ސްކޫލް ގައިޑް: ރައުފަތު ދިވެހި ބަސް ކިޔަވައިދޭން، ލޯތްބާ އެކު!

ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ހަގު ދަރިފުޅު ރައުފަތު ސޯދިގު ސްކޫލުގައި އުޅުނުއިރު ދޭތެރެއަކުން ދިމާވާ ކަމެއް އޮވެ އެވެ؛ ދިވެހި މާއްދާ އިން އޭ ސްޓާ ހޯދައިފިއްޔާ އެވާނީ ބައްޕަ އެހީވީ ކަމަށެވެ. އޭ ސްޓަ ނުލިބިއްޖެއްޔާ ބުނާނީ ސޯދުބެ ދަރިފުޅަށް ހާދަ ކަމެއް ނުވެޔޭ އެވެ.


އެކަމަކު އެއިން އެއްވެސް ކަމަކާ ރައުފަތު ނުވިސްނަ އެވެ. ސަބަބަކީ އެ މާއްދާއެއްގެ އިލްމު އެނގެންޏާ ކޮންމެހެން މާ މަތިން މާކްސް ހޯދަން އޭނާގެ ބައްޕަ އެއްވެސް އިރެއްގައި ބާރުއަޅުއްވާފައިނުވާތީވެ އެވެ.

ސޯދުބެގެ މޮޓޯ އަކީ "މަޖަލާ އެކީ ކިޔެވި އެއްޗެއް އަޖަލާ ހަމަޔަށް ހަނދާން ހުންނާނެޔޭ" އެވެ. ސޯދުބެ ދެކެ ދަރިވަރުން އެހާ ލޯބިވަނީ ވެސް ހަރުކަށިކަމެއް ނެތި، މަޖަލާ އެކު، ލޯތްބާ އެކު، ބަސް ދަސްކޮށްދެއްވާތީވެ އެވެ. އެގޭގައި ހިންގި އާމުލީގޭ ޓިއުޝަން ކިލާހުގައި ވެސް ސޯދުބެ ޓިއުޝަން ނަންގަވައިދެއްވާއިރު ވެސް، ރައުފަތަށް އެކަން ފާހަގަކުރެވެ އެވެ. އެހެންވެ ދަށް ގްރޭޑްތަކުގެ ކުދިންނަށް ޓިއުޝަން ދިނުމުގެ މަސައްކަތް ރައުފަތާ ހަވާލުކުރުމުން އޭނާ ވެސް ތަބާވީ ބައްޕަގެ އުސޫލުތަކަށެވެ.

ރައުފަތު (ކ) އޭނާގެ ބައްޕަ ސޯދުބެ (ވ) އާއި މަންމަ މުނީރާއާ އެކު ގައުމީ ދުވަހުގެ ޖަލްސާގައި. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަސް ކިޔަވައިދިނުން ޒަމާނީ ގޮތަށް

އުމުރުން 23 އަހަރުގެ ރައުފަތަކީ މިހާރު ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގުގެ ދިވެހި ޓީޗަރެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން އެއް ދިވެހި ޓީޗަރު، އެ ސްކޫލުގައި ވެސް ކިޔަވައިދެނީ ހަމަ އެގޮތަށެވެ. އޭނާ ދެކޭ ގޮތުގައި ދިވެހި ބަހާއި އަދަބިއްޔާތު ދެކެ ލޯބިވާ ޖީލެއް އުފެއްދޭނީ ދިވެހި މާއްދާ ކިޔަވައިދިނުން އެފަދަ ގޮތަކަށް ބަދަލުކުރެވިގެންނެވެ. އެކަމަކު އެއީ އޭނާ އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ، ކިޔަވައިދިނުމަށް މިހާރު ވަރަށް ބޮޑަށް ލޯބިޖެހިފައިވާ ރައުފަތު އެންމެ ބޭނުންވަނީ އޮންލައިން މީޑިއާމަށް ދިވެހި ބަސް ކިޔަވައިދޭނެ މެޓީރިއަލް ތައްޔާރުކުރާށެވެ.

"ބޮޑަށް ބޭނުންވަނީ އޮންލައިން މީޑިއަމަށް މެޓީރިއަލް ތައްޔާރުކުރަން. މިހާރު ވަރަށް ނެތެއްނު ޝައުގުވެރި ގޮތްގޮތަށް އެއްޗެހި ހަދާފައެއް؟ އެހެންވެ މިކޮޅުން މި ލިބޭ ތަޖުރިބާ އާއި އެކުދިންގެ އެ ފަރާތުން އެ ލިބޭ ފީޑްބެކާއި ހުރިހާ އެއްޗަކަށް ބިނާކޮށް އަސްލު ބޭނުންވަނީ. އެ މީހުން ވެސް ބޭނުން ތާކު ތިބެގެން ބަލައިލެވޭނެ ގޮތަކަށް އެ ހުރިހާ އެއްޗެއް ހުންނަން،" ރައުފަތު ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އެ ނޫން އެހެން ގޮތަކަށް ބަދަލެއް ނުގެނެވޭނެ އެވެ. ރައުފަތުގެ އަމިއްލަ ތަޖުރިބާ އާއި ކުދިން ދައްކާ ވާހަކަތަކުން އިހުސާސްކުރެވެނީ މުދައްރިއްސުންނަށް ދަރިވަރުންގެ ވިސްނުމާއި ޝައުގުވެރިވާ ކަންކަން އެހާ ރަނގަޅަށް ބަލާނުލެވި ކިޔަވައިދޭން މަސައްކަތްކުރާ ކަމެވެ.

"ބަހެއްގެ މާނަ ނޭނގިގެން އަހާލާއިރަށް ފޮތްކިޔާށޭ ބުނާނީ. އެކަހަލަ ކަންކަމާ ހެދި ސުވާލުކުރަން އުނދަގޫވަނީ. ދެން ފަހުން ފަހުން އައިސް އެއްކަލަ ދިވެހި ދެ ތިން ބަހެއް ދެމެދަށް އިނގިރޭސި ބަހެއް ލައިފިއްޔާ އެ މީހުން ފާޑުކިޔާ ހަޖޫޖަހާ،" ދިވެހި ބަހުން ފުރަތަމަ ޑިގްރީ އަށް މިހާރު ކިޔަވަމުން އަންނަ ރައުފަތު ބުންޏެވެ.

ރައުފަތު ސްކޫލް ދައުރުގައި.

އިނގިރޭސި ބަހާއި ދިވެހި ބަހަށް ވެސް މޮޅުވެވިދާނެ

އޭނާ ދެކޭ ގޮތުގައި އިނގިރޭސި ބަހަށް މޮޅުވުމަކީ ދިވެހި ބަހަށް ދެރަވާން ޖެހޭ ސަބަބެއް ނޫނެވެ. މިއީ ހަމައެކަނި ރާއްޖޭގެ އިންފާރުގެ ތެރޭގައި އުޅެވޭ ޒަމާނެއް ނޫނެވެ. އެހެން ގައުމުތަކުގެ މީހުންނާއި އެހެން ނަސްލުތަކުގެ މީހުންނަށް ވެސް އިހުތިރާމްކުރަން ޖެހެ އެވެ. އެހެންކަމުން ދިވެހި ބަހާ އެއްވަރަށް އިނގިރޭސި ބަހަށް ވެސް މޮޅުވުމަކީ މަގުސަދެކެވެ. އެކަމަކު އިނގިރޭސި ބަސް ދަސްކުރިޔަސް ދިވެހި ބަސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ނަސޭހަތްތެރިވެ އެވެ.

ދިވެހި ބަހަށް މޮޅުވާން ވެއްޖެއްޔާ އޮތީ ހަމައެކަނި ފޮތް ކިޔުން ހެއްޔެވެ؟ އެ އޮންނަ ރަސްމީ ހައެއްކަ ފޮތް ނުކިޔައި ދިވެހި ތާރީހު އެނގޭނެ ގޮތެއް ނެތީ ހެއްޔެވެ؟ މިއީ ރައުފަތު ދެކޭ ގޮތުގައި ބަހާއި އަދަބިއްޔާތާ ތާރީހާ ޒުވާން ޖީލް ދުރުވާ އެއް ސަބަބެވެ. އެންމެން ފޮތް ކިޔާ ހިތްނުވެދާނެ އެވެ. ހުރިހާ ގެއެއްގައި އެ ހުރިހާ ފޮތެއް ނުހުރެދާނެ އެވެ.

"ދިވެހިންގެ ތެރެއިން ގިނަ މީހުން ހިންދީ ބަސް ދަސްކުރީ ހިންދީ އެއްޗެހި ބަލައިގެން. ދިވެހިން އިތުރަށް ދިވެހި ރަނގަޅުކުރަންޏާ ފޮތް އެކަންޏެއް ނޫން، ލިޔުން އެކަންޏެއް ނޫން، ޓީވީން ބަލާ އެއްޗެހި ވެސް ވީޑިއޯތައް ހުންނަން އެބަ ޖެހޭ،" ރައުފަތު ބުންޏެވެ.

އެފަދަ އުފެއްދުންތައް މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. އާމުލީގޭގެ ނަމާ ގުޅުވައިގެން ސޯދުބޭގެ ކުރީގެ ދަރިވަރުންތަކެއް ހެދި "އަމަލީ ދިވެހި ޖަމިއްޔާ"ގެ ނަން ދިރުވައި ރައުފަތާއި އެކުވެރިންތަކެއް އަންނަނީ އެ ޖަމިއްޔާގެ ނަމުގައި ތާރީހާ ގުޅޭ ވީޑިއޯ ހަދައި ޔޫޓިއުބަށް ލަމުންނެވެ. މަޖާ ގޮތަކަށެވެ. އެ ވީޑިއޯތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ދަމައިގެންފަ އެވެ. ރައުފަތުގެ އެދުމަކީ ޒުވާނުން އެފަދަ އުފެއްދުންތައް އުފެއްދުމެވެ. ލިޔުންތައް ވެސް ތައްޔާރުކުރުމެވެ.

ފޮތެއް ނެރުމުގެ ރަސްމިއްޔާތެއްގައި ރައުފަތު ބައިވެރިވަނީ.

އިމްލާ ކުށެއް އޮތަސް މުޅި ލިއުން ގޯސްވެގެން ނުވާނެ

ދެން ދިމާވާ ކަމަކީ އުފެއްދުންތެރި ލިޔުމެއް ލިޔުނަސް އޭގެ ކޮންޓެންޓަށް ބެލުމެއް ނެތި ނުވަތަ ފާޑުކިޔުމެއް ނެތި އޭގައި ހުންނަ އިމްލާ ކުށްތަކަށް ހަމައެކަނި ބަލައި ގޯސްތައް ފާހަގަކޮށް ރަތް ގަލަމުން ބޮޅު އަޅާލުމެވެ. ލިޔުމުގެ އުފެއްދުންތެރިކަމާއި ހިޔާލު ކިތަންމެ މޮޅަސް، އިމްލާ ކުށެއް ޖެހިއްޖެއްޔާ މުޅި ލިޔުން ގޯސްވީ އެވެ. އޭގެ ސަބަބުން ހިތްމަރާލެވެނީ އެވެ.

"ދިވެހި ވެއްޖެއްޔާ ހަމަ ކޮންމެ ގޮތެއް ހަދާފައި ވެސް ގަވާއިދަށް ފައްތައިގެންނޭ، އެއްވެސް ކުށެއް ޖެހިގެން ނުވާނޭ ކިޔާފައި ވިސްނައިދީފައި މި އޮންނަނީ. ކުށް ޖެހުނަސް މައްސަލައަކީ ކޮބާ؟ ބައިސްކަލް ދުއްވާއިރު ވެސް ވެއްޓޭދޯ؟ ވެއްޓޭ އިރަށް ހަމަ ތެދުވެގެން އަނެއްކާ ދުއްވަނީ. އެކަމަކު ބައެއް މުދައްރިއްސުން ކިޔައިދީފައި އޮންނަ ގޮތުން ހީވަނީ ބައިސިކަލް ދުއްވާއިރު ވެއްޓިގެން ވެސް ނުވާނެހެން،" ރައުފަތު ބުންޏެވެ.

ރައުފަތު ބޮޑު ހިއްސާއެއްވެގެން ކުރިއަށްގެންދާ "އަމަލީ ދިވެހިން" ތައްޔާރުކުރި ވީޑިއޯއެއް

އަނެއް މައްސަލައަކީ ދިވެހި އަދަބީ އުފެއްދުންތަކާ މެދު ދެކޭ ގޮތެވެ. ދިވެހި ވާހަކައެއް ވެއްޖެއްޔާ މާ ޖަޒުބާތުވާނެޔޭ، ހާސަރު ދިގޭ ފަދަ ކޮންމެވެސް ވިސްނުމެއް ޒުވާނުންގެ ސިކުނޑީގައި އޮންނަނީ ކުރެހިފަ އެވެ. އޭ ލެވެލްގައި ރައުފަތު ޓިއުޝަން ދިން ދަރިވަރުންތަކެއް، "ރިވާތަތު މޫސާ ވަ ޒުލޭހާ" ވާހަކަ ފޮތް އަމިއްލަ އަށް ކިޔާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު ސުވާލަށް ޖަވާބު ދެވެން އޮތީ އެ ކިޔައިގެން ކަމަށް ވާތީ ރައުފަތު ގްރޫޕް ރީޑިންއެއްގެ ތެރެއިން އެ ވާހަކަ ކިޔައިދިނީ އެވެ.

"ވަކި ހިސާބަކުން އެ މީހުން ޝައުގުވެރިވާން ފެށި. ނުފައްޓާތީވެ އަސްލު މައްސަލައަކީ،" ރައުފަތު ބުންޏެވެ.

"މިހާރު [އެ ވާހަކައާ ބެހޭ ގޮތުން] ކޮންމެ ސުވާލެއް ކުރިޔަސް ޖަވާބުދެވޭނެ [އެކުދިންނަށް]. އެހެންވީމާ މިކަހަލަ ގްރޫޕް ރީޑިން ސެޝަންތަކެއް އެއްޗެއް ބާއްވައިގެން ވިޔަސް ފޮތްތަކަށް ހިތްޖައްސާނެ ގޮތެކޭ ހޯދަންވީ."

ރައުފަތު

އެކަމަކު އޭގެ ކުރިން ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ ދިވެހި ބަހާ މެދު އެންމެން ވެސް އުއްމީދީ ވާހަކަތަކެއް ދައްކަން ފެށުމެވެ. އަބަދުވެސް އިވޭ ވާހަކައަކީ، ދިވެހި ބަސް ނެތިދަނީޔޭ، ގެއްލެނީޔޭ ފަދަ ނެގެޓިވް ވާހަކަތަކެވެ. އެކަމަކު މި ބަހަކީ އަދި މި ބަހުގެ އަދަބިއްޔާތަކީ އެހާމެ މުއްސަނދި އެއްޗެކެވެ. ޒުވާނުން ޝައުގުވެރި ވެސް ވާނެ އެވެ. ކުރަންވީހާ ވެސް ކަމަކީ ކިޔަވައިދޭނެ ޒަމާނީ، ޝައުގުވެރި އަދި ޓެކްނޮލޮޖީއާ ރަށްޓެހި ގޮތްތަކެއް ހޯދުމެވެ. ހަރުކަށި ކަމެއް ނެތި ލޯތްބާއި އަޅާލުމާ އެކު ދިވެހި ބަސް ކިޔަވައިދޭނެ ޓީޗަރުންތަކެއް އުފެދުމެވެ. މިވަގުތަށް ބަލާއިރު ރައުފަތަކީ އެފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ އުއްމީދީ ޓީޗަރެކެވެ.