ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.


ބިރުވެރިކަމުން އެ ކުއްޖާ ސަލާމަތްވި ނަމަވެސް، މި ފަދަ ކިތަންމެ ކުދިންނެއް އެބަ ތިއްބެވެ.

މިދިޔަ އަހަރު އެކަނި ވެސް 300 އަށް ވުރެ ގިނަ ކުޑަކުދިން އެ ބިރުވެރިކަން ވަނީ ތަޖުރިބާކޮށްފަ އެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކުހެން، ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރިމަތިވެ އެވެ. ފަހަރެއްގައި މިއީ ގަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު ތަފާސްހިސާބުތައް އެކަމަށް ހެކިދެ އެވެ. ޖެންޑާ މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ކޮންމެ މަހަކު ވެސް މަދުވެގެން 22 ކުޑަކުދިން، ޖިންސީ ޝިކާރައަކަށް ވެ ރިޕޯޓުކޮށްފައި ވެ އެވެ. ބައެއް މަސް މަހު އެ އަދަދު 40 އަށް ވުރެ ވެސް އިތުރެވެ. މުޅި އަހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ ކުޑަކުދިން، ކޮންމެވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނޫނީ ކޮންމެވެސް ސިފައެއްގައި އެ ބިރުވެރިކަން ތަހައްމަލުކޮށްފި އެވެ.

މިއީ އަދި ރިޕޯޓު ކުރި އަދަދެވެ. ބިރުން، ސިއްރުކޮށްގެން ނޫނީ ކޮންމެވެސް ނުފޫޒަކާ ހެދި ފެންމަތި ނުވާ މި ފަދަ ކިތައް މައްސަލަ ހުންނާނެ ހެއްޔެވެ؟

ކަން ހިނގީ ފަސް އަހަރުގައި، އެކަމަކު އަދިވެސް ވޭނުގައި

ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު، ކާފަ އާއި މުނިކާފަގެ ޖިންސީ ޝިކާރައަކަށްވި ވާހަކަ ފެންމަތިވީ މުޅި ގައުމަށް ސިހުން ގެނުވަމުންނެވެ. ގިނަ ބަޔަކު ރުޅިވެރިކަން ފާޅުކޮށް، އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވަމުން އަންނައިރު، އޭގެ ތެރޭގައި އެފަދަ އަނިޔާވެރި އަމަލުތައް ތަހައްމަލުކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އާއި ގުޅިގެން މާލޭގައި ޗައިލްޑް އެބިއުޒްއާ ދެކޮޅަށް ކުރި މުޒާހަރާ ފޮޓޯ:ނިޝާން އަލީ/މިހާރު

ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފައިވާ ޝުއޫރުތަކުން، އެއީ އަދިވެސް އަސަރު ނުކެނޑޭ އަދި ދުވަހަކު ވެސް ފިލާ ނުދާނެ ޒަހަމުތަކެއްކަން އެނގެ އެވެ.

ދެ އަހަރުގެ ކުއްޖާއަށް ލިބިފައިވާ އަނިޔާއިން، ފާތުމަތު ނުޒުހާއަށް ވެސް އެހާ ފުން އަސަރުތަކެއް ކުރުވީ އޭނާ ވެސް އެފަދަ ތަޖުރިބާއެއް ކޮށްފައި ހުރުމުންނެވެ. އޭރު އޭނާގެ އުމުރުން ފަސް އަހަރެވެ. އޭގެ 21 އަހަރު ފަހުން، އަދިވެސް އޭނާގެ ލޮލަށް އެ މަންޒަރުތައް ފެންނަ ފަދަ އެވެ.

"އަދިވެސް ރޭގަނޑު ހޭލެވޭ ބިރުން. ހީވަނީ އެ މީހާ ކައިރީގައި ހުންނަހެން،" ޓްވިޓާގައި ނުޒުހާ ލިޔުނެވެ.

"އޭގެ ފަހުން ކިިތަންމެ އަހަރެއް ވޭތުވިޔަސް، އަދި ވެސް މިއުޅެނީ ހަމަ އެ ވޭނުގައި،"

އޭނާ ބުނާ ގޮތުން ތަކުރާރުކޮށް، ކިތަންމެ ފަހަރަކު އެ ގޯނާއާ ކުރިމަތިލާން ޖެހުނެވެ. އުމުރުން ހަތް އަހަރު ނުފުރެނީސް، ދެ މީހަކު އޭނާ ރޭޕްކުރި އެވެ. ކުށް ސާބިތުވެ، އޭގެ ތެރެއިން އެކަކު ޖަލުގައި ބަންދުކުރި ނަމަވެސް އޭނާއަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ.

"އަހަރެން ހިތަށް އަރަނީ މި ފަދަ ކިތައް ކުދިން އަދިވެސް އުޅޭނެ ބާއޭ؟" ޓްވީޓެއްގައި ނުޒުހާ ބުންޏެވެ.

ކުދިންތަކެއް މަގުމަތީގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ޓުވީޓަށް ޖަވާބު ދިން އެހެން މީހަކު ބުނިގޮތުގައި އުމުރުން ހަ އަހަރުގައި އޭނާއަށް ކުރިމަތިވި ގޯނާތަކުގެ ވާހަކަ، ވަކި ހިސާބަކުން ސިއްރުކުރީ އެވެ. ގާތް އެއްވެސް މީހަކު ގަބޫލު ނުކުރުމުން، ނުވާ ކަމަކަށް ހަދައިގެން އޭނާ ހުރީ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް އެ ވޭން ތަހައްމަލު ކުރާ ކަމަށް އޭނާ ބުންޏެވެ.

އެ މީހުންގެ ޝަކުވާއަކީ އިންސާފު ނުލިބުމެވެ. ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅި ނަމަވެސް ވަކި ހިސާބަކުން ވާނުވާ ނޭނގުމެވެ. ހެކި ނެތުމާ އެކު އެ މީހުން ހައްޔަރު ނުކުރެވުމެވެ. މައްސަލަ ސާބިތު ނުވެ، އަނެއްކާވެސް މުޖުތަމައުގެ ތެރެއަށް ދޫވުމެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ މީހުންގެ މައުލޫމާތާއި ފޮޓޯ ހިމެނޭ ގޮތަށް، 2015 ގައި ހަދާފައިވާ ދަފުތަރަކީ މި ފަދަ މީހުން ދެނެގަންނަން އޮތް އެހީއެކެވެ. އެ މީހުންގެ ވަނަވަރާއި ހުކުމާ ގުޅޭ މައުލޫމާތުތައް ލިސްޓުން ފެންނަން އޮތް އިރު، އޭގެ ތެރެއިން ބައެއް މީހުން، ހުކުމް ތަންފީޒުކޮށް އަނބުރާ މުޖުތަމައުގެ ތެރެއަށް ވަނީ ނުކުމެފަ އެވެ. އަދިި އެކަމުގެ ދައުވާ އުފުލުމަށް ފަހު، ކޮންމެވެސް ސަބަބަކާ ހުރެ ދޫވެފައި ތިބި މީހުން ވެސް އުޅެ އެވެ.

ނުރައްކާތެރި ބަޔަކު ދޫވެފައި!

ގދ. އަތޮޅު ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު 2018 ގައި އުމުރުން 75 އަހަރުގެ މީހަކު ހައްޔަރުކުރި އެވެ. އުމުރުން 18 އަހަރު ނުފުރޭ އެ ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި އެ މީހާގެ މައްޗަށް ދައުވާކުރި ނަމަވެސް، މިހާރު އޭނާ ހުރީ އަނެއްކާވެސް މުޖުތަމައުގެ ތެރެއަށް ދޫވެފަ އެވެ.

މީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މި ފަދަ މީހުންނަކީ ދެ ވަނަ ފަހަރަށް ވެސް އެ ފަދަ ކުށަކަށް އަރައި ނުގަނެވި ނުހުރެވޭ ފަދަ "ބިހޭވިއަރަލް ޑިސްއޯޑާ" ހުންނަ މީހުންނަށް ވުމެވެ. އެއް ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއް ކަމަށް ތުހުމަތު ކުރެވޭ ނަމަ، އިތުރު ކުދިންނަށް އެ ބިރުވެރިކަން އޮތުމުގެ ފުރުސަތު ބޮޑެވެ.

އެހެންވެ، ކޮންމެ ސަބަބަކާ ހުރެ ވެސް މި ފަދަ މީހަކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރުމަކީ ހުރިހާ ކުޑަކުދިންނަށް އޮތް ނުރައްކަލެކެވެ.

ކުޑައިރު ލިބިފައިވާ ޖިންސީ ގޯނާތަކަށް، ނަފްސާނީ ފަރުވާ ދެއްވާ އައިމިނަތު ނިޔާޒާ ވިދާޅުވި ގޮތުގައި ގިނަ މީހުން ޖިންސީ ޝިކާރައަކަށް ހަދަނީ ކޮންމެވެސް ގޮތަކުން އެ މީހުންނާ ގިނައިން ބައްދަލުވެ އުޅޭ ކުދިންނެވެ. ރަހުމަތްތެރިކަމުގައި ނުވަތަ ތިމާގެ ކަމުގައި ވަދެ ނިކުމެ އުޅޭ ގެއަކުން ދިމާވެގެން، ނޫނީ ގޭގައި ދިރިއުޅޭ ކުދިންނާ ވެސް އެ މީހުން ބެހެ އެވެ.

ޖެންޑާ މިނިސްޓްރީން ވެސް ބުނެފައިވާ ގޮތުގައި މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު ގިނައީ ކުޑަކުއްޖާގެ އާއިލާއާ ގުޅުން ހުރި ނުވަތަ ދެކެފަރިތަ މީހެއްގެ ފަރާތުން ލިބޭ އަނިޔާތަކެވެ. މަގުމަތިން ފެންނަ ނުދަންނަ މީހުންނަށް ވުރެ ގޯނާ ކުރުން ގިނައީ އާއިލާގެ ތެރެއިންނެވެ.

ނިޔާޒާ ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް އެ މީހުން ދިމާކުރަނީ، ހަމަނުޖެހުން ބޮޑު އާއިލާތަކުގެ ކުދިންނާ އެވެ. ހަދިޔާ ނުވަތަ ފައިސާ ދީގެން އެ ކުދިންގެ އިތުބާރު ހޯދަން މާ ފަސޭހަވެ އެވެ. އެހެންވެ، އޭނާގެ ނަސޭހަތަކީ ދަރިންނާއި ބެލެނިވެރިންނާ މެދު އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. އެ ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ކުދިންނަށް އެ ވާހަކަ ހިއްސާކުރެވޭހާ ގާތްކަން ބޭއްވުމެވެ.

"ގަބޫލު ވެސް ނުކުރެވޭ ފަދަ މީހަކު ވެސް އެ ފަދަ ކަމެއް ކޮށްފާނެ. އެކަމަކު ކުއްޖާ އެފަދަ ވާހަކައެއް ބުނެފި ނަމަ، އެކަން ޖެހޭނެ ސީރިއަސްކޮށް ނަގަން. އަދި ކުއްޖާ ކުށްވެރިކުރުމުގެ ބަދަލުގައި، އެކަން ރިޕޯޓު ވެސް ކުރަން ޖެހޭނެ،" ނިޔާޒާ ވިދާޅުވި އެވެ.

އިދާރާތައް ހޭލައިފި، އުއްމީދެއް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ތުއްތު ކުއްޖާ ރޭޕް ކުރުން ވީ، ކަމާ ގުޅޭ އިދާރާތައް، އެ ފަދަ މައްސަލަތައް ބަލަމުން އައި ގޮތާ މެދު ސުވާލު އުފައްދައި އެކަން ރަނގަޅުކުރަން މަޖުބޫރުކުރުވި ކަމަކަށެވެ. ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ދައުރާ މެދު ވެސް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ވެސް ކަންކަން މި އޮތީ އިސްލާހުކުރަން ޖެހިފަ އެވެ.

އެންމެ ބޮޑު އުއްމީދެއް ލިބުނީ، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަނެ، ހަފުތާއެއްގެ ތެރޭގައި ދަފްތަރު ކުރަން ޖެންޑާ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކުރުމާ ގުޅިގެންނެވެ.

ޖެންޑާ ކޮމެޓީން ބުނިގޮތުގައި ނުރައްކަލަށް ހުށަހެޅިދާނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި، މަޖިލީހަށް ފޮނުވައި އެފަދަ ކުދިންނާއި އާއިލާތައް ދަފްތަރުކޮށް، މޮނީޓާ ކުރުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭގައި ފަށަން ޖެންޑާ މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ބެލުމަށާއި އެފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި ގާއިމް ކުރުމަށް ވެސް އެންގި އެވެ.

ކުޑަކުޑަ މުޖުތަމައުއެއްގައި، ކޮންމެ ދުވަހަކު ވެސް ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ އޭގެ ނުރައްކާ އިންތިހާއަށް އޮތްކަން ދައްކައިދޭ ހެއްކެކެވެ. ގިނަ ކަންތައްތަކެއް ފެއިލްވެފައިވާ ކަމާއި އިސްލާހު ކުރަން ޖެހޭކަން އެއިން އެނގެ އެވެ. އުއްމީދަކީ، ހިތާމަވެރި މި ހާދިސާއިން ބަދަލެއް ގެނެވުމެވެ.