ފަޒީނާގެ މި ރިޕޯޓު: މިދިއަ އަހަރުގެ އެއް ވަނަ

އާންމު ހަބަރުތަކުގެ އިތުރުން، ތަފްސީލީ ރިޕޯޓްތަކަށް "މިހާރު"ން އަބަދުވެސް ސަމާލުކަން ދެ އެވެ. ހަބަރުތަކަށް ވުރެ، އިތުރު މައުލޫމާތާއި އިންޓަވިއުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށްފައި "މިހާރު"ގެ ޒުވާން ލިއުންތެރިން ލިޔާ ރިޕޯޓްތަކަށް ކިއުންތެރިންގެ ޝައުގުވެރިކަން ވެސް ބޮޑެވެ. މިދިއަ އަހަރު އެންމެ ގިނަ ބަޔަކު ކީ ލިއުން ކަމަށް ވާ "ރައީސް ޔާމީނަށް ނާކާމިޔާބުވި ހަގީގަތް"، މި ރިޕޯޓަކީ އޭގެ މިސާލެކެވެ.


ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ބެހޭ ގޮތުން އެތައް ހާސް ލިއުމެއް "މިހާރު"ގައި ވެސް ޖަހާފައިވެ އެވެ. މިދިއަ ފަސް އަހަރު، ހާއްސަކޮށް މިދިއަ އަހަރު، ނޫސްވެރިންގެ މަސައްކަތް ބުރަވެފައި، އޮތް ބިރު ވެސް ބޮޑެވެ.

އިންތިހާބު ނިމުނުތާ ދެ ދުވަހުގެ ތެރޭގައި، އެސިސްޓެންޓް އެޑިޓަރު ފަޒީނާ އަހުމަދު ތައްޔާރުކުރި ރިޕޯޓް ކިއުންތެރިންގެ ސަމާލުކަން އަތުލައިގަތީ އޭގައި އާ މައުލޫމާތުތަކެއް ހުރެގެންނެއް ނޫނެވެ. އެކަމަކު ޔާމީންގެ ވެރިކަމުގައި ފެނުނު މައްސަލަތަކުގެ ކުރު ތަފުސީލު އެހާ ރީތިކޮށް، އަދި ވަގުތާއި ހާލަތާ ގުޅޭ ގޮތަށް ލިއުމުންނެވެ.

މި ރިޕޯޓް ފަށާފައި އޮތީ ޔާމީނަށް ތައުރީފްގެ ބަސްތަކުންނެވެ. އެކަކަށް ވެސް ދެބަސްނުވެވޭނެ ހަގީގަތެވެ: ތަރައްގީގެ މަޝްރޫއުތަކެވެ.

"އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ؛ ތަރައްގީ ގެންނެވުމުގައި ރައީސް އަބްދުﷲ ޔާމީނަކީ ނަމޫނާއެކެވެ. އޭގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސެއްގެ ފަސް އަހަރުގެ ދައުރުގައި ހިންގާފައި ނުވާ ފަދަ ގިނަ އަދި ބިިޔަ އެތައް މަޝްރޫއުތަކެއް ކުރިޔަށް ދިޔަ އެވެ. ބްރިޖާއި އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލާއި ރަށްރަށުގެ ބަނދަރާއި މަގުހެދުމާއި ނަރުދަމާ އެޅުން ފަދަ މަޝްރޫއުތަކާ ގުޅުވައި، ރައީސް ޔާމީންގެ ނަންފުޅު، ކޮންމެ ގޮތެއް ވިޔަސް، ތާރީޚުގައި ލިޔެވިއްޖެ އެވެ. ދިވެހިން އެ ހަގީގަތް ގަބޫލުކުރެ އެވެ،" ރިޕޯޓް ފަށާފައިވެ އެވެ.

މިހާރުގެ ނޫސްވެރިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "މިހާރު" ނިއުސް ރޫމްގައި

މިދިއަ ދެ އަހަރުގެ ތެރޭގައި "މިހާރު"ގެ ނޫސްވެރިން ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެވެ. ނޫސްވެރިންގެ އެވްރެޖް އުމުރު އުޅެނީ 30 އަހަރަށް ވުރެ ދަށުގަ އެވެ. އެކަމަކު ލިއުންތެރިކަމުގައި އެ ނޫސްވެރިންގެ ހުނަރު ފާހަގަކުރެވެ އެވެ. އެހެންކަމުން "މިހާރު" ގެ ކަވަރޭޖް ހަމައެކަނި އޮންނަނީ އާންމު ހަބަރުތަކަށް އެކަންޏެއް ނޫނެވެ. އެހެން ދާއިރާތަކުން ރިޕޯޓާއި ފީޗާ ލިއުމުގައި ވެސް އެ ޓީމު އަންނަނީ ތަޖުރިބާ ހޯދަމުން، ކިއުންތެރިންނަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެއިން ކޮންމެ ލިއުމެއް، ދުވާލަކު އެތައް ހާސް ބަޔަކު ކިޔަ އެވެ.

ކުރީގެ ރައީސް ޔާމީނާ ބެހޭ ގޮތުން ފަޒީނާ ލިއުނު ރިޕޯޓް

1: މަގުބޫލްކަމުގެ ގޮތުން މިދިއަ އަހަރުގެ ވަނަ

100،259: ރިޕޯޓް ބެލި މީހުންގެ އަދަދު

344: ރިޕޯޓާ އެކު ޝާއިއުކުރި ކިއުންތެރިންގެ ކޮމެންޓުގެ އަދަދު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ "މިހާރު"ގެ ފަރާތުން ފަޒީނާ އިންޓަވިއުކުރަނީ

ޔާމީނަށް އެ ތައުރީފް ލިބިވަޑައިގަތަސް، އަދި އެ ތައުރީފްގެ ތެރޭގައި އެމަނިކުފާނާއި ޕީޕީއެމްގެ ވެރިންގެ ލޯފުޅު މެރިފައި ވިޔަސް، ރިޕޯޓުގައި ދެން ކިޔައިދީފައި ވަނީ ރިޔާސީ އިންތިހާބު ގެއްލުމުގެ މައިގަނޑު ސަބަބުތަކެވެ. އެންމެ ކުރީގައި އުޅެނީ ކޮރަޕްޝަނާއި އަނިޔާވެރިކަމެވެ.

"ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އާއްމުވުމެވެ. ގަބޫލުނުކުރެވޭ މިންވަރަށް ރައްޔިތުންނަށް އަނިޔާވެރިވުމެވެ. ތަފާތު ކުރުންތަކާއި ބިރު ދެއްކުންތަކާއި ބޭއިންސާފުން ކަންކަން ކުރުމެވެ. ނުހައްގުން މީހުން ޖަލަށް ލުމެވެ. މުއައްސަސާތަކުގެ މިނިވަންކަން ނެތި އަދުލު އިންސާފުގެ ދޮރުތައް ބަންދުކުރުމެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުމެވެ. މި ކަންކަމަށް ދައުލަތް ޖަވާބުދާރީ ކުރުވޭނެ މަގުތައް ވެސް ބަންދު ކުރުމެވެ. ގާނޫނާ ޚިލާފަށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމެވެ. މަޖިލީހުގައި ތަޅު އެޅުވުމެވެ،" ފަޒީނާ ލިއެފައިވެ އެވެ.

އެކަމަކު ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރެއްވި ޔާމީނަށް އެ މަންޒަރުތަކެއް ފެނިވަޑައެއް ނުގަތެވެ. ރިޕޯޓް ކުރިއަށް ގެންދަމުން ލިއުންތެރިޔާ ބުނެފައިވާ ގޮތަށް "މިއިން އެއްވެސް ތުހުމަތެއް ގަބޫލުފުޅު ކުރައްވާ ކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވި އެވެ".

"ވޯޓާ ކުރިމަތިލެއްވިއިރު ވެސް ސިޔާސީ ގޮތުން އެމަނިކުފާނަށް ބިރުހީވާ އެންމެން "ގާނޫނީ ބަންދަށް" ފައްތާލެއްވުމުގެ ސިލްސިލާ ނިންމައެއް ނުލައްވަ އެވެ،" ކަން ހިނގި ގޮތް ތެދަށް، އެ ރިޕޯޓްގައި ވެ އެވެ.

ޔާމީނުގެ ބަލިފަޔަކީ އެ އެވެ. އެމަނިކުފާނަށް ވިސްނައިދެވޭނެ އެހެން އެއްވެސް މީހަކު ނެތެވެ. ޔާމީން އަބަދުވެސް ނަމޫނާއަކަށް ނެންގެވީ އަނިޔާވެރިކަމާއި ހިޔާނާތުގެ ބޮޑެތި ލީޑަރުންނެވެ. ވެރިކަމުގެ ފަސް އަހަރު އެކަން އޮތީ ފެންނާށެވެ. މިސާލަކަށް ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގެވެ.

ސްރީ ލަންކާގައި 2015 ގައި އޮތް ރިޔާސީ އިންތިހާބު ރާޖަޕަކްސަ ކާމިޔާބުކުރައްވާނެ ކަމަށް ބަލައި، ޔާމީންގެ ސަރުކާރުން އޮތީ އޭނާ އަނެއް ދުވަހު ރާއްޖެ ގެނެސް މަރުހަބާ ކިޔަން އާރަށުގައި ހަވާ ވެސް އަރުވާ ގޮތަށެވެ. އެ ގައުމުގެ ގިނަ ބަޔަކު ތިބީ އަނިޔާ އާއި ހިޔާނާތަށް ފުރަގަސްދީގެންކަން ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަތެވެ.

ނަޖީބުގެ ބާރު ކިތައްމެ ގަދަޔަސް، އަދި ރާއްޖެއެކޭ އެއްގޮތަށް މެލޭޝިއާގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައްކޮށް، ރައްޔިތުންގެ ޝުއޫރު ދެއްކޭނެ ޖާގަ ނެތަސް، ގިނަ ބަޔަކު ތިބީ އޭނާގެ ބޮޑު ހިޔާނާތާ ދެކޮޅަށްކަން އެނގުނީ ވޯޓުންނެވެ. ނަޖީބުގެ އަމިއްލަ އެކައުންޓްތަކުގައި 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރިކަން ފަޅާއެރުމުން، ޔާމީނެކޭ އެއްގޮތަށް، އޭނާ ވެސް އެކަން ދިފާއުކުރެއްވި އެވެ.

ކޮރަޕްޝަންގެ ފައިދާ ލިބޭ މީހުންނާއި ދެ ލޯ މަރާލައިފައި ނަމަވެސް ތިމާ ސަޕޯޓްކުރާ ބަޔަކަށް ތައުރީފްކުރާ މީހުން އުޅޭނެ އެވެ. އެކަމަކު އެއީ އާބާދީގެ މަޖޯރިޓީއެއް ނޫނެވެ. އެކަން ރިޔާސީ އިންތިހާބުން ޔާމީނަށާއި ޕީޕީއެމްގެ އިތުރުން ހުރިހާ ދިވެހިންނަށް ވެސް އެ އޮތީ ފެންނާށެވެ.

އެކަމަކު އިންތިހާބުގެ ވޯޓާ ހަމައަށް ދިޔަ އިރު ވެސް ޔާމީން ހުންނެވީ އެ ހަރުކަށިކަމާއި ގޮތްދޫނުކުރެއްވުމުގަ އެވެ. ފަޒީނާގެ ރިޕޯޓްގައި ބުނެފައިވާ ގޮތަށް، ޔާމީން "ހަނދުމަފުޅު ނެތުނު ކަމަކީ ގިނަ ދިވެހިންނަކީ އަނިޔާ ތަހައްމަލް ކުރަން ބޭނުން ނުވާ އަދި އެހެން މީހުންނަށް ވެސް އަނިޔާ ލިބޭ މަންޒަރު ބަލާނެ ބައެއް ނޫން ކަމެވެ."

އިދިކޮޅު އިއްތިހާދުން ރައްޔިތުންނަށް ވިއްކީ ކޮރަޕްޝަނާއި އަނިޔާއާ ދެކޮޅުވުމުގެ ވާހަކަ އެވެ. ނަމަވެސް އިންތިހާބުން ބަލިވުމުން ވެސް ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން އެކަމެއް ގަބޫލެއްނުކުރައްވަ އެވެ. އަނިޔާ އާއި ކޮރަޕްޝަނާ މެދު "އެއީ، ހައްތާ ވެސް ތުހުމަތޭ. ސާބިތެއް ނުވެޔޭ،"، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ވިދާޅުވުން ރިޕޯޓްގައި ގެނެސްދީފައި އޮތީ، ޕީޕީއެމުން އޭރު ވެސް ގޮތްދޫނުކުރާކަން ބުނެދިނުމުގެ ގޮތުންނެވެ.

"ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގަބޫލު ނުކުރެއްވިއަސް ހަގީގަތަކީ މިއީ އެވެ. ކެތްތެރިކަން އިސްކޮށް ދިވެހިން ނަގައިދިނީ ފިލާވަޅެކެވެ. ރައްޔިތުން ނޫނެކޭ ބުނީ އަނިޔާ އާއި ބޭއިންސާފަށެވެ. 'ކޮންކްރީޓް ތަރައްގީއަކަށް' ނޫނެވެ،" ރިޕޯޓް ނިންމާލަމުން، ފަޒީނާ ލިއުނެވެ.

ލައްކައަކަށް ވުރެ ގިނަ ކިއުންތެރިންގެ ޝައުގުވެރިކަން މި ރިޕޯޓަށް ލިބުނީ، ކުރިން ބުނިހެން، މާޒީގެ ކަންކަން ހުލާސާކޮށް، ވަގުތާއި ހާލަތަށް ބަލައިގެން ލިއެފައިވާލެއް ރީތިކަމުންނެވެ. ކޮންމެ ކަމެއްގައި ވެސް ހިޔާލު ތަފާތުވާ މީހުން ތިބޭނެ އެވެ. އެކަން އެންމެ ބޮޑަށް ގަބޫލުކުރާނީ ނޫސްވެރިންނެވެ. އެހެންކަމުން ފަޒީނާގެ ރިޕޯޓަށް 300 އަށް ވުރެ ގިނަ ކޮމެންޓް ޝާއިއުކުރި އިރު (ކޮމެންޓް ކުރުމުގެ ގައިޑްލައިނަށް ނުފެތޭ އެތައް ކޮމެންޓެއް ހިފަހައްޓާފައިވެ އެވެ.) އޭގެ ތެރޭގައި ޔާމީނަށް ތާއީދުކުރި އެތައް ބަޔަކު ވެސް ތިއްބެވެ.

ކިއުންތެރިންގެ ހިޔާލުން....

ޔާމީނަށް ތާއީދުކުރި ދެ ކިއުންތެރިއެއްގެ ބަސް

"ޔާމީން ނުހޮވުނަސް މަ ތާއީދު ޔާމީން އަށް. މިފަހަރު އިންތިހާބު ކާމިޔާބު ކުރީ ފިކުރީ ހަނގުރާމައެއްކޮށްގެން. އަސްލު ޔާމީން ހިފެހެއްޓީ ޤާނޫނުގައި. ބޭބެ ވެސް ކުށެއް ކޮށްފި ނަމަ އަދަބު ލިބެން ޖެހޭނެ."

ކިއުންތެރިޔާގެ ވާހަކަ އަމާޒުކޮށްފައި އެވަނީ ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމާ ބެހޭ ގޮތުން ރިޕޯޓްގައި އޮތް ވާހަކައަށެވެ.

"ކޮންމެ މީހަކު ވެސް ބޭނުންވަނީ ތިމާ ބޭނުންވާ ކަންކަން ވަގުތުން ނިންމަން. 5 އަހަރަށް ކެތްކޮށްލަން ބޭނުންނުވޭ. 30 އަހަރުގެ ވެރިޔާ ނުކުމެ މިކަން ވަގުތުން ނިންމަން ގޮވާ އަމުރު ނެރުނީ. ގާސިމު ވެސް ބުނި ތިމަންމެން އަމުރެއް ނެރުނީމޭ. މަޖިލިސް ތެރެއިން އަމިއްލަ ޕާޓީގެ މީހުން ނެރެ ދެކޮޅަށް މަސައްކަތްކުރުވި. އާޚިރުގައި ގޯސްވަނީ ވެރިމީހާ."

ކިއުންތެރިޔާ ހިޔާލު ފާޅުކޮށްފައި އެވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ބިނާކޮށެވެ.

ޔާމީނާ ދެކޮޅަށް ހިޔާލު ފާޅުކުރި ދެ ކިއުންތެރިއެއްގެ ބަސް

"ވަރަށް ފުރިހަމައަށް ރިއަލިޓީ ޗެކްކުރެވިފައިވާ އާޓިކަލްއެއް. ސާބަހޭ ފަޒީނާ އަހުމަދު. ޔާމީން އެއީ އަނިޔާވެރިއެއް. އިންސާފް ޔާމިނާ އަރާ ހަމަކުރާތަން ދެެކެން ވަރަށް ބޭނުން. ނަމަވެސް ތަރައްގީގެ މަސައްކަތުގައި އެއީ ހަމަ ނަމްބަރު 1. އެމަނިކުފާނުގެ މަސައްކަތްތަކަށް ޝުކުރުވެރިވަން. ހިނގާ ދޯ ބަލަމާ އެމްޑީޕީގެ ހިންގުން އަދި ތަރައްގީ އަންނަ ގޮތް. އަދުރޭ އަދި ނިހާނަށް ވަރަށް ވެދުން. އެ ވެސް ގޮޅިން."

"މިހާ ގޮތް ދޫނުކުރާ ހަރުކަށި ވެރިއެއް ނުދެކެން މި ގައުމުން. ތަރައްޤީ ކިތަންމެހާ ވެސް ފުރިހަމަ. ކުރު މުއްދަތެއްގައި ބޮޑު ޑިވެލޮޕްމަންޓެއް ގެނައި. އެކަމަކު ބާރުގެ ބޭނުން އެ ހިފަނީކީ ގެނައި ޑިވެލޮޕްމަންޓް ބަޔަކު ހަނދާނަށް އަންނަ ވަރަކަށް ނޫން. ބޭނުން ކޮންމެ ކަމެއް ކުރަންވީމަ ގާނޫން ބަދަލުކޮށްލަނީ ހަމައެއް ލަމައެއްނެތި މަޖްލިސް މެޖޯރިޓީ އޮތީތީ. މިފަހަރު މީނަ ހޮވުނު ނަމަ ދިވެހިން ރީތި ގޮތަކަށް އަޅުވެތިކުރީސް."