ރާއްޖޭގެ ޓޫރިޒަމް؛ އެކަށީގެންވާ ކުރިއެރުން ނުހޯދި، ވާދަވެރިންނަށް ވުރެ ފަހަތުގައި!

ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީގައި ރާއްޖޭގެ ބައެއް ރިސޯޓްތައް ފުރި، ޓޫރިޒަމްގެ ސިއްހަތު އެންމެ ރަނގަޅު ދުވަސްތައް މި ދަނީ ހޭދަކުރަމުންނެވެ. އެކަމަކު އާންމުންނަށް ނުފެންނަ ފަރާތުގައި އޮތް ހަގީގަތްތައް، ރާއްޖޭގެ ޓޫރިޒަމްގެ ބަނަކަން ހާމަކޮށްދެ އެވެ. އަދި އަވަސް، އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ފިޔަވަޅުތަކެއް ނޭޅޭ ނަމަ، އެ ބަނަކަން ބޮޑުވެ، ރާއްޖޭގެ އިގުތިސާދީ އެންމެ ބޮޑު ދާއިރާގެ ކުރިއެރުމަށް ހުއްޓުންތަކެއް އައުން ވެސް އެކަށީގެންވެ އެވެ.


މަސްވެރިކަމުގެ އިގުތިސާދަކުން ދުނިޔޭގެ ލޯތައް ހުއްޓުނު ރީތިކަމުގެ މަންޒިލަކަށް ރާއްޖެ ވެ، ޓޫރިޒަމްގެ މައްޗަށް މުޅި ގައުމު މިހާރު މި އޮތީ ބަރޯސާވެފަ އެވެ. ޓޫރިޒަމަށް ކުރިއެރުން ނުލިބި، އިގުތިސާދީ ދުވެލި ހުއްޓޭ ވަރަށް އެ ދާއިރާގެ ނުފޫޒު ގަދަ އެވެ. އެކަމަކު ހަގީގަތުގައި ފެންނަނީ ޓޫރިޒަމްގެ އިންޖީނު ހިންގާލަން ޖެހޭ ވަރަށް ވުރެ ދަށް ސްޕީޑެއްގައި އޮތް ތަނެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ޓޫރިޒަމްގައި ހޯދި ކުރިއެރުމަށް ބަލާއިރު ރާއްޖެ އުޅެނީ މާ ފަހަތުގަ އެވެ. މިދިއަ އަހަރު ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ގާތްގަނޑަކަށް 60 ޕަސެންޓްގައި ހުރި އިރު މިއީ މިދިއަ 10 އަހަރުގެ ތެރޭގައި އެ މިންވަރު އެންމެ ދަށަށް ދިޔަ ފަހަރެވެ. ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ހުރީ އެވްރެޖްކޮށް އެންމެ 30 ޕަސެންޓްގަ އެވެ. އެހެންކަމުން ޓޫރިޒަމުން ކޮންމެ އަހަރަކު ވެސް ކުރިއެރުން ލިބޭ ކަމަށް އިއުލާންކޮށް، ސަރުކާރުން ހިތްހަމަޖެހުން ފާޅުކުރިޔަސް، އެ ދާއިރާގެ ވާދަވެރިކަމަށް ބަލާއިރު ރާއްޖެ އަށް އޮތް ނުތަނަވަސްކަން ވަރަށް ބޮޑެވެ.

ކުރިއަރާ ނިސްބަތް ވިސްނާލަން ޖެހޭ ހިސާބެއްގައި!

ހަގީގީ މަންޒަރު އަދި މުޅިން ތަފާތެވެ.

މިދިއަ ފަސް އަހަރަށް ބަލާއިރު ރާއްޖެ އަށް އަހަރަކު އަންނަ ޓޫރިސްޓުން އިތުރުވެފައި ވަނީ ގާތްގަނޑަކަށް 325،000 އެވެ. އެކަމަކު އދ. ގެ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެ ފަދަ މޫދާއި ގޮނޑުދޮށް ވިއްކައިގެން ޓޫރިޒަމް ބިނާވެފައިވާ ބައެއް އެހެން ތަންތަން އެ މުއްދަތުގައި ހޯދީ މާ ބޮޑު ކުރިއެރުމެކެވެ. މިސާލަކަށް އިންޑޮނީޝިއާގެ ބާލީ އެވެ. އެތަނަށް މިދިއަ ފަސް އަހަރު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 2 މިލިއަނުން އިތުރުވެފަ އެވެ. ގޮނޑުދޮށާއި މޫދުގެ ހިތްގައިމުކަން އެކުލެވޭ ތައިލެންޑްގެ ޕުކެޓަށް އެ މުއްދަތުގައި 12 މިލިއަން ޓޫރިސްޓުން އިތުރުވި އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން އެވްރެޖްކޮށް ފަސް ޕަސެންޓްގައި އުޅޭ އިރު، އެ ދެ މަންޒިލްގެ ނިސްބަތް އުޅެނީ 10 ޕަސެންޓްގަ އެވެ.

ރާއްޖެ ފަހަތަށް ޖެހިފައިވާ ނުތަނަވަސް މަންޒަރު، އެ ހިސާބުތަކުން ފެންނަ އިރު، އޭގެ ހަގީގަތަކީ އަދިވެސް ޓޫރިސްޓް އެނދު އިތުރުކުރުން ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ޓޫރިޒަމަށް ލިބެން ޖެހޭ ކުރިއެރުމުގައި ރާއްޖެ ފަހަތު ފަޔަށް ބުރަވެގެން މި އުޅެނީ ހަމައެކަނި އެނދު ނެތިގެން ނޫންކަން ޔަގީނެވެ. މިސާލަކަށް މިހާރު ރާއްޖޭގައި ލިބެން ހުރި ގާތްގަނޑަކަށް 42،000 އެނދު ފުރޭ ގޮތް ވެއްޖެ ނަމަވެސް، އަހަރެއްގެ ތެރޭގައި 2 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. އެހެންކަމުން އަސްލު މައްސަލަ ނުވަތަ މައްސަލަތައް ގުޅިފައި މި އޮތީ ލިބެން ހުރި އެނދުގެ އަދަދާ ނޫންކަން އެނގެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް އޭގެ އަސްލު ދުވެލި ނުލިބިގެން މި އުޅެނީ އެތައް ސަބަބަކާ ހުރެ އެވެ. ފަހަރެއްގައި ސަރުކާރުގެ ސިޔާސަތު، ފުރަތަމަ ކުރަން ޖެހޭ ކަންކަމަށް ވުރެ ފަހުން ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން ވެސް، އެއް ސަބަބަކަށް ވެދާނެ އެވެ. ނުވަތަ ވީހާ ވެސް އަވަހަކަށް ހައްލު ހޯދަން ޖެހޭ ދާއިރާތަކަށް އަންނަ ކުރިއެރުން ނެތީ ކަމަށް ވެސް ވެދާނެ އެވެ.

އެއާޕޯޓްގެ ތަރައްގީ

ދެ ތިން މިސާލެއް ނެގިދާނެ އެވެ: އެއާޕޯޓެވެ. ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލަށް ރާއްޖެ ވެ، އާދައިގެ ޓޫރިސްޓުންގެ އިތުރުން އެންމެ މުއްސަނދި އަދި މަޝްހޫރު މީހުންގެ ހިތް އަތުލަމުން ދިޔަ އިރު ވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ މާ ފަހަތުގަ އެވެ. ދުނިޔޭގައި ނެތްވަރުގެ ހިތްގައިމު ރިސޯޓްތައް ތަރައްގީކޮށް، ޓޫރިސްޓުންގެ މެހެމާންދާރީ އެންމެ މަތީ ފެންވަރަށް ގެންދިޔަ އިރު އެއާޕޯޓުން އެ މަރުހަބާއެއް ނުކިޔަ އެވެ. މިހާރު މި އޮތީ އެއާޕޯޓް ބޭނުންކުރާ މީހުންގެ އަދަދަށް ވެސް އެކަށީގެންވާ ހިދުމަތް ފޯރުކޮށްނުދެވޭ ފެންވަރުގަ އެވެ.

ރާއްޖެއާ ހިލާފަށް ބާލީގެ އެއާޕޯޓް 2014 ގައި ތަރައްގީކުރީ 8 މިލިއަން ޓޫރިސްޓުންގެ ބަދަލުގައި 25 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ފޯރުކޮށްދޭ މިންވަރަށެވެ. ޕުކެޓްގެ އެއާޕޯޓަށް 2016 ގައި ގެނައި ކުރިއެރުމުގައި އަހަރަކު 6 މިލިއަން ޓޫރިސްޓުންގެ ކެޕޭސިޓީ 12 މިލިއަނަށް އިތުރުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވީއައިއޭގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ފެށިޔަސް، އެކަން ކުރިއަށް އަދި ދަނީ، ރާއްޖޭގެ ޓޫރިޒަމް ގޮވާގޮވުންތަކުގެ މިސްރާބު ހުރި ގޮތަކަށެއް ނޫނެވެ. މިސާލަކަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާ ރަންވޭ ހަދާ ނިމުނު އިރު، އާ ޓާމިނަލްގެ މަސައްކަތް ބިމުން މައްޗަށް އަދި ހިއްލައެއް ނުލަ އެވެ. އެހެންކަމުން ރާއްޖެ އަންނަ އެއާލައިންތައް އިތުރުކޮށް، ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެކަށީގެންވާ ޓާމިނަލެއް ނެތެވެ. އެކަން ފުރިހަމަ ނުވެ، ޓޫރިޒަމުން މާ ބޮޑު ކުރިއެރުމެއް ނުލިބޭނެ އެވެ.

އާ މަންޒިލްތަކާއި އެތެރޭގެ ދަތުރުފަތުރު

ވީއައިއޭއަށް ބޮޑު ތަރައްގީއެއް ނައިސް ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ދެން އޮތް މަގު ވެސް ބެދެނީ އެވެ. ރާއްޖެއަށް އިތުރު އެއާލައިންތައް ދަތުރުނުކޮށް، ނުވަތަ އާ މަންޒިލްތައް ތައާރަފުނުކޮށް، ޓޫރިސްޓް އެނދުތައް ފުރޭނެ ގޮތެއް ނެތެވެ. ރާއްޖެއަށް މިހާރު ވެސް ދަތުރުކުރަނީ އެންމެ 27 މަންޒިލަކުންނެވެ. ރާއްޖެއާ ގުޅިގެންދާނެ އިތުރު މަންޒިލްތަކާއި އެއާލައިންތައް އިތުރުނުކޮށް، މިހާރު ލިބެން ހުރި ޓޫރިސްޓް އެނދުތައް ފުރޭނެ ގޮތެއް ނޯންނާނެ އެވެ.

ސުވާލަކީ ޓޫރިޒަމް އިންޑަސްޓްރީ އާއި އެއާލައިންތަކާއި އެއާޕޯޓް ގުޅިގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ދުނިޔޭގެ ބޮޑެތި ޓޫރިޒަމް ފެއާތަކުގައި، އަގުބޮޑު ސްޓޯލްތައް ހަދައިގެން ތިއްބަސް އަސްލު މަގުސަދު ހާސިލް ވާނެ ހެއްޔެވެ؟ މިހާރު ވެސް ރާއްޖެ އަށް ލިބިފައިވާ މާކެޓްތަކާއި އާ މާކެޓްތަކުގައި އެކަށީގެންވާ ޕްރޮމޯޝަންތައް ކުރިއަށް ގެންދޭ ހެއްޔެވެ؟ ރޯޑް ޝޯ ފަދަ އިވެންޓްތައް، ރާއްޖޭގެ މިހާރުގެ ހާލަތަށް އެކަށީގެންވާ ގޮތަށް ރާވާ ހެއްޔެވެ؟

ރާއްޖެ އިން ބޭރުން ވީއައިއޭއަށް ޓޫރިސްޓަކު އައުމުން އޭނާގެ ދަތުރު އަދި ފުރިހަމައެއް ނުވެ އެވެ. ރާއްޖޭގެ ޓޫރިޒަމް މި ދަނީ ފުޅާވަމުން، ދުރަށް ފެތުރެމުންނެވެ. އެކަމަކު އެ ފުޅާވުމާ އެއްވަރަށް އެތެރޭގެ ދަތުރުފަތުރު ތަރައްގީއެއް ނުވެ އެވެ.

މާލެއާ ދުރު ރަށެއްގައި ހުންނަ ގެސްޓް ހައުސްއަކަށް ޓޫރިސްޓަކު ދާން ކުރަން ޖެހޭ ހަރަދު، މާލެ ކައިރީ ތަނެއްގައި ދެ ދުވަހެއްގެ ޗުއްޓީއެއް ހޭދަކޮށްލުމާ ދާދި އެއްވަރުވެ އެވެ. ޚަރަދު އޮތް ތަނުގައި ބާއްވާފައި ދަތުރުކުރެވޭނެ ގޮތްތަކަށް ބެއްޔަސް، ވަސީލަތްތައް މަދެވެ. އެހެންކަމުން ކޮންމެ ކަމެއްގައި ވެސް ތަރައްގީގެ އެއް ބައިގެ ގޮތުގައި ބެލެވޭ ދަތުރުފަތުރުގެ ދާއިރާ ފުޅާނުކޮށް، ޓޫރިޒަމަށް ބޭނުންވާ ފަސޭހަތަކެއް ނުލިބޭނެ އެވެ.

އެކަމަކު އާ ސަރުކާރުން މިހާރު ފަށާފައިވާ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ސިޔާސަތުގެ ތެރެއަށް ޓޫރިސްޓުން އިތުރުކުރެވިއްޖެ ނަމަ، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުން އެކަށީގެންވެ އެވެ. އެމްއެމްޕީއާރުސީގެ އާ ސީއީއޯ ތޮއްޔިބު މުހައްމަދު ވިދާޅުވީ ބޭރުގެ ޓޫރިސްޓުންނާ ހަމައަށް ވާސިލްވާން އޮންލައިން ޕްލެޓްފޯމް އާއި ސޯޝަލް މީޑިއާގެ ބައި ވަރުގަދަކުރަން ސަމާލުކަން ދެއްވާ ކަމަށެވެ. އަދި އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން ފަހަތަށް ބެލުމެއް ނެތި އެކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ. ގައުމުގެ މުޅި އިގުތިސާދުގައި ޓޫރިޒަމް ހިއްސާކުރާ ބައި އެހާ ވެސް ފުޅާވެފައި ބޮޑެވެ.

ޓޫރިޒަމުން 2017 ގައި 45 ބިލިއަން ރުފިޔާ ގައުމުގެ އާމްދަނީއަށް ވެއްދި އެވެ. އެއީ އެ އަހަރު ގައުމުގެ މުޅި އާމްދަނީގެ 76 ޕަސެންޓެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލަންޏާ ޓޫރިޒަމް ދާއިރާގައި 80،500 މީހުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއީ ގައުމުގެ މުޅި ވަޒީފާއަށް ބަލާ ނަމަ 37.4 ޕަސެންޓެވެ. ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު އެވްރެޖްކޮށް 33،000 ރުފިޔާ ހޭދަކުރެ އެވެ. އެހެންކަމުން މިއީ މުޅި ގައުމުގެ އާމްދަނީގެ އެންމެ މުހިންމު ދާއިރާ އެވެ.

ރާއްޖެ އަށް ބޭނުންވާ ތަރައްގީގައި ޓޫރިޒަމްގެ އިންޖީނުގެ ސްޕީޑް މިވަނީ ބާރުކުރަން ޖެހިފަ އެވެ. އެކަމަކު ޓޫރިޒަމުން ބޮޑު ކުރިއެރުމެއް ހޯދަން ބޭނުން ނަމަ، ވީއައިއޭ އާއި ރިސޯޓްތަކާއި ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި އެއާލައިންތަކުގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް އެކުގައި މަޝްވަރާކޮށް، އެކުގައި ނުކުމެ، އެކުގައި ނަތީޖާ ނެރެން މި އޮތީ ޖެހިފަ އެވެ.

އާއެކެވެ. ޓޫރިޒަމް ދާއިރާގެ ބޮޑެތި އެވޯޑްތައް ރާއްޖެއަށް ލިބުމަކުން، ހަގީގީ މަންޒަރު ސާފެއް ނުވެ އެވެ. އަދި މިހާރު ފެންނަނީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން ހުރީ ވާދަވެރި އެހެން ގައުމުތަކާ އެއް ހަމައެއްގައި ނޫން ކަމެވެ.

އެއީ ރާއްޖޭގެ މުޅި އިގުތިސާދަށް ވެސް އޮތް ބިރެކެވެ.