ބޯޓު ނައްޓާލުމާ އެކު ފެނުނީ ހުޅުގަނޑެއް، ސަލާމަތްވާނެ ކަމަށް ހިއެއް ނުކުރޭ

އެއާ އޭޝިއާގެ މަތިންދާ ބޯޓު އެފްޑީ178 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ ބެންކޮކަށް މިރޭ ނައްޓާލި އިރު، އެ ބޯޓުގެ ފަހަތުގައި އިން އެކަކީ ހަސަން އައްފާނެވެ. ހަމަޖެހިލައިގެން އިންދާ ކުއްލިއަކަށް ފެނުނީ ހުޅުގަނޑެކެވެ. ބޯޓު ނައްޓާލުމާ އެކު ފެށުނީ ބޮޑު ބިރުވެރިކަމެކެވެ.


ގަޑިން 8:15 ހާއިރު، 64 މީހަކަކާ އެކު ބޯޓު ނައްޓާލި އިރު އޭގައި ތިބީ އަށެއްކަ ދިވެހިންނެވެ. ގިނައީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު، ބޭންކޮކަށް ދާ ޓޫރިސްޓުންނެވެ. ބޯޓުގައި ތިބީ ފަސް ކްރޫންނާއި 59 ފަސިންޖަރުންނެވެ.

ބޯޓު ފުރީ އެއާޕޯޓުގެ ދެކުނު ފަރާތުންނެވެ. ބޯޓު ނައްޓާލި އިރު، އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައެއް ނެތެވެ. ހަމަޖެހިފައިވާ ގަޑީގައި ބޯޓު ނައްޓާލި އެވެ. އޭރު ބޯޓުގެ ލައިޓްތައް އޮތީ ނިއްވާލައިފަ އެވެ.

ރޯވެފައިވާ ބޯޓު މާލެ ކައިރީގައި މަތީގައި ބުރު ޖަހަނީ

އައްފާން، 23، އާއި އެ ބޯޓުގެ ފަހަތު ސީޓުތަކުގައި ތިބި އެހެން މީހުންނަށް ކުއްލިއަކަށް ފެނުނީ އިންޖީނުގައި އަލިފާން ހިފި ތަނެވެ. އެއީ ބޮޑު ހުޅުގަނޑެކެވެ. އޭރު ބޯޓު، ސިނަމާލެ ބްރިޖު މަތިން ހުރަސްކުރަނީ އެވެ. ރޯވިތާ ކުޑަ އިރުކޮޅެއް ފަހުން ބޯޓުން އަޑެއް ވެސް ގޮވި ކަމަށްވެ އެވެ.

"އެވަގުތު ބޯޓުގެ ތެރޭގައި އިން މީހަކު މައްޗަށް ފިއްތާފައި [ކެބިން ކްރޫގެ އެހީތެރިކަމަށް އެދެން ފިތާ ބަޓަން] ހަޅޭއްލަވަން ފެށީ. އެއާ އެކު، އެންމެން ވަރަށް ބޮޑަށް ވަރަށް ބޮޑަށް ހާސްވެގެން އުޅުނު ތަން ފެނުނީ،" އައްފާން ކިޔައިދިނެވެ.

އަލިފާން ރޯވެގެން އިމަޖެންސީގައި ޖެއްސި އެއާ އޭޝިއާގެ ބޯޓުން ފޭބި ބައެއް މީހުން އެއާޕޯޓުން ނުކުމެގެން ދަނީ. -- ފޮޓޯ: މުހައްމަދު ޔާމީން / މިހާރު

އައްފާން ބުނި ގޮތުގައި ފްލައިޓްގައި ހުސް ޖާގަ އޮތުމުން، ފަހަތުގައި ތިބި މީހުން "ކޮޅު ކޮޅަށް ދުވެ" އެހެން ގޮނޑިތަކަށް ބަދަލުވި މަންޒަރު ވެސް ފެނުނެވެ. އަދި މީހެއްގެ ހެޔަށް ގޮތްވެގެން ބޯޓު ތެރޭގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު، ބޯޓު ޖެއްސި އިރު އެ މީހާގެ ހާލު ރަނގަޅެވެ.

މަތިންދާބޯޓުގެ އިންޖީނުގައި ރޯވުމާ ގުޅިގެން ހުޅުލެ މަތީގައި ގާތްގަނޑަކަށް ވިއްސަކަށް މިނިޓު ވަންދެން ވަނީ ބުރު ޖަހައިފަ އެވެ. އިމަޖެންސީ ހާލަތުގައި ޖައްސަން ޖެހިއްޖެ ނަމަ މަތިންދާބޯޓުގައި ހުންނަ ތެޔޮ މަދުކޮށްލުމަށް "ފިއުލް ޑަމްޕް" ކުރެ އެވެ. އެހެންވެ މިއީ އެގޮތަށް ދުއްވި ދުއްވުމެއް ކަމަށް ބެލެވެ އެވެ.

"އަޅުގަނޑަށް ފާހަގަވި ގޮތުގައި ޕައިލެޓް ވަނީ މަތިންދާބޯޓު މައްޗަށް ހިއްލައި ވިލާގަނޑުގެ ތެރެއަށް ވެއްދި. ތިން ފަހަރަށް ވިލާގަނޑުގެ ތެރެއަށް ވަން ކަން އެނގޭ،" އައްފާން ބުންޏެވެ.

އައްފާން ބުނީ އޭގެ 10 މިނިޓް ފަހުން، ބޯޓު ތިރިކޮށްލާ ވާހަކަ ޕައިލެޓް އެންގި ކަމަށެވެ. އެއާ އެކު، ސަލާމަތްތެރި ކަމާއެކީގައި ބޯޓު ރަންވޭ އަށް ޖެއްސި އެވެ. އޭރު ގަޑިން 8:43 އެވެ.

"ފްލައިޓް ޖައްސާނެ ކަމަށް ހިއެއް ނުކުރަން. ޖެއްސީމަ ގަބޫލުކުރެވުނީ ހާދަ ނަސީބު ގަދައޭ. ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރެވުނީ. ވަރަށް އުފާވި،" ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ވެސް ތިބި ފްލައިޓުން ދަތުރު ކުރި މަދު ދިވެހިންގެ ތެރޭގައި ހިމެނޭ އައްފާން ބުންޏެވެ.

އެއާ އޭޝިއާގެ ބޯޓެއްގައި ރޯވި އިމަޖެންސީގައި ޖެއްސުމާ ގުޅިގެން، އޭގައި ތިބި ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކަންކަން އިންތިޒާމުކޮށްދެއްވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ކ-4) އެއާޕޯޓުގައި.

މިއީ އިންޖީނުގައި މިގޮތަށް އަލިފާން ރޯވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މި ފަހުގެ ތާރީޚުގައި ޖެއްސި ފުރަތަމަ ބޯޓެވެ. ބޯޓު ޖައްސަން އައި ގަޑީގައި އެއާޕޯޓް އޮތީ ކުއްލި ހާލަތުގަ އެވެ. މީހަކު ހޮސްޕިޓަލަށް އުފުލަން ޖެހިދާނެ ކަމަށް ބަލައި އެމްބިއުލާންސްތައް އޮތީ ތައްޔާރަށެވެ.

ބޯޓު އެއާޕޯޓަށް ޖެއްސީ އެ ބޯޓު ނައްޓާލި ދެކުނު ކޮޅަށެވެ. ނަމަވެސް، ބޯޓު ޖެއްސި އިރު އަލިފާނެއް ނެތެވެ. ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްވެފައިވާ އިރު، ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެމީހުންނަށް ތިބެވޭނެ އިންތިޒާމުތައް އެއާ އޭޝިއާ އިން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، ބެންކޮކަށް އަލުން ފުރޭނެ އިރެއް އެއާލައިނުން އަދި އަންގާފައި ނުވާ ކަމަށް އެ މީހުން ބުންޏެވެ. އަދި މި އެކްސިޑެންޓާ ގުޅޭ ގޮތުން ވެސް އެއާލައިނުން ވާހަކައެއް ނުދައްކަ އެވެ.

އެއާ އޭޝިއާ ބޯޓުގެ އިންޖީނުގައި އަލިފާން ރޯވުމާ ގުޅިގެން، އެ ބޯޓުން ދަތުރު ކުރި މީހުން ހާލު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ބޯޓުގައި ތިބި ޓޫރިސްޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.