ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ މުއްސަނދިކަން ދައްކާލުމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ހާއްސަ އާޓް އެގްޒިބިޝަނެއް ފަށައިފި އެވެ. 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ މައުރޫފް "މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ: އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ"ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ނޭޝަނަލް އާޓް ގެލެރީގައި ހުޅުވި މި އާޓް އެގްޒިބިޝަން މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެ އެގްޒިބިޝަންގައި ހުރި އާޓްވޯކްތަކުން ދައްކައިދޭނީ ރާއްޖޭގެ ރިސޯޓުތަކުގެ ތާރީހާއި މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ނެތިގެންދިޔަ ރިސޯޓު އާކިޓެކްޗާގެ ކުރެހުންތަކެވެ. 

"މި އެގްޒިބިޝަނުން ފެނިވަޑައިގަންނަވާނެ އާކިޓެކްޓުންގެ ކުރެހުންތަކާއި މޮޑެލްތައް،" އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ އާކިޓެކްޗާގެ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ މައުރޫފް ޖަމީލް އޭނާގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތައް ދައްކާލުމަށް އާޓްގެލެރީގައި ކުރިއަށް ގެންދާ މައުރަޒު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އެގްޒިބިޝަންގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ ކުރީކޮޅުގެ އެއްޗެއްސަކީ ތާރީހުގެ ވަރަށް މުހިންމު ބައެއްކަން އަންގައިދިނުން ކަމަށް މައުރޫފް ވިދާޅުވި އެވެ. 

ރާއްޖޭގައި އާކިޓެކްޗުރަލް އެގްޒިބިޝަންތައް އަދި ވަރަށް މަދު ކަމަށާއި މި އެގްޒިބިޝަންގެ ހިޔާލު އައީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުން ރިސޯޓުތަކާ ބެހޭ ގޮތުން ފޮތެއް ލިޔުއްވަން 2021 ވަނަ އަހަރު ފެއްޓެވުމާ އެކުގައި ކަމަށް މައުރޫފް ވިދާޅުވި އެވެ. 

"އޭރު ފޮތެއް ހަދަން ކުރި ސްޓަޑީއާ އެކު، ނެތިގެން ގޮސްފައި ހުރި އެއްޗެހި ހުރިކަން ރިއަލައިޒް ވެގެން، މީގެ ގާތްގަނޑަކަށް ހައެއްކަ، އަށެއްކަން މަސް ކުރިން މި އެގްޒިނިޝަނަށް ތައްޔާރުވާން ފެށީ،" އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ އާކިޓެކްޗާގެ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ މައުރޫފް ޖަމީލް އޭނާގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތައް ދައްކާލުމަށް އާޓްގެލެރީގައި ކުރިއަށް ގެންދާ މައުރަޒުގައި ހުރި ކުރެހުމެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އެގްޒިބިޝަންގައި ހުރި އާޓްވޯކުތަކުން ފެންނަނީ 1972 އިން ފެށިގެން 2021ގެ ނިޔަލަށް ރާއްޖޭގެ ރިސޯޓުތަކަށް އައިސްފައިވާ ބަދަލުތަކެވެ. މައުރޫފްގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތަކުގެ އިތުރުން ރިސޯޓުތަކުގެ ފްލޯ ޕްލޭންތަކާއި ކުރީގެ ބައެއް ފޮޓޯތަކާއި ކުދި ތުރީޑީ މޮޑެލްތައް ވެސް މި އެގްޒިބިޝަންގައި އެބަހުއްޓެވެ.

މި އެގްޒިބިޝަނާ އެކު ވަނީ ރިސޯޓު އާކިޓެކްޗާއާ ގުޅޭ ގޮތުން އޭނާ ލިޔުއްވި ފޮތް ވެސް ނެރެފަ އެވެ. 

އާޓް ގެލަރީގައި މި އެގްޒިބިޝަން ހުޅުވާފައި ހުންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މި އެގްޒިބިޝަން ހުޅުވަނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.