އޯޓިޒަމް ހުންނަ ނަބީހު އަހުމަދު ޤުރުއާން ހިތުދަސްކުރުމުން އޭނާ އަށް ސައުދީ ސަފީރު ބަދްރް އަލް ހަލައިލް ހާއްސަ ހަދިޔާއެއް މިއަދު ދެއްވައިފި އެވެ.

ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ނަބީހުއަށް 1000 ޑޮލަރާއި ރަން ކުލައިގެ ހަތިމަކާއި ގެފުޅުގެ ރަމްޒު ހަވާލުކޮށްދެއްވީ، ސައުދީން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މެތްރިކް އަބްދުﷲ އަލްދޯސަރީ އެވެ.

ހަދިޔާ ހަވާލުކުުރުމުގެ މި ރަސްމިއްޔާތުގައި ނަބީހާއި އޭނާގެ މަންމަ އާއި ބައްޕަ ވެސް ބައިވެރިވި އެވެ.

ހަދިޔާ ހަވާލުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން އަލްދޯސަރީ ވިދާޅުވީ އަރަބި ބަހުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ވެދޭނެ ކަމަށެވެ.

ސައުދީ ސަފީރުގެ ފަރާތުން ނަބީހުއަށް ހަދިޔާ ދޭން ސައުދީ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ އެމްބެސެޑަރު މެތްރިކް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސައުދީ ސަފީރުގެ ފަރާތުން ނަބީހުއަށް ހަދިޔާ ދޭން ސައުދީ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ އެމްބެސެޑަރު މެތްރިކް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިިދިޔަ މަހު ސައުދީ އެމްބެސަޑަރު ވަނީ އަރަބި ބަހުން ވަރަށް ފުރިހަމައަށް ވާހަކަ ދެއްކި އަަރަބިއްޔާ ސްކޫލުގެ ދަރިވަރަކަށް ވެސް ހަދިޔާ ދެއްވައިފަ އެވެ.

ނަބީހު، 14، ޤުރުއާން ހިތުދަސްކޮށްފައިވަނީ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އަދި ދެ މަސް ދުވަހުގެ ތެރޭގައި ހިފުޒު ކޮމެޓީއަށް ވަނީ ގުރުއާން ކިޔައިދީފަ އެވެ.

ނަބީހު: އޭނާގެ މަންމަ މިހާރު ބޭނުންވަނީ މުދިމަކަށް ހަދަން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަބީހު: އޭނާގެ މަންމަ މިހާރު ބޭނުންވަނީ މުދިމަކަށް ހަދަން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާގެ މަންމަ އާމިނަތު މުހައްމަދު ބުނީ އެންމެ ކުޑައިރުއްސުރެ ވެސް ނަބީހުގެ އެންމެ ގާތް އެކުވެރިޔަކީ ޤުރުއާން ކަމަށެވެ. އެ އާއިލާއިން ދެކެމުން އައި އެއް ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި ދެން ބޭނުންވަނީ ނަބީހު، މުދިމަކަށް ހަދަން ކަމަށް، ލ. މާވަށަށް ނިސްބަތްވާ، އައިންތު، "މިހާރު" އަށް ބުންޏެވެ.

"އަބަދުވެސް ބޭނުންވޭ ނަބީހު ހާފިޒަކަށް ހަދަން. އެކަން ހާސިލްވެއްޖެ އިރާދަކުރެއްވިއްޔާ. ދެން ބޭނުންވަނީ މުދިމަކަށް ހަދަން. އެކަން ވެސް ވާނެ މާތްﷲގެ އިރާދަފުޅުން،" އައިންތު ބުންޏެވެ.

އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުން އަންނަ ނަބީހުއަށް، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ވަނީ ގުރުއާނުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހިލޭ ދޭ ގޮތަށް ނިންމައިފަ އެވެ.