މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނު އުވާލުން: ގޯހަކަށް ވެދާނެ؟!

އެހެން ފަހަރުތަކާ ޚިލާފަށް މިދުވަސްކޮޅު ރައްޔިތުންގެ މަޖިލީހުން މަސައްކަތްތައް އޮތީ ދިމާ އިދިކޮޅަށެވެ. މިފަހަރު މިއޮތީ މަޖިލީހުން ހަދާފައިވާ ގާނޫނުތައް އުވާލުމުގެ ސީޒަނެކެވެ. އެންޓި ޑިފެކްޝަންގެ ގާނޫނު މިދިޔަ ހަފުތާގައި އުވާލަން ފާސްކުރީ އެ ގާނޫނު ފާސްކުރިތާ އަހަރެއް ނުވަނީހެވެ. އަދި އުމުރުން 65 އަހަރު ވީ މީހުންނަށް ރައީސްކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ކުރިން ގެނެސްފައިވާ އިސްލާހު އުވާލުމުގެ ބިލެއް ވެސް މަޖިލީހުގެ އެޖެންޑާގެ ތެރެއަށް ވަންނާނެ ކަމަށް ބެލެވެ އެވެ.


ދުވަސްތަކަކަށް ފަހު އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހުގެ ޖަލްސާތައް ފަށައިގަނެ، ކުރިން ހެދި ގާނޫނުތައް އުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށް ދަނިކޮށް ދެން އިވުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު އުވާލަން ހުށަހަޅާ ވާހަކަ އެވެ.

މެމްބަރުންނަށް ޚާއްސަ ބާރުތަކަކާއި ރައްކާތެރިކަމުގެ އިތުރުން ޚާއްސަ އިނާޔަތްތަކެއް ލިބިދޭ މި ގާނޫނު އުވާލުމަށް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ މެމްބަރުން މިހާރު އިމްތިޔާޒް ބޭނުންފުޅު ނުވާ ކަމަށް ގަބޫލުކުރެވޭތީ އެވެ. އެ ބިލް މިހާތަނަށް ހުށަހަޅާފައި ނެތަސް، މި ހަފްތާގެ ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެ އެވެ.

މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނަކީ މިހާތަނަށް މަޖިލީހުން ފާސްކުރި ގާނޫނުތަކުގެ ތެރެއިން އެންމެ މައްސަލަ ހޫނުވި އަދި އެންމެ ފާޑުކިޔުން ބޮޑުވި އެއް ގާނޫނެވެ. ހައްޔަރުކުރުމާއި ބަލައި ފާސްކުރުން ފަދަ ކަންކަމުގައި އާންމު ރައްޔިތުންނާ ތަފާތުކޮށް، ޚާއްސަ އުސޫލުތަކަކުން މެމްބަރުންނާ މެދު އަމަލު ކުރަން ޖެހުމާއި މެމްބަރުކަމުން ވަކިވުމަށް ފަހު ވެސް ޚާއްސަ އިނާޔަތްތަކެއް މެމްބަރުންނަށް ދޭން އެ ގާނޫނުގައި ލިޔުމަކީ މައްސަލަ ގޯސްވި ހިސާބެވެ.

އިމްތިޔާޒްގެ ގާނޫނު މަޖިލީހުން ފާސްކުރީ މެމްބަރަކު އިދާރާއަކަށް ހާޒިރުވާން އަންގާ ލިޔުމެއް އެ މެމްބަރަކާ ހަވާލުކުރުން ވެސް ދަތިކޮށްލެވޭ މިންވަރަށެވެ. މެމްބަރަކު މަޖިލީހުގެ މަސައްކަތަށް އައުމާއި އެނބުރި ދާ ވަގުތު ވެސް މެމްބަރުން ހައްޔަރެއް ނުކުރެވެ އެވެ. އަދި މަޖިލީހުގެ މަސައްކަތެއް ނެތް ދުވަހަށް ވިޔަސް، މަޖިލިސް ކުރާ ގޭގައި ހުރިހާ ހިނދަކު އެ މެމްބަރަކު ހައްޔަރު ނުކުރެވުމުގެ އިތުރުން ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރުން ވެސް މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ގޮތަށެވެ.

މިފަދަ ބައެއް ކަންތައްތަކާ ހެދި އެ ގާނޫނުގެ ބިލް 2013 ގައި އޭރުގެ ރައީސް މުހައްމަދު ވަހީދު ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާ ވެސް ލެއްވި އެވެ. އެކަމަކު ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން އެގޮޮތަށް ދެވަނަ ފަހަރަށް ބިލް ފާސްކުރުމުން "އިތުރު ގޮތެއް ނެތިގެން" އެ ބިލް ތަސްދީގު ކުރެއްވި އެވެ.

އެކަމަކު އެ ގާނޫނުގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ ފަރާތުން އޭރު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން ބައެއް މާއްދާތައް ކޯޓުން ބާތިލްކުރި އެވެ. އެކަމަކު މެމްބަރުން ހައްޔަރުކުރުމާއި ބަންދު ކުރުމުގައި އާންމުންނާ ތަފާތު ޚާއްސަ އުސޫލަކުން އަމަލުކުރެވޭ މާއްދާތައް އެ ގާނޫނުގެ އަދިވެސް ދިރި ދެމި އެބަ އޮތެވެ.

މެމްބަރުންނާ އެހާ ބޮޑަށް ގުޅުން ހުރި މިފަދަ ގާނޫނެއް އުވާލަން ހުށަހަޅާއިރު، މިއީ ވަރަށް ވިސްނަން ޖެހޭ މައްސަލައެކެވެ. އެއީކީ ކޮންމެހެން މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަމާއި އިނާޔަތްތަކެއް ލިބިދެވޭތީއެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެއީ މެމްބަރުންނާ ހަވާލުކުރެވިފައި އޮތް ޒިންމާއާ ވެސް ގުޅުން ހުރި ކަމެކެވެ. މެމްބަރުންނަށް ޚާއްސަ ރައްކާތެރިކަމެއް އެ ގާނޫނުގައި ދީފައި އޮންނަނީ ވެސް އެކަންކަމާ ހެދި އެވެ. އެކަމަށް ނުބަލައި، ގާނޫނު އެއްކޮށް އުވާލައިފި ނަމަ، އޭގެ ނަތީޖާ އެހާ ރަނގަޅު ނުވުން ގާތެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ އެވެ. ގާނޫނުން ލިބިދޭ މަންފާތަކާއި ރައްކާތެރިކަން ވެސް އެންމެންނަށް ހަމަހަމަ އަށް ލިބެން ޖެހެ އެވެ. އަދި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އަދަބު ލިބެން ޖެހެ އެވެ. އެހެންވީއިރު، މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމާއި ބަންދު ކުރުމުގައި ވަކި ޚާއްސަ ރައްކާތެރިކަމެއް ނުވަތަ އިމްތިޔާޒްތަކެއް އޮންނަނީ ކީއްވެގެންތޯ މިއީ އުފައްދަފާނެ ސުވާލެކެވެ. އިމްތިޔާޒްގެ ގާނޫނު ހެދިއިރު ވެސް މި ފާޑުކިޔުން އަމާޒުވި އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތަޖުރިބާގައި ފެނުނު އެއް މަންޒަރަކީ އެންމެ ގިނަ ހުރަސްތައް ކުރިމަތިވާ ބަޔަކީ އެއިރެއްގެ ސަރުކާރާ ދެކޮޅު މެމްބަރުން ކަމެވެ. އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ ސަގާފަތް އަދިވެސް އޮތީ އެވެ. ބައެއް ފަހަރު މެމްބަރުން ހައްޔަރު ކުރަނީ ހަގީގަތުގައި ވެސް ތުހުމަތެއް ކުރެވިގެން ކަމަށް ވިޔަސް، އަނެއް ބައި ފަހަރުތަކުގައި އެކަން ކުރަނީ ސިޔާސީ ބޭނުމެއްގަ އެވެ. މަޖިލީހުން އޭރު "ގޮތްދޫނުކޮށް"، އިމްތިޔާޒްގެ ގާނޫނު މިގޮތަށް ފާސްކުރި އެއް ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ.

މެމްބަރުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި ޚާއްސަ އިމްތިޔާޒްތައް (ޕާލިމެންޓްރީ އިމިއުނިޓީ) ދިނުމަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މެމްބަރުން ހައްޔަރު ކުރުމާއި ބަންދު ކުރުން ފަދަ ކަންކަމުގައި އޮންނަނީ އާންމު ރައްޔިތުންނާ ތަފާތުކޮށެވެ. އޭގެ ބޭނުމަކީ ބަޔަކު ކޮށްފާނެ ތުހުމަތެއް ނުވަތަ އުފައްދަފާނެ މައްސަލައެއްގެ ސަބަބުން، މެމްބަރުންނާ ހަވާލުވެފައިވާ ބޮޑެތި ޒިންމާތަކަށް ހުރަސް އެޅިޔަ ނުދިނުމާއި އެއްވެސް ނުފޫޒެއް ނުވަތަ ބިރުވެރިކަމެއް ނެތި މެމްބަރުންނަށް ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމެވެ.

އެކި ގައުމުތަކުގައި މެމްބަރުންނަށް އިމްތިޔާޒް ލިބިގެންވާ ކަންކަން ތަފާތެވެ. ބައެއް ގައުމުތަކުގައި ވަކި ހާލަތެއްގައި އެއްވެސް އިމްތިިޔާޒެއް މެމްބަރުންނަށް ނުލިބެ އެވެ. އަދި ބައެއް ގައުމުތަކުގައި ކުރެވޭ ތުހުމަތުތަކަށް ބަލައި، އެ މެމްބަރަކަށް ލިބިދޭ އިމްތިޔާޒްތައް އަތުލުމުގެ ބާރު މަޖިލީހަށް އޮވެ އެވެ.

ރާއްޖޭގައި އޮންނަނީ ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަކޮށް އިމްތިޔާޒްތައް ލިބޭ ގޮތަށެވެ. މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި ދައްކާ ވާހަކައަކުން ނުވަތަ ވޯޓު ދޭ ގޮތަކުން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އޮތުމަކީ ވެސް އިމްތިޔާޒްތަކުގެ ތެރެއިން އެއް ބާވަތެވެ. ހައްޔަރުކުރުމާއި ބަންދު ކުރުމުގައި މެމްބަރުންނަށް އިމްތިޔާޒް ލިބި ދެނީ އިމްތިޔާޒްގެ ގާނޫނުގެ ދަށުންނެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އިމްތިޔާޒްގެ ގާނޫނު އުވާލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. މެމްބަރުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި ވަކި ޚާއްސަ އިޖްރާއާތުތަކެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އޮންނަ އޮތުން އުވާލުމަކީ ނުރައްކަލެއް ކަމަށް އެ ބޭޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން، ކުށުގެ ވެށިން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރުކުރާ ނަމަ، ކޯޓު އަމުރު ހޯދުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު އޮންނަން ޖެހުމާއި މެމްބަރަކު ހައްޔަރުކޮށްފި ނަމަ، އެކަން މަޖިލީހަށް އަންގަން ޖެހޭ ގޮތަށް އޮންނަނީ މެމްބަރުންގެ ކަންކަމުގައި ތަންފީޒީ އިދާރާތަކަށް އެކަނި ބާރު ނުދިނުމަށެވެ.

"އިމްތިޔާޒް މި ދެނީ އޭނާ ކޮންމެހެން މެމްބަރަކަށް ވާތީއެއް ނޫން. ދައުލަތް ހިންގުމުގެ ތިން ބާރުގެ ދެމެދުގައި މި އޮންނަ ޗެކް އެންޑް ބެލެންސް ހިފަހައްޓަން ދޭ އެއްޗެއް އިމްތިޔާޒް އެއީ. އިމްތިޔާޒް ނުދެންޏާ ބިލްތައް ފާސްކުރާ ދުވަހު ވޯޓުތަކަށް ހުރަސް އަޅަން ވެސް މެމްބަރަކު ހައްޔަރު ކުރެވިދާނެ. މަޖިލީހަށް ވެސް އަންގާކަށް އޭރުން ނުޖެހޭ. އެފަދަ ކަންކަމަށް ފުރުސަތު ނުދޭން ވެގެން މި އިމްތިޔާޒް ދެނީ،" ވަކީލަކު ވިދާޅުވި އެވެ.

ގާނޫނީ މީހުން ދެކޭ ގޮތުގައި އިމްތިޔާޒްގެ ގާނޫނު އުވާލުމުގެ ބަދަަލުގައި ގެންނަން ޖެހޭނީ އިސްލާހުތަކެކެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކުރުމުގެ މައްސަލަ އެވެ. ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މެމްބަރުންނެކޭ އެއްފަދައިން ކުށުގެ ތުހުމަތުގައި ތިބޭ މެމްބަރުން ވެސް މިހާރު މަޖިލީހަށް ހާޒިރެއް ނުކުރެ އެވެ.

މަޖިލީހުގެ އިދާރާގައި މެމްބަރުންތަކެއް: -- މިހާރު ފޮޓޯ/ހުސެއިން ވަހީދު

މަޖިލީހުގެ ދިއްގަރު ދާއިިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައަކީ އެފަދަ މައްސަލައެކެވެ. އެކި ތުހުމަތުތަކުގައި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅާ ހަމައަށް ފާރިސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މިދިޔަ ޖޫން މަހު އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ހަމައަށް ވެސް އޭނާގެ މައްޗަށް ކުށެއް ސާބިތެއް ނުވެ އެވެ. އަދި އޭނާއަކީ ކުށުގެ ވެށިން ރެޑް ހޭންޑްކޮށް، އަތުލައިގެން ބޭފުޅެއް ވެސް ނޫނެވެ.

އެކަމަކު މިދިޔަ މަހު އޭނާ ބަންދުން އެއްކޮށް މިނިވަންވުމާ ހަމައަށް ވެސް މަޖިލީހަށް ހާޒިރުވެ، ދާއިރާ ތަމްސީލު ކުރުމުގެ ފުރުސަތު ލިބިވަޑައެއް ނުގަތެވެ. އޭނާ މަޖިލީހަށް ހާޒިރުކޮށް ނުދިން ސަބަބެއްގެ ގޮތުގައި ދެއްކީ އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ވެސް އބާތިލް ކޮށްފައި އޮތް އޮތުމެވެ.

އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް ކޯޓުން ބާތިލް ކުރިއިރު، ހުކުމް ތަންފީޒު ކުރަމުންދާ މެމްބަރުންނާއި ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އޮތް މާއްދާ ބާތިލްކުރި އެވެ. ގާނޫނީ މީހުން ބުނާ ގޮތުން އެ މާއްދާ ކޯޓުން ބާތިލްކުރީ ހުކުމް ތަންފީޒުކުރާ މެމްބަރުން ވެސް ހިމެނޭ ގޮތަށް އެ މާއްދާ ލިޔެފައި އޮތުމުންނެވެ.

"ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނަނީ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރުންނަށް އެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ. ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނައިރު މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަކަށް ނެތް ބުނެފައެއް. އެހެންވީމަ އެބަ ތަފާތުވޭ އެ ދެ ހާލަތު. ހުކުމުގައި ކަނޑައަޅާފައި އޮތް އެ މިންގަނޑާ އެއްގޮތަށް އެ ގާނޫނު އެބަ ޖެހޭ ރިވައިސް ކުރެވެން،" އެހެން ވަކީލަކު ވިދާޅުވި އެވެ.

އިމްތިޔާޒްގެ ގާނޫނުގެ މައްސަލާގައި ވިސްނާލުން މުހިންމު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ މެމްބަރު ކަމުން ވަކިވެފައިވާ މީހުންނަށް ވެސް އެ ގާނޫނުގެ ދަށުން ދައުލަތުން ދޭން ޖެހޭ އިނާޔަތްތަކުގެ މައްސަލަ އެވެ. އެ ގާނޫނު ބުނާ ގޮތުން އެންމެ ދައުރެއްގައި މެމްބަރުކަން އަދާކޮށްފައި ވިޔަސް، އެ މީހަކަށް 55 އަހަރު ފުރުމަށް ފަހު ދައުލަތުގެ އިތުރު މަގާމެއް އަދާނުކުރާ ނަމަ، މަޖިލިސް މެމްބަރުންގެ މުސާރައިގެ 30 ޕަސެންޓްގެ އިނާޔަތެއް ދައުލަތުން ދޭން ޖެހެ އެވެ. ދެ ދައުރުގައި މެމްބަރުކަން ކޮށްފައިވާ ނަމަ މިދެންނެވި އިނާޔަތް 45 ޕަސެންޓަށް އިތުރުވެ އެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. މެމްބަރުކަމުން ވަކިވުމަށް ފަހު ވެސް، މެމްބަރުންނަށް ލިބޭ ފަދަ ހެލްތު އިންޝުއަރެންސެއް ދައުލަތުން އެ މީހަކަށް ދޭން ޖެހެ އެވެ. ސުވާލަކީ މިހާ ބޮޑެތި އިނާޔަތްތަކެއް ދައުލަތުން މެމްބަރުންނަށް ދޭން ޖެހޭ ހެއްޔެވެ؟. މިވަރުގެެ ބޮޑު ބުރައެއް މެމްބަރުންނަށްޓަކައި ދައުލަތުގެ ބަޖެޓުން އުފުލަން ޖެހޭ ހެއްޔެވެ؟.

"އެތައް އަހަރެއް ވަންދެން ޚިދުމަތްކޮށްފައި ދާ މީހާ 65 އަހަރު ވެގެން މަގާމުން ވަކިވެގެން ދާއިރު ވެސް މާ ބޮޑު އެއްޗެއް ނުލިބޭ. އެކަމަކު އެއް ދައުރު މަޖިލީހުގައި އަދާކުރާ މީހަކަށް ވެސް ދައުލަތުން އެބަ ޖެހޭ އިނާޔަތްތައް ދޭން. މިއީ ހަމަޖެހޭ ކަމެއްތޯ އެބަ ޖެހޭ ވިސްނާލަން،" ވަކީލަކު ވިދާޅުވި އެވެ.

މެމްބަރުންނަށް ގާނޫނީ ގޮތުން އިމްތިޔާޒްތަކެއް ދެނީ މެމްބަރުންނާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ރައްކަލަކަށެވެ. ކޮންމެ ބޭނުމެއްގައި ކަމަށް ވިޔަސް، މެމްބަރުންގެ އިމްތިޔާޒްތައް އުވާލައިފި ނަމަ، އޭގެ ނުރަނގަޅު ނަތީޖާ މެމްބަރުންނަށް ފޯރުމަކީ ދުރު ކަމެއް ނޫނެވެ.