ރައްކާތެރި ހެދުމުގައި ތިބި އެޗްޕީއޭގެ އޮފިޝަލުން މާމަ އައިސޮލޭޝަން ފެސިލިޓީއަށް ގެންދަނީ
29 މެއި 2020 - 13:32
މީގެ ދުވަސްކޮޅެއް ކުރިން، އަހުމަދު ސުހައިލްގެ މާމަ ވަރަށް ބޮޑަށް ބަލިވި އެވެ. ހާލު ރަނގަޅުވީ، އައިޖީއެމްއެޗަށް ގެންގޮސް، އިމަޖެންސީގައި ފަރުވާ ދިނުމުންނެވެ. އެކަމަކު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓު ކުރި އެވެ. ނަތީޖާ އައީ ޕޮޒިޓިވް ކަމަށެވެ. އެކަމަކު އެންމެން ވެސް ހައިރާންވީ، ބަލިވެ އެނދުމަތީގައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ 85 އަހަރުގެ މާމައަށް، މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ރޯގާ ޖެހުމުންނެވެ. އޭރު ގޭގެ އެކަކަށް ވެސް ބައްޔެއް ނުޖެހެ އެވެ.
ސުހައިލްގެ ގޭގައި އުޅެނީ އޭނާގެ މާމަ އާއި މަންމަ އާއި އާއިލާގެ އިތުރު ތިން މީހެކެވެ. ކޮވިޑް-19އަށް އޭނާގެ މާމަ ޕޮޒިޓިވްވި ކަން އެންގީ، ހާލު ރަނގަޅުވެ ގެއަށް ބަދަލުކުރި ފަހުންނެވެ. އެހެންވެ، ގޭގައި ދެން ތިބި މީހުން ސާމްޕަލް ނަގައި، ކޮޓަރިތަކުގައި އައިސޮލޭޓްވި އެވެ. އެކަމަކު ކަން ދިމާވީ އެންމެ ހިތްދަތިކޮށެވެ.
މާމަ ބަލަން އައިސޮލޭޝަން ފެސިލިޓީއަށް ސުހައިލްގެ މަންމައަށް ވެސް ދާން ޖެހުނީ އެވެ. އޭރު ނަތީޖާ ވެސް ނުލިބޭ އަދި ބަލި ޖެހުނުކަން ޔަގީން ވެސް ނުވާ މަންމަ ފޮނުވާލުން ވީ އެންމެންނަށް ވެސް ވަރަށް އުނދަގޫވި ކަމަށެވެ. ބަލީގެ ނުރައްކަލަށް މަންމަ ހުށަހެޅުނަ ނުދިނުމަށް، މަންމަ ހިފަހައްޓަން އެ މީހުން މަސައްކަތް ކުރި އެވެ. އެކަމަކު ސުހައިލް ބުނި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނިންމުމަކަށް ވީ، އެހާ ދުވަސް ވީ މީހަކު ބަލަން އިތުރު މީހަކު ހުންނަން ޖެހޭނެ ކަމެވެ.
"ޕޮޒިޓިވްވީ އަހަރެންގެ މަންމަގެ މަންމަ. އެހެންވެ، މާމަ ބަލަން ވެގެން މަންމަ ރިސްކެއް ނެގީ. ބަލި ޖެހުނަސް ހެޔޮކަމަށް،" ސުހައިލް ބުންޏެވެ.
"އެކަމަކު މަންމަގެ ނަތީޖާ ނުލިބެނީސް، އެ ބައްޔަށް ހުށަހެޅޭ ގޮތަށް ދާން ޖެހުން ވީ އަހަރުމެންނަށް ވަރަށް ހިތްދަތިވި ކަމަކަށް."
އެޗްޕީއޭގެ އޮފިޝަލުން އައިސް، މާމަ އާއި މަންމަ ގެންދާތަން އޭނާ ވީޑިއޯކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ގެއިން ނުކުންނަން ދޮރާ ހަމައަށް ގޮސް މަންމަ އެނބުރި ގޭތެރެއަށް ބަލައިލަ އެވެ. މާސްކް އަޅައިގެން ހުރި މަންމަ އޭނާގެ ދަރިންނަށް ބަލައިލީ ރޮވިފައި ހުރެގެންނެވެ.
ސުހައިލްގެ އާއިލާގައި ތިން ކުދިން ތިބޭއިރު، އެ މީހުން ބަލައި ބޮޑުކުރީ ބައްޕަގެ އެހީތެރިކަމާއެކު މަންމަ އެކަނި މާއެކަންޏެވެ. މަންމަ ބަލިވެއްޖެއްުޔާ، އަބަދުވެސް ގާތުގައި އެ މީހުން ތިބެ އެވެ. އެހެންވެ، މަންމަ އެކަނިމާއެކަނި ބައްޔާ ކުރިމަތިލާން ދޫކޮށްލުމަކީ ކެތްކުރަން ދަތިވި ކަމެކެވެ.
"އަހަރުމެން ހިއެއް ނުކުރަން މަންމައަށް މިކަމާ ކުރިމަތިލާން ޖެހޭނެ ކަމަކަށް. ވަރަށް ވަރަށް ދެރަވި. އެކަމަކު މަންމައަށްޓަކައި ފަހުރުވެރި ވެސް ވި،" އޭނާ ބުންޏެވެ.
މަންމަ އާއި ގޭގެ އެހެން މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބުނީ، ގޭގެ އެންމެ ބޮޑު ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަތާ 24 ގަޑިއިރު ފަހުންނެވެ. ހުރިހާ ކުދިންގެ ނަތީޖާ ނެގެޓިވް ނަމަވެސް މަންމަ ޕޮޒިޓިވް އެވެ.
ނުރައްކާތެރި މި ބަލި ހަލުއިކަމާ އެކު މާލެ ތެރޭގައި ފެތުރެމުންދާ މި ދަނޑިވަޅު، ސިއްހީ އޮފިޝަލުންނާއި އެޗްޕީއޭން ކުރާ މަސައްކަތް ސުހައިލް ބަލައިގަނެ އެވެ. އެކަމަކު މާމަ ޕޮޒިޓިވްވިކަން އެނގުމާ އެކު އެ އިދާރާއިން ކަންކުރި ގޮތާ މެދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ.
މާމަގެ ނަތީޖާ ލިބުނީ ގެއަށް ބަދަލުކުރި ފަހުންނެވެ. އެކަމަކު އޭގެ ފަހުން ހަތަރު ގަޑިއިރު ފާއިތުވި އިރު ވެސް އެޗްޕީއޭން ނުގުޅުމުން އޭނާ އިސްވެ އެތަނަށް ގުޅި އެވެ. އެޗްޕީއޭން އެންގީ މާމައާ އެކު އިތުރު މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ދާން ޖެހޭނެ ކަމެވެ. އެކަމަކު މާމައަކީ ބަލި އަދި އުމުރުން ވަރަށް ދުވަސްވީ މީހަކަށް ވެފައި، ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހަކަށް ވުމުން އާއިލާއިން ބޭނުންވީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭށެވެ. އަދި ބަލި ޖެހިފައި ނުވާ މީހަކު، މާމައާ އެކު އެއް ތަނަކަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދުނެވެ. ދެން އެޗްޕީއޭން ވާހަކަ ދެއްކި އޮފިޝަލްގެ ޖަވާބަކީ ސުޕަވައިޒަރަކާ ވާހަކަ ދައްކާފައި އިރުކޮޅަކުން ގުޅާނެ ކަމެވެ.
"އޮފިޝަލް ފޯނު ބޭއްވިތާ ތިން ގަޑިއިރު ވީއިރު ވެސް ނުގުޅުމުން އަނެއްކާވެސް އަޅުގަނޑުމެން ގުޅީ. އެ ފަހަރު ވެސް ޖެހުނީ އަޅުގަނޑުމެންގެ ކޮންސާންތައް އަލުން ކިޔައިދޭން. އެ އޮފިޝަލް ވެސް އެބަ ބަލަމޭ ކިޔާފައި ކަނޑާލީ،" ސުހައިލް ބުންޏެވެ.
އެޗްޕީއޭގެ ޖަވާބެއް އެ ދުވަހަކު ނުލިބުނެވެ. އަދި ޕޮޒިޓިވްވި މާމަ ބަލާ ވެސް ނާދެ އެވެ. ޖެހިގެން އައި ދުވަހު ވެސް ހަމަ މި ފޯނު ކޯލު ދެ ފަހަރެއްގެ މަތިން އެ މީހުންނަށް ކުރަން ޖެހުނެވެ.
ސުހައިލް ބުނި ގޮތުގައި ޖަވާބެއް ލިބުނީ ތަންކޮޅެއް ހަރުކަށިވެ، އޭނާ މަސައްކަތް ކުރާ ދާއިރާ ބުނުމުންނެވެ. އެކަމަކު އެ ފަހަރު ވެސް އެޗްޕީއޭގެ ޖަވާބަކަށް ވީ މާމަ ބަލަން އިތުރު މީހަކު ދާން ޖެހޭނެ ކަމެވެ.
"ޕޮޒިޓިވްވި ކަން ޔަގީން ނުވާ މީހަކު ދާން ޖެހޭތީ އަޅުގަނޑުމެން ދެން ވެސް ކަންބޮޑުވުން ފާޅުކުރީމައި ވަރަށް ހަރުކަށިކޮށް ބުނީ ދެން ތިކޮޅުން ބުނަން ވީނޫންހޭ ކަންތައް ކުރަންވީ ގޮތް. އެހެން ކިޔާފައި ފޯން ކަނޑާލީ،" ސުހައިލް ބުންޏެވެ.
އެޗްޕީއޭގެ އޮފިޝަލުން މާމަ ބަލައި ދިޔައީ، ޕޮޒިޓިވްވިކަން އެންގިތާ 36 ގަޑިއިރު ފަހުންނެވެ. ދެމައިން ފެސިލިޓީއަށް ގެންގޮސް، މާމައަށް އެހީވި ވަގުތު މަންމައަށް މާސްކެއް ފަދަ އެއްޗެއް ނުދޭ ކަމުގެ ޝަކުވާ ސުހައިލް ކުރި އެވެ.
އެ ދެމައިން މިހާރު ތިބީ، އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ހުޅުލޭ އައިލެންޑް ހޮޓެލްގަ އެވެ. ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ. މާމައަށް އެހީތެރިވުމުގައި އެ ކޮޓަރީގައި މަންމައަށް ހުރެވުމަކީ އާއިލާއަށް މިހާރު ލިބިފައިވާ ހިތްހަމަ ޖެހުމެކެވެ. އެކަމަކު އާއިލާގެ އެންމެ އިސް ދެ މީހުން، ނުރައްކާތެރި ބައްޔަކާ އެކަނިމާ އެކަނި ހަނގުރާމަކުރަން ދޫކޮށްލުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.
ކޮވިޑް-19ގެ ހަނގުރާމަ ކުރިއަށް ދަނީ މިގޮތަށެވެ. އެކި މީހުންނަށް އެކި ތަޖުރިބާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހީދު
30 May 2020
މާމަ ބަލަން މަންމަ ފޮނުވާލީމަ ގޭތެރޭގަ ދެއަތް އުރާލައިގެން ނީނދެވޭނެތީ ރޯ ރުއިމެއްތީ! މަންމަ ދެކެ ލޯބިން ނަމަ މަންމަގެ މަންމަ އެކަނި ދޫކޮށްލާކަށް ބޭނުމެއް ނުވީސް.
އިބޫ
30 May 2020
ދެން އެޗްޕީއޭ އިން އެނމެން ބަލަންވީ؟ އެއީތަ މި ރިޕޯޓްގައި ބުނަން މިއުޅެ އެއްޗަކީކޮބައިތަ؟ ... މުސްކުޅު މާމަ ބަލަން މާމަގެ ދަރިން ދާން ޖެހޭނެ އެންނު... ދެން އަޅެ ސުހައިލް މަންމަ ބަލިވިނަމަ ތިޔަކުދިްނ މަންމަ ގާތަށް ނުދާނަމު؟ ރަނގަޅު ގޮތަކީ އާއިލީ މިހުން އެމީހުންގެ ބެލެނިވެރިން ބެލުންދޯ
ާއުނިމާ
30 May 2020
ކޮބާތޯ އަގަ ފުޅާކޮށްފަ މަޖިލިހުގަ ތެރޭ އުޅުއްވާ ސަރުކާރުގެ މެންބަރުންތައް؟ އަޅެ މިކަމަށް އެއްޗެކޭ ބުނެބަލަ؟
މީހާލާލީ
30 May 2020
މިއީ ވަރަށް ތާކުން ތާކުން ނުޖެހޭ ވާހަކައެއް ދައްކާފައި ހުރި މީހެއް. އަމިއްލަ ކުޑަ ދަރިއަށް ކޯވިޑް ޖެހުނު ނަމަ އެ ކުއްޖާ އެކަނި ފޮނުވާނަންތަ އައިސޮލޭޝަންގައި ހުންނަން. ނުބުނާނަންތަ ގެންދާށެކޭ. ހެވޭ ބަލި ޖެހުނަސް. ދެން ތިބުނީ ހޮސްޕިޓަލަށް ގެންދަން އެދުނީމޭ. ހޮސްޕިޓަލްގައި ކޯވިޑް ޖެހިފައި ތިބި މީހުންނަށް ފަރުވާ ދެނީ އެކަނި ބާއްވައިގެން. އެހެންވީމަ މާމަ އެހާ މުސްކުޅި އިރު ކައިރީގައި މަންމައަށް ހުރެވޭތީ އުފާކުރޭ. ހާލު ސީރިއަސްއީކީ ނޫން. ދެން ކޮންކަމެއްތީ
ޙަސަން އަޙްމަދު
30 May 2020
މި ލިޔުން ކިޔާލީމަ އެނގުނީ މިމީހުންނަށް މާމައަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަން. ވީ ފޫއްސެއް ނޭނގެ ބުނަން ވެސް.
ވިސްނަވާ
30 May 2020
އެޗްޕިއޯ އެކަމަކު ހާދަ ދޯހަޅިއެވެ. އެޗްޕީއޭއިން ޕޮސިޓިވްކޭސް ފަހަތުން ދުވުމުގެ ބަދަލުގައި ޕޮސިޓިވްކޭސް މިދުވަނީ އެޗްޕީއޭ ފަހަތުން.
އާދީ
30 May 2020
އައިސީޔޫ ގަ އޮންނައިރު މާމަގެ އެހީތެރިއަކަށް މީހަކު ބޭނުމެއް ނުވާނުޔޭ އެކަމަކު އައިސީޔޫ ނޫން އެހެން މަރުހަލާއެއްގަ އެދުމަތިވެފަ އޮންނަމީހަކު އމީހަކަށް އެހީތެތިޔަކު ބޭނުންވާނެ އޭނާއަށް ކާންދިނުމާ ކަންތައް ކުރަން ޖެހޭނީ އޭނާގެ އެހީތެރިން މަމީ ތިމާމަގެ ދަރިއެއްނަމަ އަމިއްލައަށް އެދިގެން ވެސް މާމައަށް ޚިދުމަތް ކުރަން ދާނަން އެފަދަ ހާލުގަ އޮތް މަންމައަކު މަޖުބޫރުވެގެން ނޫނީ އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށެއް ނުލާނަން މީ މަކަންތައް ކުރާނެގޮތް
މިކަމުގަ އުޅުނު ކުއްޖެއް
30 May 2020
މީކަނޑަ އެޅިގެން ނުބައި މައުލޫމާތު އެކުލެވޭ އާޓިކަލް އެއް. 36 ގަޑި އިރުވީ އެމީހުން މާމަ ދޫނޮކޮށްގެން މަންމަ ދާން ޖެހިދާނެތީވެ. މަންމަ ވެސް ރިޒަލްޓް ލިބުނު އިރުގަ ޕޮޒިޓިވް. މާމަ ޖެހުނީ މަންމަގެ ފަރާތުން.
عيد مبــــــــــــــــــــارك
30 May 2020
ބައްޔެއްނު. ވަޒީފާގެ ނުފޫޒު ބޭނުންކޮށްފަ އަދި ގަދަވާން އެވާހަކަ ގޮވަވެސް ގޮވީ ދޯ. ބަލަ އަމިއްލައަށް ނޫންތަ ބުނީ މަންމަ ނުކުތީ މާސްކް އަޅައިންނޭ. ދެން ހަމަ ދާގޮތައްގޮސް މާސްކެއް ދޭންޖހޭތަ.
ދެން ދޯ
30 May 2020
އެނދުމަތިވެފަ އޮތް މާމަ އަށް ބަލިޖެހޭނީ ގޭގެ ކޮންމެވެސް މީހެއް ޕޮޒިޓިވް ވީމަދޯ؟ ނޫނީ މާމަ ބަލަން އެހެން މީހަކު ހުންނަނީތަ.