ޖުޑީޝަލް އެކަޑަމީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޖުޑިޝަރީ އިސްލާހުކުރުމާ ގުޅޭގޮތުން ހާއްސަ ކޮންފަރެންސެއް ބާއްވަން ނިންމައިި އެކަމުގެ ތައްޔާރީތައް ފަށައިފި އެވެ.
އަންނަ އަންގާރަ އަދި ބުދަ ދުވަހު ދަރުބާރުގޭގައި ބާއްވާ މި ކޮންފަރެންސްގައި ބޭރު ގައުމުތަކުގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުންނާއި ޖިނާއީ އަދި މަދަނީ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ.
ޑީޖޭއޭގެ ލީގަލް އޮފިސަރު ފައިސަލް އާދަމް "މިހާރު" އަށް ވިދާޅުވީ "ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް"ގެ ނަމުގައި ބާއްވާ ކޮންފަރެންސްގައި، މި މައުލޫއާ ގުޅޭ 16 ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ.
ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމާ ގުޅޭގޮތުންނާއި އާންމުންގެ މެދުގައި ފަނޑިޔާރުންނަށް އޮންނަ އިތުބާރު އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ޖުޑީޝަރީން ހާސިލްކުރި ކާމިޔާބީތަކާއި ދިމާވި ގޮންޖެހުންތައް އަންގައިދިނުމަށް "ޖުޑީޝަރީ އިޔާ" ގެ ނަމުގައި ހޯމަ ދުވަހު އިވެންޓެއް ބާއްވާނެ އެވެ.
ހޯމަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި، 2010 ވަނަ އަހަރުން ފެށިގެން ޝަރަފްވެރިކަމާއެކު ރިޓަޔާކުރި ފަނޑިޔާރުންގެ އަގުވަޒަންކުރުން އޮންނާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ސެމިނާއަށް ފަހު ފަނޑިޔާރުންނަށް ހާއްސަ މަހާސިންތާއެއް އެއް ވެސް ބުރާސްފަތި ދުވަހުން ފެށިގެން ދެ ދުވަހަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަހާސިންތާގައި ޖިނާއި އިޖްރާއަތުގެ ގާނޫނާއި ގަވައިދުގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ގަވައިދާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.
ޑީޖޭއޭ އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތަފާތު ކަންކަމާއި ގުޅޭ ގޮތުން ސެމިނާ ހިންގަމުން ނެވެ. މީގެ ކުރިން އެތަނުން ވަނީ ޖުވެނައިލް ޖަސްޓިސްއާ ގުޅޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ސެމިނާއެއް ބާއްވާފަ އެވެ.