ބާސެލޯނާ (މާޗު 23) - ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އަށް އޮސްމާން ޑެމްބެލޭ ފޮނުވައި ނުލެވުމުން، އޭނާގެ ކޮންޓްރެކްޓުގެ ބާކީ އޮތް ހަމަ ދުވަސް ބެންޗުގައި ބައިދަން އެ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ބޭނުންވި ނަމަވެސް ކޯޗު ޒަވީ ހެނާންޑޭޒް އެ ނިންމުން ބަދަލުކޮށްފި އެވެ.

އާ ކޯޗު ޒާވީ ހެނާންޑޭޒް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ޓީމުގެ ރައީސްގެ ނިންމުމާ ދެކޮޅަށް ޑެމްބެލޭ އަށް މެޗުތަކުގައި ފުރުސަތު ދޭން ފަށައިފަ އެވެ. އަނިޔާގެ ސަބަބުން ޑެމްބެލޭ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުރި ނަމަވެސް ޑެމްބެލޭގެ ބޭނުން ޒަވީ ކުރަން ފެށިފަހުން އޭނާ ވަނީ މިހާތަނަށް ބާސެލޯނާއާ އެކު ލީގުގައި ކުޅުނު 12 މެޗުން އެއް ގޯލު ޖަހައި، ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވީ 2017 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 97 މިލިއަން ޕައުންޑަށެވެ. ބާސެލޯނާ އަށް ބަދަލު ވުމަށް ފަހު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުރިއިރު، ލަ ލީގާގައި މިވީ ފަސް ސީޒަނުގައި އޭނާ އަށް 100 މެޗު ހަމަ ނުކުރެވެ އެވެ. ނަމަވެސް ޒަވީ ޓީމާ ހަވާލުވެ، އޭނާ ވަނީ ޑެމްބެލޭ އަކީ އޭނާ ކުޅޭ މަގާމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެވިދާނެ ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުގައި ޑެމްބެލޭ ވަނީ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މިއާއެކު އޭނާ ވެފައި ވަނީ 2009 ވަނަ އަހަރު ޒަވީ އަށް ފަހު ރެއާލްގެ ދަނޑުގައި ކުޅުނު އެލް ކްލެސިކޯ މެޗެއްގެ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ބާސެލޯނާ ކުޅުންތެރިޔާ އަށެވެ.

އެ މެޗަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރި ވަގުތު ޑެމްބެލޭ، އޭނާ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނަމުން ގެންދިޔަ ކަމަށް ވެސް ވެ އެވެ. ބާސެލޯނާގެ ނައިބު ރައީސް ރަފާ ޔުޓްސޭ ވަނީ ކެޓަލޫނިއާގެ ރޭޑިއޯ ޕްރޮގުރާމެއްގައި ޑެމްބެލޭ ބޭނުން ނަމަ އަދިވެސް ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފަ އެވެ.

"އޮސްމާން ޑެމްބެލޭ ކުލަބާ މެދު ހިތްހަމަ ޖެހޭ ނަމަ އަހަރެމެން އޭނާގެ އެޖެންޓާ ބައްދަލުކޮށް އަދިވެސް ކުލަބުގައި މަޑުކުރަން ފުރުސަތު ދެވިދާނެ،" ބާސެލޯނބާގެ ނައިބު ރައީސް ޔުޓްސޭ ބުންޏެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ ޖެނުއަރީ މަހު ޑެމްބެލޭ އަށް ހުށަހެޅި ހުށަހެޅުމަކީ ކުލަބުގެ އެންމެ ފަހުގެ ހުށަހެޅުމެއް ކަމަށް ބުނެފަ އެވެ. އެ އެއްބަސްވުމަށް ޑެމްބެލޭ ފުރަގަސް ދިނުމުން ބާސެލޯނާ އިން ވަނީ އޭނާ ފްރާންސްގެ ޕީއެސްޖީ އަށް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. މި ސީޒަނަށް ފަހު ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ޓީމު ދޫކޮށްލަން ތައްޔާރު ވަމުން ދާއިރު، ނޭމާ ވެސް މި ސީޒަނަށް ފަހު ޕީއެސްޖީ އަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ.

ޑެމްބެލޭ ކުލަބް ދޫކޮށްލައިފި ނަމަ ބާސެލޯނާ އިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ލީޑްސް ޔުނައިޓެޑަށް ކުޅޭ ބްރެޒިލް ވިންގާ ރަފީނިއާ އަށެވެ. ބާސެލޯނާ އިން ވަނީ ރަފީނިއާގެ އެޖެންޓް، ބާސާގެ ކުރީގެ ކުޅުންތެރިޔާ ޑެކޯ އާ އެކު މަޝްވަރާތައް ފަށައިފަ އެވެ.