ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ސީލައިފް ސްޕޯޓްސް ކްލަބް ކުޅުނު ތިން ވަނަ މެޗުން މާޒިޔާ އަތުން ބަލިވެއްޖެ އެވެ. މިއާ އެކު ސީލައިފް ވަނީ މިހާތަނަށް މި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގެ ކުރިން ސީލައިފް ވަނީ މޯލްޑިވިއަން އާއި ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވެފަ އެވެ. ރޭގެ މެޗުން މޮޅުވެ މާޒިޔާ ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު ސީލައިފުން ގެންދިޔައީ 23-25 އިންނެވެ. ދެ ވަނަ ސެޓު މާޒިޔާ އިން 25-15 އިން ގެންގޮސްފައިވަނިކޮށް، ތިން ވަނަ ސެޓު ސީލައިފުން ގެންދިޔައީ 16-25 އިންނެވެ. މާޒިޔާ މޮޅުވީ ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. އެ ޓީމުން މި ދެ ސެޓު ގެންދިޔައީ 25-19 އަދި 15-12 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާޒިޔާގެ އަޝަން އެވެ.
މި މުބާރާތުގެ ތަށްޓައް ޓާގެޓްކޮށްގެން ނުކުތް ސީލައިފަށް އަދި މި ފަހަރު އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލަށް ސީލައިފުން އައި މެޗަކުން ބަލިނުވެ އެވެ. އެހެން ނަމަވެސް ފައިނަލުގައި މޯލްޑިވިއަން އަތުން ވަނީ ބަލިވެފަ އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު އޮތް ސީލައިފްގެ ފަރާތުން މި މުބާރާތުގައި ފެންނަނީ އެވްރެޖް ކުޅުމެކެވެ.
ސީލައިފް ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ.
މި މުބާރާތުގެ އަންހެން ބައިގެ މެޗުގައި އިއްޔެ މޯލްޑިވިއަން ވަނީ ޕޮލިސް ބަލިކޮށްފަ އެވެ. މި މެޗު މޯލްޑިވިއަނުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 14-25، 25-22، 16-25، 25-22 އަދި 17-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ މިސް ބުއަލީ އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އަންހެން ބައިގައި މިސްކިތްމަގު ބައްދަލުކުރާނީ ޕޮލިހާ އެވެ. މިރޭ ފިރިހެން ބައިން ކުޅޭ މެޗުގައި މޯލްޑިވިއަން ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.