އިންތިހާބަށް ދެ ދުވަސް، ގާނޫނާ ހިލާފު އަމަލްތައް ބައިވަރު!

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް 48 ގަޑިއިރަށް ވީ އިރު، ބައެއް އާންމުން ގަބޫލުކުރަނީ މިއީ އެންމެ ގިނަ އަދަދަކަށް ފައިސާ ޚަރަދު ކުރާ، ރިޝްވަތު ދީ، ރިޝްވަތު ހިފައި، ވޯޓު ގަނެ ވިއްކުން އެންމެ ފުޅާކޮށް ކުރިއަށްދާ އެއް އިންތިޚާބުގެ ގޮތުގަ އެވެ.


ބައެއް ކެންޑިޑޭޓުން އިންތިޚާބުގެ ކެމްޕެއިނަށް ކުރި ހޭދަ މިނަން ޖެހޭނީ މިލިއަން ރުފިޔާއިންނެވެ. ނަގުދު ފައިސާ ބަހަނީ، ބައެއް މީހުން ބުނާ ގޮތުގައި، އެއްވެސް ޖެހިލުމެއް ނެތި އެވެ. އަނެއް ބަޔަކު އިންތިޚާބާ ބެހޭ ގާނޫނާ ހިލާފަށް ބޮޑެތި ވައުދުތައް ވަމުން ގެންދެ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި އިންތިޚާބާ ގުޅޭ ގޮތުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެކަމަކު އެ ކޮމިޝަނުން އެފަދަ މައްސަލަތައް ސީރިއަސްކަމާ އެކު އަދި ނަތީޖާއަކާ ހަމައަށް ދެވޭ ވަރަށް ބަލާތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ބައެއް ކެންޑިޑޭޓުން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި އެއަށް ވުރެ ގިނަ ކެންޑިޑޭޓުން ތިބީ، ގާނޫނޫ ހިލާފަށް ކުރާ ކެމްޕެއިންތަކުގައި ފަހަތަށް ނުޖެހި އެވެ.

"އޭސީސީން މަސައްކަތް ނުކުރާތީ މިހެން މިވަނީ. ކެންޑިޑޭޓުން މި ކުރަނީ އެމީހުން އިންތިޚާބުވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ފަދަ ކަންކަން. އަޅުގަނޑު ދެކޭ ގޮތުގައި ކެންޑިޑޭޓެއްގެ އަތުގައި ހުންނަ ފައިސާއަކީ ވޯޓު ހޯދަން މަގަކަށް ވެގެން ނުވާނެ،" --- މަހްފޫޒް
މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ބަޔަކު ބައިވެރިވަނީ -- ފޮޓޯ: މިހާރު

އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދަން ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުމެވެ.

ގާނޫނުގައި ކަން އޮތީ އެހާ ތަފްސީލްކޮށެވެ. އެކަމަކު ސަރުކާރާއި އެންމެ ބޮޑު ޕާޓީ އެމްޑީޕީން ފެށިގެން، ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި ޕީޕީއެމާއި ޕީއެންސީގެ އިތުރުން އަމިއްލަ ބައެއް ކެންޑިޑޭޓުންގެ ފަރާތުން ވެސް ފެންނަނީ ގާނޫނާ ހިލާފަށް ކެމްޕެއިން ކުރިއަށް ގެންދާ ތަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބިރެއް ނެތި "ރިޝްވަތުގެ ކެމްޕެއިން" ގެންދަނީ ކުރިއަށެވެ.

ކެންޑިޑޭޓުގެ ދާއިރާގެ ރައްޔިތުންނަށް ކުޅިވަރު ސާމާނެވެ. ފުޓްބޯޅަ މުބާރާތްތައް ބާއްވައި ދޭނެ ކަމުގެ ވައުދެވެ. ފައިސާ ބެހުމެވެ. މަޝްރޫއުތައް އިއުލާންކުރުމާއި ހަވާލުކުރުމެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތަކާ އެއްވެސް ގުޅުމެއް ނެތް ވައުދުތަކެވެ.

ތަހުގީގުތައް ކުރިއަށް!

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު "މިހާރު" އަށް ވިދާޅުވީ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަނުން ބަލަމުން އަންނަ އިރު، އެއްވެސް ކެންޑިޑޭޓެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި މައްސަލަތަކުގެ ތަހުގީގުތައް ނިމުނީމަ، އެކަންކަން މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކިތަންމެ ވަރަކަށް ފައިސާ ދިނަސް، ވޯޓުލީ މިވެނި މީހެއް ކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް. ކުރިން ހަނދު ފަޅިއެއް، ތަރި ފަދަ އެއްޗެހި ޖަހާފައި ހުންނާނީ ވޯޓު ކަރުދާހުގައި. އޭގެ ސަބަބުން އެއީ ކޮން ބައެއް ލި ވޯޓެއް ކަން އެއްކަލަ މޮނިޓަރަށް އެބަ އެނގޭ. މިފަހަރުގެ އިންތިޚާބުގައި އެހެން ކުރަހާފައި ހުންނަ ވޯޓުތައް ބާތިލްވާނެތީ، ފައިސާ ބެހުން މަދު ވާނެ،"

"އިންތިޚާބު ބާއްވާ ފަހުން، 30 ދުވަސް ވަންދެން ހިނގާ ހުރިހާ ކަމެއް ކޮމިޝަނުން ބަލަމުން ދާނެ. ބަޔަކާ ސުވާލު ކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ. މި މައްސަލަތަކުގައި ހެކި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ތަހުގީގުގައި ހޯދާ ހޯދުންތަކުން،" މުއައްވިޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވި ގޮތުގައި ރިޝްވަތުގެ ކުށް ކަމަށް ބެލޭނެ ކަންކަން އިންތިޚާބާ ބެހޭ ގާނޫނާއި ގާނޫނުލްއުގޫބާތުގައި ވަރަށް ތަފްސީލްކޮށް އެބަ ހުއްޓެވެ. އެކަމަކު އިންތިޚާބާ ދިމާކޮށް ވަކިވަކި ކަންކަން ކޮށްދިނުމާއި ހަދިޔާ ދިނުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވަކި މީހަކަށް ކަމެއް ކޮށްދިނުމަށް ވައުދުވުމާއި ދާއިރާ އަށް ކަންކަން ފުރިހަމަކޮށްދޭން ވައުދުވުމަކީ ކެންޑިޑޭޓުންގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ.

"މިސާލަކަށް ވަކި ރަށެއްގައި ފަޅު ފުންކޮށްދިނުން. ބަނދަރު ހަދައި ދޭނެ ކަމަށް ބުނުން. އެއާޕޯޓު އަޅައިދޭނެ ކަމަށް ބުނުމަކީ މަޖިލިހުގެ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ސަރުކާރުގެ މެންޑޭޓްގައި ހިމެނޭ ކަންކަން. އެއީކީ މެމްބަރުންނަށް މަތިކޮށްފައި އޮންނަ ކަމެއް ނޫން،" ޝަމީލް ވިދާޅުވި އެވެ.

މާލޭގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ޒިންމާއަކީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހެދުމާއި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތެވެ. ރައްޔިތުން އެދޭ ކަންކަން ސަރުކާރުން ނުކުރާ ނަމަ، ވަޒީރުން މަޖިލިހަށް ހާޒިރުކޮށް، ސުވާލު ކުރުމުގެ ފުރުސަތު މަޖިލިހަށް ދީފައި އޮންނަނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ވަކީލުން ބުނާ ގޮތުގައި އިންތިޚާބާ ބެހޭ ގާނޫނާ ހިލާފަށް ބައެއް ކެންޑިޑޭޓުން ރިޝްވަތުގެ އަމަލުތައް ހިންގަނީ ފާޅުގަ އެވެ. އެހެންވެ، އެފަދަ ކަންކަން ޝަރުއީ ކޯޓުތަކުން ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ހޯދަން ޖެހޭނެ ކަމަށް އެމީހުން ބުނެ އެވެ.

ވޯޓު ގަނެ ވިއްކުމާއި ދާއިރާގެ ރައްޔިތުންނަށް ވަމުން އަންނަ ވައުދުތައް ނުހުއްޓުވިގެން އުޅެނީ، އޭސީސީން ރަނގަޅަށް މަސައްކަތް ނުކުރާތީ ކަމަށް ޝަމީލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގައި ނެތީ އިންތިޚާބުގެ ކުރިން ފިޔަވަޅު އެޅޭނެ މެކޭނިޒަމެކެވެ.

އެކަމަކު އެފަދަ ނިޒާމެއް ގާއިމްކުރެވިދާނެ އެވެ. އެގޮތުން ތަހުގީގުތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ގާނޫނުގައި ލާޒިމް ކުރެވެން އެބަ އޮތެވެ.

ގާނޫނީ ވަކީލް މަހްފޫޒް ސައީދުގެ ހިޔާލު، ބައެއް ކަންކަމުގައި، ޝަމީލްއާ ތަފާތެވެ. މަހްފޫޒްގެ ނަޒަރުގައި މިފަހަރުގެ އިންތިޚާބު ވެގެން ދާނީ ވޯޓު ގަނެ ވިއްކުމުގެ ވިޔަފާރި އެންމެ މަދުން ހިނގާ އެއް އިންތިޚާބަށެވެ. އޭގެ އެއް ހުރަހަކަށް ވާނީ، އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ކުރަހާ ނަމަ، ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލެވެ.

"ރައްޔިތުން ބުނާ ކަމަށް ވަނީ އެއްޗެއް ލިބެން އޮތީ މިދުވަސް ކޮޅޭ. ވޯޓު ދީގެން ހޮވުނަސް، އެ މެމްބަރުން ކަންކަން ކުރާނީ އެމީހުން ބޭނުން ގޮތަކަށޭ. ފައިސާ ލިބެން އޮތް ދުވަސް ވަރު ހޯދަން ޖެހޭނެއޭ. އެހެން ކިއާފައި ގިނަ މީހުން މި އަތުލަނީ ފައިސާ،" --- ޝަމީލް

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކިތަންމެ ވަރަކަށް ފައިސާ ދިނަސް، ވޯޓުލީ މިވެނި މީހެއް ކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް. ކުރިން ހަނދު ފަޅިއެއް، ތަރި ފަދަ އެއްޗެހި ޖަހާފައި ހުންނާނީ ވޯޓު ކަރުދާހުގައި. އޭގެ ސަބަބުން އެއީ ކޮން ބައެއް ލި ވޯޓެއް ކަން އެއްކަލަ މޮނިޓަރަށް އެބަ އެނގޭ. މިފަހަރުގެ އިންތިޚާބުގައި އެހެން ކުރަހާފައި ހުންނަ ވޯޓުތައް ބާތިލްވާނެތީ، ފައިސާ ބެހުން މަދު ވާނެ،" މަހްފޫޒް ވިދާޅުވި އެވެ.

ޝަމީލްއެކޭ އެއްގޮތަށް މަހްފޫޒް ވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ؛ އެއީ ކެންޑިޑޭޓުން ފާޅުގައި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ވަމުން އަންނަ ވައުދުތަކެވެ. ޓީވީތަކާއި ބައްދަލުވުންތަކުގައި ރިޝްވަތުގެ ކުށަށް ފެތޭ އެތައް ވާހަކަތަކެއް ދައްކަމުން އަންނަ ކަމަށް މަހްފޫޒް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިޚާބާ ގުޅިގެން ހަރަދު ކުރެވެން އެބަ އޮތެވެ. އެއީ އޭނާ ވާދަކުރާ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2,000 ރުފިޔާއަށް ވުރެ ބޮޑު ނުވާ މިންވަރަކުންނެވެ. އެއީ މިސާލަކަށް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 3،000 މީހުން ތިބި ދާއިރާއެއް ނަމަ، ކެމްޕޭނަށް 6 މިލިއަން ރުފިޔާ، ކޮންމެ ކެންޑިޑޭޓަކަށް ވެސް، ހޭދަކުރެވިދާނެ އެވެ.

އެކަމަކު ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް އެ ފައިސާ ބޭނުންކުރުމަކީ ގާނޫނާ ހިލާފް ކަމެކެވެ.

ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއް: ކެމްޕޭންގެ ފަހު ދެ ދުވަސް މި ވަނީ ފެށިފައި --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ބަހުސްތައް ބެލި އިރު، ކެންޑިޑޭޓުން އެބަ ބުނޭ ފާޅުގައި ދާއިރާގެ ޕްރީ ސްކޫލަށް ހަރަދު ކުރާނެ ވާހަކަ. މުސާރައިގެ ދެބައިކުޅަ އެއްބައި ހަރަދު ކުރާނީ ސްކޫލަށޭ،" އިޖުތިމާއީ ގޮތުން ރަނގަޅު ކަމަކަށް އެކަން ވިޔަސް، އެއީ ކެންޑިޑޭޓުންނަށް ނުވެވޭނެ ވައުދެއް ކަން ފާހަގަކުރައްވަމުން މަހްފޫޒް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ކެންޑިޑޭޓުން ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާ ހިލާފުވަމުން ދާ އިރު ވެސް އޭސީސީން މައްސަލަތައް ފުރިހަމަ އަށް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ.

"އޭސީސީން މަސައްކަތް ނުކުރާތީ މިހެން މިވަނީ. ކެންޑިޑޭޓުން މި ކުރަނީ އެމީހުން އިންތިޚާބުވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ފަދަ ކަންކަން. އަޅުގަނޑު ދެކޭ ގޮތުގައި ކެންޑިޑޭޓެއްގެ އަތުގައި ހުންނަ ފައިސާއަކީ ވޯޓު ހޯދަން މަގަކަށް ވެގެން ނުވާނެ،" މަހްފޫޒް ވިދާޅުވި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ރިޝްވަތުގެ ކުށްތަކުގެ ގޮތުގައި ހިމަނާފައިވަނީ ވޯޓު ދޭން ހުރި މީހަކަށް، ދައުލަތުގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރުދަކު ދޭ ރިޝްވަތުގެ ކުށާއި ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ޖަމާއަތްތަކަށް ކެންޑިޑޭޓަކު ދޭ ރިޝްވަތުގެ ކުށެވެ. ގާނޫނުލްއުގޫބާތުގައި މިފަދަ ކުށްތަކަށް އޮތް އެންމެ ކުޑަ އަދަބަކީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި މީހުންނަށް ކަންކަން ކޮށްދީގެން ނޫނީ ވޯޓު ނުލިބޭނެ ކަމަށް ގަބޫލުކުރާ ކެންޑިޑޭޓުން ގިނަ އެވެ. އަދި މިއީ އަމިއްލަ އެދުން އިސްކޮށް، ނާޖާއިޒު ފައިދާ ހޯދުމުގެ މޫސުން ކަމަށް ގަބޫލުކުރާ އާންމުން ވެސް ގިނަ އެވެ. އެހެންކަމުން ކެންޑިޑޭޓުންގެ އަތުން ވީހާވެސް ބޮޑު ފައިދާއެއް ލިބޭތޯ އުޅޭ މީހުންގެ ސަބަބުން ވެސް އިންތިހާބަށް ވަނީ ހިޔަނި އެޅިފަ އެވެ.

އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ބަލަމުން އަންނަ އިރު، އެއްވެސް ކެންޑިޑޭޓެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެއް އަދި ނުވޭ.

"ރައްޔިތުން ބުނާ ކަމަށް ވަނީ އެއްޗެއް ލިބެން އޮތީ މިދުވަސް ކޮޅޭ. ވޯޓު ދީގެން ހޮވުނަސް، އެ މެމްބަރުން ކަންކަން ކުރާނީ އެމީހުން ބޭނުން ގޮތަކަށޭ. ފައިސާ ލިބެން އޮތް ދުވަސް ވަރު ހޯދަން ޖެހޭނެއޭ. އެހެން ކިއާފައި ގިނަ މީހުން މި އަތުލަނީ ފައިސާ،" ޝަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިސާ އަށް ވޯޓު ގަނެގެން އިންތިޚާބުވާ މެމްބަރުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލެއްނުކުރެވެ އެވެ. އަދި މަޖިލިހަށް ހޮވިއްޖެ ނަމަ، ކެމްޕެއިނަށް ހަރަދު ކުރި ފައިސާ ހޯދުނު ގޮތަކަށް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ ހޮނިހިރުދުވަހު އިންތިހާބު އޮންނާނެ އެވެ. މިއަދާއި މާދަމާ އަކީ ކެމްޕޭންގެ ފަހު ދެ ދުވަހެވެ. ފައިސާ ބެހުމާއި ކަންކަން ކޮށްދިނުމުގެ އެންމެ ވަރުގަދަ ދެ ދުވަސް ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. އިންތިހާބުގައި ވާދަކުރާ ގާތްގަނޑަކަށް ހުރިހާ ކެންޑިޑޭޓުން ކަހަލަ ގޮތަކަށް ހިނގަމުން އެ ދަނީ. ހަގީގަތުގައި، ގާނޫނާ ހިލާފު މަގަކުންނެވެ.