އުރީދޫ އިން ރާއްޖެ އަށް އެެއާ އެމްބިއުލާންސެއް ހަދިޔާ ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ރާއްޖެ އަށް ހަދިޔާ ކުރާ ތިން ސީ އެމްބިއުލާންސް ދިވެހި ސަރުކާރާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެއާ އެމްބިއުލާންސެއް ހަދިޔާ ކުރަން، އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އާލް ޘާނީ ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް ސަޕްރައިޒެއްގެ ގޮތުގައި ބޭއްވުމަށް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ނަޖީބު ވިދާޅުވީ މިއަދު ރާއްޖެ ގެނައީ ތިން ސީ އެމްބިއުލާންސްގެ ތެރެއިން ދެ އެމްބިއުލާންސް ކަމަށެވެ. އަނެއް އެމްބިއުލާންސް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫން ހަދިޔާކުރި ސީ އެމްބިއުލާންސް އަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިން ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި އެއާއެކު، ހިދުމަތް ދިނުމަށް 29 އެމްބިއުލާންސް ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ.