ޕީޖީގެ ނިންމުންތަކުގެ މައްޗަށް މަޖިލީހުން ބަސް ކިޔުން: މިއީ ކޮން ކަހަލަ ކަމެއް؟

ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސް ވެރިންނަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވުމުން މި ސަރުކާރުގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލާގައި ދައުވާ ކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. ނަމަވެސް މަންޒަރު ބަދަލުވެގެން ދިޔައީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިޔަ ހިސާބުންނެވެ.


ވެންޓިލޭޓަރުގެ މައްސަލާގައި ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ޕީޖީ އޮފީހުން ނިންމުމުން އެކަމާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ، އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އޭސީސީ އާއި ޕީީޖީ އޮފީސް މަޖިލީހަށް ހާޒިރުކޮށް، ސުވާލު ކުރުމަށް ފަހު މަޖިލީހުން އެދުނީ ޕީޖީގެ ނިންމުން މުރާޖާ ކުރުމަށެވެ. އޭގެ ކުރިން އައީ މި އަހަރު ކުރީކޮޅު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ބަޔަކު ވަޅިން ހަމަލާދިން މައްސަލަ އެވެ. ބަޔަކު ދުރާލާ ރާވައިގެން ދިން އެ ހަމަލާގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕީޖީ އޮފީހުން ނިންމުމުން އެ މީހުން ދޫކޮށްލަން ޖެހުނު މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމީ ދައުވާ ކުރެވޭނެ ހެކި ހުރި ކަމަށެވެ.

މި ދެ މައްސަލާގައި ވެސް ނުސީދާ ގޮތެއްގައި މަޖިލީހުގެ ނިންމުމަކީ ޕީޖީގެ ނިންމުން ގޯސް ކަމެވެ. ޕީޖީގެ ނިންމުން ބަދަލުކުރަން ސާފުކޮށް އަންގާފައި ނެތަސް، މަޖިިލީހުން އަމަލުކުރީ އެފަދަ ގޮތަކަށެވެ. ވެންޓިލޭޓަރުގެ މައްސަލާގައި މަޖިލީހުން އަންގާފައިވަނީ ޕީޖީގެ ނިންމުން މުރާޖާ ކުރުމަށް ފަހު ނިންމާ ނިންމުމެއް މަޖިލީހަށް އެންގުމަށެވެ. މިއީ އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ވިޔަސް، ޕީޖީގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކުގެ ތެރެއަށް މަޖިލީހަށް ވަދެވިދާނެތޯ އެއީ ސުވާލެކެވެ.

ގާނޫނު އަސާސީގެ 223 ވަނަ މާއްދާ ބުނާ ގޮތުން ޕީޖީއަކީ އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބޭނުން ކުރުމުގައި އެހެން ފަރާތަކުން އަންގާ ގޮތަކަށް ނުވަތަ ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި އަދި ތައައްސުބުން އެއްކިބާވެ ހުރެ މަސައްކަތް ކުރަން ޖެހޭ ފަރާތެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން ޕީޖީގެ ނިންމުންތައް ބިނާވާން ޖެހޭނީ ތައައްސުބުން އެއްކިބާވެ ހުރެ، ކުރިމަަތީގައި ހުންނަ ހެކީގެ މައްޗަށް އެކަނި ބަލައިގެންނެވެ.

އެހެން މީހަކަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ޕީޖީގެ މަގާމުގެ ބާރުތައް ބޭނުން ނުކުރުމުގެ އިތުރަށް ސިޔާސީ ނުފޫޒަށް ލެބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ޕީޖީ ކޮށްގެން ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައިވެ އެވެ. މާނައަކީ ތުހުމަތެއް ކުރެވެނީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކަށް ވިޔަސް، ނުވަތަ އާދައިގެ ރައްޔިތަކަށް ވިޔަސް، އެއީ ޕީޖީ ރިއާޔަތް ކުރަން ޖެހޭ ކަމެއް ނޫން ކަމެވެ. އަދި ތުހުމަތު ކުރެވެނީ ކިތަންމެ ބޮޑު ނުވަތަ އާދައިގެ ކުށަކަށް ކަމަށް ވީ ނަމަވެސް، ދައުވާ ކުރުމާއި ނުކުރުމުގެ ބާރު އޮތީ ޕީޖީއަށް އެކަނި ކަމެވެ.

ގާނޫނުއަސާސީން މިނިވަން މަގާމެއްގެ ގޮތުގައި ޕީޖީ އުފައްދައި، އަދި އެހެން ފަރާތެއްގެ ސީދާ އިރުޝާދެއް ނެތި ކަންކަން ނިންމަން ޕީޖީއަށް ލާޒިމް ކޮށްފައި އޮތީ މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ އާ ގާނޫނުއަސާސީ އައުމުގެ ކުރިން ބަންޑާރަ ނައިބުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ނިޒާމު ހިންގުމުން ނުހައްގުން މީހުންނަށް ބޮޑެތި ދައުވާތައް އުފުލި ފަދަ ގޮތަށް ކަންކަން ތަކުރާރުވުމުގެ ފުރުސަތު ނުދިނުމަށެވެ. މުޖްތަމައުގެ އާންމު މަސްލަހަތުގެ އިތުރަށް މީހުންގެ މިނިވަންކަމާ ގުޅުން ހުރި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ސަރުކާރާއި ސިޔާސީ ފަރާތްތަކުގެ ބާރު ފޯރުވިޔަ ނުދިނުމަަށެވެ. ނަމަވެސް މިހާރު މަޖިލީހުގެ ބައެއް ނިންމުންތަކުން ފެންނަނީ އެހެން މަންޒަރެކެވެ.

ޕީޖީ ޝާމީމް ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކަށް އަލުން ރިއާޔަތްކުރަން މަޖިލީހަށް އެދެވިދާނެ ކަމަށް -- ފޮޓޯ/މިިހާރު

ޕީޖީ ނިންމާ ނިންމުމެއް ބަދަލުކުރަން ނުސީދާ ގޮތެއްގައި މަޖިލީހުން އަންގާ ނަމަ، ބާރުގަދަ ސިޔާސީ ބޭފުޅަކަށް ދައުވާ ނުކުރަން ވެސް މާދަމާ އެންގުމުގެ ފުރުސަތު އެބަ އޮތެވެ. މަޖިލީހުން ޕީޖީގެ ބާރުގެ ތެރެއަށް ވަދެ، ބަސް ކިޔަން ފަށައިފި ނަމަ، ތާރީޚު އިއާދަވުން ނޫން ކަމަށް ނުވާނެ އެވެ. ނުފޫޒު ގަދަ އަދި ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ޖެހިލުންވެ، އަދި ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒު ކޮށްގެން ދައުވާތައް ކުރުމުގެ ސަގާފަތް އަނބުރާ އިއާދަ ނުވާނެ ކަމުގެ ޔަގީންކަން ވެސް ގެއްލޭނެ އެވެ.

މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތުން ޕީޖީއަކީ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ފަރާތެކެވެ. އަދި ޒިންމާ ފުރިހަމައަށް އަދާނުކުރެވޭ ނަމަ، ޕީޖީ މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އޮވެ އެވެ. އެކަމަކު ޕީޖީގެ ނިންމުންތަކުގެ މައްޗަށް އެހެން ފަރާތަކަށް ބަސް ކިޔޭނެ ކަމަށް ގާނޫނުއަސާސީގައި އޮތީ އެންމެ ހާލަތެކެވެ. މަގާމުގައި ހުންނެވި ރައީސެއް ނުވަތަ ނައިބު ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ޖެހިއްޖެ ނަމަ، ރިޔާސީ ދައުރު ނިމެންދެން އެ ދައުވާއެއް މަޑުޖައްސާލަން މަޖިލީހުން ފާސްކުރާ ގަރާރަކުން އެންގިދާނެ ކަމަށް ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައި ބުނެފައި އޮތް ބުނުމެވެ.

އެ ނޫން އެއްވެސް ހާލަތެއްގައި، ޕީޖީގެ ނިންމުމަކަށް ބަސް ކިޔުމުގެ ބާރެއް މަޖިލީހަށް ނުވަތަ އެހެން މުއައްސަސާއަކަށް ވެސް ނެތެވެ. ހަމައެހެންމެ، ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ މައިގަނޑު ސިޔާސަތަކީ ގާނޫނުއަސާސީގެ ދަށުން ބަންޑާރަ ނައިބު ކަނޑައަޅާ ސިޔާސަތަކަށް ވިޔަސް، ވަކިވަކި މައްސަލަތަކާ މެދު ޕީޖީ ނިންމާ ނިންމުންތަކަށް ބަންޑާރަ ނައިބަށް ވެސް ބަސް ކިއުމުގެ ބާރެއް ނޯވެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ތަހުގީގީ އިދާރާތަކުގެ ދައުރަކީ ތަހުގީގުކޮށް، ދައުވާ ކުރެވޭނެ މިންވަރުގެ ހެއްކާއި ގަރީނާ އެއްކުރުމެވެ. އެ ހެކިތަކަށް ބިނާކޮށް ދައުވާ ކުރެވެން އޮތްކަން ނުވަތަ ނޫން ކަން ނިންމައި އަދިި ތަހުގީގުތަކުގެ ތެރޭގައި ގާނޫނާ ޚިލާފް ކަމެއް ހިިނގިތޯ ބަލައި، ފާރަވެރިވުމުގެ ޒިންމާ ވެސް އޮތީ ޕީޖީއަށެވެ. ތަހުގީގު ނިންމާ ކޮންމެ މައްސަލައަކީ ކޯޓަށް ފޮނުވަން ޖެހޭ މައްސަލައަކަށް ނުވެދާނެ އެވެ. ކޮންމެ މައްސަލައެއްގައި ދައުވާ ކުރަން ޖެހޭ ނަމަ، މިނިވަން މަގާމެއްގެ ގޮތުގައި ޕީޖީ އޮފީސް ހުރުމުގެ ބޭނުމެއް ވެސް ނެތެވެ.

ހެކި ހުރި ކަމަށް ތަހުގީގީ އިދާރާތަކަށް ގަބޫލު ކުރެވުނަސް، އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން އެ ދައުވާއެއް ކޯޓެއްގައި ސާބިތުވާނެ މިންވަރުގެ ހެކި ހުރި ކަން ވަޒަން ކުރުމާއި ދައުވާ ކުރުމުގެ މަސްލަހަތެއް އޮތްތޯ ބަލައި، ދައުވާ ކުރުމާއި ނުކުރުމުގެ ބާރު ގާނޫނީ ގޮތުންް އޮތީ ޕީޖީއަށެވެ. ހެއްކެއް ނެތީސް، ކޮންމެވެސް އެހެން މަގްސަދެއްގައި ނުވަތަ ބަޔަކަށް ހިތްހަމަޖެހުމެއް ހޯދައިދޭން ދައުވާ ކުރުމަކީ ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުން ކަމަށް ބެލެވިދާނެ އެވެ.

އެކަމަކު ޕީޖީގެ ބާރުތަކުގެ ތެރެއަށް މަޖިލީހުން ވަދެފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ މައްސަލަ އާއި ހުޅުމާލޭގައި ވަޅިހެރި މައްސަލާގައި ވެސް މަޖިލީހުން އެދުނީ ތަހުގީގީ އިދާރާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، ޕީޖީ އޮފީހުގެ ނިންމުން އިތުރަށް މުރާޖާކުރުމަށެވެ. މަޖިިލީހުން ޕީޖީއަށް ލަފައެއް ދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ޝަމީމް ދެކެވަޑައިގަންނަވަ އެވެ.

"މަޖިލީހުން ރިކޮމެންޑޭޝަންތަކެއް ދިނީ. ދައުވާ ނުކުރަން ނިންމީމަ ދައުވާ ކުރާށެކޭ މަޖިލީހަކުން ނުބުނޭ. އިތުރު މައުލޫމާތުތަކެއް ހުރި ކަމަށް ބުނާތީ ރިވައިސް ކުރަން އެދުނީ. ރިވައިސް ކޮށްފައި ނިންމާ ނިންމުމަކީ އެއީ މުޅިން އެހެން ކަމެއް."

އެކަމަކު ވަކިވަކި މައްސަލަތަކުގައި ޕީޖީގެ މައްޗަށް މަޖިލީހުން ބަސް ކިޔަން ފަށައިފި ނަމަ އެއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށް ޝަމީމް ވެސް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޖީގެ ޒިންމާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ދައުރު އޮންނަން ޖެހޭނީ ވަކިވަކި މައްސަލަތަކަށް ވުރެ މައްސަލަތަކުގެ ބާވަތުން ހުންނަ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށެވެ.

"ވަކިވަކި މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލު ކުރަން ބުނަން ފަށައިފިއްޔާ އެއީ އެހާ ރަނގަޅު ޕްރެކްޓިސްއަކަށް ނުވާނެ. މިިހާތަނަށް މަޖިލީހަކުން އެގޮތަކަށް ނާންގާ. އެކަމަކު މިސާލަކަށް ކޮރަޕްޝަންގެ މައްސަލަތަކުގައި މިގޮތަށް އާންމުންގެ ކަންބޮޑުވުން އެބަ އޮތޭ އެހެންވީމަ މިވެނި ކަންކަމަށް ރިއާޔަތްކޮށް ދޭން އެދެވިދާނެ. އެއީ މަޖިލީހަށް ކުރެވޭނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

އެކަމަކު ގާނޫނީ އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވަކިވަކި މައްސަލަތަކާ މެދު ޕީޖީ ނިންމާ ނިންމުމާ މެދު މަޖިލީހުން ސުވާލުކޮށް، ލަފާ ދިނުމަކީ ޕީޖީއަށް ނުސީދާކޮށް ނުފޫޒު ފޯރުވުން ކަމަށް ބެލިދާނެ އެވެ. މަޖިލީހަކީ ޕީޖީ ޖަވާބުދާރީ ކުރެވޭ ހަމައެކަނި މުއައްސަސާއަށް ވިޔަސް، ޕީޖީގެ ގާނޫނީ ބާރުގެ ތެރެއިން ނިންމާ ނިންމުމަކާ މެދު މަޖިލީހުން ބަސް ބުނެގެން ނުވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މަޖިލީހަށް ޕީޖީ ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޮތުމުގެ މާނައެއް ނޫން ޕީޖީ ކަން ކުރަންވީ ގޮތް މަޖިލީހުން ކިޔައިދޭށެކޭ. ޕީޖީގެ ގާނޫނީ ބާރެއް ބޭނުން ކޮށްގެން ނިންމާ ނިންމުމަކީ ޕީޖީ ނިންމުމަކަށް ވާން ޖެހޭނީ. މަޖިލީހަށް އޮންނާނީ އޭނާ ވަކިކުރުމުގެ ބާރު،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ޕީޖީ ވެސް ހިމެނޭ ގޮތުން މިނިވަން މުއައްސަސާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ބާރު މަޖިލީހަށް އެބަ އޮތެވެ. އެކަމަކު އެ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ތެރެއަށް މަޖިލީހުން ވަދެ، ބަސް ބުނަން ފަށައިފި ނަމަ، މިިނިވަން މުއައްސަސާތަކުގެ ބޭނުމެއް ނެތެވެ. މުޖްތަމައުގެ އާންމު މަސްލަހަތާއި އަސާސީ ހައްގުތަކާ ގުޅުން ހުރި މުހިންމު ޒިންމާއެއް އޮންނަ ޕީޖީއަށް މަޖިލީހުން ކަންކުރަންވީ ގޮތް ކިޔައި ދޭން ފަށައިފި ނަމަ، ޖިނާއީ އަދުލުގެ ނިޒާމާ މެދު އިތުބާރު ގެއްލި، ފެހި ގާނޫނުއަސާސީއަށް ވުރެ އެތައް އަހަރެއް ފަހަތަށް ސޮއްސާލަފާނެ އެވެ.