ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

އޭޝިއާގެ ވަރުގަދަ ދެ މެޗަށް އައްޑޯ އާއި ޝާހިރު

އަބްދުލް ހަމީދު އަބްދުލް ގަފޫރު އާއި އަހްމަދު ޝާހިރު: ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ވަރުގަދަ ދެ މެޗަށް، އޭއެފްސީން ވަނީ އެދެބޭފުޅުންނަށް އަނެއްކާ ވެސް ފުރުސަތު ދީފަ

15 ޖެނުއަރީ 2022 - 12:28

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެގެ ތިންވަނަ ބުރުގައި ކުޅޭ ވަރުގަދަ ދެ މެޗަށް، ދިވެހި މެޗު ކޮމިޝަނަރުން ކަމަށްވާ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި އަހްމަދު ޝާހިރު، އޭއެފްސީން ހަމަޖައްސައިފި އެވެ.

މިމަހު ކުޅޭ ކޮލިފައިންގައި އައްޑޯ އާއި ޝާހިރު ވެސް މެޗު ކޮމިޝަނަރުކަން ކުރަން ހަމަޖެހިފައި ވަނީ ތިންވަނަ ބުރުގެ، ގުރޫޕް އޭގެ ދެ މެޗުގަ އެވެ. އައްޑޯ މެޗު ކޮމިޝަނަރުކަން ކުރައްވާނީ، ވަރުގަދަ އިރާނާއި އިރާގުގެ މެޗުގަ އެވެ. ޝާހިރު ކުރައްވާނީ ވޯލްޑް ކަޕަށް ފަރިތަ ދެކުނު ކޮރެއާ އާއި ލުބުނާން ކުޅޭ މެޗުގަ އެވެ. މިމަހު 27 ގައި އިރާން އާއި އިރާގު ކުޅޭ މެޗު އޮންނާނީ އިރާންގެ ވެރިރަށް ތެހެރާންގަ އެވެ. ހަމަ އެދުވަހު ލުބުނާން އާއި ކޮރެއާ ކުޅޭ މެޗު ލުބުނާންގައި އޮންނާނެ އެވެ.

ކޮލިފައިންގެ ތިންވަނަ ރައުންޑްގައި ހިމެނޭ ދެ ގުރޫޕުން ގަދަ ދެޓީމު، މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ. ގުރޫޕް އޭގައި އެ ދެ މާގަމަށް ވާދަކުރަނީ އިރާނާއި ކޮރެއާ އެވެ. އިރާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، އެއްވަނައިގައި އޮތް އިރާނަށް 19 ޕޮއިންޓް ހޯދޭނެ އެވެ. ލުބުނާން އަތުން މޮޅު ވެގެން ކޮރެއާ އަށް ވެސް ދެވަނަ މަގާމުގައި ރަނގަޅަށް ހަމަޖެހިލެވޭނެ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރުގައި މީގެ ކުރިން ވެސް އައްޑޯ އާއި ޝާހިރު މެޗު ކޮމިޝަނަރުކަން ކުރެއްވި އެވެ. އައްޑޯ ވަނީ ޗައިނާ އާއި ޖަޕާން ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. ޝާހިރު ވަނީ ވިއެޓްނާމް އާއި އޮސްޓްރޭލިއާ ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ ފަހުގެ މެޗުތައް ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލައިޒްކޮށެެވެ. އައްޑޯ އާއި ޝާހިރު ވެސް ވަނީ ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިޔަ މެޗުތަކުގައި ކޮމިޝަނަރުކަން ކުރުމަށް ޔޫއޭއީއަށް ދަތުރުކޮށްފަ އެވެ.

މިދިޔަ އަހަރު ޖޫން މަހުން ފެށިގެން އައްޑޯ އާއި ޝާހިރު ދަނީ ބިޒީ ޝެޑިއުލްއެއްގަ އެވެ. އެ ދެ ބޭފުޅުން ވަނީ 2020 ގައި ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ވެސް މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ބޮޑެތި މެޗުތަކަށް، އޭއެފްސީން ޝާހިރު އާއި އައްޑޯ އަށް މީގެ ކުރިން ވެސް ފުރުސަތު ދީފައިވެ އެވެ. ޝާހިރު ވަނީ 2015 ގައި އޮސްޓްރޭލިއާގައި ބޭއްވި އޭޝިއަން ކަޕް ފައިނަލުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އޭޝިއާގެ ކްލަބު ފުޓްބޯޅައިގައި ޕްރީމިއަމް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެގެ ފައިނަލުގައި އައްޑޯ ވަނީ 2019 ގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އަދި އެ އަހަރުގެ ސެމީ ފައިނަލުގައި ޝާހިރު މެޗު ކޮމިޝަނަރުކަން ކުރި އެވެ.

އޮކްޓޯބަރު މަހު ކުޅުނު އޭޝިއަން ކަޕް 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި، އޭއެފްސީން އެކި މަސްއޫލިއްޔަތުތައް ހަވާލު ކުރި ހަތް ދިވެހިންގެ ތެރޭގައި ވެސް އައްޑޯ އާއި ޝާހިރު ހިމެނުނެވެ. އެގޮތުން އައްޑޯ ވަނީ، ތަޖިކިސްތާންގައި ކުރިއަށްގެންދިޔަ ގުރޫޕް ބީގެ މެޗުތަކުގައި މެޗު ކޮމިޝަނަރުކޮށްފަ އެވެ. ޝާހިރު މަސައްކަތް ކުރީ ޖަޕާންގައި ކުރިއަށް ދިޔަ ގުރޫޕް ކޭ ކޮލިފިކޭޝަން މެޗުތަކުގަ އެވެ.

އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ޑޯޕިން އަދި އިންފެކްޝަން އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ އެކްސްކޯ މެންބަރު އަހްމަދު ޝަކީބް ހަރަކާތްތެރިވި އެވެ. ޝަކީބުގެ ބެލުމުގެ ދަށުން ގުރޫޕް ޖީގެ މެޑިކަލް އާއި ޑޯޕިންއާ ގުޅޭ ކަންކަން ކުރުމަށް އޭއެފްސީން ހަވާލު ކުރި އެވެ. އަދި ގުރޫޕް ޑީގައި ޑޯޕިން އެންޑް އިންފެކްޝަން ކޮންޓްރޯލިން އޮފިސަރުގެ މަގާމު ވެސް އޭއެފްސީން ހަވާލު ކުރީ ޝާކީބްއާ އެވެ.

ރާއްޖޭގެ ފީފާގެ ރެފްރީން ކަމަށްވާ އާދަމް ފަޒީލް، މުހައްމަދު ޖާވިޒް (ޖޭޑް)ގެ އިތުރުން ފީފާގެ އެސިސްޓެންޓް ރެފްރީން ކަމަށްވާ އަހްމަދު އަބްދުﷲ އާއި ޖައުފަރު ރަޝީދު ވެސް 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރެފްރީ ކަމާއި އެސިސްޓެންޓް ރެފްރީކަމުގެ މަސްއޫލިއްޔަތު އަދާކުރި އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454