އިއްޔެ އެންމެ ވައިބާރުވީ ބ. ދަރަވަންދުއަށް ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ރެކޯޑުތަކުން ދައްކާ ގޮތުގައި، އިއްޔެ ރޭގެ މެންދަމު 12:00 އިން ރޭ މެންދަމު 12:00 އާ ދެމެދު، އެންމެ ވައިބާރުވީ ބ. ދަރަވަންދު އަށެވެ. އެ ރަށަށް ވަނީ ވިލާގަނޑުގައި 65 މޭލަށް ވައިބާރުވެފަ އެވެ.
މިދިޔަ ބުދަ ދުވަހު ވެސް އެންމެ ވައިބާރުވީ ދަރަވަންދުއަށެވެ. އެ ދުވަހު އެ ރަށަށް ވަނީ 55 މޭލަށް ވައިޖެހިފަ އެވެ.
މި ހަފްތާއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުލެއަށް ވެސް ވަނީ 61 މޭލަށް ވައި ބާރުވެފަ އެވެ.
އެއީ ރެކޯޑް ބާރުމިނަކަށް ނުވިޔަސް، އާންމު ގޮތެއްގައި ވިލާގަނޑުގައި ވައިޖެހޭ ވަރަށް ވުރެ ބާރެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައި ބާރުވާނެ އެވެ.
ރާއްޖޭގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިހާތަނަށް އެންމެ ވައިބާރުވި ދުވަހަކީ މެއި 29، 1991 އެވެ. އެ ދުވަހު ސ. ގަމަށް ވަނީ 103.5 މޭލުގެ ބާރުމިނުގައި ވައި ޖެހިފަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ވެސް ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މި މަހާއި ކުރިއަށް އޮތް ދެ މަހު ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ މިންވަރަށް ވުރެ މަދުންނެވެ. ނަމަވެސް، އުތުރުގެ ބައެއް އަތޮޅުތަކަށް އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.
ހުޅަނގު މޫސުން ނިމި، ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ އަންނަ ޑިސެމްބަރު މަހު އެވެ.