28 ސެޕްޓެމްބަރ 2022 - 11:37
ނިއު ޖާޒީ، އެމެރިކާ: (ސެޕްޓެމްބަރު 28) - ޖެމެއިކާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އާޖެންޓީނާ އާއެކު ކެޕްޓަން ލިއޮނެލް މެސީ 100 ވަނަ މޮޅު ހޯދައިފި އެވެ.
ރޭ ގެ މެޗު ކާމިޔާބުކޮށް އާޖެންޓީނާއިން ވަނީ ބަލި ނުވެ 35 މެޗު ފުރިހަމަ ކޮށްފަ އެވެ. އެއާއެކު އިޓަލީން ހަދައިފައިވާ ދުނިޔޭގެ ރެކޯޑް މުގުރާލުމަށް އާޖެންޓީނާ އަށް ބޭނުން ވަނީ ތިން މެޗެވެ. ކޮޕާ އެމެރިކާގައި 2019 ގެ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި ފަހުން އާޖެންޓީނާ އެއް ވެސް މެޗަކުން ބައްޔެއް ނުވެ އެވެ. އިޓަލީން ވަނީ ބަލި ނުވެ 37 މެޗު ފުރިހަމަ ކޮށްފަ އެވެ.
އެމެރިކާގެ ނިއު ޖާޒީގެ ރެޑްބުލް އެރީނާގައި ކުޅުނު މެޗުގައި މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިހާރު ގައުމީ ޓީމުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 90 އަށް އަރައިފަ އެވެ. އެޓީމުގެ އަނެއް ލަނޑު ޖެހީ ހޫލިއަން އަލްވަރޭޒް އެވެ.
މެޗު ހާއްސަވީ މެސީ އަށް އެކަންޏެއް ނޫނެވެ. ކޯޗު ލިއޮނެލް ސޮކާލާނީ ވެސް ވަނީ އާޖެންޓީނާ އާއެކު އޭނާ ދަމަހައްޓަމުން އަންނަ ޓްރެކް ދަމަހައްޓައިފަ އެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕުން އާޖެންޓީނާ އަށް ނާކާމިޔާބުވި ފަހު ވަގުތީ ކޯޗެއްގެ ގޮތުގައި ހަވާލުވި ސްކޮލާނީ އާއެކު ނަތީޖާ ތައް ރަނގަޅުވުމުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާގެ މަގާމު ދާއިމީ ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށް ދިން ސްކޮލާނީގެ ކޮންޓްރެކްޓް 2026 އާ ހަމައަށް އިތުރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ ވެސް ބުނީ އާޖެންޓީނާގެ ޓީމާ އެކު އޭނާ ދެމިހުންނަށް ބޭނުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy