ބާސެލޯނާ (މޭ 25) – ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގަތުމަށް ބާސެލޯނާ އިން ކުރާ މަސައްކަތުގެ ބޭނުން ހިފައިގެން އެ ޓީމުގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ގެނައުމަށް ޔުވެންޓަސް އިން ޝައުގުވެރިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮސްނިއާގެ މިޑްފީލްޑަރު ޕިޔަނިޗް ވިއްކުމަށް ޔުވެންޓަސް އިން ކިޔަނީ 60 މިލިއަން ޔޫރޯ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން އަގު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި ކުޅުންތެރިޔަކު ޑީލުގައި ހިމަނަން ބާސެލޯނާ އިން ބޭނުންވާ ކަމަށްވެ އެވެ.

އެފަދަ ޑީލެއްގައި ޔުވެންޓަސް އިން ބޭނުންވަނީ ބްރެޒިލް މިޑްފީލްޑަރު އަރްތޫރޯ މެލޯ ގެންނާށެވެ. އެކަމަކު އޭނާ އިޓަލީ އަށް ބަދަލުވާން ބޭނުންނުވެ އެވެ. އެއާ އެކު މިހާރު ޔުވެންޓަސްގެ އަމާޒު ހުރީ ޑެމްބެލޭ އަށެވެ. އޭނާ އަށް އާސެނަލާއި ޕީއެސްޖީން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑެމްބެލޭ 2017 ވަނަ އަހަރު ބާސެލޯނާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 147 މިލިއަން ޔޫރޯގެ އަގަކަށެވެ. ޑެމްބެލޭ އަކީ އޭނާ ބާސެލޯނާ އަށް ގެނައިއިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ވިންގެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓާ، އަދި ބޯޅައާ އެކު ހަރަކާތްކުރުމުގެ ހުނަރު ވަރަށް މަތީ ކުޅުންތެރިއެކެވެ. އެ ޓީމުން އޭނާ ގެނައީ ވެސް ނޭމާގެ ބަދަލުގައި އެ މަގާމަށް ކުޅުވާށެވެ. އެކަމަކު އޭނާ އަށް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވެ އެވެ. މި ސީޒަނުގައި ވެސް އަނިޔާގެ އެތައް މައްސަލައެއް ދިމާވި އެވެ.

އެހެންވެ ޔުވެންޓަސް އިން ބޭނުންވަނީ އޭނާ އެއް އަހަރުގެ ލޯނެއްގެ ދަށުން ގެނައުމަށް ފަހު، ދާއިމީ ކުރުމުގެ ފުރުސަތު ލިބޭ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުވެންޓަސް އިން ޑެމްބެލޭގެ ބޭނުން ހިފާނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭ ފެޑެރިކޯ ބާނަޑެސްކީގެ މަގާމް ފުރަން ކަމަށް ލަފާކުރެވެ އެވެ.

ރޯމާ އިން 2016 ވަނަ އހަރު ޔުވެންޓަސްއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕިޔަނިޗް، 30، ގެ އިތުރުން ބާސެލޯނާ އިން އަންނަ ސީޒަނަށް ޓާގެޓްކުރާ ކުޅުންތެރިންނަކީ އެ ޓީމުގެ ކުރީގެ ފޯވާޑް ޕީއެސްޖީގެ ނޭމާ އާއި އިންޓަ މިލާނުގެ ފޯވާޑް ލޮޓާރޯ މާޓިނޭޒެވެ.