ކުޅިވަރު / އޮސްޓްރޭލިއަން އޯޕަން ޓެނިސް

އޮސްޓްރޭލިއަން އޯޕަން: ދެ އަހަރަށް ފަހު މަރޭގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މަރޭ މިއަދު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި.-- ފޮޓޯ: އޭއެފްޕީ

މެލްބަން (ޖެނުއަރީ 18) - އިއްޔެ ފެށި މި އަހަރުގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި، ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު ވާދަކުރާ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އެންޑީ މަރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

މަރޭ އެންމެ ފަހުން ވާދަލކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ އަހަރުގެ މުބާރާތުގައި މަރޭ ކެޓީ ފުރަތަމަ ބުރުންނެވެ. އެއަށް ފަހު އަނިޔާގެ ސަބަބުން ރިޓަޔާ ކުރަން ވެސް ވިސްނި މަރޭ ވަނީ އަނިޔާއިން ރަނގަޅުވެ، މުބާރާތްތަކުގައި ވާދަކުރަން ފަށައިފަ އެވެ. ވައިލްޑްކާޑް ސްލޮޓުގައި މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރަން ހަމަޖެހުނު ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން ފުރުސަތު ގެއްލުނީ އެވެ.

މި އަހަރު ވެސް ވައިލްޑްކާޑް ސްލޮޓުގައި ވާދަކުރާ މަރޭ ވަނީ އޭނާގެ ފުރަތަމަ މެޗުގައި މިއަދު، 21 ވަނައަށް ސީޑް ކޮށްފައިވާ ޖޯޖިއާގެ ނިކޯލޯޒް ބަސިލަޝިވިލީ ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ ސެޓް މަރޭ ފަސޭހަ ކަމާއެކު ކާމިޔާބު ކުރި ނަމަވެސް، ދުނިތޭގެ ރޭންކިން 16 ވަނައިގައި އޮތް ނޮކޯލޯޒް ވަނީ ދެވަނަ ސެޓް ހޯދައިފަ އެވެ.

މަރޭ މެޗު ކާމިޔާބުކުރީ ތިންވަނަ ސެޓާއި ފަސްވަނަ ސެޓް ކާމިޔާބު ކޮށްގެންނެވެ. އޭނާ މެޗުގެ ސެޓްތައް ގެންދިޔައީ، 6-1، 3-6، 6-4، 6-7 (5-7) އަދި 6-4 އިންނެވެ. މީގެ ކުރިން ފަސް ފަހަރު މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ މަރޭ ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ ޖަޕާނުގެ ޓާރޯ ޑެނިއަލްއާ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ތިން މުބާރާތް ވެސް ކާމިޔާބުކުރި، މިވަގުތު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް ވަނީ ކޮވިޑް ވެކްސިން ނުޖަހާތީވެ، އޭނާއަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.

ސްޕެއިންގެ ރަފައެލް ނަޑާލް ވަނީ އޭނާގެ ފުރަތަމަ މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން އެމެރިކާގެ މާކޮސް ގިރޯން ބަލި ކޮށްފަ އެވެ. ދެވަނަ ބުރުގައި އޭނާ ވާދަކުރާނީ ޖަރުމަންގެ ޔަނިކް ހަންފްމަންއާ ދެކޮޅަށެވެ.

އެޝްލިއޭ ބާޓީ، 25، ރޭމެ މެޗު ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އެޝްލިއޭ ބާޓީ ވަނީ އޭނާގެ ފުރަތަމަ މެޗުގައި ރޭ ޔޫކްރޭންގެ ލޭސިއާ ސުރެންކޯއާ ވާދަކޮށް އެއް ގަޑިއިރަށް ވުރެ އަވަހަށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ބާޓީ ރޭގެ މެޗްގެ ސެޓްތައް ގެންދިޔައީ ފަސޭހަކަމާ އެކު އެންމެ 54 މިނިޓުން، 6-0 އަދި 6-1 އިންނެވެ. ދެވަނަ ބުރުގައި އޭނާ ވާދަ ކުރަން ޖެހޭނީ އިޓަލީގެ ލޫސިއާ ބްރޮންޒެއްޓީ އާއެވެ.

ބާޓީގެ އިތުރުން އަންހެން ރޭންކިންގެ އެއްވަނައަށް ވާދަކުރާ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެޗިކޯވާ އާއި ބެލަރޫސްގެ އަރްޔާނާ ސަބަލެންކާ ވެސް ވަނީ ފުރަތަމަ މުރުގެ މެޗު ކާމިޔާބު ކޮށްފަ އެވެ. ޖަރުމަނުގެ އަންޑްރޭ ޕެޓްކޮވިޗާ ވާދަކޮށް 6-2، 6-0 އިން ބާބޮރާ މެޗް ކާމިޔާބު ކުރިއިރު، ސަބަލެންކާގެ މެޗް ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އޮސްޓްރޭލިއާގެ ސްޓޯމް ސެންޑާސްއާ ވާދަކޮށް ސަބަލެންކާ ސެޓްތައް ގެންދިޔައީ 5-7، 6-3 އަދި 6-2 އިންނެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތަކީ 1997 ވަނަ އަހަރަށް ފަހު ކުރީގެ އެއް ނަމްބަރު ކުޅުންތެރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސް ވެސް ވާދަ ނުކުރާ ފުރަތަމަ މުބާރާތެވެ. މި ދެބެން ވެސް މުބާރާތުގައި ވާދަ ނުކުރާން ނިންމީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454