އެސްޓީއޯއިން ފެށި އާ ވިޔަފާރި، ބަންކަރިންގެ ހިދުމަތުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުންޏާ ހަވާލާދީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހިދުމަތުން އެވަރަށް އާމްދަނީ ލިބުނު އިރު އެއީ ރާއްޖެއަށް ކުރިއްސުރެ ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫނެވެ. 

"ދެއަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މިންވަރެއްގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތެއް ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި އެ މަސައްކަތް ކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ އަވަށްޓެރި އެހެން ގައުމުތަކުގެ ބޯޓުފަހަރު އައިސްގެން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މިހާރު ސީދާ ދިވެހިން މި ގެންނަނީ. ދިވެހިން މިކަން ކޮށްގެން، ދިވެހިރާއްޖޭގެ ބަންކަރިންގެ ހިދުމަތް ފެށިގެން، ސީދާ ސަރުކާރުން މީގެ ތެރޭ ހިތްވަރުދީގެން، ފުޅާ ދާއިރާގައި މި ސުވާލު ވެސް ކުރެވިގެން މިއޮއް ގޮސް ބިލިއަން ރުފިޔާއާ ހަމައަށް ދިޔައީ މިއޮއް ލިބުނު އާމްދަނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތުން ދައަލަތަށް 58.93 މިލިއަން ރުފިޔާ މި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނެވެ. 

އެސްޓީއޯއިން މިދިޔަ މަހުގެ 22 ވަނަ ދުަވަހު އާއްމުކުރި، މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުގައިވާ ގޮތުން ބަންކަރިންގެ ހިދުމަތަށް އެ ކުއާޓާގައި ބޮޑު ކުރިއެރުމެއް ލިބުނެވެ. އެއީ އެ ކުންފުންޏަށް އެ ކުއާޓާގައި ލިބުނު ފައިދާ ބޮޑުވި ސަބަބެއް ކަމަށް ވެސް އެސްޓީއޯގެ ކުއާޓާލީ ރިޕޯޓްގައި ބުންޏެވެެ.

އެސްޓީއޯއިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވިއްކި އަދަދަށް ވުރެ އިތުރަށް 18 މިލިއަން ލީޓަރު (113،216.6 ފީފާ) ތެޔޮ ވިއްކި އެވެ.  

ބަންކަރިން ވިޔަފާރިއަށް އެ ކުރިއެރުން ލިބުނު އިރު އެސްޓީއޯއަށް މި ކުއާޓާގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ތެޔޮ ވިއްކުމެވެ.

މެދުއިރުމަތީގެ ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވުމުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުކުރި އެވެ. އެސްޓީއޯގެ ކުއާޓާލީ ރިޕޯޓްގައިވާ ގޮތުން ތެލުގެ އަގު ބޮޑުވުމުގެ އިތުރުން، ތެޔޮ ވިއްކުނު މިންވަރު ވެސް އިތުރުުވުމަކީ އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. އެގޮތުން، އެ ކުންފުނިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި ކުއާޓާގައި ވަނީ 27 ޕަސެންޓް އިތުރުވެފަ އެވެ.