ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

މަރުމަތީގައި ބުނާ ބަސް: ތާރީހީ ބޮޑު ނިންމުމެއް!

އައިސީޔޫގައި މީހަކަށް ފަރުވާ ދެނީ: މަރުމަތީގައި އޮވެގެން ދެއްކި ވާހަކައަކަށް ރިއާޔަތްކޮށް މަރުގެ މައްސަލައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް ވަނީ ނިންމާފައި

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ ކަރަށް ތޫނު އެއްޗަކުން ދިން ހަމަލާއަށްފަހު ހޮސްޕިޓަލަށް އޭނާ ގެންދަން އެހީވި މީހާ ގާތު އޭނާ ބުނީ ހަމަލާދިން މީހާގެ ނަމެވެ. ލިބިިފައިވާ ޒަހަމްތަކުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހޮސްޕިޓަލްގައި މަރާ ހަނގުރާމަ ކުރަމުންދިޔަ ވަގުތު އެތަނަށް ދިޔަ ފުލުހެއްގެ ގާތުގައި ވެސް، ވަރަށް އުނދަގުލުން ވާހަކަ ދައްކަމުން އަހުސަން ބުނީ އޭނާއަށް ހަމަލާދިން މީހާ އާއި އެކަމުގައި ބައިވެރިވި މީހާގެ ނަމެވެ.

މީގެ 10 އަހަރު ކުރިން ހިނގި އެ ހާދިސާގައި ތަހުގީގަށް ބަޔާނެއް ނުދެވެނީސް، އަހުސަން މަރުވުމުން ދައުލަތުން ބޭނުންކުރީ އޭނާ މަރު މަތީގައި ބުނި އެ ބުނުމެވެ. އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުރި ދައުވާގައި ދަށު ކޯޓުން އެ މީހުން މިނިވަންވީ އަހުސަން މަރުގެ ތުންފަތް މަތީގައި އޮވެގެން އެ ބުނި ބުނުމަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ދަށު ކޯޓުން ނިންމީ މަރު މަތީގައި އޭނާ ދެއްކި ވާހަކަތައް އެހެން މީހަކު ކިޔައި ދިނުމަކީ ހެކިބަހެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އޭގެފަހުން، 2015 ގައި އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހެއްގެ މައްސަލާގައި ވެސް، އޭނާ މަރު މަތީގައި އޮވެގެން އެހެން މީހުން ކައިރީގައި ދެއްކި ވާހަކަތައް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި، ކުށް ސާބިތުނުވެ ސަލާމަތްވެގެން ދިޔައީ މި އަހަރު އެވެ. އެހެން ނަމަވެސް، އަހުސަންގެ މަރުގެ މައްސަލާގައި އޭނާ މަރުގެ ތުންފަތް މަތީގައި އޮވެގެން ދެއްކި ވާހަކަތައް ހައި ކޯޓުން ބަލައިގަނެ، ކުށް ސާބިތުވާ ކަމަށް ދާދިފަހުން ކުރި ހުކުމަކީ ރާއްޖޭގައި އެފަދަ ހެއްކެއް ބަލައިިގަތް ފުރަތަމަ ފަހަރެވެ.

މަރުގެ ތުންފަތް މަތީގައި އޮންނަ މީހާ ދޮގެއް ނަހަދާނެ

"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ" ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮވެ އެވެ. އެއީ މަރުމަތީގައި އޮވެގެން އެހެން މީހަކަށް އޭނާ ކިޔައިދޭ ކިޔައިދިނުމަކީ ތެދެއް ކަމަށް ގަބޫލުކޮށް، އެ ވާހަކަތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް އޮންނަ ގާނޫނީ އުސޫލެކެވެ. އެހެންވެ، މަރާ ހަނގުރާމަ ކުރަމުންދާ މީހަކު އޭނާ މަރުވުމުގެ ސަބަބާ ގުޅޭގޮތުން އެހެން މީހަކަށް ކިޔައިދޭ ކިޔައި ދިނުމަކީ "ޑައިން ޑިކްލަރޭޝަން" އެވެ. އެހެންވުމުން އާންމުކޮށް ޑައިން ޑިކްލަރޭޝަން ބޭނުން ކުރަނީ މަރުގެ މައްސަލަތަކުގަ އެވެ.

"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ" ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮވޭ. އެއީ މަރުމަތީގައި އޮވެގެން އެހެން މީހަކަށް އޭނާ ކިޔައިދޭ ކިޔައިދިނުމަކީ ތެދެއް ކަމަށް ގަބޫލުކޮށް، އެ ވާހަކަތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް އޮންނަ ގާނޫނީ އުސޫލެއް.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގެ ދަށުން މަރު ސާބިތު ކުރެވޭނީ ހަމައެކަނި ހެކިންގެ ހެކިބަހުން ނޫން ކަމަށާއި ކަމެއް ސާބިތުވުމަށް ބާރުދޭ ކޮންމެ ގަރީނާއަކަށް ވެސް ރިއާޔަތް ކުރެވޭނެ އެވެ. އަދި ރާއްޖޭގެ ހެއްކާބެހޭ ގާނޫނު އޮންނަ ގޮތުން ވެސް، މައްސަލައާ ގުޅުން ހުންނަ ކޮންމެ ކަމަކީ ވެސް އަސްލު މައްސަލައާ ގުޅުވާލެވޭނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް، ޑައިން ޑިކްލަރޭޝަން މަރުގެ މައްސަލަތަކުގައި ގަބޫލު ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ހެއްކާބެހޭ މި އުސޫލު ބަލައިގަތުމުގެ ތަރަހައަކީ މަރުވެދާނެ ކަމުގެ އިންތިހާއީ ހާލަތުގައި މި ދުނިޔޭގެ ހަޔާތާ މެދު އެއްވެސް މިންވަރެއްގެ އުއްމީދެއް ނެތި، ދޮގު ހެދުމުގެ ހިތްވަރު މުޅިން ކެނޑި، ތެދު ބަހުން ވާހަކަ ދެއްކުމުގެ ބާރު އޭނާގެ ސިކުނޑީގައި ހިނގައިގެންފައިވާ ވަގުތެއްގައި ބުނާ ބަހަކަށް ވާތީ." ހުކުމުގައިވެ އެވެ.

އިސްތިސްނާ ގޮތެއްގައި ބަލައިގަނެވޭ ހެއްކެއް

އާންމު އުސޫލުން ކޯޓެއްގައި ހެކިބަސް ދެވޭނީ އެ މީހަކަށް އަމިއްލަ ފެނުނު މަންޒަރަކާ ގުޅިގެންނެވެ. އެކަމަކު ޑައިން ޑިކްލަރޭޝަންގައި މަރުވި މީހާ ކިޔައިދޭ ކިޔައި ދިިނުމުގައި މައްޗަށް ބިނާކޮށް، ކޯޓުގައި ހެކިބަސް ދެނީ އެހެން މީހެކެވެ. އެހެންވެ، ޑައިން ޑިކްލަރޭޝަން ހިމެނެނީ އިވުނު އަޑުގެ ހެކިބަސް (ހިއަސޭ އެވިޑެންސް) ގެ ތެރޭގަ އެވެ. އަދި މީހަކު ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ދޭ ހެކިބަހުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާތީ ހިއަސޭ އެވިޑެންސް ގިނަ ގައުމުތަކުގައި ބަލައިގަންނަނީ ހާއްސަ ހާލަތްތަކުގަ އެވެ.

އަހުސަން މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން --- ފޮޓޯ/ޕޮލިސް

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވަނީ ހިއަސޭ އެވިޑެންސްގައި ހެކިބަހުގެ ތެދުކަން ކަށަވަރު ކުރުމުގެ ފުރުސަތު ނޯންނާތީ އެފަދަ ހެކި އާންމު އުސޫލުން ގިނަ ގައުމުތަކުގައި ބަލައިނުގަތަސް، އިސްތިސްނާ ގޮތެއްގައި ބަލައިގަނެވިދާނެ ކަމަށެވެ. އަދި ޑައިން ޑިކްލަރޭޝަނަކީ ވެސް ހިއަސޭ އެވިޑެންސްގެ ތެރޭގައި ހިމެނޭ ހެއްކަކަށް ވާއިރު، ގިނަ ގައުމުތަކުން ޑައިން ޑިކްލަރޭޝަން ބަލައިގަންނަނީ އެ އިސްތިސްނާގެ ތެރެއިން ކަން ކަމަށް އެ ހުކުމުގައިވެ އެވެ.

"އާންމު އުސޫލުން އެއީ އިވުނު ކަމަށް ބުނާ ހެކިބަހަކަށް ވެގެންދާނެ. ނަމަވެސް މި ހާލަތުގައި އިވުނު ކަމަށް ބުނާ ހެކިބަސް ބަލައިނުގަތުމުގެ އާންމު އުސޫލަށް އިސްތިސްނާއެއް ދީ، މަރުގެ ތުންފަތް މަތީގައިވާ މީހާ ބުނާ ބަސް ނުވަތަ ޑައިން ޑިކްލަރޭޝަން ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނެ ކަމަށް ކޯޓުތަކުން ބަލައިގެންފައިވޭ." އެ ހުކުމުގައިވެ އެވެ.

ހިއަސޭ އެވިޑެންސް އިސްތިސްނާ ގޮތެއްގައި ގަބޫލު ކުރެވޭނެ މިސާލެއްގެ ގޮތުން ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ އިނގިރޭސިވިލާތުގައި ގެއެއްގެ ތެރޭގައި ފިރިހެނަކު އޭނާގެ އަނބިމީހާ މަރާލި މައްސަލަ އެކެވެ. އެ މައްސަލާގައި، އެ އަންހެން މީހާ މަރުވުމުގެ ކުރިން ކޯލް އޮޕަރޭޓަރަކަށް ގުޅުމަށްފަހު ފުލުހުންނަށް ގުޅައިދޭން އެދުނެވެ. އެކަމަކު ފުލުހުންނަށް ގުޅައިދެވުމުގެ ކުރިން ފޯން ކެނޑުނީ އެވެ. ފަހުން ފުލުހުން އެ ގެއަށް ދިޔައިރު ފެނުނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮތް އަންހެނެކެވެ.

އަންހެން މީހާގެ ފިރިމީހާ ބުނާގޮތުން އޭނާ މަރުވީ ގޭތެރޭގައި ދިމާވި ކޮންމެވެސް އެކްސިޑެންޓެއްގަ އެވެ. އެކަމަކު ކޯޓުން ނިންމީ އަންހެން މީހާ ހާސްވެފައި ހުރެ، އޮޕަރޭޓަރަށް ގުޅައި، ފުލުހުންނަށް ގުޅަން އެދުނު އެދުމަކީ ފިރިމީހާ ގަސްދުގައި އޭނާ މަރާލި ކަމަށް ބާރު ލިބޭ ހިއަސޭ އެވިޑެންސް ހެއްކެއްގެ ގޮތުގަ އެވެ. އެހެންވެ، އެ އުސޫލުން މިފަދަ މައްސަލަތަކުގައި ވެސް ހިއަސޭ އެވިޑެންސް ގަބޫލު ކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައްދުގެ މައްސަލަތަކުގައި ޑައިން ޑިކްލަރޭޝަން

އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީއަތުގައި އާންމު އުސޫލަކީ މަރު ސާބިތު ކުރެވެނީ މަންޒަރު ދުށް މީހުން ހެކިބަހުންނެވެ. އެހެންވީއިރު، ޑައިން ޑިކްލަރޭޝަން ފަދަ ހެކިތަކަށް ބުރަދަން ދީގެން މަރުގެ ކުށްތައް ސާބިތު ކުރެވިދާނެތޯ އެއީ އުފެދިދާނެ ސުވާލެކެވެ. އަހުސަންގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މި ބަހުސް ވަރަށް ބޮޑަށް ކުރި އެވެ. މި ސުވާލަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވަރަށް ތަފްސީލުކޮށް ޖަވާބު ދީފައިވެ އެވެ.

ޑައިން ޑިކްލަރޭޝަން ފަދަ ހެކިތަކަށް ބުރަދަން ދީގެން މަރުގެ ކުށްތައް ސާބިތު ކުރެވިދާނެތޯ އެއީ އުފެދިދާނެ ސުވާލެކެވެ. އަހުސަންގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މި ބަހުސް ވަރަށް ބޮޑަށް ކުރި. މި ސުވާލަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވަރަށް ތަފްސީލުކޮށް ޖަވާބު ދީފައިވޭ

ހައި ކޯޓުގެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތި ސާބިތުވާން ޖެހޭ ކަމަށް އޮންނަ އޮތުމަކީ ހަމައެކަނި މަންޒަރު ދުށް މީހުންގެ ބަހުން ކުށް ސާބިތު ކުރުން ނޫން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ގަރީނާއަކީ ވެސް އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ ހަރުދަނާ ވަސީލަތެއް ކަމަށާއި ހަމައެކަނި މަންޒަރު ފެންނަ މީހުންގެ ހެކިބަހަށް ރިއާޔަތް ކުރުމަކީ މީހުން މެރުން ފަދަ ކުށްތައް އާންމުވެގެންދާނެ ސަބަބެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ލޮލަށް ކަމެއް ފެނިފައި ނުވުމަކީ އަދި ތަޖްރިބާ ކުރެވިފައި ނުވުމަކީ ފިގްހީ އުސޫލުން ހެކި ވަޒަން ކުރުމުގައި އެކަމެއް ޔަގީން ނުވާ ކަމަށް ބުނެވޭނެ ސަބަބެއް ނޫން. މިގޮތަށް ބުނާ ނަމަ، އެ ދެވެނީ ވަރަށް ހަނި ތަރުޖަމާއެއް. އެއީ މީހުން މެރުމަށް ދެވޭ ދައުވަތަކަށް ނޫނީ ވެގެން ނުދާނެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޝަރުއީ އުސޫލުތަކާ ޚިލާފަށް ގަރީނާތަކަށް އެކަނި ރިއާޔަތް ކުރުމަކީ ގޯހެކެވެ. އެކަމަކު ހަރުދަނާ ގަރީނާތަކެއް ފެންނަން ހުއްޓާ އެއަށް ރިއާޔަތް ކުރުމެއް ނެތި މައްސަލަތައް ނިންމަން ފަށައިފި ނަމަ، ގިނަ ބައެއްގެ ހައްގުތަކާ މެދު އިހުމާލުވެވޭނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ވެސް ބައެއް ކަންކަން ސާބިތު ކުރުމުގައި ގަރީނާއަށް ރިއާޔަތް ކޮށްފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޑައިން ޑިކްލަރޭޝަނަކީ ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުގައި ވެސް ގަބޫލުކުރާ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

މަރުގެ ތުންފަތް މަތީގައި އޮންނަ މީހާ ދައްކާ ވާހަކަތައް ކޯޓަށް ބަލައިގަނެވޭ ގޮތަށް، ޑައިން ޑިކްލަރޭޝަން ހެކީގެ ގޮތުގައި ރާއްޖޭގައި ބަލައިގަންނަން ފެށުމަކީ ތާރީޚީ ބަދަލެކެވެ. މިއީ މީހުން މެރުން ފަދަ ނުރައްކާތެރި ޖަރީމާތައް ހިންގާ މީހުންނަށް އަދަބު ނުލިބި، ސަލާމަތްވުން ހުއްޓުވަން އެޅުނު ބޮޑު ފިޔަވަޅެކެވެ.

12 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހި ޗައިނަ

06 October 2021

މިސަރުކާރައް އެންގެނީ ރައިސް ޔަމިންނަ ރިޔާޔައްކޮއްފަ ޖަލައްލާން.

The name is already taken The name is available. Register?

އުދުހޭ

06 October 2021

މަރުމަތީގަ ބުނާސް ބަސް ނޫނަސް ހެކިތަކުގެ ބުރަދަނަށް ބަލަންޖެހޭނެ ކަމަށް ވިސްނޭ. މިސާލަކަށް ސިޔާސީ ކަމެއްގައި ސިޔާސީ މީހެއްގެ ހެކިބަހަށްވުރެ ކުށުގެ ރެކޯޑް ސާފު ސިޔާސީނޫން މީހެއްގެ ހެކިބަސް ބުރަދަން ތަފާތުވެދާނެ.

The name is already taken The name is available. Register?

ނިކް

06 October 2021

ޑައިންގ ޑެކްލަރޭޝަންއަކީ އިސްލާމީ ޤައުމުތަކާ ދުނިޔޭގެ ތަހުޒީބު ޑިމޮކްރަސީގަވެސް ހެއްކެއް ގޮތަށް ބަލަައިގަންނަ އެއްޗެއް.

The name is already taken The name is available. Register?

ގާޒީ އަޒީ

06 October 2021

ތިޔަ ހުކުމުން ސަލާމަތް ވާން ދެން މީހަކު މަރަން ދާ މީހާ އޭނާ މަރަން ދާ މީހާ މަރު ނުވަނީސް ދޫ ނުކުރާނެ ތޯއްޗެއް.

The name is already taken The name is available. Register?

އުފާ

06 October 2021

އުފާވެރި ޙަބަރެއް. އިޙްލާސްތެރި ފަނޑިޔާރުން ތިބިއްޔާ ގައުމު އަމާންވާނެކަން ގައިމު. ޖަޖުންނަށް މަރުޙަބާ.

The name is already taken The name is available. Register?

އިންސާފުލިބެންޖެހޭ

06 October 2021

ހާދަ ރަޙުމްކުޑަ އިންސާނުން ދިވެހިރާއްޖޭގަ އެބައުޅެޔޭދޯ. ބިރުވެރިކަން ހާދަ ބޮޑޭ. މި ހުރިހާ ދުވަހު ތިތަނުން އެކަކު މިނވަންކޮށް އުޅުނީ. އަދިވެސ ްޔަޤީނެއްނޫން ދޫ ނުކޮށްލާނެކަމަކަށް

The name is already taken The name is available. Register?

އުނބުށޭމު

06 October 2021

އަލްޙަމްދުލިއްލާހި. ޝަރުޢީދާއިރާއަށް މިފަދަ ހެޔޮ ބަދަލުތައް އަންނަތަން ފެނުމަކީ ހާދަހާ އުފާވެރި އުންމީދު އާވެގެން އަންނަ ކަމެކެވެ. އުންމީދަކީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ ބޮޑެތި ވައްކަން ދައުލަތުގެ މާލިއްޔާއިން ކުރިމީހާއަށްވެސް ތިންވަނަ މަރުޙަލާއިން ފަހުން ފުރޮޅިގެން ނުދާނެ ހުކުމެއް އައުމެވެ.

The name is already taken The name is available. Register?

އަހްމަދ

06 October 2021

ވަރަށް ރަނގަޅު ނިންމުމެއް!

The name is already taken The name is available. Register?

މާކުންބޭ

06 October 2021

ވަރަށް ރަގަޅު ނިންމުމެއް، ކޯޓްތަކުގެ މަސައްކަތް ކުރިއަށްވުރެ ޕްރޮފެޝަނަލްކޮށް ނިންމޭތަން އެބަ ފެނޭ. އަދިވެސް ބައެއްކަންތައްތައް ރަގޅުކުރެވިދާނެ، ރަޝީދުމެންފަދަ މީހުން ސްޕްރީމްކޯޓަށް ވެއްދުމަކީ ޓެކްސްޕޭޔަރ އެއްގެ ހައިސިއެްޔަތުން ބަލައިގަނެވޭނެކަމެއް ނޫން.

The name is already taken The name is available. Register?

ދެރަ

06 October 2021

މަރަށް މަރު ހިފައި، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭނެ ދުވަހެއް ފެނިގެން ނޫނީ މިގައުމަށް އަމާންކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454