ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ކިންޑަގާޓްން އަދި ޑޭކެއާ، ކެނެޑާގެ ތަޖުރިބާ އިން

ކެނެޑާގެ ކިންޑަގާޓްން ކްލާހެއް: ކުދިން މުޅި ދުވަސް ސްކޫލުގައި ހޭދަކުރާ ގޮތަށް ކިންޑަގާޓްން ބައްޓަންކުރުމުގެ ފައިދާ ބޮޑުކަން ކެނެޑާގެ ތަޖުރިބާ އިން އެނގޭ. ފޮޓޯ: ޓޮރޮންޓޯ ސްޓާ

އުމުރުން އެންމެ ދެ އަހަރާއި ބައިގައި، ނުވަތަ އެ ވަރު ވެސް ނުވަނީސް، ކުދިން ސްކޫލަށް ފޮނުވަން ފަށާ ގޮތަށް ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެގެން އައީ ކިހިނެއް ބާވަ އެވެ؟ މަންމައަކަށް ވީ ހިސާބުން ހިތުގައި އުފެދުނު މި ސުވާލާ މެދު އިތުރަށް ވިސްނެން ފެށީ ކެނެޑާ އަށް ބަދަލުވާން ޖެހުނީމަ އެވެ. މި ތަނުގައި އަޅުގަނޑުގެ ދަރިފުޅު ސްކޫލަށް ދާން ފަށާނީ އުމުރުން ފަސް އަހަރުގަ އެވެ.

"ތި ގޮތް މާ ރަނގަޅު،" އެ ވާހަކަ ބުނީމާ ރައްޓެހި ޓީޗަރަކު ބުނެލި އެވެ. "(ރާއްޖޭގައި) ބެލެނިވެރިން ބޮލުން ކަޓުވާލަން (ކުދިން) އަވަހަށް (ސްކޫލަށް) ގެންދަނީ."

އެކަމަކު ޑޭކެއާގެ ޚިދުމަތެއް ނެތް ގައުމެއްގައި މައިންބަފައިން ކުށްވެރިކުރެވެން ނެތްކަން ވެސް އޭނާ ގަބޫލުކުރެ އެވެ.

ތައުލީމު ދިނުމުގެ ގައުމީ ނުވަތަ ފެޑެރަލް ނިޒާމެއް ނެތް ކެނެޑާގައި ސްކޫލްތައް ހުޅުވައި ހިންގަނީ އެ ޕްރޮވިންސެއްގެ ސަރުކާރުން އަމިއްލަ އަށެވެ. އެކަން ކުރާ ގޮތް ހުރިހާ ސަރަހައްދުތަކެއްގައި ޖުމްލަކޮށް އެއްގޮތަސް އެކި ޕްރޮވިންސްތަކުގެ މެދުގައި ބައެއް ކަހަލަ ތަފާތުތައް ހުރެ އެވެ. އެކަމަކު، ހަތަރު އަހަރުގައި ކިޔަވައިދޭން ފަށާ ދެ ޕްރޮވިންސް ކަމަށްވާ އޮންޓާރިއޯ އާއި ކުބެކްގައި ފިޔަވައި، ކުދިން ފުރަތަމަ ފަހަރަށް ސްކޫލަށް ދަނީ އެ ކުއްޖަކަށް ފަސް އަހަރު ފުރޭ އަހަރުގަ އެވެ. އެ ހިސާބުން ރަސްމީ ތައުލީމް ފަށަނީ ކިންޑަގާޓްން އިންނެވެ. އެކަމަކު ބައެއް ޕްރޮވިންސްތަކުގައި ކުދިން ކިންޑަގާޓްން އަށް ފޮނުވުމަކީ އިޚްތިޔާރީ ކަމަކަށް ވާތީ، އެ ތަންތަނުގައި އުމުރުން 6-7 އަހަރުގައި ގްރޭޑް އެކެއް ފަށަންދެން ވެސް ސްކޫލަށް ދާކަށް ނުޖެހެ އެވެ.

ބައިނަލްއަގުވާމީ ރޭންކިންގައި ގަދަ ދިހައެއް ކަށަވަރުކޮށް ދުނިޔޭގެ ތައުލީމީ ގަދަބާރަކަށް ވެފައިވާ ކެނެޑާގައި ކިންޑަގާޓްން އިން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެނީ އެއް ފުރާޅެއްގެ ދަށުގަ އެވެ. ކޮންމެ ޕްރޮވިންސަކުން ވެސް ގެންގުޅެނީ އެ ތަނެއްގެ އަމިއްލަ މަންހަޖެކެވެ. އަޅުގަނޑު ދިރިއުޅޭ ނޯވާ ސްކޯޝިއާގެ ކިންޑަގާޓްން މަންހަޖުގައި، ކުދިންގެ އުމުރާ ގުޅޭ ގޮތަށް، އެކި ދާއިރާތަކުން ވަރަށް ތަފާތު ކަންތައްތަކެއް އުނގަންނައިދެ އެވެ.

މިސާލަކަށް، "ހެލްތު އެޑިއުކޭޝަން"ގައި، އިންސާނުންނަށް ކުރެވޭ އެކި ކަހަލަ އިހުސާސްތައް ކުދިން ދަސްކުރެ އެވެ. އަދި "އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ"ގެ ދަށުން އަންނަ "ޑިޖިޓަލް ސިޓީޒަންޝިޕް"ގައި ދަރިވަރުން ހާސިލްކުރަން ޖެހޭ އެއް ކަމަކީ ތިމާ އާއި އެހެން މީހުންގެ ސިއްހަތާއި ސަލާމަތާއި ޕްރައިވެސީ ކަށަވަރުކުރާނެ ގޮތް އުނގެނި އަމަލުން އެކަން ދެއްކުމެވެ. އިނގިރޭސި އާއި ހިސާބާއި ސައިންސާއި ސޯޝަލް ސްޑީޒް އާއި މިއުޒިކާއި ވިޝުއަލް އާޓްސް އަދި ފިޒިކަލް އެޑިއުކޭޝަން ފަދަ ބައިތަކެކޭ އެއްގޮތަށް ވަކި މާއްދާއެއްގެ ގޮތުގައި ހިމަނާފައިވާ "ކޮމްޕިޓެންސީސް"ގައި، ކާމިޔާބު އަދި އުފާވެރި ދިރިއުޅުމަކަށް ކުދިން ތައްޔާރުކޮށްދޭނެ ހުރިހާ ހުނަރުތަކެއް ދަސްކޮށްދެ އެވެ.

ނޯވާ ސްކޯޝިއާގައި 1995 އިން ފެށިގެން ހިންގަމުން އަންނަނީ ފުލް-ޑޭ ކިންޑަގާޓްން ކްލާސްތަކެވެ. ކެނެޑާގެ ދިހަ ޕްރޮވިންސްގެ ތެރެއިން ހަ ޕްރޮވިންސަކާއި ނޯތުވެސްޓް ޓެރިޓަރީޒްގައި ފަސް އަހަރުގެ ކުދިންނަށް ފުލް-ޑޭ ކިންޑަގާޓްން ހިންގަ އެވެ. ހަތަރު އަހަރުގެ ކުދިންނަށް ފުލް-ޑޭ ކިންޑަގާޓްން ހިންގާ ހަމައެކަނި ޕްރޮވިންސަކީ އޮންޓާރިއޯ އެވެ. އެކަމަކު އޮންޓާރިއޯގެ ހަމައެކަނި ތަފާތަކީ އެއެއް ނޫނެވެ.

އަޖުމަ ބެލުމުގެ ގޮތުން، އޮންޓާރިއޯގެ ސަރުކާރުން ހަތަރު އަހަރާއި ފަސް އަހަރުގެ ކުދިންގެ ކިންޑަގާޓްން މުޅި ދުވަހަށް ދަންމާލަން 2010ގައި ތައާރަފްކުރި ޕްރޮގްރާމް ވަނީ ނަމޫނާއަކަށް ވެފަ އެވެ. ފުލް-ޑޭ ކިންޑަގާޓްން ހިންގާ އެހެން ޕްރޮވިންސްތަކާއި އޮންޓާރިއޯގެ އެއް ތަފާތަކީ ކިޔަވައިދިނުމާއި ކުދިން ބަލައިދިނުން އެކުއެކީގައި ކުރިއަށް ގެންދިޔުމެވެ.

އެ ޕްރޮގްރާމްގެ ބޮޑު ކާމިޔާބީއާ އެކު، ހާމަވި އެއްޗަކީ މި އުމުރުގެ ކުދިން މުޅި ދުވަސް ސްކޫލުގައި ހޭދަކުރުން ހުރިހާ ގޮތަކުން ވެސް މާ ރަނގަޅުކަމެވެ. އެގޮތުން، މި އަހަރު ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، ކިންޑަގާޓްންގެ ދެ އަހަރު ވެސް ފުލް-ޑޭ ކްލާސްތަކަށް ދާ ދަރިވަރުން، ސްކޫލުގައި ދުވަހުގެ ދެބައިކުޅަ އެއްބައި ހޭދަކުރާ ކުދިންނަށް ވުރެ، ލިޔެކިޔުމަށާއި ގުނުމަށް މާ މޮޅެވެ. އަދި ގްރޭޑް ދޭއްގެ ނިޔަލަށް ވެސް އެފަދަ ކުދިން އެހެން ދަރިވަރުންނަށް ވުރެ ކިޔެވުމަށް މޮޅުވެފައި، އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއި ކުރިމަތިވާ އުނދަގޫ ހާލަތްތަކުން އަރައިގަތުމުގެ ގާބިލްކަން އެ ކުދިންގެ ކިބައިގައި މާ ބޮޑެވެ.

ފުލް-ޑޭ ކިންޑަގާޓްންގެ ފައިދާ ކުރަނީ ކުދިންނަށް އެކަންޏެއް ނޫނެވެ. ދިރާސާ އިން އެނގުނު ގޮތުގައި، ކިޔެވުން ފެށުމުގެ ކުރިންނާއި ފަހުން އޮންނަ ވަގުތުތަކުގައި ސްކޫލުން ކުދިން ބަލައިދޭ ގޮތަށް، ހެނދުނު ހަތަކުން ހަވީރު ހަޔަކަށް ކިންޑަގާޓްން ހިންގީމާ ބެލެނިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބެ އެވެ. އޭގެ ތެރޭގައި ކުދިން ބަލުވަން ކުރަން ޖެހޭ ޚަރަދު ކުޑަވުން ވެސް ހިމެނެ އެވެ.

އާއިލާތަކަށް ލިބޭ ފައިދާގެ އިތުރުން، ފުލް-ޑޭ ކިންޑަގާޓްންއަކީ ސަރުކާރަށް ވެސް ޚަރަދުތަކެއް ސަލާމަތްވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެއް ދިރާސާއަކުން ދައްކާ ގޮތުގައި އެ ޕްރޮގްރާމަށް ސަރުކާރުން ހޭދަކުރާ ކޮންމެ ޑޮލަރަކަށް މެދު-ދުރު ރާސްތާގައި 2.42 ޑޮލަރުގެ ފައިދާއެއް އަނބުރާ ލިބޭނެ އެވެ. އެއީ މި ޕްރޮގްރާމްގެ ސަބަބުން އިޖުތިމާއީ ޚަރަދުތައް ކުޑަވެ ސިއްހީ ހާލަތު ރަނގަޅުވެގެންދާ ކަމަށް ގަބޫލުކުރެވޭތީ އެވެ.

ކިންޑަގާޓްންގެ ވާހަކަ މި ނިމުނީ އެވެ. ރާއްޖޭގެ ސްކޫލުތަކުގައި މި އުމުރުގެ ކުދިންނަށް ހަމަޖެހިފައި އޮންނަ ތިން ގަޑި އިރާ ވަރަށް ތަފާތު ނިޒާމެކެވެ. ދެން އޮތް ސުވާލަކީ ކެނެޑާގައި އާއްމު ގޮތެއްގައި ކިޔަވަން ފަށަނީ އުމުރުން ފަސް އަހަރުގައި ކަމަށް ވަންޏާ އޭގެ ކުރިން ކުދިން ވަގުތު ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟ ކުރު ޖަވާބަކީ ޑޭކެއާ އެވެ.

ކެނެޑާގެ ޑޭކެއާއެއްގައި ދެ ކުއްޖަކު ކުޅެނީ: ޑޭކެއާގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެނީ ސަރުކާރުން ހަދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން. ފޮޓޯ: ޓޮރޮންޓޯ ސްޓާ

ޑޭކެއާގެ ޚިދުމަތާ ނުލާ ދިރިއުޅޭނެ ގޮތެއް ކެނެޑާގެ ބައެއް މީހުންނަށް ޚިޔާލަށް ވެސް ނުގެނެވެ އެވެ. ރާއްޖޭގައި ޑޭކެއާތަކެއް ނުހުރެއޭ (އަޅުގަނޑަށް އެނގިގެން ހުންނަނީ އެންމެ ތަނެއް) ބުނީމާ ކެނެޑާގެ އަންހެނަކު ސިއްސައިގެން ދިޔަ ސަބަބަކީ އެއީ އެވެ.

"މާތްކަލާކޯ! ވަޒީފާ އަށް ދާ އަންހެނުން އުޅެނީ ކޮން ހާލެއްގައި؟" އޭނާ އެ ކުރީ ވަރަށް ބޮޑު ސުވާލެކެވެ.

ކިންޑަގާޓްންގެ ކުރިން އަންނަ ޕްރީސްކޫލު މަރުހަލާ ކެނެޑާގައި ވެސް އެބަ އޮތެވެ. އެކަމަކު ޕްރީސްކޫލްތަކަކީ އާއްމު ގޮތެއްގައި ޕްރައިވެޓް ތަންތަނެވެ. އަދި ޕްރީސްކޫލުގެ އެންމެ އާއްމު މާނައަކީ ޑޭކެއާ އެވެ. ޑޭކެއާގައި ކުދިންނާ ހަވާލުވެ ތިބޭ މީހުންނަށް ކިޔަނީ ވެސް ޓީޗަރުންނެވެ.

ނާސަރީ ސްކޫލް ހުއްޓަސް، ގިނަ މީހުން ދަރިން ފޮނުވަނީ ޑޭކެއާ އަށެވެ. ބައެއް ޕްރޮވިންސްތަކުގައި ޑޭކެއާތަކަށް ބާރު ބޮޑުކަމުން ޖާގައެއް ހޯދުމަކީ ވެސް އުނދަގޫ ކަމެކެވެ. ވަޒީފާ އަށް ދާ މައިންގެ ނިސްބަތް ގާތްގަނޑަކަށް 73 ޕަސެންޓުގައި އުޅޭ ކެނެޑާގައި ޑޭކެއާގެ މުހިއްމުކަން މީހުންނަށް އެހާ ވެސް ބޮޑެވެ. މަސައްކަތައިގެން އަންހެނުންނަށް އުޅެވޭ މިންވަރު ބޮޑުކޮށްދޭން، ދަރިން ބަލައިދިނުމުގެ ޚިދުމަތް މިހާރަށް ވުރެ ވެސް ފުރިހަމަކުރަން ކެނެޑާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

"އެންމެ މުހިއްމު އެއްޗެހި އަހަންނަށް ދަސްވީ ޑޭކެއާ އިން. އުމުރުން ބާރަ އަހަރު ވަންދެން އަހަރެން ޑޭކެއާ އަށް ދިޔައިން،" ވަޒީފާއެއްގައި އުޅެމުން ނޯވާ ސްކޯޝިއާގައި ޕީއެޗް.ޑީ އަށް ކިޔަވަމުން އަންނަ އަންހެނަކު ދާދި ފަހުން އަޅުގަނޑު ގާތު ބުންޏެވެ.

ނޯވާ ސްކޯޝިއާގައި 12 އަހަރުން ދަށުގެ ކުދިން ޑޭކެއާ އަށް ފޮނުވޭނެ އެވެ. ސްކޫލަށް ދާ އުމުރުގެ ކުދިން ސްކޫލަށް ގެންގޮސް، ގެންނަނީ ވެސް ޑޭކެއާ އިންނެވެ. ޗައިލްޑްކެއާ ސެންޓަރުގެ ގޮތުގައި ނުވަތަ އަމިއްލަ ގޭގައި ހިންގާ ފެމިލީ ހޯމް ޑޭކެއާ އޭޖެންސީގެ ގޮތުގައި ވެސް ޑޭކެއާ ހިންގަ އެވެ. ނުވަ ލައްކަ މީހުންގެ އާބާދީއެއް އޮތް ނޯވާ ސްކޯޝިއާގައި އެފަދަ 400 އަށް ވުރެ ގިނަ ތަން ހުރި އިރު 16،000 އަށް ވުރެ ގިނަ ކުދިން އެ ތަންތަނުން ޚިދުމަތް ހޯދާ ކަމަށް އަންދާޒާކުރެވެ އެވެ.

ޑޭކެއާ ޚިދުމަތުގެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް އެއީ ކުދިންނަށް ރައްކާތެރި އަދި ފައިދާހުރި ތަންތަނަށް ހެދުމަކީ ޕްރޮވިންސްތަކުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ޑޭކެއާގައި ކުދިންގެ ނިސްބަތުން ޓީޗަރުން ތިބެން ޖެހޭ އަދަދުން ފެށިގެން ގޮސް ބޭރުގައި ކުޅެން ކުދިން އުޅެން ޖެހޭ ވަގުތާ ހަމައަށް، ހުރިހާ ކަމެއް އޮންނަނީ ގާނޫނާއި ގަވާއިދުތަކުން ރެގިއުލޭޓްކޮށްފަ އެވެ. ޑޭކެއާތަކުގެ އިންސްޕެކްޝަންތައް ހަދައި ކޮންމެ ތަނަކާ ބެހޭ މައުލޫމާތު ސަރުކާރުގެ ވެބްސައިޓްގައި ޝާއިއުކުރަމުން ގެންދެ އެވެ. މާލީ ހާލަތު ދަށް އާއިލާތަކަށް ސަރުކާރުން ޗައިލްޑްކެއާ ސަބްސިޑީ ވެސް ދެ އެވެ.

އެކި އުމުރުފުރާތަކަށް އަދި އެކި ވަގުތުތަކަށް ޚިދުމަތް ދޭ ޑޭކެއާތައް ހުރެ އެވެ. އެ ތަންތަން ހިންގަނީ، ކެއުމާއި ނިދުން ފަދަ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން، ކުޅުމުގެ ތެރެއިން ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ކޮންސެޕްޓަށެވެ. އެއީ ކުދިންގެ ހެދިބޮޑުވުމަށް ކޮންމެހެން މުހިއްމު ތަޖުރިބާތަކެއް ކަމަށް ބެލެނިވެރިން ގަބޫލުކުރެ އެވެ. އެހެންކަމުން ޑޭކެއާ އަށް ފޮނުވުމަކީ މައިންބަފައިން ކުދިން ބެލުމުގެ ޒިންމާ އިން ރެކިގަތުން ކަމަކަށް ނުވަތަ ދަރިފުޅު "އެއްލާލާފައި" ވަޒީފާ އަށް ދިޔުން ކަމަކަށް މީހުން ނުދެކެ އެވެ. އޭގެ ބަދަލުގައި އޮންނަ ސަގާފަތަކީ، ހެނދުނު މަންމަ އާއި ބައްޕަ ވަޒީފާ އަށް ދާ އިރު ދަރިން ވެސް "މަސައްކަތު" ދިޔުމެވެ. އެ ކުދިންގެ ޒިންމާއަކީ ދިރިއުޅުމަށް ތައްޔާރުވާން ބޭނުންވާ ހުނަރުތަކާއި ގާބިލްކަން ހޯދުމެވެ. ދުވަހުގެ މަސައްކަތަށް ފަހު ލިބޭ ވަގުތުކޮޅު ހޭދަކުރާނީ މުޅި އާއިލާ އެކީގަ އެވެ. ހަފްތާ ބަންދު އެއްކޮށް ދަރިންނަށް ޚާއްސަވާނެ އެވެ. މުނާސަބަތުތަކަކީ އާއިލީ ބޮޑެތި ހަފްލާތަކެވެ.

މި މަހު އަޅުގަނޑުގެ ދަރިފުޅު ވެސް ޑޭކެއާ އަށް ފޮނުވަން ފަށައިފީމެވެ. އަޅުގަނޑު ގޭގައި ހުއްޓަސް ހަފްތާއަކު ތިން ދުވަހު ހެނދުނު އަށަކުން ހަވީރު ފަހަކަށް އޭނާ އުޅެނީ އެ ތަނުގަ އެވެ. ފުރަތަމަ ކަމަކަށް، ދަރިއަކު ހުރި މީހަކު ގޭގައި އިނދެގެން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ އެއްފަހަރާ ތިން ވަޒީފާ އަދާކުރުމެވެ. ދެވަނަ ކަމަކަށް، މި އުމުރުގައި ވެސް އަމިއްލަ އަށް ކަންކަން ކުރުމުގެ ގާބިލްކަން ދަރިފުޅަށް ލިބެން އަޅުގަނޑު ބޭނުންވެ އެވެ؛ ތަފާތު މީހުންނާ އެއްކޮށް އުޅެ، އެހެން މީހުންނަށް ކަމޭހިތަންވާ ގޮތާއި އިހުތިރާމްކުރުން ފަދަ ކަންކަން އޭނާ އަށް އެނގެން ބޭނުންވެ އެވެ. އޭނާގެ ކިބައިގައި ޒިންމާދާރުކަމާއި އުފެއްދުންތެރިކަން އަށަގަންނަން ބޭނުންވެ އެވެ.

އޭނާ ސްކޫލަށް ދާން ފަށަން އަދި ތިން އަހަރު އެބަ އޮތެވެ.

6 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 6%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

04 December 2017

ހަމަ އެންމެ ސުވާލެއް؟؟؟ ޑޭކެއާއިން މައިވަންތަ ކަމުގެ ލޯބި ލިބޭނެތަ؟؟؟؟

The name is already taken The name is available. Register?

މުނާ

04 December 2017

ބަލަގަ ކީއްކުރަންތަ ދަރިން ހޯދަނީކީ، އަހަރެމެން ނުޖެހޭ ދަރިން އެއްލާލަފަ ވަޒީފާ އަށް ދާކަށް، ދެން ބުނާނެ ދެކޮޅު ނުޖެހޭތީއޭ، ދެކޮޅުނުޖެހޭތީ ޑެކެއާ އަށް 200 ޑޮލަރު، ގޭގަ ކައްކާ މީހާއަށް 200 ޑޮލަރު. އެއަށްވުރެ މާތާހިރެއްނު ލިބޭ ދަރިންކޮޅު ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގޭގައި އިނިއްޔާ. ގައިމު ސަވާބުވެސް ލިބޭނެވިއްޔަ. އަހަރެން އަހަރެންގެ ދަރި ބަލާގޮތަށް ޑޭކެއާ މީހުން ބަލާ ދޭނެތަ؟އަހަރެންގެ ދަރީގެ ޕުއްޕުވެސް އަހަރެން ދޮއްވާނީ ވަރަށް ލޯބިން، އެމީހުން ނޭންގެ ފައިން ނޫންކަމެއްވެސް ދޮއްވާނީ، އަޅެ ކަލޭމެން މައިން ހިތެއްވެސް ނޯވޭދޯ، ވަޒީފާއެއް ނޫނޭ ހުރިހާ އެއްޗަކީ

The name is already taken The name is available. Register?

ގާސިމ

04 December 2017

މިލިޔުން ވަރަށް ފުރިހަމަ. އެކަމަކު ރާއްޖޭގައި ބޮލުން ކަޓުވާ ވާހަކަ އޮތީމަ ބުނެލަން އޮތީ "(ކެނެޑާގައި) ބެލެނިވެރިން ބޮލުން ކަޓުވާލަން (ކުދިން) 9 ގަޑިއިރަށް (ޑޭކެއާއަށް) ފޮނުވާލަނީއޭ"

The name is already taken The name is available. Register?

ހދގޖ

04 December 2017

ވަޒީފާއަށް ދާ މަންމަ އެއްގެ ހައިސިއްޔަތުން މިލިޔުމަށް ވވވވވ ތާއީދު ކުރެވޭ. ސަރުކާރުން މެނޭޖުކުރާ ޑޭކެއަރތައް ހުންނަނަމަ، މަހަކު 300 ޑޮލަރާއި 500 ރުފިޔާގެ މުސާރައެއް ދީފަ ބޭރުމީހުންނަށް އެފައިސާ ނުދީ ސަރުކާރަށް އެފައިސާ ވަންނަގޮތަށް ހެދީމަ ސަރުކާރަށްވެސް މަންފާކުރާނެ! ސަރުކާރު ވަޒީފާތަކުގަ އުޅޭ މަންމައިން ވަރަށްވެސް ގިނަ. ޥިސްނަވާ!!!

The name is already taken The name is available. Register?

އާމިނަ

04 December 2017

ތިޔައީ ތިޔަބޭފުޅާގެ ވިސްނުމެވެ. އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން ކޮންމެ ދުވަހަކު އޮފީހަށް ދިޔަސް ދަރި ސްކޫލަށް ފޮނުވަނީ ފަސޭހަވާނެތީކީ ނޫނެވެ. ޑޭކެއާ ގަ ވެސް އޮންނަ ކަންތައްދޯ ގިނަ ކިންޑާ ސްކޫލް ތަކުގައި ވެސް އޮންނަނީ. ރާއްޖޭގެ ގިނަ ސްކޫލް ތަކުގައި ކުޑަކުދިން ގެންގުޅެނީ ތިޔަބުނާހާ ގިނަވަގުތެެއްވެސް ނޫން ދެއްތޯ. ރާއްޖޭގެ ޑޭކެއާ ނެތުން އެއީކީ އަދި އެހެން ކަމެއްތާއެވެ. ދުނިޔޭގެ އެހެން ތަންތާގައި ކަންކުރާ ހުރިހާ އުސޫލާކުން ރާއްޖޭގައި ކަންތައް ހިނގުން ލާޒިމެއްވެސް ނޫން ދޯ.

The name is already taken The name is available. Register?

މުރަިދހޮޮ

04 December 2017

މިކަމަށް ތާއީދު،،، މިހެންް މިބުނީ އަހަރުމެންގެ ސަގާފަތާއި، ދީނާއި ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ތަފާތު، ފުވައްމުލަކު މީހުންނާއި، ހއ، ތުރާކުނުމީހުން ދިވެހިންނަށް ވިޔަސް ހާސްބައި ތަފާތު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!