ނަފްސާނީ ދުޅަހެޔޮކަމަށް މިއީ މުހިއްމު ވަގުތެއް!

މަސައްކަތުގެ މާހައުލުގައި އޭނާއަށް އޮތީ ފުރައްސާރަ އާއި ނުރުހުމެވެ. ފަރުވާކުޑަ ވާހަކަ އާއި ކަންތައްތައް ހަނދާން ނައްތައިލާ ވާހަކަ ދައްކަނީ އޮފީހުގެ ވެރިން އެކަންޏެއް ނޫނެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ މީހުން ވެސް ދައްކަނީ އެވާހަކަ އެވެ. އެއިން އެއްވެސް ވާހަކައަށް އޭނާގެ ޖަވާބެއް ނެތެވެ. ކަމެއް ވާހެން ވެސް އޭނާއަށް ހީނުވެ އެވެ.


އާއިލާގެ ތެރެއިން ވެސް އޭނާ ދިޔައީ ބާކީވަމުންނެވެ. ކުރިން ވާހަކަ ދައްކައި އުޅުނުހެން ދައްކާނެ ވާހަކައެއް މިހާރަކު ނެތެވެ. އެހެން މީހުން ވާހަކަ ދެއްކިޔަސް އެކަން ވަނީ އުނދަގުލަކަށެވެ. އެހެންވެ އޭނާ ބޭނުންވީ ވީހާވެސް ބޮޑަށް މީހުންނާ ވަކިން އުޅޭށެެވެ.

"މިހާރު ވަރަށް ފޮނިވެއްޖެ. އެއްވެސް މީހަކާ ގުޅުމެއް ނޯވޭ. ފެންނަ ހިސާބަށް ނުވެސް އާދޭ،" އޭރު 30ގެ އަހަރުތައް ގުނަމުން ދިޔަ މުހައްމަދު އިބްރާހިމް (އަސްލު ނަމެއް ނޫން) އާއިލާ އާއި ރައްޓެހިންގެ ފަރާތުން ފުރަތަމަ ކުރިމަތިވީ މިފަދަ ވާހަކަތަކެވެ.

އޭނާއަށް ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ ކަން ބަޔަކަށް ރޭކާލީ ހޯދިހާ ފައިސާ އާއި ބުރަ އެތައް މަސައްކަތަކުން އަޅައި ނިންމިތާ ގިނަ ދުވަހެއް ނުވެ ހުރި އޭނާގެ ގެ ހަލާކުރަން ފެށުމުންނެވެ. ފުރަތަމަ ގޮސް ހުރިހާ ކުޑަދޮރެއްގެ ބިއްލޫރިތައް ތަޅައިލި އެވެ. ފެންޕަމްޕު ވެސް ނަގައި އެއްލައިލީ އެވެ. އެ ދުވަހާ ހަމައަށް ވެސް ރަނގަަޅު ދިރިއުޅުމެއް އޮތް އެގޭގައި މީހަކަށް ނޫޅެވޭ ވަރުކޮށްލި އެވެ.

އިބްރާހިމްގެ އަސްލު މައްސަލައަކީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަށް ދަށްވުމެވެ.

ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައުގައި ހޭލުންތެރިކަން އޮތީ އަދިވެސް މިހާކަށް ވަރަށެވެ. ކިތަންމެ ގާތް މީހަކަަށް ވެސް ނަފްސާނީ ގޮތުން އަންނަ ބޮޑެތި ބަދަލުތަކާ މެދު ސިއްހީ ނަރަޒަކުން ވިސްނަން އަދިވެސް ގިނަ ބަޔަކަށް ނޭނގެ އެވެ.

ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި "ބިގް އިވެންޓް ފޯ މެންޓަލް ހެލްތު" ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރަޔަސުސް ވިދާޅުވީ ސިއްހީ މައްސަލަތަކުގެ ތެރެއިން އެންމެ އަޅައިނުލެވި އޮތް ދާއިރާއަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން ވެސް ހާލަތު އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލިމަޑުކަމުގެ ސަބަބުން ،އެކަން އިތުރަށް ގޯސްވަމުން ދަނީ. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ބިލިޔަނެއްހާ މީހުން ދިރިއުޅެމުން ދަނީ ނަފްސާނީ މައްސަލަތަކާ އެ،ކު،" އޭނާ ވިދާޅުވި އެވެ.

ޓެޑްރޯސް ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކުގެ ސަބަބުން މަސްތުވުމުގެ ތެރެއަށް ވަދެވޭ މީހުންނާއި އަމިއްލައަށް މަރުވާ މީހުން ވެސް އެހާ ގިނަ އެވެ. އެކަން އެހެން ހުރި އިރު ފަގީރު ގައުމުތަކާއި މެދު އާމްދަނީ ލިބޭ ގައުމުތަކުގައި ނަފްސާނީ ފަރުވާ ލިބެން ހުރީ ވަރަށް މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ކޮންމެ ހަތަރު މީހަކުން ތިން މީހަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބެ އެވެ. ޓެޑްރޯސް ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހަރަދުކުރަނީ އާއްމު ގޮތެއްގައި ގައުމުތަކުގެ ހެލްތު ބަޖެޓްގެ ދެ ޕަސެންޓަށް ވުރެ ކުޑަ މިންވަރެކެވެ.

"އެހެންވީމާ ބުނެވިދާނެ ނަފްސާނީ ދުޅަހެޔޮ ކަމަކީ ހަގީގަތުގައި ވެސް އަޅައިނުލާ އޮތް ދާއިރާއެކޭ،" ޓެޑްރޯސް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ އިރު ހާލަތަކީ މިއީ ކަމަށް ވާއިރު، ކޮވިޑާ އެކު އެ ހާލަތު ގޯސްވާނެ ވަރު ތަސައްވުރުކޮށްލަން އުނދަގުލެއް ނުވާނެ އެވެ.

އެންމެންގެ އެހީތެރިކަން ބޭނުންވޭ

ރޭ ބޭއްވި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ އިރު ނަފްސާނީ ދުޅަހެޔޮކަމަށް ކުރިއަށް ވުރެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަަމަށް ސަރުކާރުން އިސްކަން ދެ އެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަން ގުޅިފައި އޮތީ ނަފްސާނީ ދުޅަހެޔޮކަމާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަަން ކަށަވަރުކުރެވޭނީ މުޖުތަމައުން ވެސް އަޅައިލުމާއި އެހީތެރިކަން ދީގެން ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން ސަރުކާރުން ހާއްސަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އައިޖީއެމްއެޗްގައި ގާއިމްކުރި ސެންޓާ ފޯ މެންޓަލް ހެލްތާއި އަމިއްލަ ބައެއް ތަންތަނުން ވެސް ނަފްސާނީ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސު،މަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެފަދަ އެއް މަސައްކަތެވެ. ނަފްސާނީ ފަރުވާ އަތޮޅުތަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ނަފްސާނީ ބަލީގެ މީހުންނަށް ގާނޫނީ ރައްކާތެރިކަން ހޯދައި ދިނުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ދާއިރާއިން ކުރާ މަސައްކަތްތައް ކާމިޔާބުވާނީ އާއްމުންގެ އެހީތެރިކަން ވެސް ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް، މިބަލީގެ އަސަރުކޮށްފައިވާ މީހުންނަށް އެންމެން ވެސް ވާގިވެރި ވެގެން. އެކަނިވެރިވުމާއި ބާކީ ވުމުގެ އިހުސާސުން އެމީހުން ދުރުކޮށްދީގެން،" ރައީސް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކުގެ މީހުން އެކަނިވެރިވިޔަ ނުދީ އެމީހުންނަށް އަަޅައިލުމާއި އޯގާތެރިކަން ދިނުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

އަމިއްލައަށް ވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި

ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބެން އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ފަދައިން އަމިއްލަ އަށް ވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ދިމާކޮށް ޑަބްލިއުއެޗްއޯއިން ވަނީ އެގޮތުން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހިމެނޭ ގައިޑްލައިނެއް އާއްމުކޮށްފަ އެވެ. އެ ގައިޑްލައިންގައި ހުރީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ކޮށްލެވިދާނެ ކަންތައްތަކެވެ. އެކަންތައްތައް ކުރާނެ ގޮތް ފަސޭހައިން ދޭހަކޮށްދޭން ގައިޑްލައިން ތައްޔާރުކޮށްފައި ވަނީ ކުރެހުންތަކާ ވެސް އެކުގަ އެވެ. އަމިއްލައަށް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި ގައިޑްލައިންގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި:

- ކުރާ ކަމެއްގެ ތެރެއަށް ފުރިހަމައަށް ވަނުން

- ހަމަޖެހިލައިގެން ލަސްލަހުން ކަންތައްތައް ކުރުން

- ހާސްކުރުވާ ޚިޔާލުތަކާ ދުރަށް ދާން މަސައްކަތް ކުރުން

- ގަބޫލުކުރާ އުސޫލުތަކުގައި ހިފެހެއްޓުން

- އޯގާތެެރިވުން

- މީހުންނާއި ކަންކަމަށް ޖާގަ ދިނުން

ގިނަ ކުރެހުންތަކަކާ އެކު ފަސޭހައިން ދޭހަވާ ގޮތަށް ފޮތެއްގެ ސިފައިގައި އެކުލަވައިލާފައިވާ އެ ގައިޑްލައިިންގައި ކަންކަން ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެ އެވެ. އަދި އެކި ބަސްބަހުން އަޑުއަޅާފައިވާ އޯޑިއޯ ފައިލްތައް އެއާ އެކު ވަނީ އާއްމުކޮށްފަ އެވެ.ޑަބްލިޔުއެޗުއޯ އިން މިފަދަ މަސައްކަތެއް ކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ކުރިއަށް ވުރެ ބޮޑުވެފައި ވާތީ އެވެ.