ރާއްޖޭގެ މޫސުން މިއަދު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ޖެއްސުމުގައި ދަތިތަކެއް ދިމާވެ، ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.
ފްލައިޓްތައް ޓްރެކް ކުރާ "ފްލައިޓްރާޑާ" އިން ފެންނަ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން މިދިޔަ ދެ ގަޑިއިރުގެ ތެރޭގައި ވަރަށް ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައިވެ އެވެ.
އޭގެ ތެރޭގައި، އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެލާއިންސް، އިންޑިގޯ އަދި ފިޓްސްއެއާގެ ބޯޓުތައް ހިމެނެ އެވެ.
ލަންކާ އިން ރާއްޖެ އައި ފްލައި ޑުބާއީގެ ފްލައިޓެއް މިހާރު ވަނީ ކޮލަމްބޯ އަށް ޑައިވާޓު ވެސް ކޮށްފަ އެވެ.
ފްލައިޓްތައް ނުޖެއްސިގެން ލަސްވަނީ ވައިބާރުވުމުގެ އިތުރުން ހުޅުލެއަށް ބޯކޮށް ވާރޭވެހޭތީ، ދުރު ފެންނަ މިންވަރު ވެސް ދަށްވުމުގެ ސަބަބުންނެވެ.
ވެލާނާ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލް ވެބްސައިޓުން ފެންނަ ގޮތުގައި އިންޓަނޭޝަނަލް އެރައިވަލްގެ ހަތަރު ފްލައިޓެއް ވަނީ ޑިލޭ ވެފަ އެވެ.
ފްލައިޓްތައް ޑިލޭވިއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ޔެލޯ އެލާޓެއް ވެސް ހެނދުނު ނެރެފަ އެވެ.
މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މި ކުރާ ވިއްސާރައިގެ ތެރެއިން މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ މިއަދު ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.