެކުލެވިފައި އޮތް ގޮތެވެ.


ފާހަގަކޮށްލަން މި އުޅެނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުގެ ވާހަކަ އެވެ. ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމާއި އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިޚާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.

ޖޭއެސްސީގައި ތިބެނީ ދެ ބާވަތެއްގެ މެމްބަރުންނެވެ. އެއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުކުރާ މެމްބަރުންނާއި ވަކި މުއްދަތެއް ނެތި، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިބޭ މެމްބަރުންނެވެ. މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބަކީ މިދެންނެވި ގޮތަށް، އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނެވެ.

މީގެ ތެރެއިން މަޖިލީހުގެ ރައީސާއި މަޖިލީހުން ހޮވާ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރާއި ސީއެސްސީގެ ރައީސަކީ ސީދާ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ޖޭއެސްސީއަށް އައްޔަންވެފައި ތިބޭ މެމްބަރުންނެވެ. އެހެންވެ، އެ މަގާމުތަކަށް އައްޔަން ކުރެވޭނީ އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ ބޭފުޅުންނެވެ. އަނެއްކޮޅުން ބަންޑާރަ ނައިބާއި ރައީސްގެ މެމްބަރަކީ ސީދާ ރައީސް އައްޔަން ކުރައްވާ ދެ ބޭފުޅުންނެވެ. އެހެންވުމުން ޖޭއެސްސީގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުން ވެގެންދަނީ ސިޔާސި ގޮތުން އައްޔަން ކުރެވޭ ބައެއްގެ ގޮތުގަ އެވެ.

އޭގެ ނަތީޖާއަކަށް ވަނީ ޖޭއެސްސީގެ ނިންމުންތަކާ މެދު އަބަދުވެސް ތުހުމަތުގެ އިނގި އަމާޒުވުމެވެ. ކޮމިޝަންގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ތުހުމަތު އަމާޒުވަނީ އެ ސަބަބާ ހެދި އެވެ. އަދި ޖޭއެސްސީގެ ނިންމުންތަކަށް ގިނަ ފަރާތްތަކުން ކަންބޮޑު ވަނީ ވެސް އެހެންވެ އެވެ. ވޭތުވެދިޔަ މުއްދަތުގައި ޝަރުއީ ދާއިރާއާ މެދު ގާނޫނީ ބޭފުޅުންގެ ދުލު ކުރީގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ މިއީ އެވެ.

މިނިވަން އެހެން މުއައްސަސާތަކާ ތަފާތުކޮށް، ޖޭއެސްސީ އެކުލަވާލީ ވެސް ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަނެއްގެ ގޮތުގައި ޖޭއެސްސީ ބޭއްވުމުގެ މަގްސަދުގައި ކަމަށް ބެލެވެ އެވެ. އެކަމަކު ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތަޖްރިބާ އަށް ބެލުމަށް ފަހު ގިނަ މީހުން މިހާރު އެއްބަސްވާ އެއް ކަމަކީ ގާނޫނު އަސާސީގައި އެ ކޮމިޝަން އެކުލެވިފައި އޮތީ ނުފޫޒުން މިނިވަން ވެދާނެ ފަދަ ގޮތަކަށް ނޫން ކަމެވެ.

އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް (އައިސީޖޭ) ގެ އިތުރުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ ގެބްރިއާލާ ނައުލް ވެސް ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމާ ގުޅޭ ގޮތުން އެކަން ފާހަގަކޮށްފަ އެވެ. ޖޭއެސްސީ އެކުލެވިފައި އޮތް ގޮތުން އެކި ފަރާތްތަކުގެ ނުފޫޒުތަކުގެ ތެރެއަށް ޖޭއެސްސީ ހުށަހެޅިފައި އޮތުމުން އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިފަދަ މުއައްސަސާއެއް އެކުލެވިގެންވާން ޖެހޭނީ ފަނޑިޔާރުންނާއި ރިޓަޔާޑް ފަނޑިޔާރުންނާއި ގާނޫނީ ދާއިރާ ނުވަތަ ތައުލީމީ ބޭފުޅުން ވެސް ހިމެނޭ ފަދަ ގޮތަކަށް. އެއްވެސް ގޮތަކަށް ސިޔާސީ ފަރާތްތަކަށް ފުރުސަތު ދެވިގެން ނުވާނެ،" ގެބްރިއާލާގެ ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތެގައި --ފޮޓޯ/މިހާރު

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދާދި ފަހުން ވަނީ ޖޭއެސްސީއަށް ގެންނަން އޭނާ އަށް ފެނިވަޑައިގަންނަވާ ބަދަލުތައް އާންމު ކުރައްވައިފަ އެވެ. އެއީ ވަރަށް ބޮޑު ބަދަލެކެވެ. އެއީ މިހާރު 10 މެމްބަރުން ތިއްބެވި އެ ކޮމިޝަންގެ މެމްބަރުންގެ އަދަދު ތިނަކަށް ދަށް ކުރުމާއި މަގާމުގެ ދައުރު ދެ އަހަރަށް ކުޑަކުރުމުގެ އިތުރުން މިހާރު ޖޭއެސްސީގައި ތިބޭ ގޮތަށް، މަގާމުގެ ހައިސިއްޔަތުން މެމްބަރުން ނުބޭތިއްބުމެވެ. އަދި އުމުރުން 60 އަހަރު ވުމުން ނޫނީ މެމްބަރު ކަމަށް ނާދެވޭ ގޮތަށް ބަދަލު ގެނައުމަކީ ވެސް އޭނާ ހުށަހަޅުއްވާ ޚިޔާލެކެވެ.

ސުއޫދުގެ ހުށަހެޅުމުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ކަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ނުވަތަ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަން ނުވަތަ ޔުނިވާސިޓީއެއްގެ ޗާންސެލަރު ކަން ނުވަތަ ވައިސް ޗާންސެލަރު ކަން ނުވަތަ ޔުނިވާސިޓީއެއްގައި ކިޔަވައި ދިނުމުގައި މަދުވެގެން 20 އަހަރުގެ ތަޖްރިބާ ލިބިފައިވުމަކީ ޖޭއެސްސީގެ މެމްބަރު ކަމުގެ ޝަރުތެކެވެ. މީގެ އިތުރުން ޖޭއެސްސީއަށް ހޮވާ ތިން މެމްބަރުންނަކީ ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން އައްޔަން ކުރާ މެމްބަރުން ކަމަށް ހެދުމަކީ ވެސް އޭނާ ގެންނަން ހުށަހަޅުއްވާ ބަދަލެކެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުން ރެގިއުލޭޓް ކުރާ މުއައްސަސާ ކަމަށް ވާތީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް ގޮވާލަމުން ދިޔައީ ކޮމިޝަންގައި ކޮންމެހެން ފަނޑިޔާރުން ތިބެން ޖެހޭ ކަމަށެވެ. އެކަމަކު ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ކަންކަން އޮތް ގޮތުން ޖޭއެސްސީގައި ފަނޑިޔާރުން ތިބުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ރާއްޖޭގައި ފަނޑިިޔާރުންގެ އަދަދު މަދުވުމުން އޭނާގެ ތަޖްރިބާގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ފަނޑިޔާރުން ޖެހިލުންވުމެވެ.

"ފަނޑިޔާރުންނަކީ އެންމެން އެންމެންނާ ކޮންމެ ދުވަހަކު ބައްދަލުވެ، އެކުގައި މަސައްކަތްކޮށް އަބަދު ދިމާވާ މީހުން ކަމުގައި ވާތީ، އަހަރެންގެ ތަޖްރިބާ އަކީ ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅަން ފަނޑިިޔާރުން ފަސް ޖެހޭ ކަމެވެ. އެކަމަކީ ފަނޑިޔާރުންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ،" ދެ ފަހަރެއްގެ މަތިން ޖޭއެސްސީގެ މެމްބަރު ކަން ކުރެއްވި ސުއޫދު ލިޔުއްވާފައިވެ އެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް އެއްބަސް ވިޔަސް، ބައެއް ބޭފުޅުން ސުއޫދުގެ ޚިޔާލާ ތަފާތެވެ. ސުއޫދުގެ ހުށަހެޅުއްވި ގޮތަށް، ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުގައި މަޖިލީހުގެ ދައުރު އޮންނަ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަކަށް ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޮތް ހައްލަކީ ޖޭއެސްސީީ މެމްބަރުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ ބަޔަކަށް ހަމަޖެއްސުމެވެ.

"އެންމެ ބޮޑު ބަހުސަކަށް ވާނީ އިންތިޚާބު ބާއްވަން ކުރަން ޖެހޭ ބޮޑު ޚަރަދުގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ މިހާރު ދައްކަން ޖެހޭ އަގު މާ ބޮޑޭ،" ޖޭއެސްސީ މެމްބަރު ކަމަކީ އިންތިޚާބީ މަގާމަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލް އަދި މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތާ މެދު އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިޔަސް، ކުރީގެ ޖަސްޓިސް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެފައިވާ ގޮތުން މައްސަލައަކީ ޖޭއެސްސީ އެކުލެވިފައި ގޮތެއް ނޫނެވެ. އާ ގާނޫނު އަސާސީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޒާހިރު ވިދާޅުވެފައިވާ ގޮތުން މިހާރު ޖޭއެސްސީ އެކުލަވާލީ އޭރު ބޭރުގެ ތަޖުރިބާކާރުން ދެއްވި ލަފައަށް ބިނާކޮށް، ފުރިހަމަކޮށެވެ.

"ކިތަންމެ ރަނގަޅަށް ލިޔުމުން އެއްޗެއް އޮތަސް، އެ ލިޔުމާ އެއްގޮތަށް ނުހިންގޭ ކަމަށް ވަންޏާ ރައްޔިތުންނަށް ވެސް އެއިން ކުރާނެ ވަކި ފައިދާއެއް ނޯންނާނެ،" ޒާހިރު ކުރިން ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީއަކީ ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާއެއް ކަމަށް ވާތީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިއްޔަތެއް ބޭނުންވާނެ އެވެ. މާނައަކީ މަޖިލީހުގައި ހިމެނޭ ހުރިހާ ބޮޑެތި ޕާޓީއެއްގެ ރުހުން ލިބިގެން މެނުވީ މި ބަދަލު ގެނެވޭނެ ގޮތެއް ނޯންނާނެ އެވެ. އެކަމަކު މިފަދަ ބަދަލެއް ގެންނަން ޕާޓީތަކުން އެއްބަސްވެދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ މި ބަދަލު ގެންނަން މިހާތަނަށް އެއްވެސް ޕާޓީއަކުން އަމަލީ ގޮތުން މަސައްކަތެއް ކުރި ތަން ފެނިފައި ނެތުމެވެ.

ޝަރުއީ ނިޒާމަކީ ފުރިހަމަ އަށް އިތުބާރު ހިފޭ ނިޒާމަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. އޭގެ ތެރެއިން ވެސް ކުރަން ޖެހޭ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަކަށް ޔަގީނުން ވެސް ވާނީ ވޭތުވެދިޔަ މުއްދަތުގެ ތަޖްރިބާގެ އަލީގައި ގާނޫނު އަސާސީ އިސްލާހުކޮށް، ޖޭއެސްސީ އެކުލެވިފައި އޮތް ބަދަލު ކުރުމެވެ. އެކަމަށް ބޭނުންވަނީ ސިޔާސީ ބޭފުޅުންގެ އިހްލާސްތެރި ކަމެވެ.