ފިރިމީހާ ޝިލާދިތުޔާ މުކޯޕަދްޔާއަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށާއި އެފަދަ ބައިވެރިއެއް ލިބުމުން އޭނާ ވަރަށް ނަސީބުގަދަ ކަމަށް ގަބޫލުކުރާ ކަމަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝްރެޔާ ގޯޝާލް ބުނެފި އެވެ.
"ދަ މޭލް ފެމިނިސްޓް ޕޮޑްކާސްޓް" އަށް ދިން އިންޓަވިއުއެއްގައި ޝްރެޔާ ވަނީ އޭނާގެ އާއިލީ ދިރިއުޅުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ދެމަފިރިން ހިއްސާ އޮންނަ ގޮތް ކިޔައިދީފަ އެވެ.
ޝްރެޔާ ބުނި ގޮތުގައި، ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އޭނާގެ ފިރިމީހާ ވަރަށް އިސްރޯލެއް އަދާކުރެ އެވެ. ގޭގެ ކުދިކުދި މަސައްކަތްތަކާއި ތަށިދޮވުމާއި ބަދިގެ ސާފުކުރުން ފަދަ ކަންކަން ފިރިމީހާ އަމިއްލައަށް ކުރަން ބޭނުންވެ އެވެ.
އޭނާ ބަދިގެ ސާފުކުރަން އުޅެފި ނަމަ ފިރިމީހާ ހިތްހަމަނުޖެހޭ ކަމަށް ވެސް ޝްރެޔާ ބުންޏެވެ.
ޝްރެޔާ ބުނީ ދެމަފިރިން ވެސް ދުވާލު ބުރަކޮށް އުޅުމަށް ފަހު ގޭތެރޭގެ މަސައްކަތްތައް ކުރަނީ އެކުގައި ކަމަށެވެ.
ލަވަކިޔުމުގެ މަސައްކަތުގައި މަސްދުވަސް ވަންދެން ރަށުން ބޭރުގައި އުޅެން ޖެހޭ ފަހަރުތަކުގައި ވެސް ފިރިމީހާގެ ފަރާތުން އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރުން ފެށިގެން ވެސް އޭނާއަކީ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާ އަދި ބޮޑާކަމެއް ނެތް މީހެއް ކަމަށް ޝްރެޔާ ބުންޏެވެ.
ދެމަފިރިންގެ ވިސްނުން އެއްގޮތްވުމާއި އާއިލާގެ އެއްބާރުލުމާ އެކު މިހާރު ދެމަފިރިންގެ މުޅި ދުނިޔެ ބިނާވެފައި ވަނީ އެމީހުންގެ ދަރިފުޅުގެ މައްޗަށް ކަމަށް ޝްރެޔާ ބުންޏެވެ.
މީގެ 24 އަހަރު ކުރިން 2002 ގައި "ދޭވްދާސް" ފިލްމުން ބޮލީވުޑަށް ތައާރަފުވި ލަވަކިޔުންތެރިޔާ ޝްރެޔާ އަދި ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝިލާދިތުޔާއަކީ ކުޑައިރުއްސުރެ ވަރަށް ގާތް ރައްޓެހިންނެވެ. ގާތްގަނޑަކަށް 30 އަހަރުގެ އެކުވެރިކަމަށް ފަހު، އަދި 10 އަހަރު ވަންދެން ލޯބީގެ ގޮތުން އުޅުމަށް ފަހު، އެމީހުން ކައިވެނިކުރީ ފެބްރުއަރީ 5، 2015 ގަ އެވެ. އަދި 2021 ވަނަ އަހަރު އެ ދެމަފިރިންނަށް ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ.