އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ، ލިއޮނެލް މެސީއަށް އަލްވަދާއު ކިއުމުގެ ގޮތުން ކުޅޭ ހާއްސަ މެޗަށް އޭނާ ގައުމީ ސްކޮޑުގައި ހިމަނައިފި އެވެ.

އަންނަ މަހު ހަ ވަނަ ދުވަހު  ވެރިރަށް ބުއެނޮސް އައިރެސްގެ  މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޖޯޒީގައި މެސީ، 39، ފެންނާނެ އެންމެ ފަހު މެޗަށެވެ.

އާޖެންޓީނާ ފުޓްބޯޅަ އިދާރާ (އޭއެފްއޭ) ގެ ރައީސް ކްލޯޑިއޯ ޓާޕިއާ ވިދާޅުވީ މިއީ މެސީއަށް ހައްގުވާ ފަދަ ޝަރަފުވެރި އަލްވަދާއެއް ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

"އާޖެންޓީނާގެ އެންމެހާ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ، ކޯޗު ލިއޮނެލް ސްކަލޯނީއާ މަޝްވަރާކުރުމަށް ފަހު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަހަރެމެންގެ ކެޕްޓަން ލިއޮނެލް މެސީއަށް ހައްގު އަލްވަދާއުއެއް ދިނުމަށް އޮކްޓޯބަރު ހައެއްގައި ކުޅޭ މެޗަށް އޭނާއަށް ދައުވަތު ދީފައިވާނެ." ޓާޕިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އާއިލާތަކާ އެކު މި މެޗުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވާނެ ކަމަށެވެ. 

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިދިޔަ މަހު 31 ގައި އިއުލާންކުރި މެސީއަކީ އާޖެންޓީނާގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި އެ ގައުމުގެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކީ ވެސް މެސީ އެވެ. އޭނާ ވަނީ 207 މެޗުން ގައުމީ ޓީމަށް 125 ގޯލް ޖަހާފަ އެވެ.

ބެނިންއާ ދެކޮޅަށް ކުޅުމުގެ ކުރިން މި މަހު 30 ގައި ބޮލީވިއާއާ ދެކޮޅަށް އަދި އަންނަ މަހު ތިންވަނަ ދުވަހުބުރުކީނާ ފާސޯއާ ދެކޮޅަށް އެކުވެނިކަމުގެ މެޗުތަކެއް ވެސް އާޖެންޓީނާއިން ކުޅޭނެ އެވެ. އެ މެޗުތަކުގައި މެސީ ކުޅޭނެކަމަކަށް ނުބެލެވެ އެވެ.  ރޮޑްރިގޯ ޑި ޕޯލް އާއި އަދި ޖިއޯވާނީ ލޮ ސެލްސޯ ވެސް އާންމު ސްކޮޑްގައި ހިމަނާފައިވެ އެވެ. ނަމަވެސް  އެ ދެ ކުޅުންތެރިން ކުޅޭނީ ހަމައެކަނި ބެނިންއާ ދެކޮޅަށް ކުޅޭ ހާއްސަ މެޗުގަ އެވެ.