ރިޕޯޓް / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟

ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ޖެންޑާ މިނިސްޓްރީން ބަލަހައްޓާ ބައެއް ކުދިން ފަސް އަތޮޅަކަށް ބަދަލުކުރަން ފެށިތާ ދެ މަސް ނުވަނީސް ބައެއް މައްސަލަތައް ޖެހިފައިވާ އިރު ޖެންޑާ މިނިސްޓަރު އެދިވަޑައިގަންނަވަނީ ޚާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މި ކުދިންނަށް އޯގާތެރިވެ ތަރުބިއްޔަތުގައި އެހީތެރިވުމަށް.

ދައުލަތުން ބަލާ ކުދިންތަކެއް ފުވައްމުލަކުގެ "އަމާން ވެށި" އަށް މިދިޔަ ޖެނުއަރީ މަހު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝާ ކުއްޖަކާ ސަލާމްކޮށްލައްވަނީ: ފަސް ރަށެއްގެ ތެރެއިން ހަތަރު ރަށަކަށް ކުދިން މިހާރު ވަނީ ބަދަލުކޮށްފައި. ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެ ރަށަށް ދިޔުމާ އެކު އެ ކުދިންނަށް ފުރަތަމަ މުޅިން ވެސް ލިބުނީ ލޯތްބެވެ. ރަށު މީހުން ހަވީރު ސައި ހިފައިގެން އަންނާނެ އެވެ. މަގުމަތިން ދަމުން ދަރިފުޅާއޭ ކިޔައި ގޮވާލާނެ އެވެ. އެކަމަކު އެ އޯގާތެރިކަމުން ލިބުނު އުފާވެރިކަން ކިލަނބުވާން ގިނަ ދުވަހެއް ނުނެގި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 ކުއްޖަކު މާލެ އިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން ހިނގި ކަންތައްތަކަކާ ގުޅިގެން އޭގެ ތެރެއިން ބައެއް ކުދިންނާ ދެކޮޅަށް އެ ރަށު ބަޔަކު އެ ކުދިން ދިރިއުޅޭ ތަނުގެ ބޭރަށް އެއްވީ އެވެ. ރުޅިގަދަވެ ހަޅޭއްލަވަމުންދިޔަ މީހުން ހުތުރު އެއްޗެހި ކިޔަ އެވެ. އިމާރާތް ތެރޭގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކު "ނެރޭ, ނެރޭ, މިހާރު ނެރޭ"ށޭ އެ މީހުން ގޮވަ އެވެ. ދެންމެދެންމެ ހަމަނުޖެހުމެއް ހިނގާފާނެއޭ ހީވާހާ "ހޫނު" ތަނެކެވެ. ދޭތެރެއަކުން މީހަކު ގޭޓުން އެތެރެއަށް ވަދެގަންނަން އުޅޭ އިރަށް ފުލުހުން ހުއްޓުވަ އެވެ. އެ މީހުން ގޮވަމުން ދިޔަ އެއްޗެހި އަޑުއިވޭ ހިސާބު އެތެރޭގައި ކުދިން ތިއްބެވެ. އެއް ކުއްޖަކު ބިރުން ތުރުތުރުއަޅައަޅާ ހުރި މަންޒަރު, "އަމާން ވެށި"ގައި އެ ކުދިން ބަލަހައްޓަން ތިބި މުވައްޒަފުންނަށް ފެނުނެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަށް, އެއީ އޭދަފުށީގެ "މަދު ބަޔަކު ނުކުމެ ގަސްދުގައި ނަމަވެސް, ނޭނގި ނަމަވެސް ކުރެވުނު" ކަމެކެވެ. މިނިސްޓަރު ގަބޫލުކުރައްވަނީ އޭދަފުށީގައި އެ ކުދިން ބައިތިއްބަން އެ ރަށުގެ ގިނަ މީހުން ތާއީދުކުރާނެ ކަމަށެވެ. އެކަމަކު ޑިސެމްބަރު 24ގައި ކުދިން އެ ރަށަށް ގެންދިޔަތާ ދެ މަސް ނުފުރެނީސް ހިނގި ހާދިސާއާ ދޭތެރޭ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެ ކުދިން އެ ދުވަހު ވަރަށް ދެރަވި. އޭގެ ފަހުން ބޭރަށް ނުކުންނަން ވެސް ބޭނުމެއް ނުވި. އަޅުގަނޑުމެން ވަރަށް މަސައްކަތްކުރަން ޖެހުނު, އަލުން އެ މުޖުތަމައަށް އެ ކުދިން އިތުބާރެއް ކުރަން," އާއިޝާ ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި, ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގަ އާއި ހުޅުމާލޭގެ ފިޔަވަތީގައި ޖެންޑާ މިނިސްޓްރީން ބަލަހައްޓަނީ ރައްކާތެރިކޮށް ބަލާނެ މީހަކު ނެތް ނުވަތަ އަނިޔާގެ ޝިކާރައަކަށް ވެފައި ތިބޭ ކުދިންނެވެ. އެފަދަ ކުދިންތަކަކަށް އަސަރު ފޯރި ހާދިސާއެއް އޭދަފުށީގައި ހިނގި އިރު, ދައުލަތުން ބަލަހައްޓާ ބައެއް ކުދިން ފަސް ރަށަކަށް ބަދަލުކޮށްގެން ބަލަން ޖެންޑާ މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމް ހިންގާ ގޮތް ދެނެގަތުން މުހިއްމެވެ. އޭދަފުއްޓަށް ފަހު ށ. ފުނަދު އަށް 16، ފުވައްމުލަކަށް 11 އަދި ހއ. ދިއްދު އަށް 15 ކުއްޖަކު ވަނީ ބަދަލުކޮށްފަ އެވެ. ދ. ކުޑަހުވަދު އަށް ވެސް ކުދިން ގެންދާނެ އެވެ. މި ބޮޑު ބަދަލު ގެންނަ އިރު ކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭތޯ ބަލަން ޖެހެ އެވެ.

"އަސްލު މި ކުދިންނަށް ބޭނުންވަނީ ހަމަ އެންމެ ތިން ކަމެއް. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން. އަޅުގަނޑުމެން ބޮޑެތި މީހުން ބުއްދިވެރިކަމާ އެކު, މިއީ ކުދިންކަން ގަބޫލުކޮށްގެން އެކުގައި މަސައްކަތްކުރަންވީ."

"އަބަދު ތައްޔާރުވެގެން ތިބޭ އިރު ވެސް ކަންކަން ދިމާވޭ"

އޭދަފުއްޓަށް ކުދިން ބަދަލުކުރިތާ ތިން ހަފްތާ ފުރުނު ދުވަހު ރަށު ކައުންސިލުން ޖެންޑާ މިނިސްޓްރީ އަށް ސިޓީއެއް ފޮނުވި އެވެ. އަމާން ވެށީގެ ކުދިންނާ ބެހޭ ގޮތުން ރައްޔިތުން ޝަކުވާކުރަމުންދާ ކަމަށް ބުނެ "އަވަސް ހައްލެއް" ހޯދައިދޭން އެ ސިޓީގައި އެދިފައިވެ އެވެ. ކައުންސިލުން ފަހުން ވެސް އެ މޭރުމުން މިނިސްޓްރީ އަށާއި ސަރުކާރުގެ އެކި ތަންތަނަށް ސިޓީއެއް ފޮނުވި އެވެ.

އެ ޝަކުވާތައް ލިބިފައި ހުރި އިރު, ކުދިންނަށް އަސަރު ފޯރަފާނެ މިފަދަ ހާދިސާއެއް ހިނގާފާނެ ކަމަށްޓަކައި މަސައްކަތްތަކެއް ކުރެއްވިންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އަންނަނީ ކުރަމުން ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ރަށްރަށަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ ކުޑަކުދިންގެ ހިޔާގެ ކުދިން އަމިއްލަ އަށް ވެސް ބޭނުންވެގެން, ތައްޔާރުވާން ކުދިންނަށް ވަގުތު ދީގެން އަދި ކުދިން ބައިވެރިކޮށްގެން ކަންކަން ނިންމައިގެންނެވެ. އެކަމަކު މައިންބަފައިންނާ ވަކިވެފައި ތިބޭ ކުދިންތަކަކަށް އާ ކެއާ ވޯކަރުންތަކަކާ އެކު އާ މާހައުލެއްގައި އުޅެން ފަށައިގަންނަން ގޮންޖެހުންތައް ދިމާވާ ކަމަށް އާއިޝާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭދަފުށީގައި ސްކޫލު ތެރޭ ކުއްޖެއްގެ ހާދިސާ ހިނގުމާ ގުޅިގެން މިނިސްޓްރީން އައީ އޮންނަ އުސޫލުގެ ތެރެއިން އެކަމާ މެދު އަމަލުކުރަން ޖެހޭ ގޮތަށް ކުރަމުން ކަމަށެވެ. އަމާން ވެށި ދޮށަށް ބަޔަކު އެއްވީ އޭގެ ފަހުން ވެސް ހާދިސާއެއް ހިނގައިގެންނެވެ. އެކަމަކު މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ކުދިން މި ބަދަލަށް ހޭނެން ނަގާ މުއްދަތުގައި ބޮޑެތި މީހުން ކެތްތެރިވާން ޖެހެ އެވެ. އަދި ފުރާވަރު ކުދިންގެ މިޒާޖު ހުންނަ ގޮތް ހަނދާންކުރަން ވެސް ޖެހެ އެވެ.

"ނޯމަލް އާއިލާތަކުގައި ވެސް, ދިމާވެދާނެ ކަމަކަށް އަބަދު ތައްޔާރުވެގެން ތިބޭ އިރު ވެސް ކަންކަން ދިމާވޭ. އެއީ އަޅުގަނޑުމެންނަށް ވެސް މި ދިމާވާ ގޮތަކީ. ހާދިސާތައް ކުރިއަށް އޮތް ތަނުގައި ވެސް ދިމާވާނެ. މީގައި އަޅުގަނޑަށް މުހިއްމީ ހާދިސާއެއް ދިމާވީމަ އަޅުގަނޑުމެން އެންމެން މުޖުތަމައުއާ އެކުގައި އެ ހާދިސާއަކާ މެދު އަމަލުކުރާ ގޮތް," އާއިޝާ ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުންނަށް ވިސްނިފައި މި އޮންނަނީ މިއީ ކުށް ކުރާ ކުދިންނޭ. މިއީ ކުށް ކުރާ ކުދިންނެއް ނޫން. ދިމާވެފައި ހުރި ގޮތުން ބައެއް ފަހަރު ކުދިންނަށް ވަރަށް ގަދަ ރުޅިއެއް އާދެވޭ. ރުޅި މެނޭޖު ނުކުރެވޭ ވަގުތު އާދޭ. އެ ވަގުތު އަޅުގަނޑުމެން އެންމެން އެ ކުދިންނާ އެކީގައި މަސައްކަތްކުރަން ޖެހޭނެ."

އާ ތަނަކަށް ދެވުމުން ކަންކަން ބަލާލައި ތަންތަނަށް ގޮސް ހަދަން ކުދިން ވަރަށް ޝައުގުވެރިވިކަން މިނިސްޓްރީ އަށް ފާހަގަކުރެވުނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ފުރާވަރު ކުދިންގެ ތޮބީއަތް ހުންނަ ގޮތް ވެސް މެ އެވެ. އޭދަފުށިން އެ ކުދިންނަށް ލިބުނީ ކުޑަކުދިންގެ ހިޔާގެ ބަންދު މާހައުލަށް ވުރެ މިނިވަން ދިރިއުޅުމެކެވެ. ކޮވިޑް ކޮންޓްރޯލްކުރުމުގެ ގަވާއިދާ އެއްގޮތަށް 10 ދުވަހުގެ ކަރަންޓީނަކަށް ފަހު އަމާން ވެށީގެ ކުދިންނަށް ފުރުސަތު ދިނީ, އާއިޝާ ވިދާޅުވި ގޮތުގައި, މި ޕްރޮގްރާމުގައި ހަމަޖެހިފައި އޮތް ގޮތަށް ކެއާ ވޯކަރުންގެ ބެލުމުގެ ދަށުން "އޯޕަން ޑޯ ކޮންސެޕްޓެއް"ގައި އުޅޭށެވެ.

"އެ ކޮންސެޕްޓުގައި އަޅުގަނޑުމެންނަށް ވެސް، ކުދިންނަށް ވެސް ލިމިޓް އުނދަގޫވީ ފުރަތަމަކޮޅުގައި. މިހާރު ވަރަށް ބޮޑަށް ރަނގަޅު," މިނިސްޓަރު ވިދާޅުވި އެވެ.

އޭދަފުށީގެ ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި "ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާ އިރު، އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ."

"ދެ މަހަކީ ވަރަށް ކުޑަ ވަގުތެއް, ކަންކަން ހަމައަކަށް އެޅެން. އަދި ވަރަށް އާކޮޅު މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

އާއިޝާ ވިދާޅުވީ އޭދަފުއްޓަށް ކުދިން ބަދަލުކުރުމުގެ މާ ކުރިން ބައްދަލުވުންތައް ބާއްވައި "ރަށުގެ ރައްޔިތުންނާ އެއްކޮށް ވެސް ވަރަށް ކުރިން ވާހަކަދައްކަން ފަށައިފިން" ކަމަށެވެ. ކޮވިޑްގެ ލޮކްޑައުންއާ ގުޅިގެން އެހެން ރަށްރަށުގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވި ނަމަވެސް އޭދަފުއްޓަށް ލޮކްޑައުންގެ ކުރިން މިނިސްޓްރީގެ ޓީމެއް ދާން ފުރުސަތު ލިބުނެވެ. އަދި ކުދިން ގޮވައިގެން ވަޑައިގެން އާއިޝާ ވެސް ވަނީ ކައުންސިލާއި ސްކޫލާއި ހޮސްޕިޓަލާއި ފުލުހުންނާއި އަންހެނުންގެ ކޮމިޓީ އާއި ޖަމްއިއްޔާތަކާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

"އެ ހުރިހާ ބޭފުޅުންނާ އެކު އަޅުގަނޑުމެން ދެއްކި ވާހަކައަކީ ދައުލަތުން ކުދިން ބަލާ މާހައުލެއް އޭދަފުށީގައި ގާއިމްކޮށްދީ މި ކުދިންނަށް ގޮންޖެހުންތައް ދިމާވީމަ އެ ގޮންޖެހުންތަކުން ކުދިން އަރައިގަތުމަށް މަސައްކަތްކޮށްދޭ ޓީމަކަށް އަޅުގަނޑުމެންނާ އެކު އެ ބޭފުޅުން ވެދެއްވާށޭ," އާއިޝާ ވިދާޅުވި އެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބަން ކަނޑައަޅާ ކޮންމެ ރަށެއްގައި ކުދިން އަޅުގަނޑުމެންނަށް ގެންގުޅެވެން ވާނެ. ރައްޔިތުންނަށް އެކަން ވިސްނައިދޭން އަޅުގަނޑުމެން އިތުރަށް މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

"އަމާން ވެށި"ތަކަށް ކުދިން ބަދަލުކުރުމާ ބެހޭގޮތުން ޖެންޑާ މިނިސްޓްރީން އާއްމުކުރި ވީޑިއޯއެއް

"ކުޑަކުދިންގެ ހިޔާގައި ހިތާމަ, ކުދިން އެދުނީ ބަދަލުވާން"

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހުރިހާ ކަމެއް ވެސް އުނދަގޫކޮށް އޮތް މި ހާލަތު ބަދަލުވަންދެން މަޑުނުކޮށް ކުދިން ރަށްރަށަށް ގެންދަން މި ފެށީ ކުޑަކުދިންގެ ހިޔާގައި ކަންތައްތައް ގޯސްކަމުން މަޖުބޫރުވެގެން ކަމަށް މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އެކަމަކު އާއިޝާ ވިދާޅުވި ގޮތުގައި އޭނާ ފެބްރުއަރީ 2020ގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިތާ ޖެހިގެން އައި މަހު ވަނީ ކުދިން ބަދަލުކުރަން ނިންމައިފަ އެވެ. އަދި އޭގެ ނުވަ މަސް ފަހުން ޑިސެމްބަރުގައި އެކަން ތަންފީޒުކުރަން ފެށީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރަށްރަށަށް ކުދިން ބަދަލުކުރަން ނިންމި އެއް ސަބަބެއް ކަމަށް މިނިސްޓަރު ވެސް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި "ކުރިން ހިނގާފައި ހުރި ބައެއް ކަންތައްތަކާ ގުޅިގެން, ކުދިންނަށް މިއީ އެންމެ ރައްކާތެރި މާހައުލު ނޫން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީމާ" ކަމަށެވެ. އެއީ ކޮން ކަންތައްތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެކަމަކު ހިޔާގައި ދޭތެރެދޭތެރެ އިން ހާދިސާތައް ހިނގަ އެވެ. އަދި 2017ގައި އެ ތަނުގެ މުވައްޒަފުންތަކެއް ކުދިންނަށް އަނިޔާކޮށްފައިވާކަން ފަޅާއަރައި ހަ މީހެއްގެ މައްޗަށް މިދިޔަ އަހަރު ފަހުކޮޅު ދައުވާ ވެސް ކޮށްފައިވެ އެވެ.

"ޚާއްސަކޮށް 2017 އަދި 2016 އިން ކުރީގައި އެ ތަނުގައި ތިބި ކުދިންނަށް ދިމާވެފައި ހުރި ބައެއް ހާދިސާތަކާ ގުޅިގެން އެ ކުދިންނަށް ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އިރު ހިތާމަތަކަކާ ކުރިމަތިވެފައި މި ހުންނަނީ. ވަރަށް ގިނަ ކުދިން އަޅުގަނޑާ އެ ވާހަކަތައް ވަކިވަކިން ދެއްކި," އާއިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން އެކި ސަބަބުތަކާ ހުރެ އެހެން ބައެއް ކުދިން އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކަށް ބަދަލުކޮށްފައި ތިބިކަން އެނގޭތީ, އެ ގޮތަށް ރަށްރަށަށް ބަދަލުކޮށްދޭން ކުދިން އެދުނެވެ. އަދި ފިޔަވަތީގައި ތިބޭ ކުދިންނަށް 13 އަހަރު ފުރުމުން ހިޔާ އަށް ބަދަލުކުރަން ޖެހޭ އިރު "ހިޔާގެ މާހައުލު އެ ގޮތަށް އޮވެ" އެހެން ހެދުމަކީ ކުދިންނަށް "ކުރެވިދާނެ ދެރަ ކަމެއްގެ ގޮތުގައި ވެސް" ދެކެވަޑައިގެންނެވި ކަމަށް އާއިޝާ ވިދާޅުވި އެވެ.

އެކަމަކު ރަށްރަށަށް ކުދިން ބަދަލުކުރަން ނިންމި އެހެން ސަބަބުތަކެއް ވެސް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ ކުދިން ދެ މަރުކަޒުގައި ވަކިން އުޅެން ޖެހުމުގެ ހިތްދަތިކަން ނިމުމަކަށް ގެނައުމާއި މަރުކަޒަކަށް ވުރެ ބޮޑަށް ގެއެއްގައި ދިރިއުޅުމުގެ އިހުސާސް ކުދިންނަށް ކޮށްދިނުމާއި ހިޔާ އާއި ފިޔަވަތީގައި ކުދިން ގިނަކަމުން ވަކިވަކިން ނުދެވޭ ސަމާލުކަން ކުދިންނަށް ހޯދައިދިނުން ހިމެނެ އެވެ. އަނެއް ބޭނުމަކީ ކުދިން މުޖުތަމައުއާ ގުޅުވައިދިނުމެވެ.

އާއިޝާ ވިދާޅުވި ގޮތުގައި ދައުލަތުން ބަލަހައްޓާ ގިނަ ކުދިން 18 އަހަރު ފުރިގެން އެނބުރި ވަންނާނެ ތަނެއް ނެތް އިރު މުޖުތަމައު އިން އެ ކުދިން ބަލައިގެންފައެއް ވެސް ނެތެވެ. މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާ ވިލިމާލޭގައި ހުންނަތާ 15 އަހަރު ވީ އިރު ވިލިމާލެ އިން ވެސް އެ ކުދިން ބަލައިގެންފައި ނެތީ އެ އަވަށުގެ އާއިލާތަކާ ކުދިންނާ ގުޅުން ގާއިމްކޮށްދީފައި ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ވާޖިބެއް މި ކުދިންނަށް ކަށަވަރުކޮށްދޭން, ކޮންމެވެސް ލިންކެއް, ކޮންމެވެސް އާއިލާއަކާ ދިވެހިރާއްޖޭގެ. މި ކުދިން ބަލައިގަންނަން ޖެހޭ. މިއީ ދިވެހި ރައްޔިތުން. މިއިން ކުއްޖަކު ބޮޑުވެގެން ވާނީ ކާކަށް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. ޕޮޓެންޝަލް ހުރި, މޮޅު, ރަނގަޅު ކުދިންކޮޅެއް މިއީ," މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވަރަށް ސާބިތުކަމާ އެކު ދަންނަވަން ބޭނުންވަނީ ހިޔާ އަށް ނުވަތަ ފިޔަވައްޗަށް މިހާރު ވެސް ގޮސް ކުއްޖަކު ލާ އިރު އެ ކަށަވަރުވާ ހައްގުތައް ކަށަވަރުވާ ވަރަށް ވުރެ މިހާރު މި ގޮތަށް ކުދިން ގެންގޮސް [އަމާން ވެށިތަކާ] ހަވާލުކުރާ އިރު މާ ބޮޑަށް ކަށަވަރުވެފައޭ ހުންނާނީ."

"ކުއްލިއަކަށް ކުރި ކަމެއް ނޫން"

އާއިޝާ ވިދާޅުވި ގޮތުގައި ކުދިން ބަދަލުކުރަން މާޗު 2020ގައި ނިންމި ހިސާބުން މަސައްކަތް ފަށައި މި ބަދަލަށް ކުދިންނާއި މިނިސްޓްރީ އާއި އަމާން ވެށިތައް ތައްޔާރުކުރި އެވެ. އޭގެ ތެރޭގައި އިމާރާތްތައް މަރާމާތުކުރުމާއި މުވައްޒަފުން ހޯދައި ތަމްރީންކުރުން ހިމެނެ އެވެ. އަދި މި ޕްރޮގްރާމްގެ ކޮންސެޕްޓު ހުށަހަޅައި ސަރުކާރުގެ ތެރޭގަ އާއި ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އާއިޝާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަން އާއި ޔުނިސެފްގެ އޮފިޝަލުން ވެސް ހިމެނެ އެވެ.

"މިއީ އެއްގޮތަކަށް ވެސް މިހެން ކުއްލިއަކަށް އޯވަނައިޓުން ހިތަށް އަރައިގެން ކުރި ކަމެއް ނޫން," މިނިސްޓަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ކުދިން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެ ކުދިންގެ ޚިޔާލު ވެސް ހޯދައިގެންނެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އާމިނަތު ރިޝްމީ ވިދާޅުވީ މިނިސްޓްރީގެ ޓީމަކުން ވަކިވަކިން ކުދިންނާ ބައްދަލުކޮށް އެ ކުދިން ދެކޭ ގޮތާއި ބޭނުންވާ ގޮތާއި ޕްލޭނަށް ގެންނަން އެދޭ ބަދަލެއް އޮތްތޯ ވެސް އޮޅުންފިލުވައި، ނިންމުންތަކުގައި އެ ކަންކަމަށް ރިއާޔަތްކޮށް ބައެއް ބަދަލުތައް ވެސް ގެނައި ކަމަށެވެ. އަދި އެކުގައި އުޅުނު ރައްޓެހިންނާ ވަކިވުމުގެ ކުރިން ހަނދާނަށްޓަކައި ޚާއްސަ ކަންތައްތަކެއް ކުރަން ކުދިން ބޭނުންވުމުން, ދެ ހަފްތާ ވަންދެން މިނިސްޓްރީގެ މުވައްޒަފުން އެ ކުދިންނަށް އެފަދަ ޕްރޮގްރާމްތައް ވެސް ހިންގި އެވެ.

މިނިސްޓްރީން އެދިގެން އޭދަފުށީގެ ސްކޫލުން ދުރާލާ ކޮންމެ ކުއްޖެއްގެ ހާލަތު ދެނެގަތުމުގެ އެސެސްމެންޓެއް ހެދި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭދަފުށީގައި އަޅުގަނޑުމެންގެ އެއް އަންހެންކުއްޖަކީ ވަރަށް ބޮޑަށް ފުޓްބޯޅަ ކުޅެން ބޭނުންވާ ކުއްޖެއް. އެހެންވީމާ އެ އެސެސްމެންޓް ހެދިފައި ހުރިމާ މިހާރު އަންހެން ފުޓްބޯޅަ ޓީމުގައި ބައިވެރިވޭ. އަދި ހަމަ ވަރަށް މޮޅަށް ކުޅޭ ކުއްޖެއް ވީމަ ވަރަށް ރަނގަޅަށް ވެސް ކުޅޭ," މިނިސްޓަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ކުރިން ކުދިން ބަލަން ތިބެނީ އަސާސީ ތައުލީމުގެ މީހުން ކަމަށް ވިޔަސް މިހާރު އެއީ އޯލެވެލް ފެންވަރުގެ މަގާމަކަށް ބަދަލުކޮށް އަމާން ވެށިތަކަށް ނަގާފައިވަނީ އެފަދަ މުވައްޒަފުންނެވެ. ރިޝްމީ ވިދާޅުވި ގޮތުގައި އެއީ ކުދިން ބެލުމަށް ލިބުނު ކުރިއެރުމެކެވެ.

"އަސާސީ ތައުލީމު ފެންވަރުގެ މީހުން ނެގީމަ ކުދިންނާއި ކެއާ ވޯކަރުންނާ ގުޅުން އުފެދުމުގައި ބައެއް ކަހަލަ ދަތިތައް ހުރޭ. އެކަމަކު މިހާރު ކުދިންގެ ހޯމްވޯކު ހެދުމުގައި ވެސް ވަރަށް ފަސޭހަ. ވަރަށް ކައިރިން ކެއާ ވޯކަރުންނަށް ކުދިންގެ ކަންކަމުގައި އެބަ ބައިވެރިވެވޭ. އެހެންވީމާ ގާތްކަން ވަރަށް ފަސޭހަ އިން އުފެދޭކަން ފާހަގަކުރެވޭ," އޭނާ ވިދާޅުވި އެވެ.

ށ. ފުނަދު އަށް ކުދިންތަކެއް ބަދަލުކުރުން

މިނިސްޓަރު ވިދާޅުވި ގޮތުގައި ސީދާ ކުދިން ބަލަން ޚާއްސަ އަށް މުވައްޒަފަކު ކޮންމެ ރަށެއްގައި ތިބި އިރު އެ އަދަދުން ފުދެ އެވެ. ރިޝްމީ ވިދާޅުވީ އަލަށް ނެގި ކެއާ ވޯކަރުންނަށް ދިން ތަމްރީނުގައި, ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި އެ ކަންކަމާ ގުޅިގެން އަމަލުކުރާނެ ގޮތާއި ހެދިބޮޑުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ގާނޫނުތަކަށް އަހުލުވެރިކުރުމާއި ނަފްސާނީ ފަސްޓް އެއިޑް އަދި ކެއާ ވޯކަރުންގެ ސެލްފް ކެއާ ހިމެނޭ ކަމަށެވެ. މިނިސްޓްރީގެ ފުރަތަމަ ތަމްރީނަށް ފަހު ޝީގެ ތަމްރީނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މިނިސްޓަރު ވިދާޅުވީ ދެން އޮތް އަމާޒަކީ ކެއާ ވޯކަރުންނަކީ އެންމެ ދަށްވެގެން ވެސް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ސެޓްފިކެޓް ތިނެއްގެ ފެންވަރު ހުންނަ މީހުންނަށް ހެދުން ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އަމާން ވެށިތަކަށް ބަދަލުކުރި ކުދިންގެ ކޭސްތައް ރަށްރަށުގެ ސެންޓަރުތަކުގައި މަސައްކަތްކުރާ ކޭސް ވޯކަރުންނާ ހަވާލުކުރީ ކޭސްތަކާ ހަވާލުވެ ތިބި މިނިސްޓްރީގެ ކޭސް ވޯކަރުން ގޮހެވެ.

"ކުދިންނާ ގުޅުން ހުރި ހުރިހާ މައުލޫމާތުތަކެއް ދިނުމާއި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ އެއްވެސް ކަމެއް އެއްވެސް ކުއްޖެއްގެ ހުރިއްޔާމު, މިސާލަކަށް ނަފްސާނީ މައްސަލައަކަށް ބޭހެއް ކަންޏާ އެކަމެއްގެ ތަފްސީލްތައް, އެ ލެވެލް އަށް އަޅުގަނޑުމެން ޕްރޮފައިލް ތައްޔާރުކޮށްފައި ހޭންޑްއޯވާތައް މި ހެދީ," ރިޝްމީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިތުރަށް ފުންކޮށް ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި މިނިސްޓްރީގެ ސައިކޮލޮޖިސްޓް ކުދިންނަށް ގުޅައިގެން ވާހަކަދައްކާނެ ކަމަށާއި މުވައްޒަފަކު ފޮނުވަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާ ކަމަށެވެ.

މިކަން ކުރިއަށް ގެންދާ ގޮތް ބަލައި އެހީތެރިވެދޭން ޔުނިސެފުން ހަމަޖައްސައިދީފައިވާ ކޮންސަލްޓެންޓަކު މިނިސްޓްރީއާ އެކު މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް އާއިޝާ ވިދާޅުވި އެވެ. އަދި އޮމްބަޑްސްޕާސަން މި ޕްރޮގްރާމް މޮނިޓަކުރުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ވެސް މޮނިޓަކުރާ އިރު އަމާން ވެށިތަކުން ކޮންމެ ރެއަކު މިނިސްޓްރީ އަށް ފޮނުވާ ދުވަހު ރިޕޯޓުން, އެ ދުވަހެއްގެ ހުރިހާ ކަމެއް އެނގި އެ ރިޕޯޓަށް ބިނާކޮށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރާ ކަމަށް އާއިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭދަފުށީގައި ތިބި ބައެއް ކުދިން ވެސް ހިމެނޭ ގޮތަށް, ދައުލަތުން ބަލާ ކުދިންގެ ތެރެއިން ސްކޫލަށް ނުދެވޭ ބޮޑެތި ކުދިންނަށް ޚާއްސަ ޕްރޮގްރާމެއް ކުރިންސުރެ ވަނީ ރާވައިފަ އެވެ. އޭދަފުށްޓާއި ކުޑަކުދިންގެ ހިޔާގައި ތިބި 17 ކުއްޖަކު ބައިވެރިކޮށްގެން މި މަހު އެ ޕްރޮގްރާމް ފަށައި ވަޒީފާގެ މާހައުލެއްގައި އުޅެން ބޭނުންވާ ހުނަރުތައް ދަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ ކުދިން ބޭނުންވަނީ ރިސޯޓެއްގައި ނުވަތަ ފުލުހުންނާއި ސިފައިންގެ ތެރޭގައި މަސައްކަތްކުރާށެވެ.

"އެހެންވީމާ 18 އަހަރު ފުރެންވާ އިރަށް އަނބުރާ އެ ކުދިން ވަންނާނެ އާއިލާއެއް ނެތް ކަމުގައި ވިޔަސް އެ ކުދިންނަށް ދިރިއުޅެވޭނެ ކަހަލަ މާހައުލަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ބޭނުންވަނީ," އާއިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިން ބަދަލުކުރަން ފެށި އިރު އެ ޕްރޮގްރާމް ނުފެށުނީ ކޮވިޑްގެ ލޮކްޑައުން އައިސްގެން "އޭރު އެކަން ކުރަން އަޅުގަނޑުމެން ރޭވި ގޮތް ނުވަތަ ތަން އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީތީ" ކަމަށެވެ. މިހާރު ޕްރޮގްރާމް ހިންގަން ނިންމާފައި ވަނީ ކުޑަހުވަދޫގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްރަށަށް ބަދަލުކުރާ އެއްވެސް ކުއްޖަކު އަނބުރާ ކުޑަކުދިންގެ ހިޔާއަކަށް ނުގެންދާނެ އެވެ. ސަރުކާރުގެ ސިޔާސަތަކީ ވީހާ ވެސް ގިނަ ކުދިން ފޮސްޓަރިން އަށް ހުޅުވާލައި ކުދިން އާއިލާ ތެރެއަށް އަނބުރާ ގެންދަން މަސައްކަތްކުރުން ކަމަށާއި އަތޮޅުތަކަށް ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމް ހަމައަކަށް އެޅުމުން ފޮސްޓަރިން އަށް ޚާއްސަ ސަމާލުކަމެއް ދީ, އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭދަފުށީގެ އަމާން ވެށީގެ ބައެއް ކުދިންނަށް ބައެއްގެ ނުރުހުން އަމާޒުވިޔަސް, މިނިސްޓަރު ވިދާޅުވި ގޮތުގައި, އެހެން އެތައް ރަށަކުން އަންނަނީ މިފަދަ ކުދިންނަށް މަރުހަބާ ކިޔައި ކުދިން ބަލައިދޭން ތައްޔާރަށް ތިބިކަން މިނިސްޓްރީ އަށް އަންގަމުންނެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބަން ކަނޑައަޅާ ކޮންމެ ރަށެއްގައި ކުދިން އަޅުގަނޑުމެންނަށް ގެންގުޅެވެން ވާނެ," އާއިޝާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެކަން ވިސްނައިދޭން އަޅުގަނޑުމެން އިތުރަށް މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަސްލު މި ކުދިންނަށް ބޭނުންވަނީ ހަމަ އެންމެ ތިން ކަމެއް. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން. އަޅުގަނޑުމެން ބޮޑެތި މީހުން ބުއްދިވެރިކަމާ އެކު, މިއީ ކުދިންކަން ގަބޫލުކޮށްގެން އެކުގައި މަސައްކަތްކުރަންވީ."

13 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 27%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންްްް

07 March 2021

އަޅުގަނޑަކީ އޭދަފުށި މީހެއް. މިކުދިން ރަށުގަ ތިބުމަށް ހަމަ ވަރަށް ތާއީދު. އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިކުދިން ވިޔަސް އަދި އެހެން މީހަކު ވިޔަސް ވަޅިޖަހާ މީހުންގެ މުދަލަށް ގެއްލުންދޭ އިރު އެކަމަށް ފިޔަވަޅު އެޅެންވާނެ. މިކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމުން ވެސް އަޅާ ނުލާ މިކަން އެކްސްކަލޭޓްވީމަ އޭދަފުށި މީހުންގެ ނުބަޔަށް ގޮވުން އެއަދި މާގޯހެއްނޫންތޯ؟

The name is already taken The name is available. Register?

ޞައްދާމު

07 March 2021

ދައުލަތުގެ އެއްވެސް އިމާރާތަކަށް، ތިޔަ ގޮތަށް އަރައިގަނެވިގެން ނުވާނެ! އޭދަފުއްޓަކީ ތިބާވަތުގެ ކަމެއް ކުަރަން ކަމުދާ ރަށެއްނޫން. އޯގާތެރިކަމާއި، މެހުމާންދާރީ ނެތް ތަނެއްގައި ކަންހިނގާނެ ގޮތަށް ތިޔަހިނގަނީ!

The name is already taken The name is available. Register?

ފޮސްކަލޯ

07 March 2021

ހިތަށް އަރަނީ ރަށްރަށަށް ކުދިން ފޮނުވާ އިރު ކޮންކަހަލަ ރަށެއްތޯ ކިހާ ވަރަކަށް ބަލާ ބާވައޭ. . ދިއްދު، ފުނަދޫ ހައްތަހާވެސް ނުވަި ކަމަށް ފޭމަސް ރަށްރަށް. ޚާއްސަ ކޮށް އޭދަފުށި މީ ބ. އަތޮޅުންވެސް މީހުން ނުބައި، މެހެމާންދާރީ ނުރަނގަޅު މީހުން ނުބައި ކަމަށް މައްޝޫރު ރަށެއް. ކުޑަ ކުއްޖަކު ކުރާ ކުށެއްގެ ސަބަބުން މީހުން އެއްވެ އަވަގުރާން ގޮވާނީ ދެން ހައްދު ފަހަނަ އެޅީމަ ދޯ

The name is already taken The name is available. Register?

ޕރޑ

07 March 2021

"އެ ރަށަށް ދިޔުމާ އެކު އެ ކުދިންނަށް ފުރަތަމަ މުޅިން ވެސް ލިބުނީ ލޯތްބެވެ. ރަށު މީހުން ހަވީރު ސައި ހިފައިގެން އަންނާނެ އެވެ. މަގުމަތިން ދަމުން ދަރިފުޅާއޭ ކިޔައި ގޮވާލާނެ އެވެ. "

The name is already taken The name is available. Register?

ެިރިސްމީ

07 March 2021

ކުދިންގެ ކަންކަން އެނގޭނީ ކުދިން ބަލަހައްޓާ މީހުންނަށް. މިނިސްޓްރީގައި ތިބޭ ބަޔަކަށް ނޭނގޭނެ... ކުދިން ބަލަހައްޓާ މީހުން ގެންގިސްގެން ކުދިންގެ ކަންކަން ކިޔައިދެވޭނީ. ކޮންމެ ކުއްޖެއްގެ ކީވާކަރ އެއް ކަނޑައަޅަން ޖެހޭ..

The name is already taken The name is available. Register?

ބަޑީ

07 March 2021

ބޮޑުވަމުން އަންނަ ކުދިންނަކީ، އަޅުގަޑުމެން ބޮޑެތިމީހުނާ ހިޔާލުގެ ގޮތުން ވަރަށްތަފާތުވާނެ ކުދިން. މިތަފާތުވުން ވަރަށް ގިނަ ކަންކަމާ ގުޅިފައިވޭ. ލޯތްބާ، އަޅާލުމާ އެހެން ހުރިހާކަމެއް ފުރިހަމަވެފަތިބޭ ކުދިންވެސް ސިޔާސަކޮށް އުޅޭ އެހެންވީމަ، މިފަދަ ކުދިބަޔެއްގެތެރޭ ސިޔާސަކަން އިންތިހާއަށް ބޮޑުވެސް ވެދާނެ. މީ ހަމަ އަޅުގަޑުމެންގެ މުސްތަޤުބަލްގެ ބަޔެއް. އެހެންކުދިންނެކޭ އެއްގޮތަށް، މިކުދިންނަށްވެސް އަޅާލުމާ ލޯތްބާ ކުލުނު ލިބެންޖެހޭ، އެހެންނޫނީ، ):

The name is already taken The name is available. Register?

މަހާނަގާ

07 March 2021

މުޅި ޢާޓިކަލް ކިޔާލިއިރުވެސް އޭދަފުށި ރައްޔިތުންގެ ނުވަތަ ކައުންސިލްގެ ބަހެއް ހިމަނާލައިފައެއްނެތް. ހަބަރު ލިބޭ ގޮތުގައި އޭދަފުށީގައި ތިބޭ ކުދުންނަށް މިނިސްޓްރީން އެއްވެސް ގަވައިދެއް / އުސޫލެއް ކަނޑައަޅައިފައެއް ނޯވޭ. އެކުދިން ބޭނުން އިރަކު ގެއަށް ވަންނަންވީ، ބޭނުން ދުވަހަކު ސްކޫލަށް ދާންވީ، ރަށުތެރޭގައި ބޭނުން ގޮތަކަށް އުޅެންވީ، އެތާގެ މުވައްޒަފުންނަށް އެކުދިން ކުރާ އެއްވެސް ކަމަކަށް އެއްޗެއްނުބުނެވޭ. މިގޮތަންވީމަ ވަރަށް ސަކަރާތް.

The name is already taken The name is available. Register?

ސިފްނ

17 March 2021

ތީ ހަމަ ހިޔާގައި އެކުދިން އުޅުން އިރުވެސް ހަމަ ހާލު. މުވައްޒަފަކަށް އެއްޗެއް ނުބުނެވޭ ތާގައި އެ ކުދިން މުވައްޒަފުންނަށް އެބަ ބޯންދޭ، ނުވިތާކަށް މަސްތުވާ ތަކެއްޗާއި މާރާމާރީގެ މައްސަލަ ތަށްވެސް އޮވޭ. ދުނިޔޭގެ އެހެން ގައުމު ތަކުގައި މިކަން އޮންނަ ގޮތް ވެސް ބަލަން ޖެހޭ. މިނިސްޓަރަކަށް އެގޭ އެއްޗެއް ނެތް ކަން ތި ދައްކާ ވާހަކަ އިންވެސް އެބަ އެނގޭ

The name is already taken The name is available. Register?

އުގުރި

07 March 2021

އެތަނުގައި ވަޒީފާ ދިން އެއްވެސް މީހަކަށް ޗިޓް ހަމަޖެހިގެން އަދިވެސް ނާދޭ. މުސާރަ ކޮޅު ވެސް ދިނީ މިދިޔަ މަހުގަ އެއީވެސް 2 މަސް އެއްކޮށް. ވަޒިފާ އަށް ހޮވުނޭ ކިޔާފަ އަދިވެސް 2 މަސް ވީއިރު ވެސް އެތައް މުވައްޒަފަކަށް ވީނުވީއެއް ނާންގާ. މިކަމާ ރިޕޯޓް ލިޔެބަޔަ "މިހާރު" އެހެންނޫނީ ހަގީގަތް ބަލާބަ.

The name is already taken The name is available. Register?

ނުދައްކާ

07 March 2021

ރަށަކަށް ބަދަލު ކުރި އިރު އަތޮޅުގައި އޮތް އެންމެ ހަޔާތްކުޑަ ރަށަށް ތިކުރީ. ކެންދޫ، ހިތާދޫ ނޫނީ ކަމަދޫ އަށް ބަދަލުކޮށްބަލަ. ރައްޔިތުން ތި ކުދިން އަމިއްލަ ދަރިންހެން ގެންގުޅޭނެ.

The name is already taken The name is available. Register?

ހަމް6

07 March 2021

ކުދިން ބޭލުމައް އެއްވެސް ރަށަކުން ނޭންގޭނެ. ޢެއީވެސް ދިވެހިން. ދިވެއްސަކު އެމީހަކު ބޭނުން ރަށެއްގަ ހުރެވޭނެ. ޢެހެން ނޫނަސް އޭދަފުށީ ގަ އުޅެނީ ހުސް އަލިފުންނެއް ނޫން.

The name is already taken The name is available. Register?

ޙުދާ

07 March 2021

އެއި އެކުދިން ބެލެހެއްޓި މާހައުލުގެ ސަބަބުން އެކުދިންނަށް ބޭނުންވާ ލޮތްބާއި އަޅާލުން ނުލިބި ދައުލަތުން އިހުމާލުވުމުގެ ސަބަބުން އާންމު މުޖުތަމައެއްގައި އެހެންކުދީންނާ އެކު ގެންގުޅެވިދާނެ ކުދިންނެއް ނޫން. ޢޭގެ ކުރިން އެކުދިންނަށް އެބަޖެހޭ އިސްލާހުކުރުމުގެ ޕޮރޮގްރާމެއް ހިންގަން. ޢެކުދިން އާންމު އިޖުތިމާއީ މިންގަޑާ ޚިލާފުވެގެން ރަށްރަށުން ޝަކުވާކުރުމުން އެއީ ރަށުގެ ރައްޔިތުންގެ ޒިންމާއެކޭ ބުނުމަކީ ތިމާގެ ޒިންމާ އެހެން މީހުންގެ ބޮލަށް ޖެހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454