އޯ ލެވެލް އިމްތިހާނަކީ ތިން އަހަރުގެ މަސައްކަތް

ގްރޭޑް ދިހައެއް ނިންމައި އޯ ލެވެލް އިމްތިހާނަށް ކުރިމަތިލުމަކީ ދަރިވަރުންގެ ބޮޑު އުއްމީދެކެވެ. ތައުލީމީ ދިހަ އަހަރުގެ ކިޔެވުން ވަޒަންކުރަނީ މި އިމްތިހާނުންނެވެ. އެހެންވެ، އޯލެވެލް އަކީ ދަރިވަރުގެ މުޅި ތައުލީމީ ހަޔާތުގައި ކުރިމަތިލާ އެންމެ ފުރަތަމަ ބޮޑު އިންތިހާނެވެ.


އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 2016 ގައި އޯލެވެލް ހެދި ސުމާ އާދަމް ވަނީ އެ ތަޖުރިބާކޮށްފަ އެވެ. އިމްތިހާނަށް ތައްޔާރުވާން ކުރި ކަންކަން އެހެން ކުދިންނަށް ހިއްސާކޮށްލަން އޭނާ ބޭނުންވެ އެވެ.

ކޮންމެ ދުވަހަކު ވެސް ސްކޫލަށް

ފ. ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއިން ޕްރައިމަރީ ނިންމުމަށް ފަހު، އަހުމަދިއްޔާ ސްކޫލާ ގުޅުނު ސުމާ އެންމެ އިސްކަމެއް ދިނީ އެންމެ ދުވަހެއް ވެސް ވައްޓާ ނުލައި ސްކޫލަށް ހާޒިރުވާށެވެ.

"އެންމެ މުހިއްމީ ޓީޗަރު ކިޔަވައިދޭ ގަޑީގައި ފިލާވަޅު އަޑުއެހުން. އެކަން ނުވެއްޖެ ނަމަ އެ ގެއްލުނީ ފިލާވަޅުން ވަރަށް ބޮޑު ބައެއް،" ސުމާ ބުންޏެވެ.

ސެކަންޑަރީ ތައުލީމުގައި ސުމާގެ ތަޖުރިބާ "މިހާރު" އަށް ކިޔައިދެނީ -- ވީޑިއޯ: ހުސެން ޝަޔާހު/ މިހާރު

ކްލާހަށް ހާޒިރު ނުވާ ދުވަހެއްގެ ފިލާވަޅު، އެހެން ކުއްޖެއްގެ އަތުން ހޯދި ނަމަވެސް، ޓީޗަރުގެ ލެކްޗާ ގެއްލުމުގެ ނުބައި އަސަރު ކިޔެވުމަށް ކޮށްފާނެ ކަމަށް އޭނާ ދެކެ އެވެ.

"އެހެންވެ، ކްލާސްތައް ކަޓުވާނުލައި ގަވައިދުން ހާޒިރުވުމަކީ އޯލެވެލްއަށް ތައްޔާރުވާ ދަރިވަރަކަށް ވަރަށް މުހިއްމު ކަމެއް،" އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކެޕްޓަންކަން 2016 ގައި ކުރި ދަރިވަރު ބުންޏެވެ.

ފިލާވަޅުތައް ކޮންމެ ދުވަހަކު ވެސް މުތާލިއާކުރުން

ކްލާހުގައި ނަގައިދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް މުތާލިއާ ކުރުމަކީ ވެސް ރަނގަޅު ނަތީޖާއަކަށް މުހިންމު އާދައެކެވެ. އެއާ ހިލާފަށް ފަހުން ހަދަން ނުވަތަ ދަސްކުރަން ފިލާވަޅުތައް ބެހެއްޓުން ބުއްދިވެރިއެއް ނޫނެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ދޭ ފިލާވަޅުތައް ކްލާހުގައި ނުވަތަ ގޭގައި މުތޯލިއާކުރަން އޭނާ ސަމާލުކަން ދިނެވެ.

"ފަހަށް ބަހައްޓައިފިއްޔާ ގިނަ ފަހަރަށް އެކަން ނުވެފައި އޮންނާނީ. ކުރިއާލާ ދަސްކޮށްފިއްޔާ ފަހުން ފަސޭހަވާނެ،" ސުމާ ބުންޏެވެ.

ޕްރައިމަރީ ނިންމުމަށް ފަހު، ސާނަވީއަށް ބަދަލުވުމަކީ ތައުލީމީ ހަޔާތުގައި އަންނާނެ އެންމެ ބޮޑު ބަދަލެވެ. ގްރޭޑް އަށަކަށް ބަދަލުވެ، ވިސްނުމުގައި އަބަދުވެސް ސުމާ ބޭއްވީ އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ނިޔަތެވެ. ގްރޭޑް އަށަކަށް ބަދަލުވާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ނުކޮށް އޯ ލެވެލް އިން ރަނގަޅު ނަތީޖާއެއް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"ޕްރައިމަރީގައި މާ ބޮޑު އިމްތިހާނެއް ނޯންނާނެ. އެންމެ ބޭސިކް އެއްޗެހި ކިޔަވާނީ ވެސް. އެކަމަކު ގްރޭޑް އަށަކަށް ބަދަލުވާ ދުވަހުން ފެށިގެން ޖެހޭނެ، އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށް ސިކުނޑި އެގޮތަށް ތައްޔާރު ކުރުވަން،" ސުމާ ބުންޏެވެ.

އޯ ލެވެލް އިމްތިހާނުގައި 2017 ވަނަ އަހަރު އިށީންނަ ކުދިން ސުމާގެ އާދަ ނަމޫނާއަކަށް ނެގިދާނެ އެވެ. ގަވާއިދުން ސްކޫލަށް ދިއުމެވެ. ކޮންމެ ދުވަހެއްގެ ވެސް ފިލާވަޅުތައް ނިންމުމެވެ. ކޮންމެ ދުވަހަކު ވެސް މުތާލިއާކުރުމެވެ. އިތުރު ގަޑިތަކަށް ހާޒިރުވުމެވެ. އަދި ޓިއުޝަން ބޭނުންވާ ކަމަށް ގަބޫލުކުރާ ނަމަ ޓިއުޝަން ވެސް ނެގުމެވެ.