ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 62 ވޯޓުގެ ތަފާތަކުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު މިއަދު ކުރައްވައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މެމްބަރުކަން ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. 

އެހެންވެ، މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން ސޯބެ އެވެ. 

އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރި ނަމަވެސް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. އަދި ސޮޑާއަށް 1،313 ވޯޓު ލިބުނެވެ. އެއީ 62 ވޯޓުގެ ތަފާތެވެ.

އެހެންވެ، އެ ދާއިރާގެ ގޮނޑި އޭނާއަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ. 

ޖުމްލަ ނަތީޖާއިން ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބައި އިލެކްޝަންގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ކުރި ހޯއްދެވީ ސައީދެވެ. ނަމަވެސް މާލޭގައި ބެހެއްޓި ފޮށިތަކުން ކުރި ހޯއްދެވީ ސޯބެ އެވެ.  

އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނަށެވެ.