ދުޢާ އަކީ ﷲ އަށް އެކަލާނގެ އަޅުންގެ އާދޭސްތަކާއި ބޭނުންވާ ކަންތައް ދެންނެވުމަށް އޮތް އަޅުކަމުގެ ވަސީލަތެކެވެ. ނަމަވެސް އެ ވަސީލަތުގެ ބޭނުން ހިފޭނީ ތިމާ އާއި ﷲއާ ދެމެދު ރަނގަޅު ދާއިމީ ގުޅުމެއް އުފެދިފައިވާ ނަމަ އެވެ. ދުޢާގެ ޒަރީޢާ އިން ﷲ އަށް ކަމެއް ދެންނެވުމުގެ ކުރިން އެކަލާނގެއާ ގުޅުން ބަދަހިކުރާށެވެ. ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރާށެވެ. ފަރުޟު ނަމާދުތަކަށް ފަރުވާތެރި ވުމަށްޓަކައި ފަރުޟު ނަމާދުތަކާ ގުޅިފައިވާ (ރަވާތިބު) ސުންނަތް ނަމާދުތައް ކުރުމަށް ސަމާލުކަން ދޭށެވެ.

އެ ފަދަ ގުޅުމަކުން ގުޅިފައިވާ މީހަކާއި ﷲއާ ދެމެދު އެއްވެސް ހުރަހެއް ނުވެ އެވެ. އެ މީހަކު ދަންނަވާ ކޮންމެ ދެންނެވުމެއް އެކަލާނގެ އައްސަވައި، ބައްލަވައި ވޮޑިގަންނަވާނެ އެވެ. ތިޔަ ދަރިވަރުން ވެސް، ތަޢުލީމް ޙާޞިލް ކުރުމުގައި ﷲގެ މަދަދާއި އެހީތެރިކަމަށް އެދޭ ނަމަ، ތިޔައީ ﷲއާ ގުޅިފައިވާ ދަރިވަރަކަށް ވާށެވެ. އޭގެ ފަހުގައި، އެކަލާނގެ މާތް ރަސޫލާ މުޙައްމަދު (صلى الله عليه وسلم)ގެ އަރިހުން ވާރިދުވެފައިވާ ދުޢާތަކުން އެކަލާނގެ އަށް ދަންނަވާށެވެ. އެ ދުޢާތަކުގެ އިތުރުން އެ ކުއްޖަކު ވަކި ގޮތަކަށް ދުޢާ ދަންނަވަން ބޭނުން ނަމަ، އެ ކުއްޖެއްގެ ހިތުގައި އޮތް ގޮތަކަށް ދަންނަވާށެވެ. ދިވެހި ބަހުން ވެސް ދުޢާކުރެވޭނެ އެވެ. ވަކި ބަހަކުން ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.

ކީރިތި މާތް ރަސޫލާ މުޙައްމަދު (صلى الله عليه وسلم)ގެ އަރިހުން ވާރިދުވެފައިވާ ބައެއް ދުޢާތައް މިތަނުގައި ބަޔާންކޮށްލާނަމެވެ.

رَبِّ زِدْنِي عِلْمًا މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!

اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާންކަމާއި ޢަޤީދާގެ ޔަޤީންކަން އިތުރު ކޮށްދެއްވާނދޭވެ!

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!

رَبِّ هَبْ لِي حُكْماً وَأَلْحِقْنِي بِالصَّالِحِينَ މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމާއި، ވިސްނުން ދެއްވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ ރަސްކަލާނގެ އަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ.

اللَّهُمَّ أَغْنِنِي بِالْعِلْمِ، وَزَيِّنِّي بِالْحِلْمِ، وَأَكْرِمْنِي بِالتَّقْوَى، وَجَمِّلْنِي بِالْعَافِيَةِ މާނައީ؛ ހައްދަވައި ބޮޑުކުރެއްވި ވެރިރަސްކަލާކޮ! ޢިލްމުން މިއަޅާ މުއްސަނދި ކުރައްވާނދޭވެ! އަދި ޙިލްމުވެރިކަމުން މި އަޅާ ޒީނަތްތެރި ކުރައްވާނދޭވެ! އަދި ތަޤްވާވެރިކަމުން މިއަޅާ މާތް ކުރައްވާނދޭވެ! އަދި ޢިއްފަތްތެރިކަމުން މި އަޅާ ރީތި ކުރައްވާނދޭވެ!

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلا مُتَقَبَّلا މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! މަންފާ ކުރަނިވި ޢިލްމަކާއި ރަނގަޅު ރިޒްޤަކާއި އިބަ އިލާހުގެ ޙަޟްރަތުގައި ޤަބޫލުވަނިވި ޢަމަލެއް މި އަޅާ އަށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي, وَعَلِّمْنِي مَا يَنْفَعُنِي, وَزِدْنِي عِلْمًا މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އިބަ ރަސްކަލާނގެ މި އަޅާ އަށް ދެއްވި ޢިލްމުން މިއަޅާ އަށް މަންފާ ކޮށްދެއްވާނދޭވެ! އަދި މިއަޅާ އަށް މަންފާކުރަނިވި ޢިލްމެއް މިއަޅާ އަށް އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާ އަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!