މީގެ ކުރީ ދުވަހެއްގައި ހުޅުލެއަށް އައި ވާރޭ ވިލާގަނޑެއް: އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ދަރަވަންދުއަށް.-- ފޮޓޯ: މައުމަން | ޓުވިޓާ
16 ޖޫން 2025 - 12:30
ރާއްޖޭގައި އިއްޔެ އެންމެ ވައިބާރުވީ ހުޅުލެ އާއި ބ. ދަރަވަންދު އަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު އާންމުކުރި އިއްޔެގެ އާންމު ވަޔާއި ވިލާގަނޑުގައި ޖެހުނުގެ ވައިގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، އެންމެ ވައި ބާރުވީ ހުޅުލެ އާއި ދަރަވަންދުއަށެވެ. އެ ދެ ރަށަށް ވިލާގަނޑުގައި 54 މޭލަށް ވައިބާރުވި އެވެ.
ވިލާގަނޑުގައި ދެން އެންމެ ވައި ބާރުވީ ހދ. ހަނިމާދުއަށެވެ. އެ ރަށަށް ވަނީ 50 މޭލަށް ވައިބާރުވެފަ އެވެ.
ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅު މަކުނުދު އަށް 49 މޭލަށް ވިލާގަނޑުގައި ވައިބާރުވި އެވެ.
ވައިބާރުވުމުން ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސިގެން މޯލްޑިވިއަންގެ ބޯޓެއް އެނބުރި މާލެއަށް https://t.co/TDwwLtadOG
— Mihaaru (@Mihaarunews) June 15, 2025
ރާއްޖޭގެ ބައެއް ހިސާބުތަކަށް އިއްޔެ އާދަޔާ ހިލާފަށް ވައިބާރުވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް އިއްޔެ ހެނދުނު ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓެއް ވަނީ ވައިގަދަވުމުގެ ސަބަބުން އެ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ މާލެ އައިސްފަ އެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހުޅުމާލެ އަށް އައި ބާރުގަދަ ކޮޅިގަނޑުގައި ވަނީ އެ އަވަށުގައި ހުރި ބައެއް ބޮޑެތި ގަސްތައް ވެސް ވެރިފަ އެވެ.
ހުޅުމާލެއަށް 54 މޭލަށް ވައި ޖެހި ގެއްލުންތަކެއް ވެއްޖެ https://t.co/t6qdR9j6NY
— Mihaaru (@Mihaarunews) June 15, 2025
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދު އާންމު ގޮތެއްގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ދެކުނުގެ ރަށްރަށަށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބުންޏެވެ.
ވިލާގަނޑުގައި 45 މޭލަށް ވައިބާރުވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދު ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނަނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގަ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ. އެ ހިސާބުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގަ އެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ ރަށްރަށަށް މިއަދު ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. މެދުރާއްޖެތެރޭގެ ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާފިޒް ރަސާދު
17 June 2025
މެޓް އޮފީހުގެ ކުދިންކޮޅު ޅަކަމުން އެއްވެސް ތަޖުރިބާއެއް ނެތީމަ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ. އަމިއްލަޔަށް ވިސްނައިގެން މޫސުން ލަފާކުރީމަ މާ ރަގަޅު.
ސޯނާ
16 June 2025
ތިންވަނަ ދުނިޔޭގެ ގައުމަކަށްވީމަ އެއާ އެއްވަރަށް މެޓްގެ ވެބްސައިޓްވެސް ނިކަމެތި. ވެބްސައިޓަކުން ބައެއް ބޭސިކް މައުލޫމާތެއް ނެތް. ޔޫވީ އިންޑެކް، ވައިގެ ކޮލިޓީއެއް، އިންޓަރެކްޓިވް މެޕް، އެކިއެކި ސެކްޓާތަކަށް އަމާޒުކޮށް، މިސާލަކަށް ޓްއަރިޒަމް، މަސްވެރިކަން، އިމާރާތްކުރާ ފަރާތްތަކަށް، ކިޔަވާކުދިންނަށް ފަސޭހައިމް މައުލޫމާތު ލީބޭނެ ގޮތެއް ނެތް. ވަރަށް އާދައިގެ. ހަމަ ނަމެއްގައި
އިހްސާސް
16 June 2025
ހަމަ ހުސް އެއާޕޯޓު ހުރިދެރަށްދޯ.