ކުޅިވަރު / އޭސީ މިލާން

އިންޓަ އާއި ނަޕޯލީ މޮޅުވެ، ހުރިހާ ޕްރެޝަރެއް އޭސީ މިލާނަށް

ކަލްހަނޮގްލޫ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު: އޭނާ މި ސީޒަނުގައި އިންޓައާ ގުޅުނީ، ހަތަރު ސީޒަނުގައި އޭސީ މިލާނަށް ކުޅުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ޓިއުރިން (އޭޕްރީލް 4) - އިޓާލިއަން ލީގުގައި އިންޓަ މިލާނާއި ނަޕޯލީ ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އެއްވަނައިގައި އޮތް އޭސީ މިލާނަށް އޮތް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

އޭސީ މިލާން އެއްވަނައިގައި އޮތީ 30 މެޗު ކުޅެގެން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީ އިން ރޭ އެޓަލާންޓާ ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު ވަނީ 31 މެޗުން 66 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި ތިންވަނައިގައި އޮތް އިންޓަ މިލާން ވަނީ ރޭ ޔުވެންޓަސް ބަލިކޮށް 30 މެޗުން 63 ޕޮއިންޓް ހޯދައިފަ އެވެ. އޭސީ މިލާނުން މިރޭ ނުކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ.

އިންޓަ މިލާނުން ރޭ ޔުވެންޓަސްގެ ދަނޑުގައި އެޓީމު ބަލިކުރީ 1-0 އިންނެވެ. މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޕެނަލްޓީއަކުން، ފޯވާޑް ހަކަން ކަލްހަނޮގްލޫ އެވެ. އޭނާ ފުރަތަމަ ޕެނަލްޓީ ފޮނުވާލުމުން ޔުވެންޓަސްގެ ކީޕަރު ވޮސިއެޗް ޝެޒްނީ ދިފާއު ކުރި ނަމަވެސް، ޔުވެންޓަސްގެ މަތައަސް ޑިލިޓް އޭރިއާތެރެއަށް ވަދެ ހުރުމުން ރެފްރީ ނިންމީ އަލުން ޕެނަލްޓީ ޖަހާށެވެ. މި ފަހަރު އޭނާ ޕެނަލްޓީ ކާމިޔާބުކުރި އެވެ.

ކަލްހަނޮގްލޫ ރޭގެ މެޗުގައި އިންޓަގެ ޕެނަލްޓީ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

އިންޓަ އަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޔުވެންޓަސްގެ އެލެކްސް ސަންޑްރޯ، އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ފައުލް ކުރުމުން ވީއޭއާރު ބެލުމަށް ފަހު އެވެ. ޕެނަލްޓީ ދިނުމުންނާއި، ދެވަނަފަހަރަށް ޕެނަލްޓީ ޖަހަން ރެފްރީ ބުނުމުން ޔުވެންޓަސް އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ޖޯޖިއޯ ކިއެލީނީ ފޮނުވާލި ހަމަލާއަކާއި، ދެވަނަ ހާފުގައި ޑެނިސް ޒަކަރިއާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ. ޔުވެންޓަސް ވަނީ މިދިޔަ ނޮވެމްބަރުން ފެށިގެން 16 މެޗަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފަ އެވެ. ނަމަވެސް މިއީ އިންޓަ މިލާން އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން އެޓީމު މޮޅުވި ތިންވަނަ މެޗެވެ.

މި ނަތީޖާއާ އެކު ޔުވެންޓަސް އޮތީ 31 މެޗުން 59 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.

އިންސިނިއޭ ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އެޓަލާންޓާގެ ދަނޑުގައި ރޭ ނަޕޯލީ މޮޅުވީ 3-1 އިންނެވެ. ވީއޭއާރުގެ އެހީގައި މެޗުގެ 14 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީން ނަޕޯލީ އަށް ލީޑު ނަގައިދިނީ ކެޕްޓަން ލޮރެންޒޯ އިންސިނިއޭ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންސިނިއޭ ނަގައިދިން ހިލޭޖެހުމަކުން ދެވަނަ ލަނޑު ޖެހީ މަޓެއޯ ޕޮލިޓާނޯ އެވެ.

ދެވަނަ ހާފުގައި އެޓަލަންޓާގެ އަލެކްސޭ މިރަންޗުކް ނެގި ހުރަހަކުން މާޓިން ޑި ރޫން ބޮލުން ޖަހައި އެޓީމަށް އުންމީދެއް ގެނެސްދިން ނަމަވެސް، މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި އެލްފީ އެލްމާސް ވަނީ ނަޕޯލީގެ ތިންވަނަ ލަނޑު ޖަހައި، ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

މި މެޗުން ބަލިވެ އެޓަލާންޓާ ހަތްވަނައަށް ވެއްޓުނު އިރު، ރޯމާ ވަނީ ރޭ ސަމްޑޯރިއާ 1-0 އިން ބަލިކޮށް، ފަސްވަނައަށް ޖެހިލައިފަ އެވެ. ހެންރިކް މިކިތާރިއަން ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑުން ރޯމާ މޮޅުވެ، 31 މެޗުން ވަނީ 54 ޕޮއިންޓް ހަމަކޮށް، ހަތަރުވަނައިގައި އޮތް ޔުވެންޓަސްއާ ފަސް ޕޮއިންޓަށް ގާތް ކޮށްފަ އެވެ.

ރޯމާގެ ފަހަތުގައި، ޓޭބަލްގެ ހަވަނައިގައި އޮތީ ލާޒިއޯ އެވެ. ލާޒިއޯ ވަނީ ހޮނިހިރު ދުވަހުގެ ރޭ 2-1 އިން ސަސުއޮލޯ ބަލިކޮށް، 31 މެޗު ކުޅެގެން 52 ޕޮއިންޓް ހޯދައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454