ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ނުލައި، ސްޕެއިންއިން ވޯލްޑް ކަޕް ސްކޮޑް އިއުލާން ކޮށްފި އެވެ.
މިއީ މިއީ ވޯލްޑް ކަޕް ބާއްވަން ފެށި ފަހުން ވެސް ސްޕެއިންގެ ޓީމުގައި ރެއާލްގެ ކުޅުންތެރިޔަކު ނެތި، އެ މުބާރާތް އެ ގައުމުގެ ގައުމީ ޓީމުން ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ކުޅުނު ވޯލްޑް ކަޕްގެ 16 މުބާރާތް ވެސް ކުޅެފައި ވަނީ ރެއާލްގެ ހިއްސާއާ އެކު އެވެ.
ވޯލްޑް ކަޕް ސްކޮޑް އެކުލަވާލުމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަފުއެންޓޭ ނެގި 50 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑްގައި ރެއާލްގެ ޑީން އައިސެން (ހޮއިސަން) އާއި ފްރާން ގާސިއާ އަދި ގޮންޒާލޯ ގާސިއާ ހިމެނުނެވެ.
ޕްރިލިމިނަރީ 50 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން ނެގި 26 ކުޅުންތެރިންގެ ފައިނަލް ގްރޫޕްގައި އެ ތިން ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކަށް ޖާގައެއް ނުލިބުނެވެ.
ޕްރިލިމިނަރީ 50 ކުޅުންތެރިންގެ ސްކޮޑްގައި ވެސް ލަފުއެންޓޭ ނުހިމަނާ ކުޅުންތެރިޔަކީ ރެއާލްގެ ކެޕްޓަން ޑެނީ ކާވަހާލް އެވެ. ލަފުއެންޓޭގެ ކޯޗުކަމުގެ ދަށުން ޔޫރޯ 2024 ގެ މުބާރާތް ސްޕެއިން އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ހިއްސާއެއްވި ކާވަހާލް އަށް އެ އަހަރުގެ އޮކްޓޯބަރުގައި ކުރިމަތިވި ބޮޑު އަނިޔާއާ އެކު އޭނާގެ ކުޅުން ދަށްވި އެވެ. އުމުރުން 34 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ވަނީ ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ.
މިއީ ރެއާލްގެ ކުޅުންތެރިޔަކު ނެތި، ފަހުގެ ތާރީހެއްގައި ސްޕެއިންއިން ކުރިމަތިލި ފުރަތަމަ ބޮޑު މުބާރާތެއް ނޫނެވެ. ޖޫން، ޖުލައި 2021 ގައި ބޭއްވި ޔޫރޯ 2020 އަށް ވެސް ސްޕެއިން ދިޔައީ ރެއާލްގެ ކުޅުންތެރިޔަކު ނުލަ އެވެ.
އޭގެ ކުރިން ރެއާލްގެ ކުޅުންތެރިޔަކު ނެތި ސްޕެއިން ކުޅުނު ބޮޑު މުބާރާތަކީ 1920 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް ގޭމްސްގެ ފުޓްބޯޅަ މުބާރާތެވެ. އެ ފަހަރު ފައިނަލުގައި ސްޕެއިން ކުޅުނެވެ.
ސްޕެއިންގެ ސްކޮޑްގައި އެއް ކްލަބަކުން އެންމެ ގިނަ ކުޅުންތެރިން ހިމަނާފައި ވަނީ، ރެއާލްގެ ވާދަވެރި ބާސެލޯނާއިންނެވެ. ސްޕެއިންގެ ޗެމްޕިއަން ޓީމުގެ އަށް ކުޅުންތެރިން ފައިނަލް ސްކޮޑްގައި ހިމެނެ އެވެ.
އެއީ: ކީޕަރު ހުއާން ގާސިއާ، ޑިފެންޑަރުން ކަމަށްވާ ޕައު ކުބާސީ، އެރިކް ގާސިއާ، މިޑްފީލްޑަރުން ކަމަށްވާ ޕަބެލޯ ގަވީ، ޕެޑްރީ ގޮންޒާލޭޒް، ފޯވާޑުން ކަމަށްވާ ލަމީން ޔަމާލް ފެރާން ޓޯރޭޒް އަދި ޑެނީ އޮލްމޯ އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގައި ސްޕެއިން ލައްވާލީ އުރުގުއޭ އާއި ސައުދީ އަރަބިއާ އަދި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑޭއާ އެކު ގުރޫޕް އެޗްގަ އެވެ. ސްޕެއިންގެ ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު އެމެރިކާގަ އެވެ.