އަނިޔާގެ ސަބަބުން މަރޭ ކުޅުން ހުއްޓާލަނީ

މެލްބަން (ޖެނުއަރީ 11) - އަނިޔާގެ ސަބަބުން ވަރަށް އަވަހަށް ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް އިނގިރޭސި މަޝްހޫރު ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.


އުމުރުން 31 އަހަރުގެ މަރޭ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ބުރަކައްޓަށް ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ އަށް ކުރީގެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އެ އޮޕަރޭޝަނަށް ފަހު މިހާތަނަށް މަރޭ ކުޅުނީ 14 މެޗެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މަރޭ ވަނީ އަނިޔާއިން ރަނގަޅުވުމަށް ޓެނިހުން ބްރޭކެއް ނަގައިފަ އެވެ. އަދި ރިހެބިލިޓޭޝަން ތަޖުރިބާކާރެއްގެ ލަފަޔާ އެކު އަނިޔާއިން ރަނގަޅުވުމުގެ މަސައްކަތް ފެށި އެވެ. އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައިސް މަރޭ ވަނީ އިއްޔެ ފަރިތަކުރުމުގެ މެޗެއްގައި ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު އެ މެޗު ކުރިއަށް ނުގެންދެވިގެން މަރޭ ވަނީ މެޗު ހުއްޓާލައިފަ އެވެ.

"އަހަންނަށް ހިއެއް ނުވޭ މި އަނިޔާގައި ހުރެ އަހަންނަށް އިތުރު ފަހެއް ނޫނީ ހަ މަސް ވަން ދެން ކުޅެވޭނެ ކަމެއް." ރޮވިފައިހުރެ މަރޭ ނޫސްވެރިންނަށް ކިޔައިދިނެވެ. "އަހަރެން ބޭނުން ވިމްބަލްޑަން މުބާރާތުގައި ކުޅެން. އެކަމަކު ހިއެއް ނުވޭ އެކަން ވެސް ވާނެހެން."

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މަރޭ ލޮލުން ކަރުނަ ފޮހެނީ. -- ފޮޓޯ: އޭއެފްޕީ

މި ވަގުތު ދުނިޔޭގެ ރޭންކިންގެ ވަރަށް ފަހަތުގައި އޮތް މަރޭ އަންނަ ހަފްތާގައި ފަށާ އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ މެޗުގައި ކުޅޭނީ 22 ވަނަ އަށް ސީޑްކޮށްފައިވާ ސްޕެއިނުގެ ރޮބާޓޯ ބައުޓިސްޓާއާ ދެކޮޅަށެވެ.

"އަހަރެން އަނިޔާގައި ހުންނަތާ މިވީ 20 މަސް ދުވަސް. އަނިޔާއިން ރަނގަޅުވާން އަހަންނަށް ވަރަށް މަސައްކަތްކުރެވިއްޖެ. އެކަމަކު އޭގެން އެއްވެސް ކަމެއް ރަނގަޅެއްނުވި. ތެދެއް މީގެ ހަ މަސް ކުރިއާ އަޅާކިޔާއިރު އަހަރެން ވަރަށް ރަނގަޅު. އެކަމަކު އަދިވެސް އެ ތަދު އިހުސާސްކުރެވޭ. އަނެއްކާ ވެސް ކުޅެގެން ކުރިން އުޅުނު ހާލަތަށްދާން ބޭނުމެއް ނޫން،" ދުނިޔޭގެ އެއް ވަނައިގައި 37 ހަފްތާ ވަންދެން އޮތް މަރޭ ބުންޏެވެ.

އޮލިމްޕިކްގެ ރަން މެޑަލް ދެ ފަހަރު ހާސިލްކޮށްފައިވާ މަރޭ ބުނީ އަވަހަށް ރިޓަޔާކުރަން ނިންމުމުގެ ފަހަތުގައި އޮތް އަނެއް ކަމަކީ ކުޅުމާ ދުރަށް ދިއުމަށް ފަހު ހަމަޖެހިގެން އުޅެން ބޭނުންވާތީ ކަމަށެވެ. އަދި މިހާރު އޭނާގެ ބުރަކަށީގެ ހާލަތު ހުރިގޮތުން އެހާ ވަރުގަދަ މެޗުތަކެއް ކުޅެގެން ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ލަފާދޭ ކަމަށެވެ.