ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

އާޖެންޓީނާއާ އެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި، އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މިއަދު ސޯޝަލް މީޑީއާގައި ބުނީ، މިއީ ވަރަށް ހިތްދަތި ނިންމުމެއް ކަމަށެވެ. ނަމަވެސް، މިގޮތަށް ނިންމީ ގައުމީ ޓީމަށް ކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވުމުން ކަމަށް އޭނާ ބުންޏެވެ.

"މިއީ އާ ޖީލުގެ ހުނަރުވެރި ކުޅުންތެރިންގެ ވަގުތު،" މެސީ ލިޔުނެވެ.

ވޯލްޑް ކަޕަށް ފަހު މެސީ މި ނިންމުން ނިންމާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެކަމަކު، ފައިނަލުގައި ސްޕެއިން އަތުން ބަލިވުމާ އެކު، ބައެއް ފަރާތްތަކުން ހީކޮށްގެން ތިބީ އޭނާ ރިޓަޔާކުރާނީ މި އަހަރު ކުޅޭ ރަސްމީ މެޗަކަށް ފަހު ކަމަށެވެ.

މެސީ ބުނީ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރަން ހުރީ ވިސްނައިގެން ކަމަށާއި، ދާދި ފަހުން ބައްޕަ މަރުވުމާ އެކު އިތުރަށް ނުވިސްނައި ގޮތް ނިންމީ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މެސީގެ މުޅި ކެރިއަރު ބިނާކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އޭނާގެ ބައްޕަ މަރުވުމުން، ފުޓްބޯޅައިން އެއްކޮށް ދުރަށް ދާން ވެސް އޭނާ ވިސްނި އެވެ.

"ދަނޑުމަތީގައި އާޖެންޓީނާއާ އެކު ނެތަސް، އަބަދުވެސް ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނަން،" މެސީ ބުންޏެވެ.

ގައުމީ ޓީމަށް ކުޅެވުމަކީ ލިބުނު ފަހުރަކާއި ޝަރަފެއް ކަމަށް ފާހަގަކޮށް، މެސީ ވަނީ މި މުޅި ދަތުރުގައި އެހީތެރިވެދިން އެންމެންނަށް، ސަޕޯޓަރުންނާއި، ކޯޗުންނާއި، ކުޅުންތެރިން އަދި އާއިލާ ހިމެނޭހެން ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ޒުވާން އުމުރުގައި ސްޕެއިން ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުނު ނަމަވެސް، މެސީ އެންމެ ކުރިން ވެސް ނިންމީ އާޖެންޓީނާއަށް ކުޅޭށެވެ. ނަމަވެސް، އޮލިމްޕިކް ރަން މެޑެލް ހޯދުން ފިޔަވައި، ކެރިއަރުގެ ކުރީކޮޅު ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. އެހެންވެ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ބަލިވުމުންނާއި، 2016 ގައި ކޮޕާ އެމެރިކާގެ ފައިނަލުން ބަލިވެ ކެޓުމުން އޭނާ ކުއްލިއަކަށް ރިޓަޔާކުރި އެވެ.

ނަމަވެސް، އަލުން އެނބުރި އައިސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއާ އެކު އޭނާ ކާމިޔާބުކުރި އެވެ. އަދި މި އަހަރުގެ މުބާރާތުގެ ފައިނަލަށް ޓީމު ގެންދިއުމުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ.

މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް 2005 އިން 2026 އަށް ކުޅުނު 207 މެޗުން 125 ގޯލު ޖަހައިދީފަ އެވެ.