ރިޕޯޓް / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..

އިބްރާހީމް މުހައްމަދު ސޯލިހް

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު، އެތައް ގޮތަކުން އެމަނިކުފާނު ދިވެހި ތާރީޚްގައި ލިޔެވިގެން ދާނެ އެވެ.

ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެ ގިނަ ވޯޓު (134،705 ވޯޓު) ހޯއްދަވައިގެން އިންތިޚާބެއް ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސެވެ. އެންމެ ތަފާތު ބޮޑު ނިސްބަތަކުން (58.4 ޕަސެންޓް) އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީގެ ފުރަތަމަ ޕީޖީ ލީޑަރު (2009 ވަނަ އަހަރުން ފެށިގެން) މެ އެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވާ ފުރަތަމަ ރައީސް ވެސްމެ އެވެ. މީގެ އިތުރުން، އެމަނިކުފާނު އިންތިޚާބުވެވަޑައިގެންފައި އެވަނީ، ސިޔާސީ ހަތަރު ޕާޓީއެއްގެ އެންމެ އިސް ލީޑަރުންގެ ފުރިހަމަ ތާއީދާއި މަދަދާ އެކުގަ އެވެ.

މި ހުރިހާ ކަމަށް މަގުފަހި ވެގެން ދިޔައީ، ރައީސް އިބޫގެ ކިބައިގައި ޚާއްސަ ކަންތައްތަކަކާއި ޚާއްސަ ސިފަތަކެއް ވެސް ހުރުމުންނެވެ. އިބޫ އަކީ ކޮން ކަހަލަ ބޭފުޅެއްތޯ ސުވާލު ކޮށްލުމުން ކޮންމެ މީހަކު ވެސް ފަސޭހަ ކަމާ އެކު ބުނެލަނީ މިހެންނެވެ؛ "އިބޫ އަކީ ވަރަށް ތަފާތު ބޭފުޅެއް."

އޭގެ ތަފްސީލަށް ދާއިރު އެ ތަފާތުތަކަށް ދަލީލުކޮށްދެނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި 24 އަހަރު (1994-2018)ގެ މާޒީ އެވެ. ކޮންމެ ބޭފުޅަކު ވެސް އެމަނިކުފާނުގެ ލީޑަޝިޕްގެ ގާބިލްކަން ވަޒަން ކުރާ މިންގަނޑަކީ، މަޖިލީހުގެ ހަލަބޮލި ޖައްވުގެ ތެރޭގައި ރުޅި އާއި ޒުވާބުގެ ކުރިއަށް ހިކްމަތްތެރިކަމާއި ވިސްނުންތެރިކަން އިސް ކުރެއްވި ގޮތެވެ.

ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ނަޒަރުގައި އިބޫއަކީ ސިޔާސީ ލީޑަޝިޕް ކޮލިޓީ ވަރަށް ފުރިހަމަ އަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކިތަންމެ ގަދަ ކަނޑެއްގައި ވެސް ހުންގާނަށް ފަރިތަ މާލިމީއެކެވެ.

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ މެދު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލު

ރައީސް އިބޫއާ ހުރިހާ ގޮތަކުން ވެސް އެންމެ އަރިސް ބޭފުޅެއް ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް އިބޫއަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، ޑިމޮކްރެސީ ގާއިމުކުރުމަށްޓަކައި އޭރުގެ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ސިޔާސީ ހަރަކާތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ސިޔާސީ ލީޑަރެކެވެ. އަދި ހަމަ އެފަދައިން އެހާމެ މަޖާ މިޒާޖެއްގެ ވެސް ވެރިއެކެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަކީ އަޅުގަނޑުގެ ޒަމާންވީ ރަހްމަތްރިއެއް. އެއީ ކެތްތެރި، ތެދުވެރި، ކަންކަމާ ވިސްނަވާ ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅެއް. ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަކީ ފޮތް ވިދާޅުވާ ބޭފުޅެއް. ލިޔުންތެރިއެއް އަދި ޅެންވެރިއެއް. ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަކީ 1989 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޞުލްހަވެރި ސިޔާސީ ހަރަކާތް ހިންގަވާ ރާއްޖެ ބަދަލުކުރުމުގެ އެއް ބައިވެރިޔާ. އަޅުގަނޑު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަށް އެދެނީ ފާގަތި މުސްތަޤްބަލެއް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސް އިބޫއަކީ ވަރަށް ހިތްހަމަޖެހޭ ސިފަތަކެއް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރެކެވެ.

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ މެދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ޚިޔާލު

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ހަމަ ގައިމު ވެސް އެ މަނިކުފާނުގެ ވިސްނުންތެރިކަމާއި، ކަންތައް ކުރައްވާފައި ހުރި މަޑުމައިތިރި ގޮތާއި، [ސިޔާސީ ވާދަވެރިންގެ މެދުގައި] އެކުވެރިކަން އާލާކޮށް ދަމަހައްޓަން ކުރައްވާފައި ހުރި މަސައްކަތްތަކާ މެދު. އިބޫއަކީ ދެން ވަރަށް ކެތްތެރި، މަޑުމައިތިރި، ވިސްނުންތެރި ބޭފުޅެއް ކަން އަޅުގަނޑަށް އެނގެނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ހިނގާ އެކިއެކި ކަންކަމުގައި ވާދަވެރި ޕާޓީތަކުގެ މެމްބަރުންގެ މެދުގައި މަސްލަހަތު ގެއްލިގެންދާ ހާލަތްތަކުގައި ވެސް އެމަނިކުފާނުގެ ޕާޓީގެ ގައިޑްލައިނާ އެއްގޮތަށް، އެހެން ޕާޓީތަކުގެ މެންބަރުންނާ އެކުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާ މަޝްވަރާ ކުރައްވަ އެވެ.

ރައީސް އިބޫ އަށް އިތުބާރު ކުރުމަށް އަބަދުވެސް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވާ ގޮތުގައި ރައީސް އިބޫއަކީ ސިޔާސީ ކަންކަމުގައި ވެސް ރީތި އަޚްލާގާއި ހަމަޔާއި އިންސާފުގައި އަބަދު ވެސް ހިފަހައްޓަވާ ބޭފުޅެކެވެ.

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ މެދު، އަދާލަތު ޕާާޓީގެ ރައީސް އިމްރާން އަބްދުﷲގެ ޚިޔާލު

"އިބޫއަކީ ހުރިހާ ބޭފުޅުންނާ ބަލާއިރު ވެސް އަޅުގަނޑަށް ބުނެވިދާނެ، އެންމެ ދަތި އުނދަގޫ ހާލަތުގައި ވަރަށް ފުރިހަމަ އަށް ނެގޯޝިއޭޓް ކުރެއްވި ނެގޯޝިއޭޓަރެކޭ. މި ފަހުން އަޅުގަނޑަށް ފެންނަން ފެށި ގޮތުގައި، ކުރިން ވެސް އެކަން އެނގޭ ކޮންމެވެސް ވަރަކަށް، ދޫ ދެއްވަން ޖެހޭ ތަނުގައި ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަ އަށް ދޫ ދެއްވައި އަދި ހިފަހައްޓަން ޖެހޭ ތަނުގައި ރީތި އަޚްލާގުގެ ތެރެއިން އަދި ހަމަތަކުގެ ތެރެއިން ހިފަހައްޓަވާ ބޭފުޅެއް."

އޭގެ އިތުރުން، އިމްރާން ވިދާޅުވި ގޮތުގައި، ރައީސް އިބޫއަކީ ސިޔާސީ އެހެން ބޭފުޅުންނާ އަޅާބަލާއިރު، ޚިޔާލު ތަފާތުވާ މީހުންނާ އެކުގައި މަޝްވަރާ ކުރައްވަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ކަމެއް ނިންމަވާނީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގަ އާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ވެސް ރައީސް އިބޫއާ އެކުގައި މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު)، އިބޫ ސިފަކުރެއްވީ، "ރާއްޖޭގެ ސިޔާސީ މަސްރަހުން މި ވަގުތު ފެންނަން ހުރި އެންމެ ރަނގަޅު ބޭފުޅާ"ގެ ގޮތުގަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ މެދު، މަޖިލީހުގެ ކުރީގެ ރައީސް އ އަހްމަދު ޒާހިރު (ސީނާ ޒާހިރު)ގެ ޚިޔާލު

"އަޅުގަނޑު ދެކޭ ގޮތުގައި ވިއްޔާ އިބޫއަކީ ވަރަށް ހަރުދަނާ ބޭފުޅެއް. މީހުން މި ހީކުރާހާ ގޮތަކަށް އިބޫ ކަންތައްތަކެއް ނުކުރައްވާނެ. އޭނާއަކީ އެހާ އަނގަ ގަދަކޮށް އުޅުއްވާ ބޭފުޅެއް ނޫން. ވަރަށް ހަރުދަނާ ބޭފުޅެއް. އެހެން މީހުން ދައްކާ ވާހަކަ އަޑުއައްސަވަން މަޑުމަޑުން އިންނަވާނެ. ދެން އެއީ އިބޫގެ އެންމެ ރަނގަޅު ކަމަކީ،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިބޫ މަޖިލީހާ ގުޅިވަޑައިގަތުމާ އެކު، ދުވަހުން ދުވަހަށް ދިޔައީ ސިޔާސީ މައިދާނަށް ހޭނެމުން ކުރިއަރަމުންނެވެ. އަދި އިބޫ މަޖިލީހަށް ވަޑައިގަންނަވާނީ އެދުވަހެއްގައި މަޖިލީހުގައި އޮންނަ ކަމަކަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންނެވެ.

"އަޅުގަނޑަށް އިބޫ ބޮޑަށް ފާހަގަވެފައި އޮތީ ބަޖެޓްގެ ކަންތައްތަކުގައި ވަރަށް ހަރުދަނާ ކޮށް، ވިސްނަވައި ބަޖެޓް ބައްލަވައި ޚިޔާލު ފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގައި. ދެން ބަޖެޓްގެ ކަންތައްތަކުގައި ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގަންނަވާނެ މަޖިލީހަށް ވަޑައިގަންނަވާ އިރު. ސީރިއަސް ޑިސްކަޝަންތަކުގައި އެމަނިކުފާނު ބޮޑަށް އިންވޯލްވެވަޑައިގަންނަވާނީ. އެމަނިކުފާނު ކެންޑިޑޭޓަކަށް ވުމާ އެކުގައި ވެސް އަޅުގަނޑު ހިތަށްއެރި، މިހާރު އަޅުގަނޑުމެންނަށް މަސްރަހުން ފެންނަން ހުރި އެންމެ ރަނގަޅު ބޭފުޅަކީ އިބޫއޭ،" ޒާހިރު ވިދާޅުވި އެވެ.

އިބޫއާ އެކު ރައްޔިތުންގެ މަޖިލީހުގައި ގާތްގަނޑަކަށް ނުވަ އަހަރާއި ހަތަރު މަސް ހޭދަކުރެއްވި، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި އިބޫއަކީ އެއްވެސް ކަމެއްގައި މާ ކަންތައް ބޮޑުވެގެން، ހާސްވެގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. އަދި މަޖިލީހުގެ ތަފާތު މާހައުލުތަކުގައި ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، ރުޅިވެރިކަމަކީ އިބޫގެ ކިބައިގައި ނެތް ސިފައެކޭ ވެސް ބުނެވިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ މެދު، އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާންގެ ޚިޔާލު

"މަޖިލީހުގައި އަޅުގަނޑުމެން ތަފާތު މަރުހަލާތައް ކަޑައްތު ކޮށްފިން. އަޅުގަނޑުމެން އިދިކޮޅުގައި އެ ބޭފުޅުން ވެރިކަމުގައި. އޭގެ އަނެއް ކޮޅަށް ވެސް. މިހިރަ ހުރިހާ ރަހައެއްގެ ތެރޭން ވެސް އިބޫ ފެނިއްޖެ. އެކަމަކު ވަރަށް މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައި ފެންނަނީ. އެއްވެސް ކަމެއްގައި މާ ކަންތައް ބޮޑުވެގެން ނޫޅުއްވާނެ. އެއީ ވަރަށް މުހިންމު ސިފައެއް،" ނިހާން ވިދާޅުވި އެވެ.

"ކަމަކާ މެދު ހުރިހާ ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާ ކުރަން ޖެހުމާ އެ ކަންތައްތަކުގެ ގްރެވިޓީ އަށް ވަރަށް ބޮޑަށް ބައްލަވާނެ. ބޮޑެތި ސިޔާސީ މައްސަލަތަކުގައި މަޖިލީހުގައި މަސްލަހަތު ގެއްލިފައި އޮންނަ އިރުގައި ވެސް، ވަރަށް ކެތްތެރިކޮށް، ވަރަށް މަޑުމައިތިރިކޮށް ހުންނަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ."

ނިހާން ވިދާޅުވި ގޮތުގައި އިބޫގެ މަޑުމައިތިރިކަމުގެ އަސްލަށް ބަލާއިރު، ކޮންމެ މީހަކާ ވެސް އިބޫއާ ވާހަކަ ދެއްކޭނެ އެވެ. މިއަދު އިބޫ އެ ހުންނެވި މަގާމަށް އެމަނިކުފާނަށް ވަޑައިގެންނެވުނީ ވެސް، މައްސަލަތައް ހައްލު ކުރެއްވުމުގައި ކެތްތެރިކަމާ އެކު މަޝްވަރާކޮށް ދޫދެއްވައިގެން ހައްލު ހޯއްދަވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އިބޫގެ އެ ކެތްތެރިކަމާއި ގާބިލުކަން އެއީ އިބޫގެ އެންމެ ތަފާތު ސިފައަކީ. ބަޖެޓް ކޮމިޓީ ކުރިއަށް ގެންދާ އިރު ބަހުސްގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުމަކުން އިބޫ ކޮންޓްރޯލުން ނައްޓައިގެން ނުދާނެ. ރުޅި އައިސްގެން ނުދޭ ދުވަހަކު ވެސް. އެހާ ވާހަކަ ގިނަ ބޭފުޅެއް ނޫން. ވަރަށް ވާހަކަ މަދު،" ނިހާން ވިދާޅުވި އެވެ.

ރައީސް އިބޫއަކީ ރުޅި އިސްކުރެއްވުމެއް ނެތި، ދޫދެއްވައިގެން ވިސްނުންތެރިކަމާ އެކު ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ހަރުދަނާ ލީޑަރަކަށް ވީ ފަދައިން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ވެސް ހަމަ ގައިމު ވެސް އެދޭނީ، ގައުމަށް އިތުރު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމެވެ. ތަފާތު ފިކުރުގެ ސިޔާސީ ހަތަރު ލީޑަރުންނާ އެކު، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، އެ ނުކުމެވަޑައިގަންނަވަނީ ސިޔާސީ އޮއިވަރު ބާރު ކަނޑުއޮޅިއެއްގެ ތެރެއަށް ކަން ހަނދުމަފުޅުގައި ބަހައްޓަވާނެކަން ޔަގީނެވެ.

15 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 1%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އަހުމަދު

11 March 2019

ޤައުމު ހިންގާނެ ގާބިލުކަމެއް އިބޫގެ ނެތް. ސޮރީ.

The name is already taken The name is available. Register?

ބިކަ

17 November 2018

19 ދިވެހިންގެ ލޭގެ ކުލަ އެދެއަތުންވެސް ހިއްސާކުރަން ޖެހޭ ސޮރެއް އެއީވެސް

The name is already taken The name is available. Register?

ޖަޒީރާ މީހާ

17 November 2018

އެކަމުގަ އިބޫ ކުރާނެ ކަމެއް އެބަ އޮތްތަ އަޅެ

The name is already taken The name is available. Register?

ުމުދިބެ

18 November 2018

އެހެންވިއްޔާ އެހެން އެނެމެން ކުރާ ފާފައަށް ކަލޭވެސް ޒިންމާވާން ޖެހޭނޭ

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

17 November 2018

އޭނާގެ ގައިގައި ހުރި ސިފަތައް ވަރަށް ފުރިހަމަ.... ވެރިކަމުގެ ބާރާއި ލައްޒަތު ލިބުމުން ކޮންމެ މީހަކަށް ވެސް ބަދަލުތައް އަންނަނީ.... މިއީ އިންސާނީ ތަބީއަތް

The name is already taken The name is available. Register?

އާސްކްމީ ޝަރީފް

17 November 2018

މީ ގެ މާނަޔަކީ ﷲ އިރާދަކުރެއްވިޔާ މިޔަދު މިފެށިގެން މިދާ އާ ރިޔާސީ ދައުރަކީ ޤައުމަށް އުޖާލާ ކަން އަންނާނެ ފަސް އަހަރުކަން

The name is already taken The name is available. Register?

ޙާމަކޮށްލުން

17 November 2018

ނުމޮށޭ ގުރާ ބާރަށް ދާގަންނަ ކަން އެންމެން ދަންނަމް. މަޑުން ހުރެގެން މިއަދު ރާއްޖެއަށް ނަޞާރާ ދީން ފަތުރާގެން ފޮނުވާލި ހާޑިން ހުވާގެ ރަސްމިއްޔާތައް ގެނައީ. އެންމެ މުސްލިމުންނަށް އަނިޔާކުރި ވެރިން މި ރާއްޖެއަށް ގެންނަނީ. ޢެގޮތައް މަޑުން ނުހުރުން އެދެން.

The name is already taken The name is available. Register?

ސަކީނާ

17 November 2018

ހާޑިން އާއި މޯދީ އަދި ޗައިނާއިންވެސް ނޫޅޭ މިތަނުގައި ނަސާރާދީން ފަތުރާކަށް. މޮޔަވެދާނެ

The name is already taken The name is available. Register?

ފަލަޑޭ

17 November 2018

މައުމޫންގެ ބަހެއްނެތްތަ؟

The name is already taken The name is available. Register?

ހާސީނާ

17 November 2018

ރައީސް ނަޝީދު އަށް ވެދުން ސަލާމްއަށް ފަހު ދަންނަވަން. ސިޔާސީ ބޭފުޅުން އިބޫއަށް ކުރަށްވާފައި އެވާ ތައުރީފަކީ މަނިކުފާނާއި އަޅާކިޔައި ކޮއްފައިވާ ތައުރީޕްތަކެކެވެ. މަނިކުފަަނަކީ ގޮތް ދޫނުކުރާ، ހަމައެކަނި މަނިކުފާނުގެ ރޭގަނޑުގެ ރަހްމަތްތެރިންގެ ބަސް އަހައި ރުއްސުމަށް އުޅުއްވާ ބޭފުޅެކެވެ. ތެދެކެވެ. މަނިކުފާނު ވަރަށް ބުރަކޮށް އަދި ބޮޑެތި ގުރުބާނީތަކެއް ވެގެން ރާއްޖޭގެ ޑިމޮކްރެޓިކް މާހައުލެއް 2008ގައި ގާއިމް ކުރެވުނީ! އެހެނަސް މަނިކުފާނުގެ ނާޗަރަންގީ!

The name is already taken The name is available. Register?

ވާލުސޮރު

17 November 2018

ކުރީގެ ރައީސް ޔާމީން ފަދަ އަނިޔާވެރި ގޮތްދޫނުކުރާ ޚުދުމުޚްތާރު ވެރިޔަކު އާރާ ބާރުގަ ބަހައްޓައިގެން ބަލިކޮށްލެވޭނީ ބުއްދިއާ ހިކުމަތް އިސްކޮށްގެން. "އެތެރޭން" ތިއޮތީ ނިހާނުމެން ލައްވާވެސް ކުޅުވާފަ ހަމަ އެގޮތަށް "ބޭރުން" ރައީސް ނަޝީދު މެން ލައްވާވެސް ކުޅުވާފަ "މެދުތެރޭން" އިދިކޮޅު ލީޑަރުން ލައްވާކުޅުވީ އަދީ މާ މޮޅަށް.

The name is already taken The name is available. Register?

ޒުވާނެއް

17 November 2018

އިންޝާﷲ އިބޫގެ ވެރިކަމުގައި ރާއްޖެ ކުރިއެރުންތަކެއް ހޯދައި ދިވެހިންނަށް ފާޤަތި އަދި މުއްސަނދި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ. ތަފާތު ކުރުމެއްނެތި އެކުވެރިކަމާ ސުލްހަ މަސަލަސްކަން އިސްކޮށް ޤައުމު ބިނާކުރާނެ ކަމުގައި އުއްމީދުކުރަން. އަދި ނިހާނުމެންވެސް ބޮޑާނުހާކާ ޔާމީނުއަށް ހެޔޮވިސްނަދީގެން ޤައުމީ މަސައްކަތުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށް ދިވެހިރާއްޖެ އެހެން ހަރުފަތަކަށް ގެންދަން ސުލްހަވެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން

The name is already taken The name is available. Register?

ހަސަދު

17 November 2018

ތިޔަ އެންމެން ތިޔަގޮތުގައި ތިއްބަވާނެ ކަމަސް އުއްމީދު ކުރަން. ދިވެހި ރާއްޖެ އަކީ ވަރަށް ރަށްތަށް ގިނަ އަދި އޭގެ ފައިދާ މަދު ބަޔަކަށް މިލިޔަނުން ލިބޭ ރަށް ތަކެއް. މިހާރު އަތުގައި ހުރި ތަކެތި ރަށްރަށް، އަބިން، ދަރިން، އިތުރު ކުރުމުގެ ނިޔަތުގައި ކޯޅި ނުގަންނާނެ ކަމަށް އުއްމީދު ކުރަން. އަދި ޓޫރިޒަމްގެ ފައިދާ ވެސް ރާއްޖޭގައި މަޑުނުވެ ބޭރުގެ އެކައުންޓް ތަކަށް ނުދާނޭ ފަދަ ގޮތަށް ތިޔައެންމެން އެއްބަސް ވާނޭ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!