ދައުލަތުގެ މުވައްޒަފަކަށް ރަށެއްގައި ދޭ އެންމެ ބޮޑު މުސާރަ ދޭން ޖެހޭނީ ޓީޗަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް-ސްކޫލިން ނިޒާމު ހިމެނޭހެން ތައުލީމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމަށް ވާހަކަ ދައްކަވައިފަ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަަމީދު ވިދާޅުވީ ޓީޗަރުކަން ކިޔަވަން ރާއްޖޭގައި ކުރިން އޮތް ޝައުގުވެރިކަން މިހާރު ނެތް ކަމަށާއި އެކަމުގެ އެއް ސަބަބަކީ މުދައްރިސުންނަށް ދޭ އިނާޔަތް މަދުވުން ކަމަށެވެ.
"މިކަން [ޓީޗިން ދާއިރާ އިހުތިޔާރުކުރާ މީހުން މަދުވުން] ހުއްޓުވަން ހާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން ޖެހޭ، މުދައްރިސުންނަށް ދޭ އިނާޔަތްތައް އިތުރުކުރަން ޖެހޭ. އެއްވެސް ރަށެއްގައި [ކޮންމެ ރަށެއްގައި ވެސް] އެންމެ މަތީ މުސާރަ ލިބޭ ބަޔަކީ މުދައްރިސުންކަމުގައި ހަދަން ޖެހޭ،" ހަމީދު ވިދާޅުވި އެވެ.
ރަށްރަށުގެ ކައުންސިލަރުންނާއި ފަނޑިޔާރުންނަށް ދޭ މުސާރައަށް ވުރެ ވެސް ބޮޑު މުސާރައެއް މުދައްރިސުންނަަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ "މުދައްރިސްކަން ކިޔަވާނެ ދަރިވަރުން މިއަދު ރާއްޖޭގައި ނެތް" ކަމަށެވެ. އެކަމުގެ ސަބަބަކީ މުދައްރިސުންނަށް ދޭންވާ ގަދަރާއި ލޯބި ނުދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މުދައްރިސުން މަދުވުމުގެ ސަބަބުން] އަޅުަގނޑުމެން މިދަނީ ގައުމީ ފެންވަރުގެ ކްރައިސިސްއަކަށް، މިއީ ކީއްވެގެންތޯ؟ ސިޔާސީ ވެރިންގެ ބޯހަރުކަމުން. ވަކި ޕާޓީއެއް ކިއުމެއް ނެތް،" އަމީން ވިދާޅުވި އެވެ.
ރަށްރަށުގައި ސިޔާސީ ފިކުރުން އެންމެ ބޮޑަށް އެއްކިބާވެގެން ހިދުމަތްދޭ ބަޔަކީ ޓީޗަރުން ކަމަށާއި އެއީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައުލީމީ ނިޒާމު ހަރުދަނާކުރަން އަޅަން އެންމެ ރަނގަޅު އެއް ފިޔަވަޅުގެ ގޮތުގައި އޭނާ ސިފަކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީއަކީ މިނިވަން މުއައްސަސާއަކަށް ބަދަލުކުރުމެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު ވެސް ވިދާޅުވީ ރާއްޖޭގައި ފުދުންތެރިކަން ހުރި ވަރަކުން ޓީޗަރުންނާއި ޕްރިންސިޕަލުން ހިމެނޭ ހެން ތައުލީމީ ދާއިރާގެ ހިދުމަތްތެރިންގެ މުސާރަ އާއި އިނާޔަތްތައްް ބޮޑުކުރަން ޖެހޭ ކަމަށެވެ.