ކުރީގައި ނަމަ އެއީ ލޮނުޒިޔާރަތްކޮޅެވެ. ގޮތް ނޭނގޭ ޒިޔާރަތެއް ހުރި، އެ ޒިޔާރަތަށް ނަދުރުބުނެ އުޅުނެވެ. ބައެއް ހާއްސަ ދުވަސްތަކުގައި ރަސްރަސްކަލުން ރަސްމީ ގޮތުން އެތަނަށް ޒިޔާރަތް ވެސް ކުރެއްވި އެވެ.
ފަހުން އެ ސަރަހައްދު މަޝްހޫރުވީ ލޮނުޒިޔާރަތްކޮޅު ޕާކްގެ ނަމުގަ އެވެ. ދިވެހިރާއްޖޭގެ އަޑުގެ ބޮޑެތި އެންޓަނާތައް އެކަނި ހުރުމެއް ނޫނެވެ. އެތަނުގައި ފުޓްބޯޅަ އާއި ހޮކީ ފަދަ ކުޅިވަރުތައް ވެސް ކުޅުނެވެ. ޕާކް ވަށައިގެން ބައިސްކަލް ރޭހާއި ދުވުމުގެ ރޭސްތައް ބޭއްވި އެވެ.
އޭގެ ފަހުން ޕާކްގެ އިރުދެކުނު ކަނާ ދިމާވާ ގޮތަށް، އިރުމަތީ ފަރާތު މޫދުން ބައެއް ހިއްކައި، ވަކި ތަނެއް ހެދި އެވެ. އެތަނުގައި ބެހެއްޓީ ބޮޑު ބަޑިއެކެވެ. އަތްވާއި ވާރެއިން އެ ބަޑި ހިމާޔަތްކުރަން ޓިނުން ގެގަނޑެއް ވެސް ހަދާފައި ހުއްޓެވެ. ދޭތެރެ ދޭތެރެއިން އެ ބަޑި ޖެހުން ވެސް އޮވެ އެވެ. ބަޑީގެ އަޑުން ހިސާބުގަނޑު ދަނީ ގުޑައިގެންނެވެ. މާލޭގެ އެކި ސަރަހައްދުން މީހުން އެތަނަށް އެއްވެ، ކުޅިބަލަން ތިބެ އެވެ.
ރާޅާއެޅުމުގެ ހުނަރު މަތިވެ، މުބާރާތްތައް ބާއްވަން ފެށުމުން އެއީ "ރާޅުގަނޑު ސަރަހައްދެ"ވެ.
އިންޑިއާ ކަނޑުގައި 2004 ގައި އުފެދުނު ބިރުވެރި ސުނާމީ ހާދިސާގެ ރަމްޒެއްގެ ގޮތުން، "ސުނާމީ ބިނާ" ބެހެއްޓުމުން، ހެންވޭރު ޕާކަށް ވުރެ ބޮޑަށް މީހުންނަށް އެ ހިސާބުގަނޑު މަޝްހޫރުވީ އެ ބިނާއަށް ނިސްބަތްކޮށެވެ.
މިނިވަން ސިޔާސީ ހަރަކާތްތައް ފެށުމުން އެއީ ސިޔާސީ ބޮޑެތި އެއްވުންތަކުގެ މައިދާނެވެ.
ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ހޭދަކުރެއްވުމަށް ފަހު، 2008 ގެ ތާރީޚީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ހޯއްދެވުމާ އެކު، މުޅިން އާ މިނިވަންކަމަކަށް އިރު އެރުމުގެ އުފާ، އެތައް ހާސް ބަޔަކު ހާސިލްކުރީ، ހެންވޭރު ޕާކަށް އެއްވެގެން ތިބެ އެވެ.
އެކަމަކު މުޅި އެ ސަރަހައްދުން ޒަމާނީ ތަރައްގީގެ އެންމެ ބޮޑު ސިފަ ދައްކާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސިނަމާލެ ބްރިޖް މަޝްރޫއުންނެވެ. އެ މަޝްރޫއަށްޓަކައި އެ ޕާކް ނެގި އެވެ. އަދި ފަހުން ޕާކްގެ ވަކި ބައެއް، ރިންގް ރޯޑަށް އިތުރުކުރި އެވެ.
ބްރިޖް ނިންމައި، ހުޅުވުމުގެ ފުރުސަތު ޔާމީންގެ ސަރުކާރަށް ލިބުނަސް، ހެންވޭރު ޕާކް ނިސްބަތްވި ހިސާބުގަނޑު ރީތިކޮށްލާނެ ވަގުތެއް ނެތި، ރިޔާސީ އިންތިހާބުން ބަލިވީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުން ކަމެއް ކުރަން އެ ބިން ލިބުނީ އެވެ. އާ ސަރުކާރުން ނިންމީ ހިތްގައިމު، ބޮޑު ޕާކެއް ތަރައްގީކުރާށެވެ. އެހެންކަމުން މިއީ އާ ސަރުކާރުގެ ފުރަތަމަ ޕާކެވެ.
މިއަދު އެ ފެންނަނީ އެ މަންޒަރެވެ. ރުއްތަކާއި ގަސްތައް އިންދައިގެން ހައްދަނީ އެވެ. ފެހި ވިނަގަނޑާ އެކު މުޅި ސަރަހައްދުގެ ސިފަ، އާ ހިތްގައިމުކަމަކަށް ބަދަލުކޮށްލައިފި އެވެ. ހެންވޭރު ޕާކޭ ކުރިން ކިޔަސް، އެއީ ހަނަފަސް ބޮޑު ވެލިގަނޑެކެވެ. އެހެންކަމުން ގަސްތަކުގެ އާރޯކަމާއި ވިނަގަނޑުގެ ފެހިކަން ދެމެހެއްޓިއްޖެ ނަމަ މިހާރު އެ ފެންނަ މަންޒަރުން އާންމުންގެ ހިތަށް ގެނެސްދޭނީ ފިނިކަމެވެ.
އާ ޕާކް ހުޅުވާނީ ކޮން އިރަކުން ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމުމަކާ ކައިރިއަށް ގޮސްފަ އެވެ.
ސިނަމާލެ ބްރިޖާ ޖެހިގެން އެހާ ރީތިކޮށް ޕާކެއް ހެދުމުން އެތަން ވާނީ، ހަމަ ޔަގީނުން ވެސް، މި ޒަމާނުގެ ސެލްފީ ބެކްގްރައުންޑަކަށެވެ.