ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އާ ވާހަކަފުޅު ދައްކަވަނީ.

ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!

މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެންނަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްފަދައިން ކެމްޕެއިންގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެއް ދުވަހެއްގެ ތެރޭގައި ހައެއްކަ ރަށަށް ވަޑައިގެން ކެމްޕެއިން އެބަ ކުރައްވަ އެވެ. ބައެއް ދުވަސް އެއްކޮށް އެ ހޭދަކުރައްވަނީ ކެމްޕެއިންގަ އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިން ކުރާތާ މަހެއްހާ ދުވަސް ވެފައިވާއިރު، އެމަނިކުފާނު ކުއްލި ގޮތަކަށް މިހާ ބޮޑަށް މި ކެމްޕެއިނަށް ނުކުމެވަޑައިގަތުމަކީ ކުރިން ގިނަ ބަޔަކަށް ހީކުރެވުނު ކަމެއް ނޫނެވެ. ކުރިން ބެލެވިފައި އޮތީ މަސްލަހަތަށް ބެއްލެވުމަށް ފަހު، ރައީސް ކެމްޕެއިންގައި އަމަލީ ގޮތުން އުޅުއްވުން މަދުކުރައްވާނެ ކަމަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގައި އަމަލީ ގޮތުން ކުރިއަށް ވުރެ ބޮޑަށް އުޅުއްވަން ޖެހިވަޑައިގަތީ މިހާރުގެ މަޖިލިސް ތެރެއިން ސަރުކާރު ނިކަމެތިވާ ގޮތަށް ކަންކަން ފެންނަން ފެށުމުން ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތެއް އޮވެ، އެކަމަކު ސަރުކާރުން ބޭނުންވާ ކަންކަން އެ މަޖިލިހުގެ ތެރެއިން ނުކުރެވުމުގެ ނަތީޖާ އަކީ ވީހާ ވެސް ގިނަ ގޮނޑި އެމަނިކުފާނުގެ އެމްޑީޕީ އަށް ހޯދައިދެއްވުމަށް ފާޅުގައި ކެމްޕެއިނަށް ނުކުމެވަޑައިގަތުމެވެ.

"އަޅުގަނޑު ކުޑަކޮށް މަޑުކޮށްލައިގެން ހުރިން މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފެށިގެން އައިއިރުގައި ފެންނަ މަންޒަރު ބަލަން. އެހެން ނަމަވެސް އަޅުގަނޑަށް ބޮޑަށް ހާމަކޮށް ނުކުންނަން މި ޖެހުނީ ކަންބޮޑުވުންތަކެއް އަޅުގަނޑަށް ފެނުނީމާ. މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާ ގޮތުން ސަރުކާރު ހިންގުމަށް ދަތިތަކެއް އަތުވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ މަޖިލިސް ވަކި ގޮތަކަށް ހިނގައްޖެއްޔާ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން "މިހާރު" އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ރައީސް ވިދާޅުވި އެވެ.

"ޚާއްސަކޮށް އަޅުގަނޑަކީ ޕާޓީގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރަން [މަޖުބޫރުވީ]. އަޅުގަނޑުގެ ކުރިމަތީގައި އެ ތަން [ސަރުކާރު ބޭނުންވާ ކަންކަން މަޖިލިސް އިން ފާސްނުވާތީ] ފެންނަން ފެށީމާ އަޅުގަނޑަކަށް ނުހުރެވުނު. ސަރުކާރު ރައްޔިތުން ފަސް އަހަރަށް ހޮވާފައި އޮތްއިރު، ސަރުކާރުން ވެފައި އޮތް ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދުށީ."

އެންމެ ބޭނުންފުޅުވި ކަންތަކުގެ ނަތީޖާ ނުފެނުނު، ސަބަބަކީ މަޖިލިސް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވާއިރު، އެމަނިކުފާނަށް ހާސިލް ނުކުރެއްވި އޮތް އެންމެ ބޮޑު ކަމަކީ ކެމްޕެއިންގެ ތެރޭގައި އެންމެ ގިނައިން ދެއްކެވި އެއް ކަމަކާ ގުޅޭ ކަންތައްތަކެވެ. އެއީ ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ ނުވަތަ ގެއްލުވައިލާފައިވާ މީހުންނާއި ހިޔާނާތާއި ފަސާދައިގެ އެންމެ ފުނަށް ފީނައި އޭގެ ހަގީގަތް ހޯދައި ދެނެގަތުމެވެ.

އެ ކަންކަން ބަލަން ރިޔާސީ ދެ ކޮމިޝަން، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކުހެން އުފެއްދެވި އެވެ. ރައީސް އުންމީދުކުރެއްވީ ކޮންމެވެސް ނަތީޖާތަކެއް މިދިޔަ ތިން މަސް ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އެކަމަކު އެ ނަތީޖާ ނުނެރެވި ލަސްވާ މައިގަނޑު އެއް ސަބަބަކީ ވެސް، ސަރުކާރުން ދެކޭ ގޮތުގައި، ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް މަޖިލިހުގައި މަޑުޖެހި، އެ ބިލް ދިރާސާކުރި ކޮމިޓީ އަށް އަލުން ފޮނުވައިލުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް މިދިޔަ ދުވަހު އިންޓަވިއު ދެއްވަނީ: އެމަނިކުފާނުގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ ހާސިލް ކުރައްވަން ބޭނުންފުޅުވި ދެ ކަމެއް ނުވި ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާތަކެއް އުފައްދާފައިވީ ނަމަވެސް އެ ތަންތަނަށް ރައްޔިތުންގެ އިތުބާރު ނެތުމުން، ބޮޑެތި މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް ގާއިމްކޮށް އެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަކީ މިވަގުތަށް އެންމެ ރަނގަޅު ހައްލު ކަމަށެވެ. އެ ކޮމިޝަނުން މީހަކު ބަންދުކުރަން ޖެހިއްޖެ ނަމަ އެ ބާރު ވެސް ގާނޫނީ ގޮތުން ލިބިދޭން ރައީސް ބޭނުންފުޅުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އާ ވާހަކަފުޅު ދައްކަވަނީ.

"މިއީ އަޅުގަނޑު އެކަނި ކުރަން ބޭނުންވެގެން އުޅޭ ކަމެއް ނޫން. ރައްޔިތުން އިލެކްޝަން ތެރޭގައި އެދުނު އެދުމެއް މިއީ. އަޅުގަނޑުމެންނަށް ފެންނަން ހުރި ހަގީގަތްތަކެއް ކޮރަޕްޝަންގެ މައްސަލަތައް. އެއީ ބަލަން ޖެހޭ ކަންތައްތަކެއް ކަމަށް އެންމެން ގަބޫލުކުރޭ. އޭރު ގައިމު ވެސް ޕޯޑިއަމްތަކުގައި އެ ހުރިހާ ވާހަކައެއް ދެއްކި. އަނެއްކާ މަރުތަކުގެ ވާހަކަ ވެސް ދެކެވުނު. އެހެން އޮއްވައި، މަޖިލިހުގެ ތެރޭގައި މެޖޯރިޓީ އޮވެ، ސަރުކާރުން ހުށަހަޅާ ބިލްތަކަށް އެހެން ވެގެން ދިއުމަކީ ވަރަށް ދެރަކަމެއް،" ރައީސް ވިދާޅުވި އެވެ.

"މީގައި ކަނޑައެޅިގެން ވަކި ބައެއްގެ ވަކި މީހެއްގެ ނުފޫޒެއް ނޫނިއްޔާ ކަންބޮޑުވުންތަކެއް ހުރީއެކޭ އަޅުގަނޑު ދަންނަވާކަން ނެތިން. ހަމަ ގައިމު ވެސް ލަސްވެގެން އެ ދަނީ ކޮންމެވެސް ބައެއްގެ ނުފޫޒެއް އޭގެ ތެރޭގައި އޮތީމާ. އެހެން ނޫން ނަމަ މަޖިލިހުން ފާސްވެގެންދާނެ."

ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމާ އެންމެ ބޮޑަށް ދެކޮޅުހައްދަވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ މެމްބަރުންނެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް ގާސިމް އަދި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ސަމާސާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވަނީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ އިތުރު ބާރެއް ދޭން ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލް އަދި ފުލުހުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތަކެއް ރިޔާސީ ކޮމިޝަނަށް ނުދީ ވެސް މަސައްކަތް ކުރެވޭނެ އެވެ.

ގާސިމް ވިދާޅުވެފައި ވަނީ "ކޮމިޝަން ކޮކްޓެއިލް" އެއްގެ ތެރެއިން ރިޔާސީ ކޮމިޝަންތަކަށް ބާރު ދެނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބޭ ތަން ފެނޭ"

މިދިޔަ ދުވަސްތަކުގެ ތަޖުރިބާގެ އަލީގައި ރައީސް ބޭނުންފުޅުވަނީ މި އާންމު އިންތިޚާބުގައި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބުމަށެވެ.

"އަޅުގަނޑު ކުޑަކޮށް މަޑުކޮށްލައިގެން ހުރިން މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފެށިގެން އައިއިރުގައި ފެންނަ މަންޒަރު ބަލަން. އެހެން ނަމަވެސް އަޅުގަނޑަށް ބޮޑަށް ހާމަކޮށް ނުކުންނަން މި ޖެހުނީ ކަންބޮޑުވުންތަކެއް އަޅުގަނޑަށް ފެނުނީމާ. މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާ ގޮތުން ސަރުކާރު ހިންގުމަށް ދަތިތަކެއް އަތުވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ މަޖިލިސް ވަކި ގޮތަކަށް ހިނގައްޖެއްޔާ،" ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތެއް މިހާރުގެ މަޖިލިހުގައި އޮތް ނަމަވެސް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ބޭނުންފުޅުވި ވަރަށް ގިނަ ކަންތައްތަކަކަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވުނު ކޯލިޝަންގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ތާއީދުކުރާ މެޖޯރިޓީއެއް އޮންނަން އެބަ ޖެހެއޭ. އެންމެ އަޅުގަނޑަށް އިތުބާރު ކުރެވޭ ބަޔަކީ އެމްޑީޕީ. އެހެން ކަމަށް ވެއްޖިއްޔާ އެމްޑީޕީ އަށް ގޮނޑި ހޯދަން އަޅުގަނޑަށް ނުކުންނަން މަޖުބޫރުވީ. އެ ހާލަތުގައި އަޅުގަނޑު ކެމްޕެއިނަށް ނުކުތީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބޭތަން ވެސް ފެނިވަޑައިގަންނަވަ އެވެ.

"ސަރުކާރަށް ބޮޑު ތާއީދެއް، ބޮޑު އަޣުލަބިއްޔަތެއް ނެގޭ ތަން ފެނޭ،" ރައީސް ވިދާޅުވި އެވެ.

މައިނޯރިޓީއާ އެކު މަސައްކަތް ކުރާކަށް ސަރުކާރަށް ފަސޭހައެއް ނުވާނެ

ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ހޯދަން މަސައްކަތް ކުރާއިރު، ބައެއް މީހުންގެ ވާހަކަ އަކީ އެ އަޣުލަބިއްޔަތާ ނުލައި ވެސް މަސައްކަތް ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އެ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށެވެ. އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތައް ހިނގަނީ އެ ގޮތަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާންގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޕޮއިންޓުތައް ނޯޓު ކުރައްވާއިރު އަރިހުގައި ހިސާން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ރާއްޖެ އާއި އެމެރިކާގެ ތަޖުރިބާ ވަރަށް ތަފާތު ކަމަށެވެ. ރާއްޖޭގައި ގާނޫނަކުން ވަކި ބާރުތަކެއް އެގްޒެކެޓިވް ނުވަތަ ވެރިކަން ހިންގާ ފަރާތަށް ދީފައެއް ނެތެވެ. ރާއްޖޭގައި ހުރިހާ ކަމެއް ބުރަވަނީ ރައްޔިތުންގެ މަޖިލިހަށެވެ.

"ގާނޫނުއަސާސީ މިހާރު އޮތް ގޮތުން މައިނޯރިޓީއަކަށް ސަރުކާރެއް ހިންގަން ވަރަށް ދަތި. އެއީ ކުރެވޭނެ ކަމަކަށް ނުވޭ. އެހެންވީމާ ސަރުކާރަށް މަޖިލިސް ތެރޭގައި މެޖޯރިޓީއެއް އޮންނަން މި ބޭނުންވަނީ. އެހެން ނޫން ނަމަ އެއްވެސް މައްސަލައެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ވާހަކަފުޅުތަކާ އެކު ރައީސް އެ ހުންނެވީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގަ އެވެ.