ފެން ނުލިބި ވެރިރަށް ހުއްޓުމަކަށް! ފިލައިގެން ނުދާނެ ހަނދާނެއް!

އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާންގެ ހާދިސާއާ ގުޅިގެން ދިމާވި ފެނުގެ ކާރިސާއަށް މިއަދު ފަސް އަހަރު ވެއްޖެ އެވެ. އެ ހާދިސާގެ ތަޖުރިބާ އާއި މިހާރު އެކުންފުނީގެ ހާލަތު މި ރިޕޯޓްގައި ކިޔާދީފައިވާނެ އެވެ.

އެއް ދުވަހެއްގެ މެންދުރުފަހެވެ. ހަމަ ކުއްލިއަކަށް މުޅި މާލެއިން ފެނުގެ ހިދުމަތް ކެނޑުނީ އެވެ. ފުރަތަމަ އެއީ މާ ބޮޑު ކަމެކޭ އެކެއްގެ ހިތަކަށް ވެސް ނާރަ އެވެ. އިރުކޮޅެއް ތެރޭ ހިދުމަތް ލިބޭނެ ކަމަށް ބަލައިގެން ތިބީ އެވެ. އެކަމަކު ކަމުދާކަށް ނެތެވެ. މާލެއަށް ފެނުގެ ހިދުމަތް ދެމުން އަންނަ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ފެން ޕްލާންޓްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޕެނަލެއްގައި ރޯވީ އެވެ. ވެރިރަށުގައި ބޮޑު ކާރިސާއެއް ފެށުނީ އެވެ.


އެ މައްސަލަ ހައްލުކުރެވި އަލުން ފެނުގެ ހިދުމަތް ދެވުމާ ހަމަޔަށް ވޭތުވި ހަފުތާއެއްހާ ދުވަހު، މާލޭގެ ބޮޑު އާބާދީ ތަހައްމަލްކުރަމުން ދިޔައީ، އޭގެ ކުރިން ތަޖުރިބާކުރި ދަތިތަކެއް ނޫނެވެ. ފާހާނާ ނުކުރެވި، ފެން ނުވެރި، އެއްޗެހި ދޮވެވޭ ގޮތް ނުވެ، ކުރިން ހިތަށް ވެސް ނާރާ ފަދަ އުނދަގޫތަކެއްގެ ތެރޭގައި ތާށިވި އެވެ.

ފެނަކީ އެންމެ އަސާސީ މާއްދާ އެވެ. ސަރުކާރާއި އަމިއްލަ ފެން ކުންފުނިތަކާއި އިންޑިއާ ފަދަ އަވަށްތެރި ގައުމުތަކުން، އެމަޖެންސީގައި ބޯ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. މާލޭގެ އެކި ތަންތަނުގައި ކިޔޫ ޖެހި، ބޮލަކަށް ވަކި ވަރަކަށް ކަނޑައަޅައި ދޫކުރި ފެން ފުޅި ހޯދަން ވަގުތުތައް ހޭދަކުރި އެވެ. ކުދިބޮޑު އެންމެންނެވެ.

ނޭނގި ހުއްޓާ، ބޮޑު ކާރިސާއެއް

މައްސަލައެއް ދިމާވެއްޖެކަން ކުންފުނީގެ ވެރިންނަށް ވެސް އެނގުނީ ޑިއުޓީގައި ހުރި މުވައްޒަފު ޓޯކީން ގޮވައި، ދުން ނުކުންނަ ވާހަކަ ބުނުމާ އެކު އެވެ. ސެކިއުރިޓީ ޑިޕާޓްމަންޓްގެ ވެރިން ނުކުތްއިރު ސަލާމަތެއް ނެތެވެ. ޕެނަލް ބޯޑް ބަހައްޓާފައި ހުރި ކޮޓަރިން ގަދަޔަށް ދުން އަރަނީ އެވެ. ވަގުތުން ސިފައިންނަށް ގުޅައި އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް ދުން ބޯކަމުން ވަދެވޭ ގޮތެއް ނުވި އެވެ.

އެމްޑަބްލިއުއެސްސީ ޕެނަލް ބޯޑްތައް އަނދާފައި -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ޑިސްޓްރިބިއުޝަން ސިސްޓަމް ހަދާފައި ހުންނަނީ އޮޓޯއިން މަސައްކަތް ކުރާ ގޮތަށެވެ. ކިރިޔާ ކަރަންޓް މެދު ކެނޑުނަސް މުޅި ތަނުން އެލާމް އަޅަ އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އޮފީސް ތެރޭގައި ހުންނެވި ސީނިއަ ވޯޓާ ޑިސްޓްރިބިއުޝަން އޮފިސަރު ސުލައިމާން ޒަކަރިއްޔާއަށް، ފުރަތަމަ އެލާމާ އެކު ވެސް ހީކުރެއްވުނީ ކަރަންޓްގެ ކަމެއް އުޅެނީ ކަމަށެވެ. ހިނގައިގެން އުޅެނީ ކިހާ ނުރައްކާތެރި ކަމެއްކަން އޭރު ރޭކައެއް ނުލަ އެވެ.

"އޭރު ވެސް އަޅުގަނޑު ހުރީ އޮފީސް ތެރޭގައި. އޭރު ނޭނގޭ މިއީ ކިހާ ވަރެއްގެ ކަމެއް ކަމެއް. ޑިސްޓްރިބިއުޝަން ޕަންޕް ރޫމްތެރެއަށް އަޅުގަނޑު ފައިބައިގެން ޕަވާ ހައުސްއާ ދިމާލަށް ބަލައިލިއިރު އެތަނުން ދުން އަރާތަން ފެނޭ،" ކުންފުނީގައި މަސައްކަތް ކުރައްވާތާ 24 އަހަރު ވެފައިވާ ސުލައިމާން ވިދާޅުވި އެވެ.

"ޑިސްޓްރިބިއުޝަން ޕަންޕް ރޫމް ތެރެއަށް ވަދެގެން ދިޔައިރު އެތަނުގައި އެމްޑަބްލިއުއެސްސީގެ ޕަވައެއް [ކަރަންޓް] ނެތް. ސްޓެލްކޯގެ ޕަވާއަށް ސިސްޓަމް ޗޭންޖްކޮށް ރަނގަޅުކޮށްފައި އަނެއްކާވެސް އަޅުގަނޑު މަޑުކޮށްލީ ޕަވާހައުސް ކައިރި. އޭރު ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރި."

އެވަރުގެ ކަމަކަށް އެ ކުންފުނި ވެސް އޮތީ ތައްޔާރުވެފައެއް ނޫނެވެ. އެހެންވެ ހުރިހާ މުވައްޒަފުންނަށް ލިބުނު ޝޮކް ވެސް ބޮޑުވި އެވެ.

ޕްލާންޓް މެއިންޓެނަންސްގެ ހެޑް އިސްމާއިލް އާމިރު ވިދާޅުވި ގޮތުގައި އެވަގުތު ވެރިންނާ ދެކެވުނު ވާހަކަތަކުން އެނގިވަޑައިގަތީ ހިނގައިގެން އުޅެނީ އަވަހަށް ސަލާމަތް ވެވެން ނެތް ބޮޑު ކަމެއް ކަމެވެ. އަލިފާން ނިއްވާލަން ކުރަން ޖެހޭ މަސައްކަތުގައި 10 ވަރަކަށް މިނެޓް އުޅުނު ފަހުން އެންމެންނަށް އެނގުނީ އެހާ ފަސޭހައިން އެކަން ނުވާނެ ކަމެވެ. އަލިފާން ރޯވެފައި ހުރި ހިސާބަށް ވަދެވޭނެ ގޮތެއް ނެތެވެ.

އަލިފާންގަނޑު ނިވުނުއިރު ގިނަ ޕެނަލްތަކެއް ހުރީ އަނދައި ވިރިގެން ފައިބައިފަ އެވެ. ފެން އުފައްދާ ޕްލާންޓްތައް ހިންގަމުން ދިޔައީ އެ ޕެނަލް ބޯޑްތަކުންނެވެ. އެހެންކަމުން މުޅި ފެން ފްލާންޓްގެ މަސައްކަތް ހުއްޓުނީ އެވެ.

ޕެނަލް ބޯޑްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިންނާއި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ ފޮޓޯ: އެމްޑަބްލިއުއެސްސީ

ހޭލާ ތިބެ ބޮޑު މަސައްކަތެއް

އޭރު ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން، ޓާސްކް ފޯހެއް އެކުލަވާލެއްވި އެވެ. އިސްކޮށް ތިއްބެވީ އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ބައެއް އެހެން މިނިސްޓަރުންނެވެ. އެ ޓާސްކް ފޯހުން ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި ކަމުގެ އަޕްޑޭޓް ދިޔައީ ދެމުންނެވެ.

އެމްޑަބްލިއުއެސްސީގެ ތެރެއިން ވެސް ހާއްސަ ޓީމެއް އެކުލަވާލި އެވެ. ސުލައިމާނަށް ފުރަތަމަ ހަވާލުވީ އެ ކުންފުނީގެ ފެނުގެ ސްޓޮކް ބެލުމެވެ. އެއަށް ފަހު ވަކި ވަގުތުތަކެއްގައި ނޫނީ ފެން ދޫނުކުރަން އެންގި އެވެ. އެއީ އޭރު ހުރި ސްޓޮކް އެއްކޮށް ހުސްވިޔަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ.

ކާރިސާގެ ފުރަތަމަ ދުވަސްކޮޅު ފެން ދޫކުރަމުން ދިޔައީ ކޮންމެ ދުވަހަކު ދެ ފަހަރަށް، ގަޑިއެއްގެ އިރަށެވެ.

ޕްލާންޓް މެއިންޓެނަންސްގެ ހެޑް އިސްމާއިލް އާމިރު ވިދާޅުވީ ސްޓޮކްގައި ފެން ހުރި ނަމަވެސް ފެން ދޫކުރުން ހުއްޓާލަން މަޖުބޫރުވީ އޭރު ދޫކުރަމުން ދިޔަ ވަރުން ފެން ދޫކުރާ ނަމަ އެހާ އަވަހަށް ފެން ހުސްވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

"އޭރު ވެސް އިތުރު ދެ ލޮކޭޝަނެއްގައި އަޅުގަނޑުމެންގެ ފެން [ސްޓޮކް] ހުންނާނެ. އެކަމަކު އަޅުގަނޑުމެން ނިންމީ މިކަމުން އަރައި ނުގަނެވޭހާ ހިނދަކު ހުރި ފެންކޮޅަކީ ހުސްވާނެ އެއްޗެއްކަން. އެ ހިސާބުން އެ ނިންމުން ނިންމީ،" އާމިރު ވިދާޅުވި އެވެ.

"އެހެންވެ ހާދިސާ ހިނގިތާ ބައި ގަޑިއިރެއްހާ އިރު ތެރޭގައި މާލެއަށް ފެން ދިނުން އަޅުގަނޑުމެން ހުއްޓާލީ."

ކާރިސާއާ ގުޅިގެން ރައީސް ޔާމީން އެކުލަވާލެއްވި ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެން އުފައްދާ ޕްލާންޓްތަކަށް ކަރަންޓް ދޭން ވަގުތީ ގޮތުން ހަތަރު ޓްރާންސްފޯމަރު ބެހެއްޓި އެވެ. ޕެނަލް ބޯޑްތަކާ އެކު ޕްލާންޓްތައް އޮޕަރޭޓްކުރާ ޕީއެލްސީ ޕެނަލްތައް އަނދައިގެން ދިއުމުން އަލުން އެ ޕެނަލްތައް ހަދަން ޖެހުނެވެ. އެކަމަށް ގިނަ ވަގުތު ނެގި އެވެ.

"ޕީއެލްސީ ޕެނަލްތައް ސުމަކުން ފެށިގެންގޮސް އަލުން ބަލުން ހަދަން ޖެހުނީ. އެވެސް ވަރަށް ބޮޑު ގޮންޖެހުމަކަށް ވި،" އާމިރު ވިދާޅުވި އެވެ.

ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވީ ކާރިސާ ހިނގިތާ ދެ ވަނަ ދުވަހުގެ ތެރޭގައި ފެން އުފައްދާ ނުވަ ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމެވެ. އެއާ އެކު މަޑުމަޑުން ސްޓޯރޭޖަށް ފެން ގިނަވާން ފެށި އެވެ.

އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް މުވައްޒަފުން ރެ އާއި ދުވާލު އުޅުނީ ފެން އުފެއްދުމުގެ މަސައްކަތް އަވަހަށް ފެށޭނެ ގޮޮތަކަށް ކަންކަން ހަމަޖައްސާށެވެ. އެހެން މުވައްޒަފުން ދިޔައީ ޓެކްނިކަލް މުވައްޒަފުންނަށް އެހީތެރިވަމުންނެވެ. ގިނަ މުވައްޒަފުން ނިދީ ވެސް އޮފީސް ތެރޭގަ އެވެ.

"މި މަސައްކަތުގައި ހަތް ދުވަސް ދިޔައީ ގާތްގަނޑަކަށް ނުނިދާ ކަހަލަ ގޮތަކަށް. އަބަދުހެން އުޅުނީ އޮފީސް ތެރޭގައި. ވަރުބަލިވީމަ ވެސް އޮފީހުގެ މޭޒް ކައިރި ޖައްސާލައިގެން އޮވެ ނިދަނީ ވެސް،" ސުލައިމާން ވިދާޅުވި އެވެ.

ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ފެން ބެހުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވި އެވެ. ޗައިނާ އާއި އިންޑިއާގެ ކޯސްޓް ގާޑުން ހަދިޔާ ކުރި ފެން އެމްޑަބްލިއުއެސްސީގައި ރައްކާކުރި އެވެ. އެ ފެން އައީ، ވަކި އުސޫލުތަކެއްގެ ތެރެއިން ބަހަމުންނެވެ.

ވަގުތީ ގޮތުން ހެދި ފެން ދޫކުރާާ ސްޓޯލަކުން އާންމުން ފެން ގެންދަނީ

އެ ބުރަ މަސައްކަތުގެ ނަތީޖާއަކީ ކާރިސާ ހިނގިތާ އަށް ދުވަހުގެ ތެރޭގައި ކުރިން ދެމުންދިޔަ ގޮތަށް ފެން ދޫކުރެވެން ފެށުމެވެ.

ބޮޑު ފިލާވަޅެއް، މިހާރުގެ ހާލަތު ކިހިނެއް؟

އެ ހާދިސާއަށް މިއަދު ފަސް އަހަރު ވީ އެވެ. އެއީ އިބުރަތްތެރި ފިލާވަޅެކެވެ. ސުވާލަކީ މިހާރުގެ ހާލަތު ކިހިނެއް ހެއްޔެވެ؟

މެނޭޖާ އޮޕަރޭޝަންސް އިސްމާއިލް އިބްރާހިމް ވިދާޅުވި ގޮތުގައި އަނދައިގެން ދިޔައިރުގެ ހާލަތަށް ކުންފުނި ގެންނަން ދޮޅު އަހަރު ނެގި އެވެ. މިހާރު އެއަށް ވުރެ ވެސް ގާބިލްކަން ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ފެން އުފެއްދޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

"މާފަންނާއި ހެންވޭރު އަދި މައްޗަންގޯޅީގައި މިހިރި މެއިން ސެންޓަރުގައި މިހާރު ފެން އުފައްދައި ފޯރުކޮށްދިނުމުގެ ގާބިލްކަން އެބަހުރި،" ހޯދި ކުރިއެރުން ކިޔައިދެއްވަމުން އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖުގައި އަޅާފައިވާ ހޮޅިން ހުޅުމާލެއިން މާލެއަށް ފެން ގެނެވޭނެ އިންތިޒާމު ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ އެވެ. އަދި ސްޓޯރޭޖް އިތުރުކުރަން ހަދާ ތާނގީތައް ވެސް މިހާރަށް ވުރެ އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ތާނގި ވަރަށް އަވަހަށް މާލޭގައި ބަހައްޓާނެ ކަމަށް، ކުންފުނިން ބުނެ އެވެ.

"މިހާރު ޑިމާންޑަށް ވުރެ ޕްރޮޑަކްޝަން ކެޕޭސިޓީ މަތިވާނެ. އެއްޗެއް ފެއިލްވިއްޔާ ދެން ހުރި ސްޓޭންޑްބައި އެއްޗަކުން ހިންގޭ ކަހަލަ ގޮތަކަށް ބެކަޕް ސިސްޓަމްތައް އިމްޕްރޫވް ކުރެވިފައި އެހެރީ،" އިސްމާއިލް ވިދާޅުވި އެވެ.

ކުއްލި ހާލަތުގައި ފެން ދޫކުރަނީ: ޑިސެމްބަރު 4، 2014 ގައި ވެރިރަށް ފެނަން ޖެހުނު --ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ހުރިހާ ޕެނަލް ރޫމެއްގައި މިހާރު ވަނީ އޮޓޯއިން އަލިފާން ނިއްވާލާ ސިސްޓަމްތައް ހަރުކޮށްފަ އެވެ. ތެޔޮ ރައްކާކުރާ ތަންތަނުގައި އަލިފާން ނިއްވާލަން ފޯމް ބޭނުންކުރާ ސިސްޓަމްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އަލިފާން ނިއްވުމަށް ހާއްސަކޮށްގެން އެމްއެންޑީއެފުން ވަނީ އެ ކުންފުނީގެ ފަސް މުވައްޒަފުން ތަމްރީން ކޮށްފަ އެވެ. އެ މުވައްޒަފުންނަށް ބޭނުންވާ އާލާތްތައް ހޯދާފައިވެ އެވެ.

"އޮޓޮމެޓިކުން އަލިފާން ނިއްވާލެވޭނެ ގޮތަށް މިހާރު ހުންނާނީ ތަންތަނުގައި ސާމާނުތައް ބެހެއްޓިފައި. އިތުރު އަލިފާން ނިއްވާ ފުޅިތައް ވެސް ވާނީ ބެހެއްޓިފައި. މާލޭގެ އިތުރުން ހުޅުމާލެ، ވިލިމާލޭގައި ވެސް ވަނީ އެ ސިސްޓަމްތައް ގާއިމްކޮށްފައި. އިތުރު މަސައްކަތްތައް ކުރިއަށް ދަނީ،" ސީނިއަ ސެކިއުރިޓީ އަދި ފަޔާ ސޭފްޓީ އޮފިސަރު ހަލީމް ވިދާޅުވި އެވެ.

މާލެއަށް ދިމާވި ފެނުގެ ކާރިސާ މަތިން އާންމުން ހަނދާނެއް ނުނެތޭނެ އެވެ. އެމްޑަބްލިޔުއެސްސީއަށް، އެ ކުންފުނީގެ ކުރިމަގު ބައްޓަންކުރަން އެ ކާރިސާއިން ފިލާވަޅު ލިބުނެވެ. އެފަދަ ހާދިސާއަކަށް ފުރިހަމައަށް ތައްޔަރުވެފައި އޮތްކަމުގެ ޔަގީންކަން، މިހާރު ދެނީ، އޭގެ ފަހުން އެޅި ފިޔަވަޅުތަކުން ހޯދުނު ކުރިއެރުންތައް ގިނަކަމުންނެވެ.